Advertisement

އެއީ ހަމައެކަނި ދިވެހިރާއްޖޭގައި ކުރާ ކަމެއްނޫނެވެ.

20 Oct 2024 | 06:06
ޚަޠީބަކު ޚުޠުބާދެއްވަނީ (ފައިލް ފޮޓޯ)

ފަރަގު މީޑިއާ

ރަސްމީ ބޮޑެތި ޖަލްސާތަކުގައި ގައުމުތަކުގެ އިސް ވެރީން ދައްކަވާ ވާހަކަފުޅުތައް ވެސް ފެންނަނީ، ތަގުރީރު ލިޔުއްވުމުގެ ޢިލްމާއި ހުނަރު ހުންނަ ކޮންމެވެސް ބޭފުޅަކު ލިޔުއްވައިފައި ހުންނަ ތަނެވެ. އޮޓޯކިޔޫ ބޭނުންފުޅުކުރައްވައިގެން ތަޤުރީރު ދެއްވިޔަސް އެ ގޮތަށް ދެއްވާ ތަޤުރީރު ކުރީން ލިޔެފައި އޮތުމުގެ ބޭނުމަކީ، އެ ފަދަ ޖަލްސާއެއްގައި ގައުމެއްގެ ނުވަތަ ސަރުކާރެއްގެ ވެރިޔަކަށް ކޮންމެހެން ވިދާޅުވާންޖެހޭ ވާހަކަފުޅެއް ވިދާޅުނުވެވި ހަނދުމަފުޅުން ކައްސައިލައިފާނެތީއެވެ. ނުވަތަ ޖަޒުބާތުގައި ސަމާސާ އަދަބު ބޭނުންފުޅުކުރައްވާން ވެގެން ވެސް އާންމުން ނުރަނގަޅު މާނައެއް ކޮށްފާނެ ފަދަ އެއްޗެއް ވިދާޅުވެވިދާނެތީއެވެ. މި ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެ ބޭފުޅެއްގެ ސިޔާސިއްޔަތަށް އަދި މުޖުތަމަޢަށް ވެސް ނޭދެވޭ އަސަރެއް ފޯރައިފާނެތީއެވެ. މި ފަދަ ބައެއް ކަންކަން މަދުން ނަމަވެސް ރާއްޖޭގައި ވެސް ދިމާވެފައި އެބަ ހުއްޓެވެ.

މި ނަޒަރުން ބަލާ އިރު، ހުކުރު ދުވަހު ޚަޠީބު ހުށަހަޅުއްވާ ނުވަތަ ދެއްވާ ޚުޠުބާއަކީ މާ ޚުޠޫރަތްތެރި އެއްޗެކެވެ. ޚުޠުބާއަކީ އެ ދުވަސްވަރެއްގައި މުޖުތަމަޢުގައި ހިންގާ ކަންކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރުމަށް ޓަކައި އިއްވާ ވަޢުޡެކެވެ. މި ވަޢުޡު މުޅި ރާއްޖޭގައި އެއް ޢިބާރާތަކުން އެއް ގޮތަކަށް ދެއްވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއް މައުޟޫޢެއް ނަމަވެސް އެކި ޚަޠީބުން އެކި ޢިބާރާތުން އެކި ސިޔާގުން އެ ވަޢުޡާއި ނަސޭހަތް އިއްވާ ނަމަ، އަނެއްކާ ވެސް ދަންނަވާން ޖެހެނީ ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެކަމަށެވެ. ނުވަތަ  ބޭނުންވާ ނަތީޖާ ޙާސިލު ނުވެދާނެއެވެ. އެހެންކަމުން ދިވެހިރާއްޖެ ފަދައިން (ހަމަ ގައިމު ވެސް) ގިނަ ގައުމުތަކުގައި ޚަޠީބުން ހުށަހަޅުއްވާނީ ލިޔެފައި އޮންނަ ޚުޠުބާއެވެ. އެންމެ ފަހުން އަޅުގަނޑަށް ދެވިފައިވާ މުސްލިމު ތިން ގައުމަކީ މެލޭޝިއާއާއި ސުޢޫދީ ޢަރަބިއްޔާއާއި ބުރޫނާއީ ދާރުއްސަލާމެވެ. މި ގައުމުތަކުގައި ވެސް ޚަޠީބުން ދެއްވަނީ ލިޔުއްވައިފައި އޮންނަ ޚުޠުބާއެވެ. އެ ބޭފުޅަކު ބޭނުންފުޅު މައުޟޫޢަކަށް، ނުވަތަ ކަނޑައެޅިފައި އޮންނަ މައުޟޫޢަކަށް ޚަޠީބުގެ އަމިއްލަފުޅު ޢިބާރާތުން ޚުޠުބާދެއްވަނީކީ ނޫނެވެ.

