ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާގެ ތާއީދު
އަބާ މުޙަންމަދު
ސަރުކާރުގެ ކޮންމެ ނިންމުމަކަށް މީސްމީޑިއާގައި އާޑަކިޔުމަކީ އެއް ބަޔަކު ވަރަށް ފޯރިއާ އެކު ކުރާ ކަމެކެވެ. ކިތަންމެ ރަނގަޅު ފިޔަވަޅެއް ސަރުކާރުން އެޅުއްވިޔަސް ކޮންމެވެސް ގޮތަކުން އެ ކަމަށް ހަޖޫ ކިޔައި ހެދުމަކީ އެއް ބަޔަކު މުނިފޫހިފިލިވުމަށް ޓަކައި ކުރާ ކަމެކެވެ. މިއީ ދެރަ ކަމެކެވެ. ހެޔޮ ބަހެއް ބުނެވެން ނެތް ނަމަ، ހަނު ތިބޭން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން އަމުރުކުރައްވައިފައިވާކަން އަޅުގަނޑުމެން ދަންނާން އެބަ ޖެހެއެވެ.
އިލެކްޓްރޯނިކު ސިގިރޭޓް ނުވަތަ ވޭޕުކުރާ ސާމާނާއި ވޭޕުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުން ވިސްނުންތެރީން އެކަމާ އުފާކޮށް މަރުޙާބާ ދެންނެވިޔަސް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި އެ ފިޔަވަޅާ ގުޅިގެން އެއް ކަލަ ގުރޫޕުން މީސް މީޑިއާގައި ހަޖޫކިޔެވެ.
އެހެންނަމަވެސް އެންމެ ފަހުން ދިވެހި ސަރުކާރުގެ އެ ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް މަރުޙަބާދަންނަވައިފިއެވެ. ޑަބްލިޔުއެޗްއޯއިން މި ކަން ހާމަކުރައްވައިފައިވަނީ އެ ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ޚާއްސަ އޮފީހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެ އެ ޖަމުއިއްޔާއިން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ވޭޕު ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު އަދި ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕު ބޭނުންކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭން އެ ކަމަށް ޓަކައި އެޅުއްވި ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށެވެ. 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓު ބޭނުންކުރާކަމަށް ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން ކުރި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އީ-ސިނގިރޭޓާއި ދުންފަތް ހިމެނޭ ތަފާތު އާ ބާވަތްތައް މި ސަރަހައްދުގައި އިތުރުވަމުން ދާކަމަކީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ކަންބޮޑުވާ ކަމެއްކަމަށް ވެސް ޑަބްލިޔޫއެޗްއޯއިން ވިދާޅުވެއެވެ. ދުންފަތުގެ ހުރިހާ ބާވަތަކީ ވެސް އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ތަކެތިކަމަށާއި އޭގެ ސަބަބުން ކެންސަރާއި ހިތުގެ ބައްޔާއި ފުއްޕާމޭގެ ބަލިތަކާއި ހަކުރުބަލި ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަކަން ވެސް އެ ޖަމުއިއްޔާއިން ފާހަގަކުރައްވައެވެ.
މީސްމީޑިއާގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ކުރީން ވިދާލުވެފައި ވަނީ ވޭޕުކުރާން
ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް
އެތެރުކުރުން އަންނަ ނޮވެންބަރު މަހު 15ވަނަ ދުވަހުން ފެށިގެން މަނާކުރައްވާން
ނިންމަވައިފައިވާކަމަށެވެ. އަދި ރާއްޖޭގައި ވޭޕުކުރުމަށް ބޭނުންކުރާ ތަކެތި
ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު
ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ޓަކައި ކުރައްވާންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައިވާނޭކަމަށް ވެސް އެ މަނިކުފާނު
ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ
މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ނިންމެވުމަށް މަރުޙަބާދަންނަވައިފައެވެ.
މީގެ ތެރޭގައި ސިޔާސީ އިސް ފަރާތްތަކާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ތަޢުލީމީ
ދާއިރާގެ ބޭފުޅުން ހިމެނެއެވެ. އެންމެ ފަހުން އެ ނިންމެވުމަކީ ވަރަށް ރަނަގަޅު ނިންމެވުމެއްކަމަށް ބައްލަވައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވެސް މި ވަނީ ރައީސުލްޖުމުހޫރިއްޔާގެ އެ ނިންމެވުމަށް ޓަކައި ދިވެހިރާއްޖެއަށް މަރުޙަބާ ވިދާޅުވެފައެވެ.
ސަރުކާރުގެ ނިންމެވުންތަކަށް މީސްމީޑިއާގައި އާޑަކިޔާ ފަރާތްތަކަށް ޑަބްލިޔޫއެޗްއޯގެ މި ތާއީދާ އެކު، ހުއްޓުމެއް އަންނާނެކަމަށް ބެލެވެއެވެ.