ހާޖަރުގެފާނުގެ ވާހަކައިން ޢިބްރަތް ހާސިލުކުރުން
އައްޝައިޚު ޝަފީޢު ޢަބްދުﷲ
އިބްރާހީމް عليه السلام އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނާއިގެން މާތް ﷲގެ އަމުރުފުޅަށް ބައިތުލްމަޤްދިސުން މައްކާއަށް ވަޑައިގަތެވެ. އެއިރު އިސްމާޢީލުގެފާނަކީ ހަމައެކަނި ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅެކެވެ.
މައްކާގެ ބިމަށް ވަޑައިގެން އެކަލޭގެފާނު އެ ދެ މައިކަނބަލުން އެ ތަނުގައި ބޭއިތިއްބެވިއެވެ. އަދި އަރިހުގައި ކަދުރު ކޮތަޅަކާއި ފެން ހަމެއް ބެހެއްޓެވިއެވެ. އެއަށް ފަހު، އެ ދެ މައިކަނބަލުން ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަންނަވާން ފެއްޓެވުމުން، ހާޖަރުގެފާނު އެ ކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގެން، އެއްވެސް އިންސިއެއް އަދި ގަހެއް ވެސް ނެތް ހަނަފަސް ތަނަކަށް ތިމަން ދެ މައިކަނބަލުން ދޫކުރައްވައިފައި ވަޑައިގަންނަވަނީތޯ ސުވާލުދެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެ ސުވާލަށް ޖަވާބެއް ނުދެއްވައި ކުރިޔަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. އެ ކަމަނާ ހަމަ އެ ސުވާލު ތަކުރާރުކުރައްވައި އެއްސެވިއެވެ. ތިންވަނަ ފަހަރު ޖަވާބެއް ލިބިވަޑައިނުގަތުމުން އެ ކަމަނާގެ ދެން ކުރެއްވި ސުވާލަކީ، ކަލޭގެފާނު ތިމަން ކަމަނާއާއި ތުއްޕުޅު ދަރިކަލުން ދޫކުރައްވައިފައި ތިޔަ ވަޑައިގަންނަވަނީ މާތް ﷲގެ އަމުރުފުޅަށްތޯއެވެ؟ އެ ސުވާލުކުރެއްވުމާ އެކު އެކަލޭގެފާނު ހުއްޓިވަޑައިގެން ޖަވާބުދެއްވިއެވެ. އާދޭހެވެ! ހާޖަރުގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ، އެ އިލާހު އަޅަމެން ގެއްލެންޏެއް ނުކުރައްވާނެއެވެ. ދެން އެ ކަމަނާ އެނބުރިވަޑައިގެން އިބްރާހީމް عليه السلام އެ ކަމަނާއާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނު ބައިތިއްބެވި ތަނަށް އެނބުރި ވަޑައިގަތެވެ.
އިބްރާހީމްގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަތުމުން މައްކާގެ ބިމަށްވާ ގޮތަށް އެނބުރި ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ. އެ ދުޢާ މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައެވެ. އެކަލޭގެފާނު ދެ އަތްޕުޅު އުފުއްލަވައިފައި ކުރެއްވި ދުޢާގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. "އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން، އަޅުގެ ދަރީން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރިކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުން ކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރިވުމަށް ޓަކައެވެ." (إبراهيم: 37)
ކޮންމެއަކަސް، މި ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިއީ މައްކާގެ ފެށުމެވެ. މައްކާ އާބާދުވި ހާދިސާއެވެ. ޒަމްޒަމް ފެނުގެ ނިޢުމަތް، މާތް ﷲ، ހާޖަރުގެފާނާއި އިސްމާޢީލްގެފާނު (عليهما السلام)އަށް ދެއްވި ގޮތުގެ ވާހަކައެވެ. އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ކަޢުބަތުﷲ ގެފުޅު ބިނާކުރެއްވި ވާހަކަ ވެސް ހިމެނެނީ މި ވާހަކައިގެ ތެރޭގައެވެ. ޞަފާ މަރްވާ ފަރުބަދަ ދެމެދުގައި ޙައްޖުވެރީންނާއި ޢުމްރާވެރީން ސަޢުޔުކުރުމުގެ ޙިކުމަތް ބަޔާންވެގެންދާ ވާހަކައެވެ. އުޟުޙިޔާ ކަތިލުމާއި ޖަމަރާތަށް ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހަތް ހިލަކޮޅު އުކުމުގެ ޙިކްމަތް ވެސް ބަޔާންވެގެންދާ ހާދިސާއެވެ. މި ހުރިހައި މަތިވެރި ޢިބްރަތްތެރި ދަރުސްތައް ލިބިދޭ ވާހަކައެވެ.
މި ތަނުގައި މި ހިމަނައިލީ އެއިގެ ތެރެއިން ހަމައެކަނި ހާޖަރު عليها السلامގެ ކެތްތެރިފުޅުކަމާއި އެ ކަމަނާގެ ޔަގީންފުޅުކަން މާތް ﷲގެ ނިޔާފުޅުގެ މައްޗަށް އޮތް މިންވަރު ދޭހަކޮށްދޭ، ވަރަށް މުޚުތަޞަރު ކުރު ވާހަކަކޮޅެކެވެ. މި ވާހަކައިން އަޅުގަނޑުމެން ލިބިގަންނާންވީ ދަރުހަކީ މާތް ﷲއަށް އިޢުތިމާދުވެ، އެ އިލާހަށް ވަކީލުކުރާ މީހަކަށް މާތް ﷲ ފުދިގެންވާ ކަމެވެ.
_________________________________