މި ދެންނެވި ގައުމުތަކުގައި ބޮޑެތި ޢިލްމުވެރީންނާއި (އަދި ބައެއް ފަހަރު) މުފުތީން ވެސް އިމާމުވެ ހުކުރުކުރައްވައެވެ. ހުކުރު ނަމާދުގެ ދެ ޚުޠުބާ ދެއްވައެވެ. ނަމަވެސް އެއީ، މާ ދަށް ކަމަކަށް ވެގެން އެ ބޭފުޅުންނެއް ޚުޠުބާއިން ތަންތަންކޮޅު ބަދަލުކުރައްވައިގެންނެއް ވިދާޅެއް ނުވެއެވެ. ޚުޠުބާއަކީ އެ ކަމުގެ ޢިލްމާއި ހުނަރު ލިބިވަޑައިގެން ހުންނެވި ކޮންމެވެސް ޢިލމުވެރިޔަކު ދެލިކޮޕީ ލިޔުއްވީމާ ކޮމެޓީއަކުން ފާސްކުރައްވައި މައުލޫމާތުގެ ކުށާއި އަދަބީ ކުށް ވެސް ރަނގަޅުކުރައްވައިފައި ހުންނާނެ މުހިންމު ރަސްމީ ލިޔުމެއްކަމަށް އެ ބޭފުޅުން ގަބޫލުފުޅުކުރައްވައެވެ. މި ދެންނެވި ގައުމުތަކުގައި ތިއްބަވާ ޚަޠީބުންނާއި ޢާލިމުންނާއި ވާޢިޡުންނަށް ވުރެ، މި ރާއްޖޭގައި ތިއްބަވާ ބައެއް ދަންނަބޭކަލުން ވަކި މޮޅުފުޅުވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ޝައިޚު މާހިރު މި އަހަރު ޙައްޖުގެ ޚުޠުބާ ހުށަހަޅުއްވަނީ: އަތްޕުޅުގައި ލިޔެފައި އޮތް ޚުޠުބާ އެބަ އޮތެވެ.<br>

އާދޭހެވެ! ކިތަންމެ ވަރަކަށް ޗެކުކޮށްފައި، ޚުޠުބާ ނިހާއީ ކުރިޔަސް ޚުޠުބާގައި ކުށެއް އޮވެދާނެއެވެ. މި ފަދަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ، ދުރާލައި ކަމާ ބެހޭ ފަރާތެއްގެ ސަމާލުކަމަށް އެ ކަމެއް ގެންނަވައި، ވަގުތު އޮއްވައި އިސްލާޙުކޮށްލެއްވިދާނެއެވެ. އެ ގެނެވުނު އިސްލާޙު، މި ޒަމާނުގައި ހުރިހައި ޚަޠީބުންނަށް އެއް ފަހަރާ އަންގައިލެވެއެވެ. އެހައި ވެސް ފަސޭހަ ކަމެކެވެ. އެހެންވީމާ އެއްވެސް މައްސަލައެއް ދިމައެއް ނުވާނެއެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން ދިވެހިރާއްޖޭގައި ވެސް މިހާރު ޚުޠުބާދެއްވަނީ ކުރީން ލިޔެ ފާސްކޮށްފައި ހުންނަ ޚުޠުބާތަކެވެ. ހަގީގަތުގައި އެންމެ ރަނގަޅު ގޮތަކީ މިއީކަމަށް ވާތީއެވެ.

