Advertisement

މެލޭޝިއާގެ ބައެއް ސަރަހައްދުތައް ހަތަރު މީޓަރު އަޑީގައި

31 Oct 2023 | 09:48
މެލޭޝިއާގެ ބަޔަކު ވަގުތީ ހިޔަލެއްގައި: މެލޭޝިއާގެ ރަސްމީ އިދާރާތަކުން ޚަބަރު ލިބޭ ގޮތުގައި މެލޭޝިއާގައި ދެ މީޓަރާއި 4.18 މީޓަރާ ދެމެދުގައި ވަނީ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ. (ފައިލު ފޮޓޯ: މެލޭޝިއާގެ ރަސްމީ ނޫސް އެޖެންސީ (ބަރްނާމާ))

ދިވެހިރާއްޖެއަކީ މާތް ﷲގެ ވަރަށް ޚާއްޞަ ޢިނާޔަތެއްގައިވާ ގައުމެއްކަމަށް ދެންނެވިދާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކަށް މޫސުމީ ކާރިސާތަކުން ކުރާ އަސަރު ދިވެހިރާއްޖެއިން ތަޖުރިބާ ކުރާކަށް ނުޖެހެއެވެ. ކޮން ފަދަ މަތިވެރި ނިޢުމަތެއްކަން އެނގެނީ މި ކަމާމެދު ވިސްނައި ފިކުރު ހިންގައިފި މީހަކަށެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް ތަޖުރިބާކުރާންޖެހޭ ތަފާތު ޠޫފާންތަކެއް އަޅުގަނޑުމެންނަށް ތަޖުރިބާކުރާކަށް ނުޖެއެވެ. ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން އެކި ގައުމުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އެކި ގައުމުތަކުގެ ރައްޔިތުން ތަޙައްމަލުކުރާންޖެހޭ ހިތްދަތިކަމާމެދު ޚިޔާލުކޮށްލަމަތޯއެވެ! އަނެއް ބައި ހިސާބުތަކުގައި ވާރޭ ނުވެހި ހަފަސްކަން އިތުރުވުމުގެ ސަބަބުންނާއި ފެން ބޮޑުވުމުގެ ސަބަބުން ހާލުގައިޖެހޭ މީހުންގެ ޢަދަދާ މެދު ވިސްނައިލަމާތޯއެވެ!

މިއަދު ވެސް އަޅުގަނޑުމެންގެ އުޚުއްވަތްތެރި މެލޭޝިއާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިފައި އެބަ ތިއްބެވެ. ފެން ބޮޑުވުމުގެ ސަބަބުން ގެދޮރު ހަލާކުވެފައިވާ 89 ޢާއިލާއެއްގެ 312 މީހުން ވަގުތީ ހިޔާތަކަށް ރޭ ވަނީ ބަދަލުކުރެވިފައެވެ. އިޕޯހ ސިޓީއިން ރޭގައި ޚަބަރު ލިބުނު ގޮތުގައި މެލޭޝިއާގެ ޕެރަކ އިސްޓޭޓަށް ކުރިމަތިވެފައިވާ މި ކާރިސާގައި ހާލުގައިޖެހިފައިވާ މީހުންނަށް ސަރުކާރުން ގެންދަނީ މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ޗަންގކަތު ލޮބަކް ގައުމީ އިސްކޫލު (ސެކޮލާ ކަބަންސައާން)ގައި ގާއިމުކުރެވިފައިވާ އެހީދޭ މަރުކަޒުގައި ތިބެގެން، ދަ ޕެރަކް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީއިން މިއަދު ހެނދުނު މަޢުލޫމާތު ދިން ގޮތުގައި އިއްޔެ ނުވަ ޢާއިލާއަކުން ހާލުގައި ޖެހުނު 41 މީހުންނާ އަޅައި ބަލާ އިރު ރޭގައި ވަނީ 21 ޢާއިލާއަކުން 86 މީހުން އިތުރުވެފައެވެ.

އިތުރު 18 ޢާއިލާއަކުން 56 މީހަކަށް ވަގުތީ ހިޔާވަހިކަން ދިނުމަށް ޓަކައި އެލޯރ ޕޮންގސޫ އިސްކޫލުގައި އެހީދޭ އިތުރު މަރުކަޒެއް މިހާރު ގާއިމުކުރެވިފައިވާކަމަށް ވެސް މިއަދު ހެނދުނު މެލޭޝިއާއިން މަޢުލޫމާތު ލިބުނެވެ.

އަނެއްކޮޅުން ހިލީރ ޕެރަކްގެ ދީވާން ސަރުބަގުނާ ޕަދަން ތެމްބަކް (ގިނަކަމު މާލަން)ގައި ގާއިމުކޮށްފައިވާ އެހީދޭ މަރުކަޒުގައި 25 ޢާއިލާއެއްގެ 85 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނިކޮށް 50 ޢާއިލާއަކުން 170 މީހުންނަށް އެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި ވެސް ފެންބޮޑުވުން ނިމުމަކަށް ނާދެއެވެ.

މި ފަދަ ކިތަންމެ ކާރިސާއަކާއި ހާދިސާތަކަކާ ކޮންމެ ދުވަހަކު ދުނިޔެ ކުރިމަތިލަމުންދާ އިރު، ދިވެހިރާއްޖެއަށް މި ފަދަ ނުރައްކާތެރި މޫސުމީ ކާރިސާތަކެއް ކުރިމައްޗެއް ނުވެއެވެ. މިއީ މާތް ﷲއަށް އަބަދާއި އަބަދު އަޅުގަނޑުމެން ޝުކުރު އަދާކުރާންޖެހޭނެ ފަދަ ނިޢުމަތެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ" ("އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވެރެވެ.") ( إبراهيم: 7)

އެހެންވީމާ އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާ، ގުނައި ޢަދަދު ނުކުރެވޭ ފަދަ ގިނަގުނަ ނިޢުމަތްތަކަށް ޓަކައި އެ ކަލާނގެއަށް އަބަދާއި އަބަދު ޝުކުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަ ޖެހެއެވެ. ޝުކުރުވެރިވުމަކީ އެކަލާނގެ ކުރައްވައިފައިވާ އެންމެހައި އަމުރުފުޅުތަކަށް އިޚުލާޞްތެރިކަމާއެކު ކިޔަމަންތެރިކަން އަދާކޮށް، ނަހީކުރެއްވި އެންމެހައި ކަންކަމަކުން ދުރުހެލި ވެގެން ތިބުމެވެ. ހަމައެކަނި ދުލުން ބުނެލާ ބަހަކުން ޝުކުރުވެރިއެއް ނުވެވޭނެއެވެ. ދުލުން ވެސް އެކަލނގެއަށް ޙަމްދުކޮށް ތަޢުރީފާއި ސަނާ ދަންނަވާން ޖެހޭނެއެވެ. އެކަމަު އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭނީ ޢަމަލީ ގޮތުން ޝުކުރުވެރިވުމުގެ މައްޗަށެވެ. އެއީ ފުރިހަމަ މާނައިގައި ހިތާއި ދުލާއި ހަށިގަނޑުން ވެސް ކިޔަމަންތެރިކަން އަދާކުރުމެވެ.

____________________________

ލަފުޒެއްގެ މާނަ

މަޒުލޫމު:  އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނުވަތަ ކާރިސާއެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ.  މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ މަރުވުންކަމަށް ވެސް ވެދާނެއެވެ.

Advertisement

ކޮމެންޓް
މަރީ
ޚަބަރަށް ނުވާ ގޮތަށް މި ނޫހުގައި ޚަބަރު ލިޔަނީ ކީއްވެބާވައޭ ހިތަށް އަރައެވެ. ފަރަގަކީ އެއީބާވައެވެ؟ ޖަވާބެއް ދެއްވިއްޔާ ރަނގަޅެވެ.
31 Oct 2023