Advertisement

ކަރާގެ ދުނިޔެ - ފަލަސްޠީނުގެ ރަމްޒު

21 Oct 2024 | 00:10
ކަރާގެ ދުނިޔެއަކީ ތަނަވަސް ދުނިޔެއެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ކަރަޔަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު މޭވާއެކެވެ. ޚާއްޞަކޮށް ރަމަޟާންމަހުގައި އެއީ އިފުތާރު މޭޒުމަތީގައި ވަރަށް މަޤްބޫލު މޭވާއެކެވެ. އެއީ ކަނާދުގެ ގޮތުން ވަރަށް މުއްސަނދި މޭވާއެކެވެ. ހޫނު މޫސުމުގައި އެއީ ބާޒާރުގައި ވަރަށް ހިނގާ މުދަލެކެވެ.

ކަރާގެ އަސްލު

ކަރަޔަކީ ބަރަބޯ ޢާއިލާއަށް ނިސްބަތްވާ މޭވާއެކެވެ. މި މޭވާގެ އަސްލު ވާސައަކީ އެފުރިކާ ބަރޫދެވެ.ބޭސްވެރިކަމާބެހޭ އެމެރިކާގެ ވަޠަނީ ކުތުބުޚާނާގެ ދިރާސާއެއް ބުނާގޮތުގައި ކަރާ ހެއްދުމުގެ މަސައްކަތް ވަރަށް ޤަދީމީ ޒަމާނެއްގައި ފެށިއްޖެއެވެ. މި ދިރާސާ ބުނާ ގޮތުގައި މީގެ ފަސް ހާސް އަހަރު ކުރީން އެފުރިކާގެ އިރުއުތުރު ސަރަޙައްދުން ކަރާ އޮށް ފެނިފައި ވެއެވެ. ޢުމުރުން ހަތަރު ހާސް އަހަރުވެފައިވާ މިޞްރުގެ ޤަދީމީ މަޤްބަރާއަކުން ބޮޑު ދޮލަނގަކަށް ލައިފައި އޮތް ކަރައެއްގެ ކުރެހުމެއް ވަނީ ފެނިފައެވެ.

ފަލަސްޠީނުގެ ރަމްޒު

1967ވަނަ އަހަރުގެ "ހަ ދުވަހުގެ ހަނގުރާމަ"އަށް ފަހު, ފަލަސްޠީނުގެ ވަޠަނީ ރަމުޒަކަށް ކަރާ ވަނީ ވެފައެވެ.

2023ގެ އޮކްޓޫބަރުގައި އެމެރިކާގެ ޓައިމް މަޖައްލާ ބުނާގޮތުގައި 1967ގެ ހަނގުރާމައިގައި އިސްރާއީލުން ހުޅަނގުއައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިސްރާއީލުން ހުޅަނގުއައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ ދިދަ ބޭނުންކުރުން މަނާކުރިއެވެ. މި މަނާކުރުން ފަހަނަޅައިދިޔުމަށް ޓަކައި ފަލަސްޠީނީން އެ މީހުންގެ ވަޠަނުގެ ރަމްޒެއް ކަމުގައި ކަރާ ހެއްޖެވެ. އެއީ ކަރާ ފަޅައިލުމުން ފަލަސްޠީނު ދިދައިގެ ކުލަތައް - ރަތްކުލައާއި ކަޅުކުލައާއި ހުދުކުލައާއި ފެހިކުލަ - ފެންނާތީއެވެ.

1993ގެ އޮސްލޯ އެއްބަސްވުމާ ވިދިގެން އިސްރާއީލުން ފަލަސްޠީން ދިދަ ބޭނުންކުރުން މަނާކުރާ ޤަރާރު އުވައިލިއެވެ. އެހެނަސް ދޭތެރެދޭތެރެއިން މި ޤަރާރު އައުކުރަމުންދިޔައެވެ.

ފަލަސްޠީނުގެ ރަމްޒެއްކަމުގައި ކަރާ ބޭނުންކުރާން ދެވަނަ ފަހަރަށް ފެށުނީ 2021ގައި އިސްރާއީލުގެ ކޯޓަކުން އިރުމަތީ ޤުދްސުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި ޝައިޚު ޖައްރާޙު އަވަށުން ފަލަސްޠީނުގެ ޢާއިލާތައް ފުރުވައިލުމަށް ނިޔާ އިއްވުމުންނެވެ.

2023ގެ ޖަނަވަރީގައި އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު ފަލަސްޠީނުގެ ދިދަ ބޭނުންކުރުން މަނާކުރުމަށް އިސްރާއީލު ސިފައިންނަށް އަމުރުކުރިއެވެ. އެއަށް ފަހު އިސްރާއީލުގެ ބަރުލަމާނުން ވަނީ ފަލަސްޠީނު ދިދަ އިސްރާއީލުގެ ޔުނިވަރސިޓީތަކާއި އިސްރާއީލުން މާލީ އެހީދޭ މުއައްސަސާތަކުގައި ނެގުން މަނާކޮށްފައެވެ.

އެންމެ ގިނައިން ކަރާ ބޭރުކުރާ ގައުމުތައް

ކެނެޑާގެ ވަރލްޑް ޓޮޕް އެކްސްޕޯޓްސް ޖާލު ޞަފުޙާ ބުނާ ގޮތުގައި  2022ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކަރާ އެންމެ ގިނައިން ބޭރުކުރާ ގައުމުތަކަކީ :-

1-ސްޕޭން:  541.1  މިލިއަން ޑޮލަރުގެ ކަރާ . މިއީ ގާތްގަނޑަކަށް 26.3 %  ކަރައެވެ.

2-މަޣުރިބުކަރަ: 203  މިލިޔަން ޑޮލަރުގެ ކަރާ. މިއީ  ގާތްގަނޑަކަށް 9.9% ކަރައެވެ.

3-މެކްސިކޯ: 197.8 މިލިއަން ޑޮލަރުގެ ކަރާ . މިއީ ގާތްގަނޑަކަށް 9.6 %

4-އިޓަލީ ވިލާތް: 168.7 ޑޮލަރުގެ ކަރާ .މިއީ ގާތްގަނޑަކަށް 8.2 % އެވެ.

5-އެމެރިކާ: 137.6 މިލިއަން ޑޮލަރުގެ ކަރާ . މިއީ ގާތްގަނޑަކަށް6.7 % އެވެ.

6-ހޮލެންޑް: 123.1 މިލިއަން ޑޮލަރުގެ ކަރާ  . މިއީ ގާތްގަނޑަކަށް 6 % އެވެ.

7-ގްރީސް: 76 މިލިއަން  ޑޮލަރުގެ ކަރާ. މިއީ ގާތްގަނޑަކަށް 3.7 % އެވެ.

8-ފަރަންސޭސިވިލާތް: 65.1 މިލިއަން ޑޮލަރުގެ ކަރާ . މިއީ ގާތްގަނޑަކަށް 3.2 % އެވެ.

9-ޗައިނާ: 61.8 މިލިއަން ޑޮލަރުގެ ކަރާ . މިއީ ގާތްގަނޑަކަށް 3 % އެވެ.

10- ބްރެޒީލް: 57.5 މިލިއަން ޑޮލަރުގެ ކަރާ. މިއީ ގާތްގަނޑަކަށް  2.8 % އެވެ.

ޢަރަބި ގައުމުތަކަށް ބަލާއިރު 2022ގައި އެންމެ ގިނައިން ކަރާ ބޭރުކޮށްފައިވާ އަރަބި ގައުމުތަކަކީ މަޣުރިބު (203 މިލިއަން ޑޮލަރުގެ ކަރާ)އާއި ޢުމާން (7.68 މިލިއަން ޑޮލަރުގެ ކަރާ)އާއި މިޞްރު (4.8 މިލިއަން ޑޮލަރުގެ ކަރާ)އެވެ.