މި ކަން މިހެން އޮއްވައި މި ދިޔަ ހުކުރުދުވަހު މާލޭގެ ބޮޑެތި މިސްކިތްތަކުގެ ތެރެއިން ކޮންމެވެސް މިސްކިތެއްގައި ޚުޠުބާ ހުށަހެޅުއްވި ޚަޠީބަކު، ޚުޠުބާގައި ހުރި ބައެއް ޢިބާރާތްތައް ބަދަލުކުރެއްވުމުގެ ސަބަބުން ޚުޠުބާގެ ފެންވަރަށް ބަލިކަށިކަން އައިކަމީ ހިތާމަހުރިކަމެކެވެ. "ޖުވާކުޅުމަކީ ޙަރާމް ކަމެއް" މި މައުޟޫއަށް ލިޔުއްވައިފައިވާ ޚުޠުބާ، އެ ޚަޠީބަކު ހުށަހެޅުއްވި އިރު، "ރާއެއް" ލިޔެފައި އޮތް ހުރިހައި ތަނެއް ވިދާޅުވީ "ރަލެއް" މިހެންނެވެ. ރަނގަޅަށް އޮތް ލަފުޒެއް ނުބައިކޮށް ބަދަލުކުރައްވައިގެންނެވެ. ދިވެހިބަހުގައި ބަނގުރާ ނުވަތަ ރާ، މި ލަފުޒު އެކަހެރިކުރާ އިރު، ނުވަތަ އާންމުކުރާ އިރު، ލާމަކަށް ބަދަލެއް ނުވާނެއެވެ. ޚުޠުބާގައި ލިޔެފައި އޮތީ ވެސް ރަނގަޅަށެވެ. މިހާރު ޚުޠުބާއަކީ ޢާންމުންނަށް ވެސް ފެންނަ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓްގައި ޝާއިޢުކުރައްވައިފައިވާ އެއްޗަކަށް ވާތީ، ހުކުރަށް ދިޔުމުގެ އެއް ދުވަސް ކުރީން ވެސް އެ ޚުޠުބާ ޢާންމުންނަށް ފެންނާނެއެވެ. ވީމާ ކުރީން ޚުޠުބާ ކިޔައިލައިފައިވާ މީހަކަށް ނަމަ، ޚަޠީބު އެ ވިދާޅުވީ ޚުޠުބާގައި އޮތް ގޮތަށް ނޫންކަން އެނގޭނެއެވެ. ނަމަވެސް ޚުޠުބާ ދެކެފައި ނެތް މީހަކަށް ހީވާނީ، ޚުޠުބާގައި ނުބައިކޮށް ލިޔެފައި އޮތީކަމަށެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް ޚުޠުބާ އޮތްތޯ ޗެކުކޮށްލާނެ މީހަކު ވެސް ނެތީކަމަށެވެ. ނަމަވެސް މިއީ ކޮމެޓީއަކުން އިސްލާޙުކުރައްވައި ފާސްކުރައްވައިފައިވާ އެއްޗެކެވެ. ވީމާ، އެންމެ ޚަޠީބަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ޚުޠުބާގެ ލަފުޒުތަކާއި ޢިބާރާތްތަކަށް ބަދަލުގެންނެވުމަކީ އޭގެ ސަބަބުން ނު ރަނގަޅު ނަތީޖާއެއް ނުކުތުމުގެ ފުރުޞަތު އޮތް ކަމެކެވެ.

މީގެ އިތުރަށް މި ދެންނެވި ޚަޠީބަކު ޚުޠުބާ ހުށަހެޅުއްވީ ބަހުގެ ދަރަޖަ ވެސް މަސްހުނިކުރައްވައިގެންނެވެ. އެހެނަސް ކުރީން އަޅުގަނޑު ވެސް ވެބްސައިޓުން ޚުޠުބާ ކިޔައިފައިވާތީ، ޚުޠުބާގައި ލިޔެފައި އޮތީ ރަނގަޅަށްކަން އެނގެއެވެ. ވީމާ، މި ފަދަ އަމިއްލަ ބަދަލު ޚުޠުބާއަށް ގެނައުމުގެ އިޚުތިޔާރު ޚަޠީބުންނަށް އޮންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މި ފަދަ ކަންކަން، ކަމާ ބެހޭ ފަރާތަށް ފާހަގަނުކުރެއްވި އޮވެދާނެއެވެ. އެއީ ޚުޠުބާގައި އޮންނަ ގޮތާ ޚިލާފަށް ޚަޠީބުން ޚުޠުބާ ހުށަހަޅުއްވާނެކަމަށް ކަމާ ބެހޭ އިދާރާތަކުން ހީފުޅުނުކުރައްވާނެތީއެވެ. މި ފަދަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ، ކަމާ ބެހޭ ފަރާތަކުން އެ ޚަޠީބަކަށް ނަސޭޙަތްދެއްވައި އަޅުއްވާން ޖެހޭ ތައުދީބީ ފިޔަވަޅު އަޅުއްވާނެކަމާ މެދަކު ޝައްކެއް ނެތެވެ.

