Advertisement

ޙާލަތާ އެއް ގޮތަށް ބަސްބުނުން

01 Nov 2024 | 00:23
ބަސްބުނާން ވާނީ، ޙާލަތަށް ބަލައިގެންނެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

"ޙާލަތާއި މުނާސަބަތާ އެއް ގޮތަށް ބަސްބުނުން" މިއީ ވަރަށް ޢާންމު މަޝްހޫރު ބަހެކެވެ. ވާހަކަދައްކާ އިރު ތަނުގައި ތިބި ބައެއްގެ ޙާލަތަށް ބަލާން ޖެހޭނެއެވެ. މުނާސަބަތަށް ވެސް ބަލާން ޖެހޭނެއެވެ. މީހުންގެ ވިސްނުން ތަފާތުވާނެއެވެ. މީހުންގެ މޭރުންވުން ވެސް ތަފާތުވާނެއެވެ. ޝައުޤުވެރިކަން ވެސް އެއް ވަރެއް ނުވާނެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން އެއްވަރެއް ނުވާނެއެވެ. ބަލިމީހުންނާއި ދުޅަހެޔޮ މީހުން އެއްވަރެއް ނުވާނެއެވެ. މީހުންނާ ވާހަކަދައްކާއިރުގައްޔާއި ކިޔަވާދޭ އިރުގައްޔާއި ވަޢުޡާއި އިރުޝާދުދޭ ވަގުތުތަކުގައި މި ކަންކަމަށް ރިޢާޔަތްކުރާން ޖެހޭނެއެވެ.

މާތް ﷲ އިސްލާމީ ޝަރީއަތް ބާވައިލެއްވި ގޮތާ މެދު ވިސްނައިލަމާ ހިނގާށެވެ! ﷲގެ ޙުކުންތައް ބާވައިލެއްވީ ފިޔަވަހިކޮށެވެ. އުއްމުލްމުއުމިނީން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ((އެންމެ ފުރަތަމަ ބާވައިލެއްވި މުފައްޞަލު ސޫރަތްތަކުގައި[1] ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް އައިސްފައިވެއެވެ. މީސްތަކުންގެ އީމާންކަން ހަރުދަނާވުމުން ޙަލާލާއި ޙަރާމް ބާވައިލެއްވިއެވެ. އެންމެ ފުރަތަމަ ބާވައިލެއްވި ބަސްފުޅުގައި ރާ ނުބޯށޭ އެންގެވި ނަމަ، އެބައިމީހުން ރާ ބުއިން ހުއްޓާއިނުލާނަމޭ ބުނާނެތެވެ. ފުރަތަމަ ބާވައިލެއްވި ބަސްފުޅުގައި ޒިނޭނުކުރާށޭ އެންގެވި ނަމަ އަހުރެމެން ޒިނޭކުރުން ހުއްޓައެއް ނުލާނަމޭ އެމީހުން ބުނާނެތެވެ.)) އިސްލާމްދީނުގެ ޝަރީޢަތްތައް (ޙުކުންތަކާއި ޤާނޫނުތަކާއި ގަވާއިދުތައް)  ބާވައިލެއްވީ މި މަންހަޖުގެ މަތީގައެވެ. މީސްތަކުންގެ ޙާލަތަށް ބައްލަވައިގެން ފިޔަވަހިކޮށްނެވެ. މާތް ﷲ ރުއްސުންލެއްވި ޖުންދުބު ބިން ޢަބްދުﷲ ވިދާޅުވިއެވެ. ((كنّا معَ النَّبيِّ  ونحنُ فتيانٌ حَزَاوِرَةٌ فتعلَّمنا الإيمانَ قبلَ أن نتعلَّمَ القرآنَ ثمَّ تعلَّمنا القرآنَ فازددنا بِه إيمانًا[2] - އަހުރެމެން ނަބިއްޔާ ގެ އަރިހުގައި އުޅުނީމެވެ. އޭރު އަހުރެމެން ވަނީ ބާލިޣުވާން ކައިރިވެފައެވެ. އަހުރެމެން ޤުރްއާން އުނގެނުމުގެ ކުރީން އީމާންކަން އުނގެނުނީމެވެ. އެއަށް ފަހު ޤުރްއާން އުނގެނުނީމެވެ. އެ ކަމުގެ ސަބަބުން އަހުރެމެންގެ ކިބައިގައި އީމާންކަން އިތުރުވިއެވެ.))  

ޢަލީ رضي الله عنهގެ މި އަންނަ ބަސްފުޅުގައި މި އުޞޫލު ކަށަވަރުކޮށްދެއްވިއެވެ. ((ތިޔަބައިމީހުން މީސްތަކުންނާ ވާހަކަދައްކާ އިރު، އެބައިމީހުން ދަންނަ ވާހަކަތައް ދައްކާށެވެ! ﷲއާއި އެކަލާނގެ ރަސޫލާ ދޮގުކުރާން ތިޔައިބައިމީހުން ލޯބިކުރަންހެއްޔެވެ؟)) ޢަބްދު ﷲ ބިން މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ((ތިބާ ބަޔެއްގެ ގާތުގައި އެ މީހުންނަށް ނުވިސްނޭ ފަދަ ވާހަކައެއް ދެއްކުމަކީ އޭގެ ތެރެއިން ބަޔަކު ފިތުނަވެރިކޮށްފާނެ ކަމެކެވެ.)) މި ބަސްފުޅުތައް ޝަރަޙަކޮށްދެއްވަމުން މާތްﷲ ރަޙްމަތްލެއްވި އަލްޢައިނީ ވިދާޅުވިއެވެ. މުހިންމު ޢިލްމުތައް ކިޔަވާދޭންވާނީ އެ އެއްޗެހި ރަނގަޅަށް ވިސްނޭ ވަރުގެ ބަޔަކަށެވެ. އެ ކަމަށް އެކަށީގެންނުވާ ބަޔަކަށް އެ އެއްޗެހި ކިޔަވައިދީ ވަގުތުނަގައިލުމުގެ ބޭނުމެއް ނެތެވެ. އުޞޫލުލްފިޤްހުގެ އެއްވެސް އެއްޗެއް ނޭނގޭ ދަރިވަރުންތަކަކަށް ފިޤްހީ ގަވާއިދުތައް ކިޔަވައިދޭނީ ކިހިނެއްހެއްޔެވެ؟ ކަސްރާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭ ކުއްޖަކު ލައްވައި ތަރިކަމުދަލާ ބެހޭ މަސްއަލައެއް ޙައްލެއް ނުކުރެވޭނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. ((ނަބިއްޔާ ﷺ މުޢާޛު ބިން ޖަބަލަށް ޙަދީސްކުރެއްވިއެވެ. مَن لَقِيَ اللَّهَ لا يُشْرِكُ به شيئًا دَخَلَ الجَنَّةَ، قالَ: ألا أُبَشِّرُ النّاسَ؟ قالَلا إنِّي أخافُ أنْ يَتَّكِلُوا [3]- ﷲއާ އެހެން އެއްޗަކާ ޝަރީކުނުކުރާ ޙާލުގައި އެކަލާނގެއާ ބައްދަލުކުރި މީހާ ސުވަރުގެ ވަންނާނެތެވެ. އެކަލޭގެފާނު ދެންނެވިއެވެ. މީސްތަކުންނަށް ތިޔަ ހެޔޮ ޚަބަރު ދެންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނޫނެކެވެ. މީސްތަކުން އެ ކަމުގެ މައްޗަށް ބުރަވެ ކަންނެތްވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގަންނަމެވެ.))

