އެންމެ ތަރުޙީބު ބޮޑު އެއް ޤުރުއާން މުބާރާތް ބ. އަތޮޅުގައި
ފަރަގު މީޑިއާ
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކުރައްވައިގެން ކޮންމެ އަހަރަކު ބާއްވާ އަތޮޅު ޤުރުއާން މުބާރާތުން ޖެހިޖެހިގެން އެ އަތޮޅު ތުޅާދޫ އެއްވަނަ ހޯދުމަކީ އެ އަތޮޅުގައި ޤުރުއާނުގެ ޢިލްމާއި ފަންނަށް އެ ރަށުން ދޭ ސަމާލުކަން އަންގައިދިން ކަމެކެވެ. މި މަހު 16އިން 18އަށް އޭދަފުށީގައި ބޭއްވި "ބ. އަތޮޅު ގުރުއާން މުބާރާތު"ގައި އެ އަތޮޅުގެ ބާރަ ރަށަކުން ޖުމްލަ 200 ބައިވެރީން ވާދަކޮށްފައިވާކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ލިބިފައިވެއެވެ.
މުބާރާތުގެ ދެ ގޮފީން މި އަހަރު ވެސް އެއްވަނަ ހޯދައިފައި ވަނީ ތުޅާދޫ ކައުންސިލުންނެވެ. މި މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދައިފައިވަނީ އޭދަފުށި ކައުންސިލުންނެވެ. މި ބައިން ތިންވަނަ ހޯދީ ކެންދޫ ކައުންސިލުންނެވެ. މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދީ ކުޑަރިކިލު ކައުންސިލުންނެވެ. މި ބައިން ތިންވަނަ ހޯދައިފައި ވަނީ އޭދަފުށީ ކައުންސިލުންނެވެ.
މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދައިފައި ވަނީ މާޅޮހު ކައުންސިލުގެ އާޔާ ބިންތު އިބްރާހީމެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ޒައުލް ބިން ޝާމިން ޙުސައިނަށެވެ.
މި މުބާރާތުގައި ތަޢުލީމީ ނިޒާމުގެ ހުރިހައި ކީ ސްޓޭޖްތަކެއް ވަކިން ވަނަތައް ހޮވައި ވަނީ އިނާމުދީފައެވެ.
އޭދަފުށީ ހުންނަ އަތޮޅު ކައުންސިލްގެ މަލްޓިޕާޕަސް ހޯލުގައި މި ދިޔަ ހޮނިހިރު ދުވަހު ހެނދުނު ބޭއްވި، އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި މީހުން ގިނަކަމުން މުޅި ސަރަހައްދު އޮތީ ފުރިފައެވެ. ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ޤުރުއާން މުބާރާތަކީ އެ އަތޮޅުގައި ވަރަށް ވާދަވެރި މުބާރާތެކެވެ. ފުޓުބޯޅަ މުބާރާތާއި އެހެން ކުޅިވަރު މުބާރާތްތަކަށް ވުރެ، ޤުރުއާން މުބާރާތަށް އެ އަތޮޅުގެ ރަށްރަށުން ދޭ ތަރުޙީބު މާ ބޮޑުކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ގުރުއާނަށް ލޯބި ޖެހިފައި ތިބި ޤުރުއާނުގެ ޢިލްމާއި ފަންނަށް މޮޅު ދަރީންތަކެއް މާޅޮސްމަޑުލު ދެކުނު ބުރީން އުފެއްދުމާ އެކު، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ކުދީން ތައްޔާރުކުރެއްވުމެވެ.
މުބާރާތް ހިނގަމުން ދިޔަ އިރު ސަރަހައްދަށާއި ނިމުމުގެ ރައްމިއްޔާތުގެ އިންތިޒާމުތަކަށް ނަޒަރެއް ހިންގައިލުމުން އަތޮޅު ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން ޤުރުއާން މުބާރާތަށް ދީފައިވާ ސަމާލުކަން ފާހަގަކުރެވުނެވެ. އަދި މުބާރާތް ހިނގަމުން ދިޔަ ހުރިހައި ވަގުތެއްގައި ވެސް މުބާރާތުގެ ކިޔެވުން އަޑުއެހުމަށް ޓަކައި މުޅި މާލަން އޮތީ ފުރައިލައިފައެވެ.
ބ. އަަތޮޅަކީ ތަޢުލީމީ ޖީލެއް އުފައްދައިފައިވާ ތަޢުލީމަށް ލޯބިކުރުމުގެ ސަގާފަތެއް އުފެދިފައިވާ ތަޢުލީމީ އަތޮޅެކެވެ. ތަޢުލީމީ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ އެތައް ޝަޚުޞިއްޔަތެއް އެ އަތޮޅުން ވަނީ އުފައްދައިފައެވެ.