މައްސަލައަކީ ފިޔަވަޅުއެޅުއްވުމާއި ނޭޅުއްވުމެއް ނޫނެވެ. ފިޔަވަޅުއެޅުއްވިޔަސް ނޭޅުއްވިޔަސް ޚަޠީބުން ސަމާލުކަންދެއްވާން ޖެހޭނެކަމަށް އަޅުގަނޑަށް ފެންނަނީ ޚުޠުބާ ބަދަލުކުރައްވައިގެން ނުވާނެކަމަށެވެ. ޚުޠުބާއިން ކުށެއް ނުވަތަ މައްސަލައެއް ފާހަގަކުރެއްވިއްޖެ ނަމަ، ކުރީން ވެސް އަޅުގަނޑު ދަންނަވައިލި ފަދައިން ހުކުރަށް ވަޑައިގަތުމުގެ ކުރީން، ކަމާ ބެހޭ ބޭފުޅެއްގެ ސަމާލުކަމަށް އެ ނުކުތާއެއް ގެންނަވައި އިސްލާޙުކުރާން ޖެހޭ ކަމެއް އޮތް ނަމަ، އެ އިސްލާޙެއް ހުރިހައި ޚަޠީބުންނަށް ވެސް އެނގޭނެ ގޮތް ހެއްދެވުމަށެވެ.

ކުރީން ވެސް ދެންނެވި ފަދައިން، ފަސް ހަ ބޭފުޅެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން އިސްލާޙުކުރައްވައި ޗެކުކުރައްވައިފައި އޮތަސް ކުށެއް އޮތުމުގެ ފުރުޞަތު ފަހަރެއްގައި ވެސް އޮވެދާނެއެވެ. މި ފަދަ ޙާލަތެއްގައި ވެސް އަމިއްލައަށް ޚުޠުބާއަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ރަނގަޅު ގޮތަކީ އިސްވެ ދަންނަވައިލެވުނު ފަދައިން، ކަމާ ބެހޭ ބޭފުޅެއްގެ ސަމާލުކަމަށް އެ ކަން ގެންނެވުމެވެ.

މި ވާހަކަ މި ލިޔެލީ އެއްވެސް ޚަޠީބަކު ފަޟީޙަތްކުރާކަށް ނޫނެވެ. އެކަމަކު ޚަޠީބުންގެ ރައްކާތެރިކަމަށް ޓަކައެވެ. ޢާންމު މަޞްލަހަތަށް ޓަކައެވެ. މުޖުތަމަޢުގެ ލާބައަށް ޓަކައެވެ. ވަކި މިސްކިތެއް ވަކި ބޭފުޅެއްގެ ނަންފުޅު ބަޔާން ނުކުރީ ވެސް އެހެންވެގެންނެވެ. ވީމާ، ވަކި ގޮތަކަށް ލިޔުއްވައި ތައްޔާރުކުރައްވައި، ކޮމެޓީއަކުން ފާސްކުރައްވައިފައިވާ ޚުޠުބާއެއް، އެއްވެސް ޚަޠީބަކު އަމިއްލަފުޅަށް ބަދަލުކުރެއްވުމަކީ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމެއްކަމަށް ދަންނަވައިލާ ހިތްވީއެވެ. އަދި ލިޔެގެން ޚުޠުބާ ހުށަހެޅުމަކީ އިސްލާމީ ބޮޑެތި ގައުމުތަކުގައި ވެސް އެ ކަން އޮންނަ ގޮތްކަމާއި، އެއީ ހަމައެކަނި ދިވެހިރާއްޖޭގައި ކުރާ ކަމެއްނޫންކަން ހަނދުމަފުޅުކޮށް އަރުވާން ބޭނުންވީ ވެސް މެއެވެ.

ބައެއް ލަފުޒުގެ މާނަ:

ޚަޠީބު        ނ.     (1) ޚުޠުބާ ހުށަހަޅާ މީހާ (2) އިމާމުވެ ހުކުރުކުރާ މީހާ

ނިހާއީ       ނއ.     ބަދަލުނުކުރެވޭ ގޮތަށް އެންމެ ފަހުން ނިމިފައިވާ

ޢާލިމު       ނ.      (1) ޢިލްމުވެރިޔާ  (2) ޢިލްމު ދަންނަ މީހާ

މުފުތީ        ނ.     ފަތުވާ ދޭ މީހާ  (މި ލަފުޒު ރަދީފަކުން ނުފެނުނު)

ފަޟީޙަތް     ނ.      (1) ބޭޒާރު (2) ބަދުނާމު

ސިޔާގު      ނ.     ލަފުޒެއްގެ ނުވަތަ ޢިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ޙާލަތު

ސިޔާސިއްޔަތު  ނ.     ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ހުކޫމަތާއި އޭގެ ބާރުވެރިކަމާ ގުޅޭ ހަރަކާތްތައް.  މި ނަން ބޮޑަށް ބޭނުންކުރެވެނީ ހިންގުމުގެ ދާއިރާގެ ބާރު ހޯދުމަށް ޓަކައި ހިންގާ އެކިއެކި ޙަރަކާތްތަކާއި ކުރެވޭ ބަހުސްތަކުގެ ދާއިރާގައެވެ.

Advertisement

ކޮމެންޓް