Advertisement

ސުމޭކު ސިއްހީ ނިޒާމާ އެކު، ކޮންމެ މީހެއްގެ ސިއްހީ ހާލަތު، ކުރު މެސެޖަކުން އަތުފޯނަށް

20 Oct 2024 | 07:40
ސިއްހީ ބައެއް ޚިދުމަތްތެރީން

އަބާ މުޙަންމަދު

ރާއްޖޭގައި ރައްޔިތުންގެ ސިއްހީ ކަންކަމާ ގުޅޭ ހުރިހައި މައުލޫމާތެއް އެއް ތަނަކުން ފެންނާކަށް ނުހުރެއެވެ. މި ކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ސިއްހަތު ދެނެގަތުމާއި ސިއްހީ ފުރޭފު ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ސިއްޙީ ޚިދުމަތް ދޭ، އެއް މުއައްސަސާއަކުން ހަދާ ޓެސްޓެއް އެތައް ފަހަރަކު އެކި ތަންތަނުން ހަދާން ޖެހުމަކީ ޞިއްޙީ ޚިދުމަތް ލިބުމުގައި ބަލިމީހާއަށް އެތައް ވަގުތެއް ހޭދަވެ، ދައުލަތަށް ވެސް އެކަމުގެ ބުރަ ބޮޑުވާ ކަމެކެވެ. އަދި ބައެއް ކަހަލަ ޓެސްޓުތަކަކީ އެ ފަދަ ޓެސްޓުގެ ހަވާސަރު ވެސް ހުންނަ ކަމަކަށް ވާތީ ބައެއް ކަހަލަ ހިރާސްތައް ވެސް އިތުރުވާ ކަމެކެވެ.

އިސްވެ ދެންނެވުނު މައްސަލައަށް ހައްލެއް ގެނެސް ރާއްޖޭގެ ސިއްޙީ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަލަށް މި ޤާއިމްކުރާ ސުމޭކު ސިއްހީ ނިޒާމާއެކު ކޮންމެ މީހެއްގެ ފޯނަށް ވެސް އެމީހެއްގެ ސިއްހީ ހާލަތު އަންގައިދޭ އެސްއެމްއެސްއެއް ފޮނުވާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ކަމަށް ޓަކައި ރާއްޖޭގައި ސުމޭކު ޞިއްޙީ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަން ކަށަވަރެވެ. އެ ނިޒާމު ގާއިމުވުމުން އާންމު (ނުވަތަ ސަރުކާރުގެ) ހޮސްޕިޓަލުތަކާއި އަމިއްލަ ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ކޮންމެ މީހެއްގެ ސިއްހީ ފުރޭފު ބެލެހެއްޓޭނެކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ ތަނަކުން ވެސް އެމީހެއްގެ ސިއްހީ ކަންކަމާ ގުޅޭ ގޮތުން ހަދާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަންކަން އެސްއެމްއެސްގެ ޒަރީއާއިން އެ މީހެއްގެ އަތުފޯނަށް ފޮނުވާނެއެވެ.

ހަމައެއާއެކު އެ ނިޒާމުގެ ތެރެއިން، އޮންލައިނުކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކުޓަރަށް ދެއްކޭނެ ގޮތް ހެދޭނެކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސުމޭކު ޞިއްޙީ ނިޒާމް ޤާއިމްކޮށް ނިމުމުން އޭގެ ފުރިހަމަ ނަތީޖާއަކަށް ވާނީ އެމީހެއްގެ އެންމެ ޅަދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮންމެ މީހެއްގެ ސިއްހީ ފުރޭފު، މި ނިޒާމުގެ ތެރެއިން ފެންނާން ހުރުމެވެ. މިއީ ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަ އަދި ފައިދާ ހުރި ކަމެކެވެ.