އެންމެ ގިނައިން ކަރާ އެތެރެކުރާ ގައުމުތައް

ދުނިޔޭގެ ބޭންކުގެ 2022ވަނަ އަހަރުގެ ރިޕޯޓުތައް ހާމަކުރި ގޮތުގައި ކަރައާއި ބޮޑުކެކުރި އެންމެ ގިނައިން އެތެރެކުރި ނުވަ ގައުމަކީ:-

1-އެމެރިކާ: 1.82 ބިލިއަން ޑޮލަރު

2-ޖަރްމަނުވިލާތް: 517.6 މިލިއަން ޑޮލަރު

3-ފަރަންސޭސިވިލާތް:  389.13 މިލިއަން ޑޮލަރު

4-ހޮލެންޑް: 308.39މިލިއަން ޑޮލަރު

5-އިނގިރޭސިވިލާތް: 279.97 މިލިއަން ޑޮލަރު

6-ކެނެޑާ: 237.9 މިލިއަން ޑޮލަރު

7-ސްޕޭން: 165.58 މިލިއަން ޑޮލަރު

8-ޕޮލެންޑް: 117.06 މިލިއަން ޑޮލަރު

9-ބެލްޖިއަމް: 80.52 މިލިއަން ޑޮލަރު

އެންމެ ގިނައިން ކަރާ ހައްދާ ގައުމުތައް

އެމެރިކާގެ ޖާލު ޞަފުޙާއެއް ކަމުގައިވާ "ވަރލްޑް ޕޮޕިއުލޭޝަން ރިވިއު"އިން ހާމަކޮށްފައިވާ ގޮތުގައި 2023ގައި ދުނިޔޭގައި އެންމެ ގިނައިން ކަރާ ހެއްދި 10 ގައުމަކީ:

1-ޗައިނާ: 60.1 މިލިއަން ޓަނު

2-ތުރުކީވިލާތް: 3.5 މިލިއަން ޓަނު

3-އިންޑިއާ: 2.8 މިލިއަން ޓަނު

4-އީރާން: 2.7 މިލިއަން ޓަނު

5-ޖަޒާއިރު: 2.3 މިލިއަން ޓަނު

6-ބްރެޒިލް: 2.2 މިލިއަން ޓަނު

7-ސެނެގޯލް: 1.7 މިލިއަން ޓަނު

8-ރަޝިޔާ: 1.6 މިލިއަން ޓަނު

9-މިޞްރު: 1.5 މިލިއަން ޓަނު

10-ވިއެޓްނާމު: 1.5 މިލިއަން ޓަނު

ސުންނަތުގައި ކަރާ

ކަރައާއި އޭގެ ފައިދާތަކާ ބެހޭ ގޮތުން ޝީޢީންގެ ފޮތްތަކުގައި ޢަލީގެފާނާއި އިބްނު ޢައްބާސް ފަދަ ބޭބޭކަލުންގެ އަރިހުން ރިވާވެގެންވާ ޙަދީސްތަކެއް ވެއެވެ. އިމާމު އަޙްމަދު ވިދާޅުވެފައިވާ ގޮތުގައި ކައު ރަސޫލާ صلى الله عليه وسلم، ކަރާ ފަރިއްކުޅުއްވިކަން ޢާއިޝަތުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީސުން އެނގެއެވެ. އެނޫން އެހެން ބަސްފުޅެއް ސާބިތުވެފައެއް ނުވެއެވެ.

(ނިމުނީ)

ބައެއް ލަފުޒުގެ މާނަ:

ބާޒާރު       ނ.     (1) ތަކެތި ގަނެ/ވިއްކައި އުޅޭ ތަން. (2) ފިހާރަތައް ހުންނަ ސަރަހައްދު.

ކަނާދު       ނ.     ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު.

އުންސުރު     ނ.      (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. (3) ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާއްމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލު ކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ.

ވާސަ       ނ.      (1) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި. (2) ދިރިއުޅޭ ތަން. (3) ދިރިއުޅޭ ވެށި.

ތަފާސްހިސާބު  ނ.      ހޯދައިބަލައިފައިވާ ޢަދަދުތަކަކުން ދޭ މަޢުލޫމާތު.

ޖާލު        ނ.     ސާވަރުތަކަކުން ކޮންޕިއުޓަރުތައް ގުޅުވައިދޭ ވިއުގަ.


އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް