Advertisement

ކާވެންޏަށް ޚިޠުބާކުރުމުގެ ކުރީން ތެލެސީމިއާއަށް ޓެސްޓުކުރުމަކީ ފަރުދީ ޒިންމާއެކެވެ. މި އަހަރު 14 ކުދީންނަށް ސަރުކާރުން ބޯންމެރޯ ހަދައިދީފި.

27 Oct 2024 | 00:01
ބޯންމެރޯ ޓްރާސްޕްލާންޓްގެ ޚިދުމަތް ދެނީ (ފައިލް ފޮޓޯ)

ފަރަގު މީޑިއާ

ކާވެނިކުރުމުގެ ކުރީން ކާވެނި ރަޖިސްޓަރީކުރާން ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ތެލެސީމިއާއަށް ޓެސްޓުކޮށް އެ ޓެސްޓްގެ ނަތީޖާ ހުށަހަޅާން ޖެހެއެވެ. ހޮނިހިރުވިލޭރޭ އިސްލާމީ މަރުކަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓާ ގުޅިގެން ބޭއްވި "މަވައްދަތު" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޒު އަބޫބަކުރު ޖައުހަރީ ވިދާޅުވީ ކާވެނި ރަޖިސްޓަރީކުރުމަށް ޓަކައި ކާވެނިކުރުމުގެ އެއް ހަފުތާކުރީން އެ ކޯޓަށް ހުށަހަޅުއްވާން ޖެހޭނެކަމަށާއި އެ ހުށަހެޅުމާއެކު ތެލެސީމިއާއަށް ޓެސްޓުކުރިކަމުގެ ލިޔުން ހުށަހަޅާން ޖެހޭކަމަށެވެ.

މި ކަމުގެ ޝަރުޢީޙުކުމް ބަޔާންކޮށްދެއްވަމުން އެ ރޭގެ ފޯރަމްގައި ވާހަކަފުޅުދެއްކެވި ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ އައްޝައިޚު އަޙުމަދު ސަމީރު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވެރިކަމުގެ ފަރާތުން ކަނދައަޅުއްވައިފައި ހުންނަ މި ބާވަތުގެ އުސޫލުތަކަކީ ހަމައެކަނި ގާނޫނީ ކަމެއްކަމަށް ބުނެ ނިންމައި ނުލެވޭނެކަމަށާއި އެއީ ޝަރުޢީ ކަމެއްކަމަށެވެ. މި ކަމަށް ހެކި ދައްކަވަމުން ޝައިޚު ސަމީރު ވިދާޅުވީ އިސްލާމީ ވެރިކަމެއްގައި ހުރިހާ ކަމެއް ހިނގާން ޖެހޭނީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދު (މަޤާޞިދުއްޝަރީޢާ)ގެ ތެރޭގައި ކަމަށެވެ. ދީނާއި ޢަޤީދާ ޙިމާޔަތްކުރުމާއި ނަފުސު ޙިމާޔަތްކުރުމާއި ނަސްލު ޙިމާޔަތްކުރުން ފަދަ މަޤުޞަދުތައް މަޤާޞިދުއްޝަރީޢާގައި ހިމެނޭ އިރު، ދުޅަހެޔޮ, ޞިއްޙަތު ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރުމަށް ޓަކައި ސަރުކާރުން އަޅުއްވައިފައި ހުންނަ މި ފަދަ ހަރުދަނާ ފިޔަވަޅުތައް ހިމެނޭނީ ޝަރުޢީ ކަމެއްގެ ގޮތުގައިކަމަށް ވެސް ޝައިޚު ސަމީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް، މުޖުތަމަޢުގެ ގިނަ މީހުންނަށް، މި ކަމަށް ސަމާލުކަން ނުދެވި ކާވެނިކުރުމުގެ ސަބަބުން ލިބޭ ކުދީންނަކީ ތެލެސީމިއާ ކުދީންނަށް ވެއްޖެ ނަމަ، މުޅި ޢާއިލާ ތަޙައްމަލުކުރާން ޖެހޭނެ އުނދަނގުލާއި އެ ކުއްޖާ އުފުއްލާން ޖެހޭ ވޭނަކީ އަޅުގަނޑުމެންނަށް ދެނެގަންނާކަށް އުނދަގޫ ކަމެއް ނޫނެވެ.

މި ފަދަ ކުދީންނަށް އޮންނަ ދާއިމީ ޙައްލަކީ ބޯންމެރޯ ހެއްދުމެވެ. މިއީ ރާއްޖެއިން ބޭރުން ހޯދާން ޖެހޭ އަގުބޮޑު ފަރުވާއެކެވެ. އަދި މިއީ ސައްތައްިން ސައްތަ ކަށަވަރު ކަމެއްކަމަށް ނުވިޔަސް ވަރަށް މަދު ޙާލަތެއްގައި ނޫނީ ކާމިޔާބުވެއެވެ. މި ކަމުގެ އަގުބޮޑުކަމުން އާދައިގެ ފަރުދަކަށް މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މި ފަދަ ކުދީންނަށް ކޮންމެ އަހަރަކު ވެސް ސަރުކާރުން ކޮންމެވެސް ގޮތަކުން ފައިސާ ހޯއްދަވައިގެން އެހީތެރިކަން ދެއްވައެވެ.

ތެލެސީމިއާ ކުދީންގެ ތެރެއިން މިއަހަރު ބޯންމެރޯއަށް ފޮނުވި ތިން ކުދީންގެ ބޯންމެރޯ ފަރުވާ މިހާރު މުޅީން ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. ބޯންމެރޯ ހަދަނީ ކޮންމެ އަހަރަކު ވަކި ޢަދަދަކަށް ރާއްޖެއިން ބޭރަށް ކުދީން ފޮނުވައިގެންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް މި އަހަރަށް ކަނޑައެޅި ހުރިހާ ކުދީން ފަރުވާއަށް މިހާރު ފޮނުވިފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި މި އަހަރުގެ އެކި ދުވަސްވަރު މަތީން ޖުމްލަ 14 ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ޓަކައި ޒަކާތު ފަންޑްގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުއްވައިފައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވެފައިވާ ގޮތުގައި  މި ކުދީންގެ ތެރެއިން ފަރުވާ މުޅީން ފުރިހަމަކޮށް ތެލަސީމިއާއިން ފަސޭހަވެ ދެ ކުއްޖަކު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އަދި އިތުރު ކުއްޖަކު ވެސް ފަރުވާ ފުރިހަމަކޮށް، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ބޯންމެރޯ ހެދުމަށް ޓަކައި މި އަހަރު ފޮނުވި ކުދީންގެ ތެރެއިން އެއް ކުއްޖަކު ދުނިޔެ ދޫކޮށްފައިވާކަމުގެ ހިތާމަ ފާޅުކުރައްވަމުން ދެން ބާކީ ތިބި 10 ކުދީން ބޯންމެރޯ އޮޕަރޭޝަނަށް ފަހު، މިހާރު އިތުރު ފަރުވާ ފުރިހަމަކުރަމުން ގެންދާކަމަށް ޑރ. އަޙުމަދު ޢުމަރު ވަނީ ވިދާޅުވެފައެވެ. ބޯންމެރޯއަށް ފަހު ތިން މަހާ ހަ މަހުގެ މުއްދަތެއް އެ ކުދީން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރާން ޖެހޭކަމަށް ވެއެވެ. މި ހުރިހައި ކުދީން ވެސް ކުރިއަށް އޮތް ދެ މަހެއްގަހައި ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހެޔޮ ޙާލުގައި ރާއްޖެ އަންނާނެކަމަށް އުންމީދުކުރެވެއެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދީން، ބޯންމެރޯ ހެދުމަށް ޓަކައި ރާއްޖެއިން ބޭރަށް ފޮނުއްވާން ސަރުކާރުން ނިންމަވައިފައި ވިޔަސް އެ ކަމަށް ކުދީންގެ ޞިއްޙަތު ތަންދޭތޯ ބެލުމަށް ޓަކައި ވަރަށް ގިނަ އިޖުރާތުތަކެއް ފުރިހަމަކުރާންޖެހެއެވެ. އެހެންކަމުން، އަންނަ އަހަރު ފޮނުވާ 10 ކުދީން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ސަރުކާރުން ވަނީ ފަށްޓަވައިފައެވެ. ސިއްޙީ ޙާލަތު ތަންދޭ ކުދީން ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ބޯންމެރޯއަށް ފޮނުވާ ކުދީން ހޮވުމުޅުމުގައި ކަނޑައަޅުއްވައިފައިވާ އުޞޫލުތަކެއް އޮވެއެވެ. ލޭގެ ޓެސްޓްތަކާއި ހިތުގެ ޓެސްތުތަކާއި މޭގެ (ލިވަރ) ޙާލަތު ދެނެގަތުމުގެ ޓެސްޓާއި މި ނޫނަސް ބައިވަރު ޓެސްޓްތައް ހަދާން ޖެހެއެވެ. މި ޓެސްޓުތަކުގެ ނަތީޖާއަށް ފަހު، އެ ކުދީންނަށް ބޯންމެރޯ ހެދިދާނެތޯ ނިންމަނީ ބޯންމެރޯ ހަދާން ފޮނުވާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އައިސް، އެ ކުދީންނާއި ޓެސްޓުތަކުގެ ނަތީޖާއަށް ބެއްލެވުމަށް ފަހުގައެވެ.

އަންނަ އަހަރު ފޮނުވާ ކުދީންގެ މި މަރުޙަލާތައް މިހާރު ކުރިއަށްދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަޙުމަދު ޢުމަރު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ މީހުންނެވެ.. ރާއްޖޭގެ ތެލަސީމިއާ ދަފުތަރުގައި މިހާ ތަނަށް 959 މީހުން ރަޖިސްތޓަރީކޮށްފައި ވެއެވެ. އޭގެ ތެރެއިން 666 މީހުން މި ވަގުތު ދުނިޔޭގައި އެބަ ތިބިކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ތެލަސީމިއާ މީހުންގެ ދެބައިކުޅަ އެއްބައި އާބާދީ ދިރިއުޅެނީ މާލޭ ސަރަޙައްދުގައިކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެހެންކަމުން، މި ޢަދަދު ކުޑަކުރުމަށް ޓަކައި ކާވެންޏަށް ޚިޠުބާކުރުމުގެ ކުރީން (މި ޒަމާނުގެ ބަހުރުވައިން ނަމަ އެންގޭޖުވުމުގެ ކުރީން) ތެލެސީމިއާއަށް ޓެސްޓުކޮށްފައިވާ ދެ މީހުންނަށް ވާންޖެހެއެވެ. މިއީ ސަރުކާރުން ނުވަތަ ގާނޫނަކުން ލާޒިމުކޮށްގެން ކުރާ ކަމެއްކަމަށް ދުށުމުގެ ބަދަލުގައި މިއީ ތިމާއާއި ޢާއިލާއާއި މުޅި މުޖުތަމަޢުގެ ކުރިމަކަށް ޓަކައި ކޮންމެ ޒުވާނަކު ވެސް ފަރުދީ ގޮތުން އިސްނަގާން ޖެހޭ ކަމެކެވެ. މި ފަދަ ޓެސްޓެއް ހެދުމަށް ފަހު، ކާވެނިކުރާ ދެ މީހުން ކުރެ އެންމެ ކުޑަ މިނުން ކޮންމެވެސް އެކަނީ ތެލެސީމިއާ ވާރުތަކުރާ ގޮތް ނުހުންނަ މީހެއްކަމުގައި ކަށަވަރުކުރާން ޖެހެއެވެ. ރާއްޖޭގައި ތެލެސީމިއާގެ ޙަލަތު ރަނގަޅުކުރެވޭނީ އޭރުންނެވެ.

Advertisement

ކޮމެންޓް