ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން އިތުރުކުރެއްވުން - އިގުތިޞާދާ މެދު، މީހުން އުފެއްދި ކަންބޮޑުވުންތައް ނައްތައިލުން.
ފަރަގު މީޑީއާ
ބޭރު ޤައުމުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސުން ނިންމެވުމަކީ، ބޭރު ގައުމުތަކުގައި ކިޔަވާން ތިބޭ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ. ދިވެހި ބޭންކަށް ތަޖުރިބާ ހުރި ދިވެއްސަކު ހިންގުމުގެ އެންމެ އިސް ވެރިއަކަށް ހަމަޖެއްސެވުމުގެ ފައިދާ ފެންނާން ފެށިކަމަށް ގަބޫލުކުރެވެއެވެ. އަދި އެއްވެސް ޚަރަދެއް ނުކޮށް ދިވެހި ޤައުމިއްޔަތާއި ދިވެހިއްޔަތު ދިރުވައި އާލާކުރެއްވުމުގެ މަސައްކަތް ވެސް ބޭންކުން ކުރައްވާނެކަމަށް އުންމީދު ކުރަމެވެ. މި ހަމަޖެހުނު މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި އަހަރުގެ ފަހުކޮޅަށް އެޅޭ އިރު، ދައުލަތް ބަނގުރޫޓުވާނޭކަމަށް ބުނެ ދިވެހި ރާއްޖޭގެ އިގުތިޞާދާ މެދު، މީހުން އުފެއްދި ކަންބޮޑުވުންތައް ނެތުމެވެ.
ދިވެހީންގެ ބޭންކުގެ ނަމުގައި ހިންގާ ދިވެހި ޤައުމީ ބޭންކުގެ ނަމާއި އެ މުއައްސަސާއިން ދިވެހިންނަށް ދޭ ޚިދުމަތުގައި ބޭނުންކުރާ ލިޔެކިޔުންތަކުން ވެސް ދިވެހިވަންތަކަށް އިޙުސާސްކުރެވެން ޖެހެއެވެ. ދިވެހީންނަށް މިއީ ދިވެހީންގެ ބޭންކެއްކަން އިޙުސާސްކުރެވޭނީ އޭރުންނެވެ.
އަދި ޚިދުމަތަށް އެދުމުގައި ހުރި ދަތިތައް ވެސް ނައްތަވައިލައްވައި ދިވެގހީންގެ ބޭންކަކީ ދިވެހީންނަށް ފަހި ބޭންކަކަށް ހެއްދެވުމަށް ޓަކައި އަލަށް ބޭންކާ ޙަވާލުވެވަޑައިގަތް ސީއީއޯ މަސައްކަތްކުރައްވާނެކަމަށް ވެސް އުންމީދުކުރެވެއެވެ.
ބޭރު ޤައުމުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1،200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސުން ނިންމެވިކަމަށް ޓަކައި ބޭރުގައި ތަޢުލީމުޙާޞިލުކުރާ ދަރިވަރުންގެ އިތުރަށް ސީދާ ދިވެހި ސަރުކާރުން ވެސް ބޭންކަށް ޝުކުރުވެރިވެއެވެ.
ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ނިންމަވާ ނިންމެވުންތައް ތަޠުބީޤުކޮށް ތަންފީޒުކުރާން ބޭންކް އޮފް މޯލްޑިވްސްއިން ރައީސަށް އަރުވާ އެއްބާރުލުން ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުގެ ޙުދޫދު، 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރައްވާން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ..
މި އަންނަ މަހުން ފެށިގެން 1،200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސުން ނިންމެވުމަކީ، ބޭރު ގައުމުތަކުގައި ކިޔަވާން ތިބޭ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށް ސަރުކާރާއި ރައްޔިތުން ގަބޫލުކުރައްވައެވެ.
