ދިވެހީންގެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ
ފަރަގު މީޑިއާ
ދިވެހިރާއްޖޭގެ މާލީ ތަޖުރިބާކާރެއްކަމުގައިވާ އަދި އެ ދާއިރާގެ ދަންނުވެރިއެއްކަމުގައިވާ މުޙަންމަދު ޝަރީފު، ބޭންކު އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކަޓިވް އޮފިސަރ (ސީއީއޯ)ކަމާ މިއަދުން ފެށިގެން ޙަވާލުވެވަޑައިގަންނަވާކަމީ މާލީ ދާއިރާއިން ރާއްޖެއަށް ޙާޞިލުކުރެވުނު އަރުތައެއްކަމަށް ދެންނެވިދާނެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ބީއެމްއެލްއިން ވެސް ވަނީ ހާމަކުރައްވައިފައެވެ. މި ކަމުން އެނގެނީ ދިވެހި ސީއީއޯއަކު ބޭންކަށް ހަމަޖެއްސެވުމުގެ ލަނޑުދަނޑިއެއް އެ ބޭންކުން މާ ކުރީން ވެސް ކަނޑައަޅުއްވައިފައިވާކަމެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދިވެއްސަކު މި މަގާމު ފުރުއްވާ ފުރަތަމަ ފަހަރެވެ. މި ކަމުން އަންގައިދެނީ ދިވެހީންގެ ތެރޭގައި ވެސް ޤާބިލު ހުނަރު ވެރި ތަޖުރިބާކާރުން މާލީ ދާއިރާގައި ވެސް މިހާރު އެބަ ތިއްބެވިކަމެވެ.
މުޙަންމަދު ޝަރީފު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން މާސްޓަރސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝްން (ޑިގްރީ) ހާސިލްކުރައްވާފައެވެ. މީގެ އިތުރަށް ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯއިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް"ވެސް އެނާ ވަނީ ފުރިހަމަކުރައްވައިފައެވެ. އެހެންކަމުން މާލީ މި ފަދަ އިދާރާއެއް ހިންގުމުގެ ޢިލްމު ޝަރީފަށް ލިބިވަޑައިގެންފައިވާކަން ކަށަވަރެވެ. ދެން އޮތީ ތަޖުރިބާއެވެ. ތަޖުރިބާއަށް ބަލާ އިރު، ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި ބެންކުގެ ހިންގުމުގެ މަގާމުތަކާއި މާލީ މަޖްލިސްތަކުގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހިމެނެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި ޝަރީރު މަސައްކަތްކުރެއްވި މުއްދަތުގައި އެނާ ވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށް ޓަކައި ވަރަށް ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.
ބޭންކު އޮފް މޯލްޑިވްސްއަށް ހޯދިފައިވާ ހުރިހައި ކާމިޔާބީއެއްގައި ޝަރީފުގެ ވަރަށް ބޮޑު ހިއްސާއެއް އޮތްކަމަށް ގަބޫލުކުރާން ޖެހެއެވެ. މި ފަދަ ކާމިޔާބީތަކުގެ ތެރޭގައި ކޯ-ބޭންކިންގ ނިޒާމުތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ޚިދުމަތްތައް ސުމޭކުކުރުމަށް ޓަކައި ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް ބޭންކިންގއާއި މޮބައިލް ބޭންކިންގއާއި ސެލްފް ސަރވިސް ބޭންކިންގއާއި އީ-ކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުން ހިމެނެއެވެ. މި ހުރިހައި މަސައްކަތްތަކެއްގައި މުޙަންމަދު ޝަރީފު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. މި ޚިދުމަތްތަކާ އެކު، ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރާން މަގުފަހިވިކަމަށް ބެންކު އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ. ބޭންކަށް ޚިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ އިސްތިރާޖު ހާސިލްކުރުމަށް ޓަކައި ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު ވެސް އަދާކުރައްވައިފައެވެ. އަދި ބޭންކުގެ މުހިންމު ޑިޕާޓްމަންތައްކަމަށްވާ އިސްލާމިކް ބޭންކިންގ، ފަންނިއްޔާތު، މަރުކޭޓުކުރުން، ރީޓެއިލް ބޭންކިންގ، އޮޕަރޭޝަންސް، މި ފަދަ ޑިޕާޓްމަންޓަތައް ހިންގެވުމުގައި ވެސް ޝަރީފު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެ އިތުރަށް މުޙަންމަދު ޝަރީފް ވަނީ އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމް ވެސް (2018 އިން 2020 އަށް) އަދާކުރައްވައިފައެވެ. ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު، ޝަރީފް ވަނީ އަމިއްލަ ދާއިރާތަކުގައި ހިންގުމުގެ އިސް މަގާމުތަކުގައްޔާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯކަމުގެ މަގާމާ މުޙަންމަދު ޝަރީފު މިއަދު ޙަވާލުވެވަޑައިގަތަސް އިއްޔެ ވަނީ އެ މަގާމަށް އޭނާ ޢައްޔަންކުރައްވައިފައިކަމަށް އެނގިފައިވެއެވެ. "ފަރަގު" އުންމީދުކުރަނީ ދިވެހި ބޭންކުން ދެން ދިވެހިވަންތަކަމާއި ދިވެހީންގެ ހައިބަތު ފެންނާނެކަމަށެވެ. ފަރަގު މީޑިއާއިން، އާ ސީއީއޯ މުޙަންމަދު ޝަރީފަށާއި ދިވެހިންގެ ބޭންކަށް އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ.
އަރުތަ ނ. (1) ކާމިޔާބީ. (2) ކަންކަން ފުދޭ ފުދުން
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.
މޭސްތިރި ނ. ކަންކަމުގެ ފާޑުވެރިކަން ހުންނަ މީހާ.
ނިޒާމު ނ. (1) ރޭވިފައިވާ ގޮތް. (2) ތަރުތީބު (3) އިންތިޒާމު.
ސުމޭކު ނ. (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައި ދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ. (4) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހައި މަޢުލޫމާތެއް ރައްކާކުރާ.