Advertisement

ބިނާކުރުން

26 Oct 2024 | 00:29
މުދައްރިސު ގޭގައި ދަރިވަރުންގެ ފޮތްތައް ބަލަނީ. ދަރިފުޅު "އުނދަގޫ"ކުރަނީ!

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

[މުދައްދިސަކަށް ވާތީ މިއަދު ދަރިވަރުންނާ ކުލާހުގައި ޙަވާލުކުރެވުނު މަސައްކަތްތައް ބައްލަވާން ފޮތްތައް ހިއްޕަވައިގެން ގެޔަށް ވަޑައިގެން] މޭޒު ދޮށުގައި ކުލާސް ކުދީންގެ ފޮތްތައް ތަސްހީހުކުރެއްވުމުގެ މަސައްކަތުގައި ބައްޕަ މަޝްޣޫލުވެ އިންނެވިއެވެ. ކައިރީގައި ބައްޕަގެ ފަސް އަހަރުގެ ކުޑަ ދަރިފުޅު ބައްޕައަށް 'އުނދަގޫކުރުމުގައި' އުޅެއެވެ. މޭޒުމަތީން އޭނާ ފޮތެއް ނަގައިފާނެއެވެ. ބައްޕަގެ އުނގަށް އަރައިފާނެއެވެ. ޖީބަށް އަތްބާނައިފާނެއެވެ.

ކޮންމެއަކަސް ކުޑަދަރިފުޅު ކުޑަކޮށް ދުރަށް ޖައްސައިލުމުގެ ގޮތުން ބައްޕަ، ދަރިފުޅާ  މަސައްކަތެއް ހަވާލުކުރެއްވިއެވެ. ބައްޕަގެ ކުރިމަތީގައި އޮތް ނޫސް ކަރުދާހެއްގައި ރާއްޖޭގެ ޗާޓެއް ކުރަހައިފައި އޮތެވެ. އެ ކަރުދާސް ގަނޑު ނަންގަވައިފައި ކަތުރަކުން ކުދިކުދި ބައިތަކަކަށް ކައްޕަވައިލައްވައިފައި ދަރިފުޅު އަތަށް އެ ބައިތައް ދެއްވައިފައި ބައްޕަ ވިދާޅުވިއެވެ: "ދަރިފުޅާއެވެ. މި ބައިތައް އަލުން ރަނގަޅަށް އަތުރައިލައި ރާއްޖޭގެ ޗާޓު އަލުން ބިނާކުރެވޭތޯ މަސައްކަތްކޮށްލައިބަލާށެވެ!"

ބައްޕަ ހީކުރެއްވީ ކުޑަ ދަރިފުޅަށް އެ ކަން ކުރެވޭނީ ވަރަށް ގިނަ އިރުންކަމަށެވެ. އެ ކަން ކުރާން ވަރަށް ގިނަ ވަގުތު ހޭދަވާނޭކަމަށެވެ. އަދި އެހެންވެ، ބައްޕަގެ މަސައްކަތުގައި ދަރިފުޅުގެ 'އުނދަގުލުން' ސަލާމަތްވެގެން ދެން ފޮތްތައް ތަޞްޙީޙުކުރައްވާން އިންނެވޭނޭކަމަށެވެ. ނަމަވެސް ކަންތައް ދިމާވީ އެހެންނެއް ނޫނެވެ. ހީޕުޅުކުރެއްވި ގޮތާ މުޅީން އިދިކޮޅަށެވެ. ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކަރުދާސްތައް ރަނގަޅަށް އަތުރައިލައިގެން ރާއްޖޭގެ ޗާޓު ފުރިހަމަކޮށް، 'ރާއްޖެ ބިނާކޮށްފިއެވެ!' މަސައްކަތް ނިންމުމަށް ފަހު އަނެއްކާ ބައްޕަ އަރިހަށް އެ ކުއްޖާ އަތުވެއްޖެއެވެ.

ދެން، ބައްޕަ ހައިރާވެ ވަޑައިގެން އެއްސެވިއެވެ. "ދަރިފުޅު ހާދަ މޮޅެވެ! ދަރިފުޅަށް މިހާރު ރާއްޖޭގެ ޗާޓު އޮންނަ ގޮތް ހިތުން ހަމަ އެނގެނީ ހެއްޔެވެ؟" ދެން، ޖަވާބުގައި ދަރިފުޅު ބައްޕައަށް ދެންނެވިއެވެ. "ނޫނެކެވެ! އެ ގަނޑުގެ އަނެއް ފަރާތުގައި އޮތީ މީހެއްގެ ފޮޓޯއެކެވެ. އެ މީހާ ބިނާކުރުމުން ރާއްޖެ އޮންނާނީ ބިނާވެފައި ނޫންތޯއެވެ!"

ދެން، ބައްޕަ އަމިއްލަ ނަފުސާ މުޚާޠަބުކޮށް މިހެން ވިދާޅުވެވުނެވެ. 'ދަރިފުޅު އެބުނީ ހާދަހާވާ ބޮޑު ތެދެކެވެ. ތަނެއް ބިނާކުރާން ބޭނުންވަނީ އިންސާނާ ބިނާކުރާށެވެ. ދަރިފުޅު ބުނި ފަދައިން، މީހާ ބިނާކުރުމުން ރާއްޖެ ބިނާވާނެއެވެ. އެހެންވީމާ ރާއްޖެ ބިނާކޮށް ކުރިއަރުވާން ބޭނުން ނަމަ، އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ ރާއްޖޭގެ މީހުން ބިނާކުރުމެވެ. މީހުން ހޭލުންތެރިކުރުވައި އުފެއްދުންތެރި ސިކުނޑިތަކެއްގެ ވެރި ބަޔަކަށް ހެދުމެވެ!" [ކޮންމެހެން ގިނަ އޭ-ސްޓާރތަކަކާއި އޭތަކެއް ހޯދުމެއް ނޫނެވެ.] [އެކަމަކު ހޭލުންތެރި، ހުނަރުވެރި، ފިކުރުކުރާން ދަންނަ، އުނެގެނުނު އެއްޗެއް ތިމާއާއި މުޖުތަމަޢުގެ ބޭނުންތަކަށް ޓަކައި ތަޠުބީޤުކުރާން ދަންނަ، ތެދުވެރި އިޚުލާޞްތެރި ފަރުދުންތަކެއް ބިނާކުރުމެވެ. އޭރުން އޮންނާނީ ޤައުމު ބިނާވެފައެވެ.]

_______________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް