ޖިންނީންގެ ތެރޭގައި އަޞްޙާބުބޭކަލުން ވޭތަ؟
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ﷲ ތަޢާލާ ކައު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ރަސޫލުބޭކަލަކުކަމުގައި ފޮނުއްވީ ހަމަ އެކަނި އިންސީންގެ ގާތަކަށެއް ނޫނެވެ. އެހެނަސް އެކަލޭގެފާނު ފޮނުއްވީ އިންސީންނާއި ޖިންނީންނަށް ޢާންމުކޮށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ [1]- ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.))
ޖިންނީންނަށް އިސްލާންދީން އުނގަންނައިދެއްވުމަށް ޓަކައި ކައު ރަސޫލާ ޖިންނީންނާ ބައްދަލުކުރައްވައިފައިވެއެވެ. ޖިންނީންގެ ވަފުދުތައް އެކަލޭގެފާނުގެ އަރިހަށް އައިސް ދީނުގެ ކަންތައްތައް އޮޅުންފިލުވައިފައިވެއެވެ. އެ މީހުންގެ ތެރޭގައި އުފެދުނު މައްސަލަތައް ޙައްލުކޮށްދެއްވައިފައިވެއެވެ. ބައެއް ފަހަރަށް ރަސޫލާގެ ދަރުސްތައް އަޑުއެހުމަށް ވެސް އައިސްފައިވެއެވެ. މާތް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. ((وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرًا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ[2] - ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް حاضرވި ހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ قومގެ މީހުންގެ ގާތަށް إنذارކުރާ ބަޔެއްގެ ގޮތުގައި އެނބުރި ހިނގައްޖައޫއެވެ.))
ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا ﴿١﴾ يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا[3]- ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحىއިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائبވާ ފަދަ قرآنއެއްގެ އަޑު އަހައިފީމުއެވެ. އެ قرآن މަގުދައްކަނީ، حق ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآنއަށް إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريكއެއް ނުކުރާނަމެވެ.))
ރަސޫލާ صلى الله عليه وسلم މައްކާގައްޔާއި މަދީނާގައި ޖިންނީންނާ އެތައް ފަހަރަކު ބައްދަލުކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުންތައް ބިލާލުގެފާނަށާއި އިބްނު މަސްޢޫދުގެފާނަށާއި އައްޒުބައިރު ބުނުލްޢައްވާމުގެފާނު ފަދަ ޞަޙާބީން ދެކެވަޑައިގެންފައިވެއެވެ. ((ރަސޫލާގެ އަރިހަށް ޖިންނީންގެ ވަފުދުތަކުގެ ތެރޭގައި "ނަޞީބީން" ޖިންނީންގެ ވަފުދު ވެއެވެ. އެ ވަފުދުގެ ޖިންނިތައް ރަސޫލާގެ އަރިހުން ކާނާއަށް އެދުނެވެ. ރަސޫލާ صلى الله عليه وسلم އެބައިމީހުންނަށް ކަށީންނާއި ނަޖިސްތަކެތީން ކާނާ ދެއްވުމަށް ﷲއަށް ދުޢާކުރެއްވިއެވެ.)) [4]
ރަސޫލާ صلى الله عليه وسلمއާ ބައްދަލުކުރި މި ޖިންނީން ވާނީ ރަސޫލާގެ ޞަޙާބީންނަށެވެ. އަހްލުއްސުންނަތިގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޞަޙާބީއަކީ ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނާ ބައްދަލުކޮށް އިސްލާންކަން މަތީ މަރުވަންދެން ދެމިހުރި މީހާއެވެ. އިބްނު ޙަޖަރު ވިދާޅުވެފައިވާ ގޮތުގައި މުއުމިނެއްގެ ގޮތުގައި ރަސޫލާއާ ބައްދަލުކޮށް މަރުވި ކޮންމެ މީހަކީ ޞަޙާބީއެކެވެ. އިބްނު ޙަޒްމު ވިދާޅުވިއެވެ." ޖިންނީންގެ ތެރޭގައި ރަސޫލާއާ ބައްދަލުކޮށް އީމާންވި ބަޔަކު ވެއެވެ. މި ކަމާ އިންކާރުކުރާ ކޮންމެ މީހަކީ ކާފަރެކެވެ. އެއީ ޤުރްއާން ދޮގުކުރީތީއެވެ. ރަސޫލާއަށް އީމާންވި ޖިންނީންނަށް އަހުރެމެން އިޙްތިރާމުކޮށް ޤަދަރުކުރަންޖެހޭނެއެވެ." އިބްނު ޙަޒްމު އިތުރަށް ވިދާޅުވިއެވެ. "ޖިންނީންގެ ވަފުދެއް އެކަލޭގެފާނު އަރިހަށް އައިސް އިސްލާންވި ޚަބަރު ރަސޫލާ ވަނީ އަހުރެމެންނަށް ދެއްވައިފައެވެ. އެ މީހުން ރަސޫލާއަށް ބައިއަތު ހިފިއެވެ. އެކަލޭގެފާނު އެމީހުންނަށް ޤުރްއާން އުނގަންނައިދެއްވިއެވެ. އެ މީހުންގެ ތެރޭގައި ހެޔޮ ލަފާ ޞާލިޙުން ތިއްބެވެ. މި ކަމާ އިންކާރުކޮށްގެން ނުވާނެއެވެ. އިންކާރުކުރާ މީހާ ވާނީ ކާފަރަކަށެވެ. އޭނާ ޤަތުލުކުރުން ހުއްދަވާނެއެވެ."
އިބްނު ޙަޖަރު ވިދާޅުވިއެވެ. "ބުރަވެވޭ ގޮތުގައި ޖިންނީންގެ ތެރޭގައި ޞަޙާބީން ވެއެވެ. ރަސޫލާ r އެމީހުންގެ ގާތަށް ވެސް ފޮނުއްވުނީތީއެވެ. އަދި ޖިންނީންނަކީ ވެސް މުކައްލަފުންކަމުގައި ވާތީއެވެ. އެމީހުންގެ ތެރޭގައި ވެސް ކިޔަމަންތެރީންނާއި އުރެދުންތެރިން ވާތީއެވެ. އެމީހުންގެ ތެރެއިން ނަން އެނގިފައިވާ މީހުންނަކީ ޞަޙާބިންކަން ކަށަވަރެވެ. އިބްނު ޙަޖަރުގެ ފޮތް (الإصابة في تمييز الصحابة) ގައި ރަސޫލާ صلى الله عليه وسلمއަށް އީމާންވި އެތައް ޖިންނީންނެއްގެ ނަންތައް ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރޭގައި: އަޙްޤަބު – އަރްޤަމު - ޒައުބަޢަތު –- ޙާޞިރު ވެއެވެ. ޖިންނި ޞަޙާބީންނާ ބެހޭ ޚަބަރުތަކާ މެދު ވާހަކަފުޅުދައްކަވަމުން އައްސުޔޫޠީ، އުބައްޔު ބުނު ކަޢުބުގެފާނާ ހަވާލާދެއްވައި "އަލްޚަޞާއިޞުލް ކުބްރާ" ފޮތުގައި ވިދާޅުވިއެވެ. "ޙައްޖަށް ދާން ވެގެން ނުކުމެ ދަތުރުކުރަނިކޮށް މަގުގެއްލުނު ބަޔެއް ވިއެވެ. އެ މީހުންގެ އަތުގައި ހުރި ކާބޯތަކެތި ހުސްވެ މަރުވެދާނެކަމަށް ހީވުމުން އަމިއްލައަށް ކަފުންކޮށް މަރުވުމަށް ތައްޔާރުވެގެން އޮށޯތޫއެވެ. އެހިނދު ގަސްތަކުގެ ތެރެއިން ޖިންނިއަކު ނުކުމެ ބުންޏެވެ. މަށަކީ ރަސޫލާ rގެ އަރިހަށް ގޮސް ޤުރްއާން އުނގެނުނު މީހުންގެ ތެރެއިން ދުނިޔޭގައި ހުރި މީހެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. މުއުމިނާއަކީ އަނެއް މުއުމިނާގެ އަޚާއެވެ. އެއީ އޭނާގެ ލޮލެވެ. އެއީ އޭނާގެ އާރުކާޓީއެވެ. މި ހުރީ ފެނެވެ. މި އޮތީ މަގެވެ. އެމީހުންނަށް ފެން ހުރި ތަން ދައްކައިފައި މަގު ކިޔައިދިނެވެ."
"އާކާމުލް މަރްޖާން" ކިޔާ ފޮތުގައި އައްޝިބްލީ ވިދާޅުވިއެވެ. "މާތް ﷲ ރަޙްމަތްލެއްވި ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ މާތްކަމުގެ ތެރޭގައި އައިސްފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ހަނަފަސް ބޮޑު ސަހަރާއެއްގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް މަރުވެފައި އޮތް ބޮޑު ހަރުފައެއް ފެނިވަޑައިގަތެވެ. އެކަލޭގެފަނުގެ ރިދާކޮޅުގެ ބަޔަކުން އޭތި ކަފުންކުރައްވައި ވަޅުލެއްވިއެވެ. އެހިނދު މީހަކު ބުނާ އަޑު އިވުނެވެ. އޭ ސަރްޤުއޭވެ! ރަސޫލާ صلى الله عليه وسلم ތިބާއާ ދިމާއަށް ވިދާޅުވި އަޑުފުޅު މަ އެހީމެވެ. ތިބާ މަރުވާނީ ހަނަފަސް ސަހަރާއެއްގައެވެ. ޞާލިޙު ބޭކަލަކު ތިބާ ކަފުންކުރައްވައި ވަޅުފުޅުލައްވާނެތެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. "ތިބާއަށް ﷲ ރަޙްމަތްލައްވާށިއެވެ. ތިބާއަކީ ކާކުހެއްޔެވެ؟ ފަހެ އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ ރަސާލާ rއާ ބައްދަލުކުރި ޖިންނީންގެ ތެރޭގައިވާ މީހަކީމުއެވެ. އެ މީހުންގެ ދުނިޔޭގައި މަރުނުވެ ތިބީ ސަރްޤާއި އަޅުގަނޑެވެ. މިހާރު ސަރްޤު އެ މަރުވީއެވެ."
