ނަވުގެ ދަތުރުވެރީން....... ދެވަނަ ޙަޔާތުގެ ފެށުން (1)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
އާދަމުގެފާނަށް ފަހު މި ބިންމަތީގައި ދެވަނަ ފަހަރަށް ޙަޔާތް ފެށި އީމާންކަމުގެ މުޖްތަމަޢާ އެކު، ވަގުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ! މި ޖަމާޢަތުގެ މަދު މީސްކޮޅު ބިރުވެރި ބިޔަ ޠޫފާނުން ސަލާމަތްކުރެއްވި އިރު، ކާފިރުވި މީހުންގެ ބޮޑު ޖަމާޢަތް ޣަރަޤުވެގެން ހަލާކުވެގެން ދިޔައެވެ.
މިއީ އަޖައިބުވަނިވި ނަވެކެވެ. ނައު ބަނދެފައިވަނީ ގޮޑުދޮށާ މޫދާ ދުރުގައި ސަހަރާ ތެރޭގައެވެ. މިއީ އެންމެ ފުރަތަމަ އަޑިންދާބޯޓު ކަމަށް ވެސް ބައެއް ދާރިސުން ސިފަކުރައްވައެވެ. ސާބިތުކަމާއި ތަވާޒުނުކަމާއެކު ބިޔަ ރާޅުތަކުގެ ތެރޭގައި މި އުޅަނދު ދަތުރުކުރިއިރު އުޑުން ހޯސްލައިފައި ވާރޭ ވެހެމުންދިޔައެވެ. ބިމުން އާރުއާރަށް ފެން އަރަމުން ދިޔައެވެ. މި އޮޑީގެ މޭސްތިރިއަކީ ﷲގެ ރަސޫލާ ނޫޙުގެފާނެވެ. އެކަލޭގެފާނު ނައުކޮޅު ބެންނެވީ ﷲގެ އިރްޝާދާ އެއް ގޮތްވާ ގޮތުގެ މަތީންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ﴿١١﴾ وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ﴿١٢﴾ وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ﴿١٣﴾ تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ﴿١٤﴾ [1] - ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުން އެރި ފެން) ބައްދަލުވިއެވެ. އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގަތުމާ އެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.))
އާދަމު عليه السلامއަށް މާތް ﷲ އުނގަންނައިދެއްވި ޚާލިޞް ތައުޙީދާއި ﷲގެ ދީން އެކަލޭގެފާނު އެކަލޭގެފާނުންގެ ބޭފުޅުންނަށް އުނގަންނައިދެއްވިއެވެ. މި ތައުޙީދާއި ދީން އާދަމުގެދަރީން އެއް ޖީލުން އަނެއް ޖީލަށް ނަޤުލުކުރަމުން ދިޔައެވެ. ދެން ޝައިޠާނާގެ ވަސްވާސްތަކާއި މަގުފުރެއްދުންތަކުގެ ސަބަބުންނާއި ޢިލްމާ ދުރުހެލިވުމުގެ ސަބަބުން ﷲ ތަޢާލާއަށް ޝަރީކުކުރާން ފަށައިފިއެވެ. އެ މީހުންގެ ތެރެއިން މަރުވި ހެޔޮލަފާ ޞާލިޙުންގެ ބުދުތައް ހަދައި އެ އެއްޗެއްސަށާއި އެމީހުންގެ ޤަބުރުތަކަށް އަޅުކަންކުރާން ފަށައިފިއެވެ. އެ ހިނދު މާތް ﷲ އެ މީހުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ނޫޙުގެފާނު ފޮނުއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا[2] - އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!)) މި އާޔަތުގެ ތަފުސީރާ ބެހޭ ގޮތުން އަލްބުޚާރީ ރިވާކުރައްވައިފައިވާ ގޮތުގައި މި މީހުންނަކީ ނޫޙުގެފާނުގެ ޤައުމުގެ ޞާލިޙު މީހުންތަކެކެވެ. އެމީހުން މަރުވުމުން ޝައިޠާނާ އެ މީހުންގެ ހަނދާން ދެމެހެއްޓުމަށް ޓަކައި އެމީހުންގެ ބުދުތައް ހެދުމަށް ވަސްވާސްދީ ހެއްލުންތެރިކުރީއެވެ. އެއަށް ފަހު އައި ޖީލުތައް މި ބުދުތަކަށް އަޅުކަންކުރާން ފެށީއެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނު ވިދާޅުވާ ގޮތުގައި ޢަރަބީން ވެސް މި ބުދުތަކަށް އަޅުކަންކުރިއެވެ.
ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި ގެންގުޅުއްވީ ވަރަށް ޚާއްޞަ އިސްތިރާޖެކެވެ. އެއީ އާދަޔާޚިލާފު ނާދިރު ތަރީގާއެކެވެ. އެކަލޭގެފާނުގެ މަންހަޖުގައި ހިމެނޭ މުހިންމު ނުކުތާތަކަކީ:-
• މަޑުމައިތިރި ރިވެތި ބަސްފުޅާއި ފަސޭހަ ސާފު ޢިބާރާތްތަކުން ދީނަށް ގޮވައިލެއްވުމާއި އެމީހުންގެ ހުތުރު ބަސްތަކަށާއި އެއްޗެހި ގޮވުމަށާއި ގޯނާކުރުންތަކަށް ރައްދުނުދެއްވުން: މާތް ﷲ ވަޙީ ކުރެއްވިއެވެ. (( قَالَ يَٰقَوْمِ لَيْسَ بِى ضَلَٰلَةٌ وَلَٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ ﴿٦١﴾ أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ[3] - އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ. އަހުރެންގެ ވެރިރަސްކަލާނގެ رسولކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحةތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّهގެ حضرة ން އަހުރެންނަށް އެނގެއެވެ. ތިޔަބައިމީހުންނަށް إنذارކުރެއްވުމަށާއި، ތިޔަބައިމީހުން تقوىވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمةލައްވައިތޯ، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށް ޓަކައި، ތިޔަބައިމީހުން حيرانވީހެއްޔެވެ؟ ))
•ދީނަށް ގޮވައިލެއްވުމުގައި ގެންގުޅުއްވި އުސްލޫބުގެ ސިންދަފާތުކަން: މި އުސްލޫބު ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا ﴿٥﴾ فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا ﴿٦﴾ وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا ﴿٧﴾ ثُمَّ إِنِّى دَعَوْتُهُمْ جِهَارًا ﴿٨﴾ ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا ﴿٩﴾ فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾[4]- އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. (5) ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) (6) އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. (7) ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. (8) ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ. (9) ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.))
• އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދީފި ނަމަ މާތް ﷲ އެބައިމީހުންގެ ފާފަފުއްސަވާދެއްވާނެކަމާއި މާތްﷲ އެމީހުންގެ ޢުމުރު ދިގުކުރައްވާނޭ ކަން ބަޔާންކޮށްދެއްވައި އެ ކަންކަމަށް ޝައުޤުވެރިކުރެއްވުމާއި އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަނުދީފިނަމަ އަތުވެދާނެ އިލާހީ ޢަޒާބު ހަނދާންކޮށްދެއްވައި އިންޒާރުކުރެެއްވުން: މި ކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ ﴿٢﴾ أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ ﴿٣﴾ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ [5]- އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެން ހުރި إنذار ކުރާ މީހަކީމެވެ. (2) (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (3) (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.))
• އެބައިމީހުން ޝަރީކުކުރުމާ ދުރުހެލިވެ ﷲއަށް ތައުބާވެ އެކަލާނގެ މަގަށް އެނބުރި އަތުވެއްޖެނަމަ މާތްﷲ ވާރޭވެއްސަވައި އެމީހުން ތިޔާގެކުރައްވައި އެމީހުންގެ ޙަޔާތް ބާއްޖަވެރިކުރައްވާނެ ކަމުގެ ހެޔޮ ޚަބަރުދެއްވުން: ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾ [6] - ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ކޯރުތައްވެސް ލައްވާނެތެވެ.))
• ވާހަކަދައްކައިގެން ވިސްނައިދިނުމުގެ އުސްލޫބަށް ތަބާވެވަޑައިގަތުން: މާތް ﷲ ވަޙީކުރެއްވިއެވެ. ((كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ ﴿١٠٥﴾ إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ ﴿١٠٦﴾ إِنِّى لَكُمْ رَسُولٌ أَمِينٌ ﴿١٠٧﴾ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴿١٠٨﴾ وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ ﴿١٠٩﴾ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴿١١٠﴾ ۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ ﴿١١١﴾قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ ﴿١١٢﴾ إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ ﴿١١٣﴾ وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ ﴿١١٤﴾ إِنْ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ﴿١١٥﴾ قَالُوا۟ لَئِن لَّمْ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ ﴿١١٦﴾ قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ ﴿١١٧﴾ فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ[7] - نوح ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. (105) (އެއީ) އެއުރެންނަށް އެއުރެންގެ أخ، نوح ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ (106) ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. (107) ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! (108) އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ. (109) ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! (110) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟ (111) އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ (112) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. (113) އަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (114) بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. (115) އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ. (116) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قوم ގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ. (117) ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصاف ކުރައްވައި، މި އަޅާއާއި، މި އަޅާއާ އެކުގައިވާ مؤمنތަކުން ސަލާމަތް ކުރައްވާނދޭވެ!))
(ނުނިމޭ)
__________________________________________
ނާދިރު ނ. (1) ވުން މަދު. (2) ފެންނަލެއް މަދު. (3) ތަދު.
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.
އުސްލޫބު ނ. ވާހަކަދެއްކުންތެރިކަމާއި ލިޔުންތެރިކަމުގައި ހުންނަ ޚާއްޞަ ގޮތްތައް ނުވަތަ ފާޑުވެރިކަން.
މަންހަޖު ނ. އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް.
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.
ތަރީގާ ނ. (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.
ސިންދަފާތު ނ. އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.
[1] - القمر : 11-14
[2] - نوح : 23
[3] - الأعراف -60- 63
[4] - نوح : 5-10
[5] - نوح : 2-4
[6] - نوح - 10- 12
[7] - الشعراء : 105- 117