ދިވެހި ސަރުކާރުން ބަޔާންކުރައްވާ ގޮތުގައި "ދިވެހި ޤައުމުގެ ތަރައްޤީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން"ގެންދަވާނެއެވެ. "އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވައި، ދަރަނި ދަށްކުރައްވައި، ދައުލަތަށް ލިބޭ އާމުދަނީ އިތުރުކުރައްވައި، މި ކަމުގެ ފައިދާއާއި މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ" މަސައްކަތްތަކެއް ސަރުކާރުން އަބަދު ވެސް ކުރައްވާނެއެވެ. އަދި ޤައުމަށް ތިޔާގި ދުވަސްތަކެއް ހޯއްދަވައިދެއްވާން ސަރުކާރުން އަޅުއްވާން ފައްޓަވައިފައިވާ އިޞްލާޙީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ޓަކައި، ސަރުކާރުން އަބަދުވެސް އިސްކަންދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދެއްވައިފައެވެ.
މި ފިޔަވަޅު އަޅުއްވާން ނިންމެވީ އެ ކަންކުރައްވާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާކުރައްވައިފައެވެ. މި ކަން ކުރައްވާނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޙުދޫދު މަތިކުރުމަށް ޓަކައި ބޭނުންވާ ބޭރު ފައިސާ ހޯދައި، އެމްއެމްއޭގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެންކަމަށް ވެސް ސަރުކާރުން ވަނީ ނިންމަވައިފައެވެ.
މި
ފިޔަވަޅުތައް އަޅުއްވާ އިރު ޚަރަދުކުޑަކުރެއްވުމަށް ޓަކައި ސަރުކާރުން ވަރަށް
އުނދަގޫ އެކަމަކު ހަރުދަނާ ފިޔަވަޅުތަކެއް އެބަ އަޅުއްވައެވެ. ޚުދު
ރައީސުލްޖުމްހޫރިއްޔާގެ މުސާރަފުޅުގެ %50 އުނިކުރައްވައި ސިޔާސީ މަގާމުތަކުގެ
މުސާރައިން %10 އުނިކުރައްވާން ވެސް ވަނީ ނިންމަވައިފައެވެ. އަދި ސިޔާސީ ބައެއް
މަގާމުތައް މަދުކުރައްވާން ވެސް ވަނީ ކަނޑައަޅުއްވައިފައެވެ. މަގާމުތައް މަދުކުރައްވާ މި ދަނޑިވަޅުގައި ސަރުކާރުގެ ވުޒާރާތަކާއި ބައެއް މުއައްސަސާތައް ވެސް މަދުކުރައްވާން ޖެހޭކަމަށް ދައުލަތުގެ އޮނިގަނޑު ތަޙުލީލުކުރާ މުޙާއްލިލުން ވިދާޅުވެއެވެ. އެއް ކަމެއްކުރާ ގިނަ މުއައްސަސާތައް ހުރުމަކީ ކަންކަމުގެ އަސަރުވެރިކަން ކުޑަވާނެކަމެއްކަމަށް ވެސް މުޙައްލިލުން ވިދާޅުވެއެވެ. އަދި ގިނަ ރައްޔިތުން ގަމޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ވެސް ދައުލަތުގެ ކެރިފޯރުންތެރިކަމާ ނުބައްދަލެވެ. ޚަރަދުކުޑަކުރެއްވުމުގެ ގޮތުން ލޯކަލް ގަވަރނަންސް ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާން އެބަ ޖެހެއެވެ.
ކޮންމެއަކަސް ސަރުކާރުން އަޅުއްވާން މި ފެއްޓެވި މި ފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ޚަރަދުކުރެވޭނެކަމަށާއި މި ބަދަލު މި އަހަރުގެ ފަހުކޮޅު ފެްނާންފަށާނެކަމަށް މާލިއްޔަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަގާމުތަކަށް ޚަރަދުކުރައްވަނީ %1 އިންސައްތަކަން ވެސް ވަނީ ހާމަވެފައެވެ. އެހެންކަމުން ގައުމުގެ އިގުތިޞާދާ މެދު މީހުން އުފެއްދި ކަންބޮޑުވުންތައް މިހާރު މި ވަނީ ކުޑަވާން ފަށައިފައެވެ.