ސިއްހީ މިއުމާރިއްޔަތު ސުމޭކުކުރުމުގެ ގައުމީ ނޫޗާޕު (ނޭޝަނަލް ސުމޭކު ޞިއްޙީ އާކިޓެކްޗަރ ބްލޫޕްރިންޓު) ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތަކީ ތަރުޙީބު ދެންޖެހޭ މަސައްކަތެކެވެ.  ސިއްހަތާ ބެހޭ ވުޒާރާއިން މިހާރުވަނީ ސިއްހީ ޚިދުމަތްތެރިންނާއި ސިޔާސަތުތައް އެކުލަވައިލާ ފަރާތްތަކާއި ފަންނީ ތަޖުރިބާކާރުންނާއި މިނޫން ވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކުގެ ލަފަޔާއި އިރުޝަދު ހޯދުމަށްޓަކައި މަސައްކަތު ބައްދަލުވުންތައް ބާއްވަވައިފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ނޫޗާޕުގެ މަސައްކަތްތައް ނިންމައިލުމުގެ ކުރިން އާއްމުންގެ ޚިޔާލު ހޯދާން ވެސް ނިންމަވައިފައިވާކަމަށެވެ. ސިއްހީ މިއުމާރިއްޔަތު ސުމޭކުކުރުމުގެ ގައުމީ ނޫޗާޕު އެކުލަވާލުމުގެ މަސައްކަތް ސިއްހަތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވަނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެންނެވެ. މި މަސައްކަތް ނިމޭ އިރު، ބަލިތަކުން ރައްކާތެރިވުމަށް ޓަކައި ދުރާލައި މަސައްކަތްކުރާން ޢާންމުންގެ މެދުގައި އިސްކަންދިނުމުގެ ސަގާފަތެއް އުފެއްދުމަކީ ދާއިމީ ބޮޑެތި ބަލިތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭނެ މުހިންމު މަސައްކަތެކެވެ.

ކުރީން ވެސް ދެނެނެވުނު ފަދައިން ސިއްހީ މިއުމާރިއްޔަތު ސުމޭކުކުރުމުގެ ގައުމީ ނޫޗާޕު (ނޭޝަނަލް ސުމޭކު ޞިއްޙީ އާކިޓެކްޗަރ ބްލޫޕްރިންޓު) ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތަކީ ތަރުޙީބު ދެންޖެހޭ މަސައްކަތެކެވެ. މި ކަމުގައި އެއްވެސް ރަނގަޅު ޚިޔާލުފުޅެއް އެއްވެސް ބޭފުޅެއްގެ އޮތް ނަމަ، ރައްޔިތުންނަށް ޚިޔާލު ހުށަހަޅާން ހުޅުވައިލައްވާ ފުރުޞަތުގައި ވެސް އާޑަކިޔުމުގެ ބަދަލުގައި ބިނާކުރަނިވި ފާޑު ވިދާޅުވުމަކީ މުޅި ގައުމުގެ ކުރިއެރުމަށް ޓަކައި ނުހަނު މުހިންމު ކަމެކެވެ.

ބައެއް ލަފުޒުގެ މާނަ:

ހަވާސަރު   ނ.   (1) ކުރާ ކަމަކުން ގަސްދުކުރި ނަތީޖާ ހާސިލުވާއިރު އެ ނަތީޖާގެ އިތުރަށް ނުކުންނަ، ކުރީން ލަފާކޮށްފައިނުވާ ނަތީޖާ ނުވަތަ އަސަރު. (2) ބައްޔަކަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭހަކުން، ގަސްދުކުރި ނަތީޖާއާއެކު ފާޅުވާ އިތުރު އެހެން ކަންކަން. ގިނަ ފަހަރަށް މި ގޮތުން ވާ ކަންކަމަކީ ނޭދެވޭ ނުވަތަ ގެއްލުން ހުރި ކަންކަމެވެ.

ހިރާސް   ނ.    (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (3) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު.

ނިޒާމު    ނ.   (1) ރޭވިފައިވާ ގޮތް (2) އިންތިޒާމު (3) ތަރުތީބު

ނޫޗާޕު    ނ.   ކަމަކަށް ރާވައިފައިވާ ރޭވުމެއް ނުވަތަ ކޮށްފައިވާ ފަރުމާއެއް.

އާޑަ      ނ.   މަލާމާތް

ފުރޭފު     ނ.   ލިޔާ ލިޔުން

ސިއްހީ    ނއ. ޞިއްޙަތާ ގުޅޭ.

ސުމޭކު    ނއ.  (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައި ދިނުމުގެ ބަދަލުގައި ހިސާބު އަދަދުން  މިންވަރު އަންގައިދޭ. (2) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ. (4) ހިސާބުކުރުމާ ގުޅުން ހުރި.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް