Advertisement

އެމެރިކާ އޮތީ އިސްރާއީލުން އަތްދަށުލައިފައިތަ؟

29 Oct 2023 | 19:54
ފޮޓޯ: އަލްޖަޒީރާ

"ރޫސީވިލާތުން އިސްރާއީލު އަތްދަށުލައިފާނެހެއްޔެވެ؟" މިއީ މީސްމީޑިއާގެ އޮޅިއެއްގައި މީހަކު ކޮށްފައި އޮތް ސުވާލެކެވެ. އެ ސުވާލުގެ ޖަވާބު އެތައް ބަޔަކު ދިން އިރު، އަޅުގަނޑަށް އެ ތަނުން އެކަކު ފޮނުވި ޖަވާބު ވަރަށް ކަމުދިޔައެވެ.

އޭނާ ލިޔެފައިވެއެވެ. "އަހަރެމެން މިހާރު ވެސް އެކަން ކޮށްފީމެވެ." މާނައަކީ މިހާރު ވެސް އެ ވަނީ އަތްދަށުލައިފައެވެ. ތަފުސީލު ދެމުން އޭނާ ލިޔެފައިވެއެވެ. އިސްރާއިލުގެ 20 އިންސައްތައަކީ ރޫސީ ބަހުން ވާހަކަދައްކާ މީހުންނެވެ. އިސްރާއީލުގެ ގިނަ ބޮޑުވަޒީރުންނަކީ ރަޝިއާ (ނުވަތަ ރޫސީ ފަދުރާލުގެ) ބޭފުޅުންނެވެ. ނުވަތަ ފަރިތަފުޅުކަމާއެކު ރޫސީބަހުން ވާހަކަފުޅުދައްކަވާ ބޭފުޅުންނެވެ. ނޭޓިވް ލިއޭޒޯން ބިޔުރޯގެ ކުރީގެ ވެރިޔާ ޔައުގޫބު ކަދުމީއަކީ ވެސް ފަސާހަތްތެރިކަމާއެކު ރޫސީބަހުން ވާހަކަފުޅުދައްކަވާ ބޭފުޅެކެވެ. އޭނާއަކީ މިހާރު ރޫސީ ޓީވީގައި ވަރަށް ގިނައިން އެކި ޕްރޮގްރާމްތަކުގައި ވާހަކަދައްކާ މެހުމާނެކެވެ.

މީސްމީޑިއާގައި ސުވާލުގެ ޖަވާބު ދިން މީހާ ސަމާސާ ރާގަކަށް މި ވާހަކަދެއްކުމަށްފަހު، ދެން ލިޔެފައިވެއެވެ. ތިޔަ ތާކުންތާކު ނުޖެހޭ ސުވާލު އިނބަ ތިޔަ ކުރީ ސީރިއަސް ޖަވާބެއް ބޭނުންވެގެންކަމަށް ވާ ނަމަ، ޖަވާބަކީ 'ނޫނެކޭ'އެވެ. ތެދެކެވެ! ރޫސީވިލާތާއި އިސްރާއީލާ ދެމެދުގެ ގުޅުމަކީ ވަރަށް ޙައްސާސީ އަދި އެހާމެ މުއައްގަދު ގުޅުމެކެވެ. ނަމަވެސް އިސްރާއީލު ހިފާކަށް ދުވަހަކު ވެސް ރޫސީވިލާތަކުންނެއް ނޫޅޭނެއެވެ.

އަނެއްކޮޅުން މުޅި އެމެރިކާ އޮތީ އިސްރާއީލުން "ހިފައިފައެވެ." އެމެރިކާގެ މައްޗަށް ހިނގަނީ އިސްރާއީލްގެ ބާރެވެ. އިސްރާއީލާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރާން އުޅޭ ކޮންމެ ގަރާރެއް، ހައްގެއް ބާތިލެއް ބަލައިލުމެއް ނެތި، އެމެރިކާއިން ވީޓޯކުރެއެވެ. ނުހައްގުން ގަދަކަމުން ފަލަސްތީނު ބިމުގައި ގާއިމުކޮށްފައިވާ އިސްރާއީލޭ ކިޔާ ޓެރަރިސްޓު ދައުލަތުގެ ވަށައިގެން ހުރި ޢަރަބި ދައުލަތްތަކާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމުގެ މެދުވެރިއަކީ އެމެރިކާއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެނީ އިސްރާއީލަށެވެ. އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ދޭ ފައިސާގެ އެންމެ ބޮޑު ޢަދަދެއް ޚާއްޞަކޮށްފައި އޮންނަނީ އިސްރާޢީލަށެވެ. 2022ވަނަ އަހަރު ފެބްރުވަރީ މަހާ ހަމައަށް ކޮންމެ އަހަރަކު ހިލޭ އެހީގެ ގޮތުގައި 150 ބިލިއަން ޑޮލަރު އިސްރާއީލަށް ދެމުން ގެންދިޔައެވެ. 2022ގެ ފަހުން އެ ޢަދަދު ވަނީ އިތުރުކޮށްފައެވެ. 1999ގައި އެމެރިކާއިން އިސްރާއިލާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކޮންމެ އަހަރަކު 2.67 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިސްރާއީލަށް ފޯރުކޮށްދިނުމުގައި އެމެރިކާ ކަށަވެއްޗެވެ. ޖެހިގެންއައި ދިހަ އަހަރުގެ ތެރޭގައި، 2009ގައި ތިން ބިލިޔަނަށް މި ޢަދަދު އިތުރުކުރިއެވެ. އަދި 2019 ވަނަ އަހަރު މި ޢަދަދު އަނެއްކާ އިތުރުކުރެވުނެވެ. އެ ގޮތުން ކޮންމެ އަހަރަކު 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށް އެއްބަސްވެވުނެވެ.

އިސްރާއީލުން ކުރާ ކޮންމެ ހަނގުރާމައެއްގައި އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާގެ ހުރިހާ ބާރެއް ބޭނުންކުރުމަކީ އެ މީހުން ކަށަވަތިވެ ޖާމިނުވެފައިވާ ކަމެކެވެ. ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި ވެސް މިއަދު އިސްރާއީލުގެ ފަރާތުން ބަސްބުނާ ތަން ފެންނަނީ އެމެރިކާއެވެ. ހީވަނީ އެމެރިކާ އިސްވެ އޮވެ ކުރާ ކަމެއް ހެންނެވެ. އެ މީހުންގެ އަސްކަރީ އެންމެ ޒަމާނީ ހަތިޔާރުތަކާއި މަތީންދާބޯޓު އުފުލާ މަނަވަރުތަކާއި އެންމެއަގު ބޮޑެތި މިސައިލު އެ ވަނީ އެ ސަރަހައްދަށް ޖަމާކޮށްފައެވެ. ޢުދުވާނު ހުއްޓުމުގެ ބަދަލުގައި އެމެރިކާގެ އިތުރު ސިފައިން ފޮނުވާން ވަނީ ނިންމައިފައެވެ. އަދި ޙަމާސުން ހިފަހައްޓައިފައިވާ ގައިދީން ނުވަތަ އަސީރުން މިނިވަން ނުކުރާހައި ހިނދެއްގައި ފަލަޞްތީނަށް ދޭ ޢުދުވާނު (އެ މީހުން ކިޔާ ހަނގުރާމަ) ނުހުއްޓާނެކަމަށް ބުނަނީ ޚުދު އެމެރިކާއިންނެވެ.

ކުރު ގޮތަކަށް ދަންނަވާނަމަ، އިސްރާއީލަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމުގައި އެމެރިކާއިން ވަނީ ޖާމިނުވެފައެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އެމެރިކާގެ މީޑިއާ ކޮންޓްރޯލްކުރަނީ އެމެރިކާއިންނެވެ. ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ކޮންޓްރޯލު އޮތީ އިސްރާއީލަށެވެ. ބޭންކްތަކުގެ ކޮންޓްރޯލް އޮތީ ވެސް އެ މީހުންނަށެވެ. އިސްރާއީލަށް ތާއިދު ނުކުރައްވާ ބޭފުޅަކު ރިޔާސީ އިންތިޚާބަށް ހޮވުމަކީ ގާތްގަނޑަކަށް މުސްތަޙީލުކަމެކެވެ.

އެމެރިކާގެ އިސް މީހުންނަށް ކާވެނިކުރާން ވެސް އެންމެ ކަމުދަނީ އިސްރާއީލު ދަރިކޮޅު މީހުންނެވެ. މި ގޮތުން ރައީސް ޖޯ ބައިޑަންގެ ތިން ބޭފުޅުން ވެސް ކާވެނިފުޅުބައްލަވައިގެން އުޅުއްވަނީ އިސްރާއީލީންނާއެވެ. ވީމާ، ރޫސީން އިސްރާއީލް އަތްދަށުލައިފައިވާ މިންވަރަށް ވުރެ އެތައް ގުނައެއްގެ އިތުރަށް އެ އޮތް ކުޑަކުޑަ އިސްރާއީލުން އެ ވަނީ އެ އޮތް ބޮޑު އެމެރިކާ ވަރަށް ފުރިހަމައަށް "އަތްދަށުލައިފައެވެ." އެެމެރިކާއަކީ އިސްރާއީލާ ދެކޮޅަށް ޗުއްޕު ވެސް ބުނުމުގެ ކެރި ފޯރުންތެރިކަން ލިބިފައިވާ ގައުމެއް ނޫނެވެ. އެއީ ހަގީގަތުގައި ނިކަމެތި ގައުމެކެވެ. އެހާ ވެސް ބޮޑަށް އެ މީހުން އެ ވަނީ އެއޮތް ކުޑަކުޑަ އިސްރާއީލުގެ "އަތްދަށު ވެފައެވެ."

Advertisement

ކޮމެންޓް