ކޮލަމް ހަމަ (7): ތައްޚާނުބެއާއި ރާއްޖެ އިސްލާންވީ ދުވަސް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ވަރަށް ޒަމާންތަކަކަށް ފަހު، ތައްޚާނުބެއާއި ކުޑަމަނިކު ބައްދަލުވީ ދިއްގައިގަސްދޮށު ޖޯލިފަތީންނެވެ. އެންމެ އާންމު ބަހުން ނަމަ ހޮޅުއަށިންނޭ ކީދާނެއެވެ. އެއީ އެ ރަށު ހޮޅުއަށި ސަރަހައްދެވެ. ހިޔާ ބޮޑު އެ ސަރަހައްދުގައި ހޮޅުއައްޓެއް (ސިމެންތި އަށްޓެއް) ހަދައިފައި ހުއްޓަސް ބިންމަތީގައި ޖޯލިފައްޗެއް ވެސް ބަހައްޓައިފައި ހުއްޓެވެ.
ސަލާންގަލާންކޮށް ޙާލުއަޙުވާލު އޮޅުންފިލުވުމަށް ފަހު މިއަދު ކުޑަމަނިކު ވަރަށް ތާރީޚީ ސުވާލެއް ތައްޚާނުބެއާ ކޮށްފިއެވެ.
ކުޑަމަނިކު: ތައްޚާނުބެއާ ކޮށްލާން ސުވާލެއް އެބަ އޮތޭ.
ތައްޚާނުބޭ: ކޮށްބަލަ! ކުޑަނިކާ ދިމާވެއްޖިއްޔާ ބައިވަރު ސުވާލު ހުންނާނެކަން އެނގޭ.
ކުޑަމަނިކު: (ކުޑަކޮށް ހީނލައިފައި). ހޫމމމމ! ރާއްޖެ އިސްލާމްވީ ކޮން ދުވަހަކު؟
ތައްޚާނުބޭ: ރައްޖެ އިސްލާންވީ ކަމެއް މަށަކަށް ނޭނގެ.
ކުޑަމަނިކު: (ހައިރާންވެފައި) ކީކޭ؟ އެކަމަކު ރާއްޖެ އިސްލާމްވީ ދުވަހޭ ކިޔައިގެން ކޮންމެވެސް ދުވަހެއް އެބަ ފާހަގަކުރޭނު؟
ތައްޚާނުބޭ: ހޫމމމމމ. އަސްލު ރާއްޖެ އިސްލާން ވީކީ ނޫނެވެ. ރާއްޖޭގެ ރައްޔިތުން އިސްލާންވީ. އެ ވެސް އެއް ދުވަހަކުން ވީ ކަމެއް ނޫން. އެ ކަމަށް ވަކި މުއްދަތެއް ހޭދަވެފައި ވަނީ.
ކުޑަމަނިކު: ދެން ކީއްވެ ރާއްޖެ އިސްލާންވީ ދުވަހޭ ކިޔައިގެން ވަކި ދުވަހެއް ފާހަގަކުރަނީ؟
ތައްޚާނުބޭ: ވެދާނެ އެއީ ރަސްގެފާނު އިސްލާމްވެވަޑައިގަތް ދުވަސްކަމަށް. ރަދުން އިސްލާންވީމާ މުޅި ރާއްޖެ އިސްލާންވީކަމަށް ބަލަނީ ކަމަށް.
ކުޑަމަނިކު: އެއީ ކޮން ދުވަހެއްހޭ އަސްލު މި އެހީ؟ ރާއްޖެ އިސްލާންވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮން ދުވަހެއްހޭ، އަދި އެ ދުވަސް ކަނޑައެޅީ ކީއްވެގެންހޭ؟
ތައްޚާނުބޭ: އެހެންދޯ؟ ކުރީން ވެސް ތިޔަހެން ބުނިނަމަތާ ދޯ؟ ރާއްޖޭގައި ރާއްޖެ އިސްލާންވީ ދުވަހޭ ކިޔައިފައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް. އައްޝައިޚުލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރު. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ބަލައިގެން ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު.
ކުޑަމަނިކު: އަސްލު އެނގޭތަ މި ސުވާލު މި ކޮށްލީ ކީއްވެގެންކަން. ތައްޚާނުބެޔަކީ ތާރީޚީ މަޢުލޫމާތު މުއްސަނދި، އަދި އެއަށް ވުރެ ބޮޑަށް ދިވެހި ބަހަށް މޮޅު މީހަކަށް ވާތީ، އެއްޗެއް ސާފުކޮށްލާން ވެގެން.
ތައްޚާނުބޭ: އެންމެ ރަނގަޅު. މާ މޮޅު ނޫނަސް އެނގޭ އެއްޗެއް ބުނާނަން. އަހާބަލަ!
ކުޑަމަނިކުބޭ: މިހާރު ޖަވާބު ލިބިއްޖެ.
ތައްޚާނުބޭ: ސުވާލު ނުކޮށް ޖަވާބު ލިބުނީ؟ ތީ މާ މޮޅު ގޮތެއް؟ އަސްލު ކޮން ސުވާލެއްތަ ކުރާން އުޅުނީ؟
ކުޑަމަނިކު: އަސްލު ކުރާން އުޅުނު ސުވާލަކީ މި ދޭތެރޭން ފެންމަތިވި ސުވާލެއް. ރާއްޖޭގެ "ބޮޑެތި" ބޭފުޅުން ވިދާޅުވާ ގޮތާ ކުޑަމަނިކަށް އެއްބަސް ނުވެވޭތީ ހިތަށް އެރީ ތައްޚާނުބޭ ބޭނުންކުރާ ގޮތް އޮޅުން ފިލުވައިލާނަމޭ. ސިދާ ސުވާލު ނުކޮށް ވާހަކަދައްކައިލީމާ މި އެނގުނީ ތައްޚާނުބޭ ބޭނުންކުރާ ގޮތް. އެހެންވީމާ ރަނގަޅު ގޮތަކީ އެއީކަމަށް މި ބަލަނީ.
ތައްޚާނުބޭ: އަސްލު ސުވާލަކީ ކޮބައިތަ؟ އަދި ނުވިސްނުނޭ. ސީދާ ނުކުތާ ބުނެބަލަ!
ކުޑަމަނިކު: ސާފުކޮށްލާން އުޅުނީ، ރަނގަޅު ގޮތަކީ، ވ.ގައި އީބީފިލި ޖަހައިގެން "ރާއްޖެ އިސްލާންވީ ދުވަސް" ލިޔެކިޔައި ހަދާންތޯ ނުވަތަ ވ.ގައި އިބިފިލި ޖަހައިގެން "ރާއްޖެ އިސްލާންވި ދުވަސް" މި ގޮތަށްތޯ، ކޮން ގޮތެއްތޯ ރަނގަޅީ.
ތައްޚާނުބޭ: ދެން މަގޭ ފަރާތުން ކޮން ޖަވާބެއް ކުޑާނިކަށް ތިޔާ ލިބުނީ؟
ކުޑަމަނިކު: ތައްޚާނުބެ ދެއްކި ހުރިހައި ވާހަކައިގައި ވެސް އެންމެ ފަހަރަކު ވެސް ވ.ގައި އިބިފިލިޖަހައިގެން "ރާއްޖެ އިސްލާންވި"އެކޭ ބުނެފައެއް ނެތް. މުޅީން ވެސް ބޭނުންކޮށްފައި ހުރީ "ރާއްޖެ އިސްލާންވީ" މި ގޮތަށް ވ. ގައި ދެމޭފިލި ޖަހައިގެން. އެކަމަކު އަދި، އެއް ސުވާލުކޮށްލާނަން. ކީއްވެ ރާއްޖެ އިސްލާންވި ދުވަހޭ ނުކިޔައި، ރާއްޖެ އިސްލާންވީ ދުވަހޭ ތައްޚާނުބޭ ތިޔަ ކިޔަނީ؟ ކޮބައިބާ އޭގެ އަސާސަކީ؟ އެ ގޮތް ރަނގަޅީ ކީއްވެ؟
ތައްޚާނުބޭ: އަސްލު ރަނގަޅު ގޮތެއް ތައްޚާނުބެޔަކަށް ނުބުނެވޭނެތާ، ތައްޚާނުބޭ ބޭނުންކުރާ ގޮތާއި އެއީ ކީއްވެގެންކަން ބުނެވޭނީ. ރަނގަޅު ގޮތް ނިންމުމުގެ އިޚުތިޔާރު އޮންނާނީ، ގާނޫނީ ބާރު ލިބިވަޑައިގެން ތިއްބަވާ ބޭފުޅުންނަށް. އެ އިދާރާތަކަށް.
ކުޑަމަނިކު: ނޫން. ކުޑަމަނިކު ގަބޫލުކުރާ ގޮތުގައި ތައްޚާނުބޭ ބޭނުންކުރާނީ އެންމެ ރަނގަޅަށް. ތައްޚާނުބެއަށް ވުރެ ދިވެހިބަހުގެ ގަވާއިދަށް ވަކި ކުޅަދާނަ މީހެއް ހަމަ ގައިމުވެސް މި ރަށަކު މި އަތޮޅަކު ނުހުންނާނެ.
ތައްޚާނުބޭ: ތިޔައީ ކުޑަމަނިކު ގަބޫލުކުރާ ގޮތް. ނަމަވެސް ބޮޑެތި ބޭފުޅުންގެ އަރިހުގައި އަހަރެމެން ރަށްފުށުގައި މިހެން އުޅޭ މީހުންނަށް ކޯއްޗެއް އެނގޭނީ؟
ކުޑަމަނިކު: ދެން ބުނެބަލަ! ކީއްވެ ތައްޚާނުބޭ ވާހަކަ ދައްކާ އިރު އެތާ ދެމޭފިލި ޖަހަނީ؟
ތައްޚާނުބޭ: ފުރަތަމަ ކަމަކީ އަހަރެން އަޑެއް ނާހަން އެއްވެސް މީހަކު، އެ ތަންތާނގައި އިބިފިލި ޖަހައިގެން ވާހަކަދައްކާ އަޑެއް. އޭނާ ދިޔައީ ކޮން އިރަކު؟ އޭނާ އައީ ކޮން ދުވަހަކު؟ އޭނާ މަރުވީ ކޮން އަހަރަކު؟ ޢަލިރަސްގެފާނު ޝަހީދުވީ ކީއްކުރައްވާން ހުންނަވަނިކޮށް؟ ރާއްޖެ އިސްލާންވީ ކޮން ދުވަހަކު؟ މި ސުވާލުތައް ކުރުފިއްޔަށް ބަދަލުކޮށްލައިގެން އޭނާ ދިޔައި ކޮން އިރަކު؟ އޭނާ އައި ކޮން ދުވަހަކު؟ އޭނާ މަރުވި ކޮން އަހަރަކު؟ ޢަލިރަސްގެފާނު ޝަހީދުވި ކީއްކުރައްވާން ހުންނަވަނިކޮށް؟ ރާއްޖެ އިސްލާންވި ކޮން ދުވަހަކު؟ މި ގޮތްގޮތަކަށް އެއްވެސް މީހަކު ސުވާލުކޮށެއް ނަހަދާ. ބޭނުންކޮށްފައި ހުންނަނީ މުޅީން ވެސް ދެމޭފިލި. މިއީ އެއް ސަބަބު.
ކުޑަމަނިކު: އަނެއް ސަބަބަކީ؟
ތައްޚާނުބޭ: އަނެއް ސަބަބަކީ، ރާއްޖެ އިސްލާންވި ދުވަހޭ، ކުރުފިއްޔެއް ޖަހައިގެން ބުނީމާ ތައްޚާނުބެޔަށް އިހުސާސްކުރެވެނީ އެ ކަން އެ ތާރީޚާ އެކު ނިމިދިޔަކަމަށް. އިސްލާންވިކަމަށް. ނަމަވެސް މިހާރު އެ ކަން އެ ގޮތަށް ދެމިގެން އައިސްފައިވާކަމުގެ އިޙުސާސެއް ނުކުރެވޭ. އިސްލާންވީ ދުވަހޭ ބުނީމާ، ހިތަށް ވަދޭ، އެ ދުވަހުން ފެށިގެން އިސްލާންވެގެން އެ ގޮތުގައި ދެމި ތިބިކަމުގެ އިޙުސާސް. އަދި މި ނޫނަސް ވަރަށް ގިނަ ހެކިތައް އެބަހުރި، ރަނގަޅު ގޮތަކީ އިސްލާންވީ ދުވަސްކަން ސާބިތުވާ. މިއީ މަ ގަބޫލުކުރާ ގޮތް.
ކުޑަމަނިކު: ތައްޚާނުބޭ ހާދަ މޮޅޭ އަސްލުގައި ވެސް. ތިޔަހެން ބުނީމާ މިހާރު ކުޑަމަނިކަށް ވެސް ޔަގީން ވެއްޖެ، އޮންނާން ޖެހޭނީ "ރާއްޖެ އިސްލާންވީ ދުވަސްކަން."
ތައްޚާނުބޭ: އަހަރެމެން ދެ މީހުންނަށް ޔަގީން ވިޔަސް އެ ގޮތަކަށް މީހުންނެއް ބޭނުމެއް ނުކުރާނެއެއްނު. އަލިވިލޭނީ "ރީތި ނަލަ އަޑުފުޅުން ހާލެއް ގޮވީމާ"ތާ!
ކުޑަމަނިކު: އެކަމަކު، މި ރަށު އެންމެން އަދި މި އަތޮޅު އެންމެން ވެސް ގަބޫލުކުރާނެ މަނިކުބޭ ބުނާ ބަސް. އެހެންވީމާ، ބަޔަކު ނުބައިކޮށް ބޭނުންކުރިޔަސް އަހަރެމެންނަށް ރަނގަޅަށް ބޭނުންކުރެވޭނެތާ!
ތައްޚާނުބޭ: ތޯއްޗެ. އޭ ކޫޑާނިކާ، ގޯއްޗަށް ދާ ގަޑި ޖެހިއްޖޭ. އެ އުޅެނީ ބަންގިގޮވާން.
ކުޑަމަނިކު: އާނ! މަ ވެސް ދާންޖެހޭ މިސްކިތަށް ދާން. ހިނގާ ދަމާ ދޯ! ވަރަށް ބޮޑަށް ޝުކުރިއްޔާ!
ތައްޚާނުބޭ. އައްސަލާމު ޢަލައިކުމް.
ކުޑަމަނިކު: ވަޢަލައިކުމް ސަލާމް!
____________________________________