މާތް ﷲ ރަޙުމަތްލެއްވި އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވައިފައިވާ ބަސްފުޅެއްގައި އައިސްފައި ވެއެވެ.  ޢުމަރުގެފާނު އަވަހާރަވުމުގެ ކުރީން އެންމެ ފަހުން ކުރެއްވި ޙައްޖުގެ ތެރޭގައި މީހަކު ބުންޏެވެ. ((ޢުމަރުގެފާނު އަވަހާރަވުމުން ތިބާ މިވެނި މީހަކަށް ބައިޢަތު ހިފައިފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟  މާތްﷲ ގަންދީ ބުނަމެވެ. އަބޫބަކްރުގެފާނަށް ހިފުނު ބަޔިޢަތު އެއީ ރޭވުމެއްނެތި ކުއްލިއަކަށް ހިނގި ކަމެކެވެ. މި ކަމާ ޢުމަރުގެފާނު ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ. އަދި އެ ދުވަހު ހަވީރު އެ ކަމާ ބެހޭ ގޮތުން ޚުޠުބާއެއް ދެއްވުމަށް ނިންމެވިއެވެ. އެހިނދު މާތް ﷲ ރުއްސުންލެއްވި ޢަބްދުއްރަޙްމާން ބިން ޢައުފު އެ ކަން ނުކުރެއްވުމަށް ޢުމަރުގެފާނަށް ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. މިއީ ޢާންމުންގެ އެންމެތަކުން  ދޭސީންނާއި  ދެއުޅިއެއްނުވާ މީހުން ޖަމާވާ  މޫސުމެކެވެ. މީސްތަކުންގެ ތެރޭގައި ކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވާ އިރު، ކަލޭގެފާނާ އެންމެ އަރިހުގައި ތިބޭ ތަން ފެންނަނީ އެމީހުންނެވެ. ކަލޭގެފާނު ތެދުވެވަޑައިގެން ވިދާޅުވާ ބަސްފުޅުތައް ވިލާގަނޑެއް ފަދައިން ފެތުރިގެންދާނެއެވެ. އެ މީހުން އެ ބަސްފުޅުތައް ރަނގަޅަކަށް މާނައެއް ނުކުރާނެއެވެ. އަޅުގަނޑަށް ފެންނަނީ ކަލޭގެފާނު މަދީނާއަށް ވަޑައިގަންނަވަންދެން އެކަމާ މެދު އެއްޗެއް ވިދާޅުވުން ފަސްކުރައްވާށެވެ. މަދީނާއަކީ ހިޖްރަޔާއި ސުންނަތުގެ ގޮވައްޗެވެ. ފިޤްހު އަހްލުވެރީންނާއި މީސްތަކުންގެ ތެރޭގައި ތިބި މާތް މީހުން އުޅޭ ރަށެވެ. ކަލޭގެފާނު ވިދާޅުވާ އެއްޗެއް އެ މީހުންނަށް ވިސްނޭނެތެވެ. ރަނގަޅަށް މާނަކުރާނެތެވެ. އެމީހުން، އެ އޮންނާން ޖެހޭ ތާނގައި އެ ބާއްވާނެތެވެ."

ސަލަފުން ވިދާޅުވާ ގޮތުގައި ()ހިތްތަކަށް ކުރިމަތިލުމަކާއި ފުރަގަސްދިނުމެއް ވެއެވެ. ހީވާގިކަމަކާއި ކަންނެތްކަމެއް ވެއެވެ. މި ހިތްތަކަށް ރުހުމުގެ ޙާލަތާއި ނުތަނަވަސްކަމުގެ ހާލަތާއި ރުޅިވެރިކަމުގެ ހާލަތު ވެއެވެ. ކުރިމަތިލުމުގެ ވަގުތުގައި ދެނެގަތުމާއި ދޭހަވުންވެއެވެ. ފުރަގަސްދިނުމުގެ ވަގުތުގައި ކަންނެތްވެ ކޮށިވެއެވެ. އޭތި ކުރިމަތިލާ ވަގުތުގައްޔާއި ހީވާގިވާ ވަގުތުގައި އޭގައި ހިފާށެވެ! ފުރަގަސްދޭ ވަގުތުގައި ކަންނެތްވާ ވަގުތުގައި އޭތި ދޫކޮށްލާށެވެ!))

މުރައްބީންނާއި މުދައްރިސުންނާއި ނަސޭހަތްތެރީންނާއި ވަސޭހަތްތެރީންނާއި ވާޢިޒުންނާއި ޚަޠީބުން މި މަންހަޖަށް ރިޢާޔަތްކުރާ ނަމަ، އެ މީހުންގެ މަސައްކަތުގެ މޭވާ ފޮނިވާނެތެވެ.

_______________________________________

މަރުޖާ:

[1]  - މުފައްޞަލް ސޫރަތްތަކަކީ  :  ق ސޫރަތުން ފެށިގެން ގޮސް  الناس ސޫރަތާ ދެމެދުގައިވާ ސޫރަތްތަކެވެ.

[2]  - صحيح ابن ماجه (٥٢)   

[3]  - أخرجه البخاري (١٢٩)، ومسلم (٣٠) 

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް