Advertisement

ސަރުކާރުގެ އިދާރާތާކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯހެއް އެބަ ފަށައެވެ. ކުރާންވީ އެހެން ކަންކަން ވެސް ބައިވަރެވެ.

30 Oct 2024 | 00:00
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް 2022ވަނަ އަހަރު ހިންގުނު ދިވެހިބަހުގެ ކޯހެއްގެ ބައިވެރީން

ޢަޒީޒު ޖަމާލު

ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯހެއް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާން ދިވެހިބަހުގެ އެކެޑަމީއިން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމުމެކެވެ. މި ކަމަށް ޓަކައި މަރުޙަބާދަންނަވަމެވެ. މި ފައްޓަވާ ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއް ގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިހުތިރާމާ އެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ދިވެހިރާއްޖޭގެ ތާރީޚުގެ މުހިންމު ކަންކަމުގެ މައުލޫމާތު ދިނުންކަމަށް އެ ވިދާރާއިން ހާމަކުރައްވައިފައިވާތީ އެ ކޯހުގެ މުހިންމުކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ.

ދިވެހިބަހުގެ އެކެޑަމީއިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކޯހަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން، ދާދިވަރުކޮށާއި (އޮންލައިންކޮށާއި) ކިލާހަށް ހާޒިރުވެ ކިޔަވާ އުސޫލުން ކުރިއަށްގެންދަވާ ކޯހެކެވެ. މި ކޯސް ޚާއްޞަކުރައްވައިފައި ވަނީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. ކޯހަށް ބައިވެރީން ހޮވުމުގައި އިސްކަންދެއްވަނީ ބައިވެރިވާން އެދި ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ހުށަހަޅާ 100 ބައިވެރިންނަށްކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް ކޮންމެ އިދާރާއަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން ތިން މުވައްޒަފެކެވެ. ފަސް ދުވަހު، ޖުމުލަ 10 ގަޑި އިރުގެ މުއްދަތަށް ހިންގަވާ މި ކޯސް އޮންނާނީ 2024 ނޮވެންބަރު 17 ވާ އާދިއްތަ ދުވަހުން ފެށިގެން ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްކަމަށް ޚަބަރު ލިބިފައިވެއެވެ.

ސަރުކާރުގެ އެކިއެކި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވެވަޑައިގަންނަވާ މުވައްޒަފުން، "ކޯހުގައި ބައިވެރިވާން އެދޭ" ގޫގުލް ފޯމު، 2024 ނޮވެންބަރު 12 ވާ އަންގާރަ ދުވަހު މެންދުރުން އަނބުރައި ދޭއް ޖެހުމުގެ ކުރީން ފުރިހަމަކުރައްވާން ޖެހޭނެކަމަށާއި ކޯހުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމާއި ކޯހާއި ގުޅޭ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުންނާއި ދިވެހިބަހުގެ އެކެޑަމީގެ މީސްމީޑިޔާގެ މަންސަތަކުން ލިބެން ހުންނާނެކަމަށް ވެސް އެނގިފައިވެއެވެ.

ދިވެހިބަހުގެ އެކެޑަމީއަކީ ލިބިފައިވާ މަދު ވަސީލަތްތަކާއެކު ވެސް ގިނަ ކަންތައްތަކެއް ހިންގަވާން މަސައްކަތްކުރައްވާ ވިދާރާއެކެވެ. ޤާނޫނުގައި ބުނާ ގޮތުން އެ ވިދާރާއަކީ އިދާރީ ހިންގުން މިނިވަން ވިދާރާއެކެވެ. އެ ވިދާރާއިން ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ވަޒީރަކަށް ދަންނަވާން ޖެހޭ ގޮތަށް ޤާނޫނުގައި އޮންނަނީ، މިހާރު ނިޒާމު ހަމަޖެހިފައިވާ ގޮތުން ދިވެހިބަހުގެ އެކެޑަމީއާ ބެހޭ ގޮތުން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާން ޖެހޭތީއެވެ. އެ ނޫން އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގުމުގެ އިޚުތިޔާރު ޤާނޫނުން އެ ވިދާރާއަށް ލިބިދެއެވެ. އެ ތަނަށް ބޭނުންވާ މުވައްޒަފުން، (އެހެން އިދާރާއެއް މެދުވެރިކުރުމެއް ނެތި)، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިދިނުން ޤާނޫނު ލާޒިމުކުރެއެވެ. އަދި އެ ވިދާރާއަށް ބޭނުންވާ ބަޖެޓު ވެސް (އެހެން އިދާރާއެއް ނުބައްސައި) ހަމަޖައްސައިދޭން ޤާނޫނު ލާޒިމުކުރަނީ މިނިސްޓްރީ އޮފް ފިނޭންސަށެވެ. "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު"ގެ މަގުސަދާއި ރޫޙަކީ ވެސް މިއީއެވެ. ނަމަވެސް މިއީ މައުޟޫޢުން ބޭރު ވާހަކައަކަށް ވާތީ މި ހިސާބުން މި ވާހަކަ ކުރުކޮށްލާނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް 2022ވަނަ އަހަރު ހިންގުނު ދިވެހިބަހުގެ ކޯހެއްގެ ތެރެއިން...... އަލްފާޟިލް އާދަމްނަޞީރު އިބްރާހީމް (މިހާރުގެ ވަޒީރު) (ވ) ކިޔަވައިދެއްވަނީ.<br>

ދެން އޮތީ ވެސް ވަކި މުހިންމުކަން ކުޑަ ވާހަކައެއް ނޫނެވެ. ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ވަރަށް މަދު ވާހަކައެވެ. މިއީ ދަންނަވާން ފަސޭހަ ވާހަކައަކަށް ނުވިޔަސް ލަފުޒު ދުރުކުރުމުގެ އުޞޫލުތަކާއި އައިބައިފިލީގެ ހަމަތަކާއި ބަހުގެ ދަރަޖަތަކާއި ބަދަލުވާއަކުރާއި ސުކުންކުރުމުގެ ހަމަތައް މީހުންނަށް އޮޅުންފިލުވައިދެވޭ ގޮތަށް އުނގަންނައިދެއްވައި, މީހުން ކުރާ ސުވާލުތަކަށް މަންޠިޤީ ޖަވާބެއް ދެއްވޭ ބޭފުޅުން ވަރަށް މަދެވެ. ގަބޫލުކުރާން އަޅުގަނޑުމެން ބޭނުން ނޫނަސް ހިތި ހަގީގަތަކީ މިއީއެވެ. ވީމާ، އޮފީސްތަކުގެ މުވައްޒަފުންނަށް ދިވެހިބަސް އުނގަންނައިދެއްވުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީއިން ހިންގަވާ ކޯސްތަކާ އެއް ވަރަށް ނުވަތަ އެއަށް ވުރެ އިސްކަމެއް ދެއްވައިގެން ދިވެހިބަސް ކިޔަވައިދޭނެ މުދައްރިބުން ތަމްރީނުކުރެއްވުމުގެ ބުރާ މަސައްކަތްތަކެއް ދިވެހިބަހުގެ އެކެޑަމީއިން ލަސްނުކުރައްވައި ފައްޓަވާނެކަމަށް އުންމީދުކުރަމެވެ.

މި ކަމުގައި މާލީ އަދި ފަންނީ ދަތިކަމެއް ހުރި ނަމަ، މިއަދު ދިވެހިބަހާ ބެހޭ ޚާއްޞަ ވުޒާރާއެއް ވެސް އެބަ ހުއްޓެވެ. އެ ވުޒާރާއިން ވެސް މި ކަމަށް ސަމާލުކަންދެއްވާން އެބަ ޖެހެއެވެ. އަދި ދައުލަތުގެ އިދާރާތަކުގައި ބޭނުންކުރާ ރަސްމީ ލިޔެކިޔުންތައް އެއް މިންގަނޑަކުން ބެހެއްޓުމަށް ޓަކައި މި ފަދަ ލިޔެކިޔުންތައް އޮޅުން ފިލުވައިދީ ނަމޫނާތަކެއް ފެންނަ ގޮތަށް ފޮތެއް ލިޔެ ޝާއިޢުކުރައްވާން ވެސް ފެނެއެވެ.

ބޭފުޅަކު ވިދާޅުވެދާނެއެވެ. ރަސްމީ ލިޔެކިޔުންތައް ހުންނަންވާނެ ގޮތް ކަނޑައެޅުމަކީ ދިވެހިބަހުގެ އެކެޑަމީގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ނޫނެކެވެ! މިހެން ބަޔަކަށް ހީފުޅުވާކަމަށް ވާނަމަ، (ހީފުޅުވާކަމެއް ނޭނގެއެވެ.) މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ސަބަބު ދަންނަވައިލާނަމެވެ.

ރަސްމީ ލިޔެކިޔުމުގެ އެންމެ މުހިންމު ބާވަތަކީ ރަސްމީ ސިޓީކަމަށް ވާ އިރު އަޅުގަނޑުމެންނަށް ވެސް ގްރޭޑް ހަތެއްގައި ވެސް ރަސްމީ ރަސްމީ ސިޓީއާއި އަމިއްލަ ރަސްމީ ސިޓީއާއި އަމިއްލަ ސިޓީ ހުންނަންވާ ގޮތް ކިޔަވައިދީ އިމްތިޙާނު ވެސް ދީފައި ނުވޭތޯއެވެ؟ މިއީ ކުރާން ޖެހެ ކަމެކެވެ.މިއީ ބަހުގެ ކަމެކެވެ. އެ ބަހަކުން ސިޓީއާއި މަޒުމޫނާއި ބަޔާނާއި ނޯޓާއި ރިޕޯޓާއި މި ފަދަ ލިޔެކިޔުންތައް ލިޔާނެ ގޮތް އެއީ ބަހުގެ ކަމެކެވެ. އަދަބީ ކަމެކެވެ. އެއީ ދައުލަތުގެ އެހެން އިދާރާއެއްގެ އިޚުތިޞާޞްގެ ތެރެއަށް ވަނީކަމަކަށް ނުވާނެއެވެ. އިސްކޫލުގައި އަޅުގަނޑުމެން ދަސްކުރާ ގޮތަށް ނޫން ގޮތަކަށް އޮފީހަކުން ސިޓީ ލިޔެގެން ގާނޫނީ މައްސަލައެއް ނުޖެހޭނެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީއިން މި ފަދަ އުޞޫލެއް ކަނޑައެޅުއްވިޔަސް އެ ކަނޑައަޅުއްވަނީ ދިވެހިބަހުގައި އެ ކަން އޮންނަ ގޮތެވެ. ގާނޫނީ ގޮތުން ޢަމަލުކުރާންވީ ގޮތެއް ނޫނެވެ. އެ ގޮތަށް ބަހުގެ ހަމަތަކާ އެއް ގޮތަށް ބޭނުން ނުކުރިޔަސް ގާނޫނީ މައްސަލައެއް ނުކުންނާނީކީ ނޫނެވެ. ނަމަވެސް ބަހެއްގެ ގަވާއިދާއި ހަމައާއި އުޞޫލު ކިޔަވައިދޭ އިރު، ލިޔެކިޔުމުގައި ބޭނުންކުރާ (ސިޓީ، ރިޕޯޓު، ނޯޓު ފަދަ) ބާވަތްތައް، ކިޔަވައިދާން ބޭނުންކުރާނެ އުޞޫލުތަކާއި ނަމޫނާތަކެއް، ކަމާ ބެހޭ ޢިލްމީ ވިދާރާއަކުން އެކަށައަޅުއްވައިފައި ހުންނާންވާނެއެވެ.

ދުނިޔޭގެ ހުރިހައި ބަސްބަހުން ވެސް ސިޓީ ލިޔާނެ ގޮތާއި ރިޕޯޓު ލިޔާނެ ގޮތް، ބަހުގެ ފޮތްތަކުގައި ހުރޭ ނޫންތޯއެވެ! އެހެންކަމުން މި ފަދަ ފޮތެއް (ލިޔެކިޔުމުގައި ބޭނުންކުރާ އެކި ބާވަތްތަކުގެ ނަމޫނާތަކާއި ހަމަތައް) ދިވެހިބަހުގެ އެކެޑަމީއިން ނެރުއްވުމަކީ އެ ކެޑަމީގެ މައްޗަށް "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު" ލާޒިމުކުރާ ކަމެކެވެ. އެހެނީ އެ ގާނޫނުގެ  15ވަނަ މާއްދާގެ (ހ)އާއި (ށ)އާއި (ނ)އާއި (ރ)އިން އެ އެކެޑަމީގެ މައްޗަށް އެ ކަން ލާޒިމުކުރެއެވެ. އަދި ހަމަ މި ފަދައިން އެ ޤާނޫނުގެ 16ވަނަ މާއްދާގެ (ހ)ގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވަނީ "ދައުލަތުގެ އެންމެހައި މުޢާމަލާތުތަކެއްގައި ދިވެހިބަހާ ބެހޭ ގޮތުން އެކެޑަމީއިން ދޭ ލަފަޔަށް ހުރިހައި ފަރާތަކުން ވެސް އިޙުތިރާމްކުރާންވާނެ"ކަމަށެވެ. އިޙުތިރާމް ކުރެވޭނީ ލަފައެއް ދެއްވައިގެންތާއެވެ. ވީމާ، ދައުލަތުގެ އެންމެހައި މުޢާމަލާތެއް، ޚާއްޞަކޮށް ލިޔެކިޔުމުގެ މުޢާމަލާތު ހުންނާންވާނެ ގޮތުގެ ލަފާ ލިޔުމުން ދެއްވާކަށް އެކެޑަމީގެ މައްޗަަކަށް ޤާނޫނު ލާޒިމެއް ނުކުރޭތޯއެވެ؟ ތިޔަ ބޭފުޅުން އަމިއްލަފުޅަށް ޖަވާބުދެއްވާށެވެ! އަދި މި ވަރަކުން ނުނިމެއެވެ. މި ދެންނެވި 16މާއްދާގެ (ނ)ގައި ވަނީ "ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭ ގޮތުން އެންމެ ފަހު ބަސް ބުނާ ފަރާތަކީ އެކެޑަމީ"ކަމަށެވެ. އެހެންކަމުން ދިވެހިބަހުން ކުރާ މުޢާމަލާތްތަކުގައި އެކި ބާވަތުގެ ލިޔުންތައް ހުންނާންވާނެ ގޮތުގެ މައްޗަށް އެއްޗެއް ބުނުން ޤާނޫނު ލާޒިމެއް ނުކުރޭތޯއެވެ؟ އަމިއްލަފުޅަށް ޖަވާބުދެއްވާށެވެ! ދިވެހިބަހުގެ އެކެޑަމީއިން މި ކަން ކުރައްވާކަށް ޤާނޫނީ ގޮތުން ހުރަސްއެޅުއްވޭނެ އެއްވެސް މުއައްސަސާއެއް ނުހުންނާނެއެވެ.

އަޅުގަނޑު މި ދަންނަވައިލީ ޤާނޫނުގައި ހުރި ވާހަކަތަކެކެވެ. އަޅުގަނޑުގެ އަމިއްލަ ވާހަކަތަކެއް ނޫނެވެ. ޢަމަލުކުރެއްވުމާއި ނުކުރެއްވުމަކީ އަޅުގަނޑުގެ ކަމެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އޮޅުންފިލުވައިދީ އަންގައިދީ ހަނދާންކޮށްދިނުމެވެ. މި ކަން މި ކުރަނީއެވެ. އަޅުގަނޑު އުންމީދުކުރަނީ ދިވެހިބަހުގެ އެކެޑަމީއާއި ދައުލަތުގެ ކަމާ ބެހޭ ހުރިހައި މުއައްސަސާއަކުން ވެސް މި ކަންކަމާ މެދު ވިސްނައިވަޑައިގަންނަވާނެކަމަށެވެ. އަދި ޤާނޫނާ އެއް ގޮތަށް ޢަމަލުކުރައްވާނެކަމަށެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ޤާނޫނީ ޒިންމާ އަދާކުރައްވާން މުޅި ދައުލަތުން ވެސް މަގު ފަހިކޮށްދެއްވާނެކަމަށެވެ.

______________________________________

ބައެއް ލަފުޒުގެ މާނަ:

ވިދާރާ    ނ.   (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. (3) އެކެޑަމީ

މަންސަ   ނ.   (1) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބޭން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާޠަބުކުރުމަށް ޓަކައި މީހާ، އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި.

މީސްމީޑިއާ ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

މުޢާމަލާތު ނ.   (1) ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުން. (2) އެކަކު އަނެކަކަށް ކަންތައްކުރާ ގޮތް.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް