Advertisement

މަހާރެހެންދީގެ ޚިދުމަތް: ދިވެހި އަންހެނުންގެ ދައުރު ދިވެހި މުޖުތަމަޢުގައި ވަރަށް ފުޅަލެވެ.

29 Oct 2024 | 00:01
ދިވެހިރާއްޖޭގެ މަހާރެހެންދި މެޑަމް ސާޖިދާ މުޙަންމަދު (ކ)އާއި މަރކް ފައުންޑޭޝަންގެ ޗީފް އެގްޒެކަޓިވް އޮފިސަރ (ސީއީއޯ) ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް (ވ) (ފޮޓޯ: ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ނަގައިފައި)

ފަރަގު އެކެޑަމީ

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާ އިރު، އަންހެނުންނަކީ މުޖުތަމަޢުގެ އިޞްލާޙާއި ކުރިއެރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ބަޔެކެވެ. އެންމެ މަތީ ވެރިކަމުން ފެށިގެން ޞިނާޢީ ހުރިހައި މަސައްކަތްތަކެއްގައި އެ ކަން ދިވެހި އަންހެނުން ވަނީ ސާބިތުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ބައެއް މަހާރެހެންދީން ވެސް ވަރަށް ޙަރަކާތްތެރިކަމާއެކު އިޖުތިމާޢީ ޚިދުމަތުގައި ޙަރަކާތްތެރިވެވަޑައިގެންފައިވާކަން މާޒީން ވެސް ފެންނާން އެބަ ހުއްޓެވެ.

ދިވެހިރާއްޖޭގެ މިއަދުގެ މަހާރެހެންދިއަކީ ވެސް މި ގޮތުން ޙަރަކާތްތެރި ބޭފުޅެއްކަން އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ އެގާރަވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މަހާރެހެންދި މެޑަމް ސާޖިދާ މުޙަންމަދު މިހާރު އުޅުއްވަނީ ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންނެވެ. އިއްޔެ އެ ކަމަނާ ޓެންޒޭނިއާއަށް ވަޑައިގަތުމުން ޖޫލިޔަސް ނަޔަރިއަރ ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެ ކަމަނާއަށް މަރުޙަބާދެންނެވީ، ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، އޮނަރަބަލް ރިޒީކީ ޖޫމާއެވެ.

މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން، މަހާރެހެންދީންގެ މަތީފަންތީގެ މަންސައިގައި އެކަމަނާ މައި ތަޤުރީރެއް ދެއްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މަރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ވާހަކުފުޅުދައްކަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ، ސިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، ދާރިސުން އެއް ތަނަކުން ބައްދަލުވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާއާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަގުހެޔޮކުރުމުގެ މަސައްކަތް ފުޅާކުރުން ފަދަ މައުޟޫޢުތަކުގައި މަޝްވަރާކުރާ އަހަރީ މަހާސިންތާއެކެވެ.

މި ދަތުރުފުޅުގެ ހަވާސާގެ ތެރެއިން މަރކް ފައުންޑޭޝަންގެ ޗީފް އެގްޒެކަޓިވް އޮފިސަރ (ސީއީއޯ) ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ވަނީ، މަހާރެހެންދި މެޑަމް ސާޖިދާ މުޙަންމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

މި ޒިޔާރަތުގައި، މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މަހާރެހެންދިއާ ޙިއްޞާކުރައްވައިފައެވެ. އަދި ފައުންޑޭޝަނުން ހިންގަވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މަޢުލޫމާތު ވެސް މެޑަމް ސާޖިދާއާ ޙިއްޞާކުރެއްވިއެވެ.

ހަމަ މި ފަދައިން މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި މިހާރުގެ ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ދިވެހިރާއްޖޭގެ މަހާރެހެންދިއާއި މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ޓަކައި، ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވައިފައެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ އަދުގެ މަހާރެހެންދި ވެސް އެ ގެންދަވަނީ ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް މުރާލިފުޅުކަމާ އެކު، ޢަމަލީ ގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އެއީ ދިވެހި އަންހެނުން ނަމޫނާއަކަށް ބަލާން ޖެހޭނެ ކަމެކެވެ.

_____________________________________

ދެތިން ލަފުޒެއްގެ މާނަ:

މާހާރެހެންދި    ނ.   (1) ރަސްކަލެއްގެ ނުވަތަ ރައީސެއްގެ އަނބިކަނބަލުން. (2) ރަސްކަމުގައި އިންނެވި އަންހެން ސާހިބާ.

މަންސަ      ނ.   (1) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާޠަބުކުރުމަށް މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސްމޭޒެއް ފަދަ އެތި.

މަހާސިންތާ    ނ.   ބޮޑެތި މަޝްވަރާ.

Advertisement

ކޮމެންޓް