އަޞްބަހާނީ، "އަލްޢަޡަމަތު" ނަމަކަށް ކިޔާ ފޮތުގައި މުޢާޛު ބިން ޢަބްދުﷲއާ ޙަވާލާދެއްވައި ވިދާޅުވެފައިވެއެވެ. "އެއްދުވަހަކު އަހުރެން ޢުޘްމާނު ބިން ޢައްފާނުގެ އަރިހުގައި އިންދައި، މީހަކު އައިސް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީނެވެ! އަޅުގަނޑަށް ފެނުނު ކަމެއްގެ ވާހަކަ ދަންނަވަންތޯއެވެ؟ އެ ކަލޭގެފާނު އެކަމަށް ހުއްދަދެއްވުމުން އެ މީހާ ދެންނެވިއެވެ. އަޅުގަނޑު އެއްދުވަހަކު ސަހަރާ ތެރޭގައި އުޅެނިކޮށް ދެ އަސާ ނުކުމެ އެކަތި އަނެކައްޗާ ތަޅައިފޮޅައިގަތުމަށް ފަހު އެ ދެ އަސާ ގެއްލިއްޖެއެވެ. އެ ދެ އަސާ ހަނގުރާމަކުރި ތަނަށް އަޅުގަނޑު ގޮސް ބެލި އިރު ހަރުފަތަކުގެ ތެރެއިން އަޅުގަނޑު ކުރިން ނުދެކޭ ފަދަ އެއްޗެއް އޮތެވެ. އެ އިން ކަސްތޫރި ވަސް ދުވަމުން ދިޔައެވެ. މި ވަސް ދުވަނީ ކޮން ހަރުފައަކުންކަން ބަލާންވެގެން ހަރުފަތައް އެ ފުށް މިފުށަށް ޖެހީމެވެ. އެ މީރުވަސް ދުވަމުން ދިޔައީ އެ ތާނގައި އޮތް ރީދޫކުލައިގެ ކުޑަކުޑަ ހަރުފައަކުންނެވެ. އޭތި ރަނގަޅުކަމުން ދުވާ ވަހެއްކަމަށް އަޅުގަނޑު ހީކުރީމެވެ. އޭތި ނަގައިފައި އަޅުގަނޑުގެ ފަގުޑީގައި އޮޅައިލައިފައި ވަޅުލީމެވެ. އެއަށް ފަހު އަޅުގަނޑު ހިނގައިފައި ކުރިއަށް ދަނިކޮށް މީހަކު ގޮވައިލި އަޑު އިވުނެވެ. އެ އަޑު ބުންޏެވެ. ތިބާއަށް ތެދުމަގު ލިބިއްޖެއެވެ. ހަނގުރާމަކޮށް ތަޅައިފޮޅީ ދެ ޖިންނީންނެވެ. ތިބާ ތިޔަ ނެގީ އޭގެ ތެރެއިން ޝަހީދުވި ޖިންނިއެވެ. އޭނާއަކީ ރަސޫލާ صلى الله عليه وسلمގެ އަރިހަށް ގޮސް އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި ޖިންނިއެކެވެ."
މި ވާހަކަތައް ތެދު ވާހަކަތަކަކަށް ވިޔަސް ނުވިޔަސް އަހްލުއްސުންނަތިގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖިންނީންގެ ތެރޭގައި އަޞްޙާބު ބޭކަލުން ވެއެވެ. ޖިންނީންގެ ތެރެއިން ރަސޫލާގެ އަރިހަށް ގޮސް އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ ދަރެސްގާހުތަކަށް ޙާޒިރުވެ އެ ކަލޭގެފާނުގެ އަރިހުން ދަރިވަރުވި ޖިންނީންނަކީ ޞަޙާބީންނެވެ. އެ ބޭކަލުންނަށް އިޙްތިރާމުކޮށް މާތްކޮށް ހިތާން ޖެހޭނެއެވެ. އެ ބޭކަލުންނަކީ ވެސް ޢިލްމުވެރި ދަރަޖަ މަތިވެރި އިންސާނުންގެ ޞަޙާބީންނާ އެއް ފަދަ ބޭކަލުންތަކެކެވެ.
(ނިމުނީ)
[1] - الذاريات : 56
[2] - الأحقاف: 29
[3] - الجن: 1 - 2
[4] - صحيح البخاري ( ٣٨٦٠ )