Advertisement

އުންމީދު

13 Oct 2024 | 00:50
އުންމީދު

އަސްމާ އަބޫބަކުރު

އަހަރެން ކޮންމެ ދުވަހަކު ނިދައި ހޭލަނީ އިއްޔެއަށް ވުރެ މިއަދު ރަނގަޅުވާނެކަމަށް ގަބޫލުކޮށްގެންނެވެ. އެ އުންމީދުގައި ހުރެ އެތައް ކަމެއް ޙާސިލްވޭތޯ މަސައްކަތްކުރަމެވެ. އަހަރެންގެ އެންމެ ބޮޑު އުންމީދަކީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅު ރީހާން މޮޅު މީހަކަށް ހެދުމެވެ. ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. ރީހާންގެ ޢުމުރުން ތިން އަހަރުގައި އަހަރެންގެ އަންހެނުން ނިޔާވީ ވޭންގަދަ ބައްޔެއްގައި އުޅެފައެވެ. އެ ދުވަހު ވެސް އަންހެނުންގެ ވަސިއްޔަތަކީ ރީހާން ރަނގަޅަށް ބެލުމެވެ. އެ ކަން އަހަންނަށް ކުރެވިއްޖެއެވެ. މިއަދު ރީހާން އެ ހުރީ ކިޔަވައިގެން މޮޅު ކުއްޖަކަށްވެފައެވެ.

އެންމެ ފުރަތަމަ ސުކޫލަށް ގެންދިޔަ ދުވަހު ސުކޫލްގައި ނުހުންނަ އެސޮރު ހާދަހާ ވަރަކަށް ރުޔެވެ. އެއީ އަހަރެންގެ ހިތުން ދުވަހަކު ވެސް ހަނދާންނުނެތޭނެ އެއް ދުވަހެވެ. ސުކޫލް ރީތިވެފައި ކުޅޭ އެއްޗެހިތައް އޮތުމުން އެ ދައްކައިގެން ވެސް މަޑެއް ނުވިއެވެ. އެތައް ވާހަކައެއް ދެއްކުމުން ވެސް އަހަރެންގެ ދަރިފުޅު ރުއިން ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން އަހަރެންގެ ހިތަށް ކެތްނުވެގެން ރީހާން ގޮވައިގެން ގެއަށް އައީއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ސުކޫލަށް ދާން ބުނާ އިރަށް ރޯންފަށައެވެ. އެތައް ދުވަހަކު ނަސޭޙަތް ދޭން ޖެހުނެވެ. އެތައް އެއްޗެއް ގަނެދީގެން ނޫނީ ސުކޫލަށް ނުދެއެވެ.

"ރަޙްމާނުބޭ. ހަވީރު ސައިބޯން ނާންނާތީ މަންމަ ބުނެގެން ބަލައި މިއައީ." އަހަރެން ވިސްނުމުގައި އޮތުމުން ގަޑިން ވީ ވަރެއް ވެސް ނޭނގުނެވެ.

"ހިނގާ ދަމާ ދޯ" އަހަރެން ޒައިނާގެ ފަހަތުން އެ ގެއަށް ގޮސް ވަންަ އިރު މޭޒުމަތީ ސައިހަދައިފައި ހުއްޓެވެ. ޒައިނާގެ މަންމައަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އަހަރެން ހުރިހާ އިރަކު ކާން އަންނަނީ އެ ގެއަށެވެ. ނަސީބަކުން އަހަރެމެން ދެބޭންގެ ގެ އެހައި ދުރެއް ނޫނެވެ.

"ރީހާން ޚަބަރެއްވިތަ؟" ދައްތައަށް އަހަރެން ދޭނެ ޖަވާބެއް ނެތެވެ. ރީހާން ކިޔަވައި ނިމިގެން މާލެ ބަދަލުވީ ރަނގަޅު ވަޒީފާއެއް ހޯދާށެވެ. ކައިވެންޏަށް ފަހު ދެމަފިރިންނަށް ޚަރަދުކުރާން ގިނަ ފައިސާ ބޭނުންވާނެތީއާ އެކުގައެވެ. މާލެ ދިޔަކަމުގައި ވިއަސް ކޮންމެ ދުވަހަކު ގުޅާނެ ވާހަކަ ބުންޏެވެ. ހީވާ ގޮތުން ރީހާނަށް ނުގުޅިގެން އެ އުޅެނީ ކޮންމެ ވެސް ކަމެއް ދިމާވެގެންނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އަހަރެން ފޯނަށް އުންމީދުގެ ނަޒަރަކުން އެތައް ފަހަރަކު ބަލަމެވެ. އެއްވެސް ކޯލެއް ނާދެއެވެ. ގޭގައި އެކަނި އޮވެއޮވެ ފޫހިވެއްޖެއެވެ. ރީހާން މަތީން ހަނދާންވާން ފެށުމުން އަހަރެން ތެދުވެ ރަށުތެރޭގައި ހިނގައިލާން ނިކުމެއްޖައީމެވެ. ޢުމުރުން ފަސްދޮޅަސް ފަހެއްވުމުން އަހަރެން އެއްވެސް ވަޒީފާއަކަށް ނުދަމެވެ. ހޮޅުއަށްޓަށް ގޮސް އިށީނދެލުމާއެކު އަހަރެން ދަންނަ އެތައް ބަޔަކު ތިއްބެވެ. އަހަރެން ފެނުމާ އެކު ކޮންމެ މީހަކު ވެސް ކުރާ ސުވާލަކީ ރީހާން ޚަބަރެއް ނުވޭހެއްޔެވެ؟

އަހަރެން ކަންބޮޑުވެ ހިތްނުތަނަވަސް ވާން ފަށައިފިއެވެ. އަނެއްކާ މަގޭ ރީހާނަށް ކަމެއްވީބާއެވެ. އޭނާގެ މަޢުލޫމާތު އެނގޭ މީހަކު ވެސް ނެތެވެ. އުންމީދުގެ ކުޑަ މިންވަރެއްގައި ނަމަވެސް އަހަރެން އިންތިޒާރު މި ކުރަނީ ރީހާންގެ ފޯންކޯލަކަށެވެ. ކޮންމެ ދުވަހަކު ވެސް ހަވީރު އަހަރެން ދަނީ އަތިރިމައްޗަށެވެ. އެތާ އިށީނދެ އިނދެލައިފައި އިރު އޮއްސުމުން ގެއަށް އަންނަނީއެވެ. އަހަރެންގެ މުޅި ސިކުނޑި ފުރިފައިވަނީ މަގޭ ރީހާން ޚަބަރެއް ނުވާތީ ވިސްނުމުގައެވެ.

އެރޭ ނިދަން އޮށޯތުމާއެކު އަހަރެންގެ ވިސްނުން ދަތުރުކުރީ އެކި މުނާސަބަތުތަކުގައި ރީހާން ބުނެގެން ހޯދައިދޭ ހެދުންތަކަށެވެ. ރަށުގައި ހުރި އެންމެ އަގުބޮޑު ފިހާރައިގައި ހުންނަ ހެދުން މަގޭ ދަރިއަށް ގަނެދީފައި އަހަރެން ކިތަންމެ ފަހަރަކު ޢީދު ރޯދައަށް ގަމީހެއްގެ ވަރު ނުގަނެ ހުންނަމެވެ. އޭނާއަށް މީރު އެތައް ކާއެއްޗެއް ރެސްޓޯރުތަކުން ގަނެދެމެވެ. އެ ރޭ ވެސް ނިދުނީ ރީހާންގެ ޚިޔާލުގައި އޮއްވައެވެ. ހުވަފެނުގައި ވެސް ފެންނަނީ އެ ސޮރު މަޖާވެގެން ގޭތެރޭގައި ދުވާ މަންޒަރެވެ. ސިއްސައިގެން ގޮސް ހޭލެވުނު އިރު ފަތިސްނަމާދު ބަންގި ގޮވަނީއެވެ.

އުންމީދު ފުރާޅުގެ ދަށުގައި ރީހާން ފުރައިގެން ދިޔަ ފަހުން އެތައް ދުވަހެއް ވޭތުކުރެވިއްޖެއެވެ. އެ ސޮރުގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ދިޔައީ ފޯން ހަދައިދޭތަނަކަށެވެ.

"ކޮއްކޯ. މި ފޯން ބަލައިލަދީބަލަ. މި ފޯނަކަށް އެއްވެސް ކޯލެއް ނާދޭ. މި އޮތީ ހަލާކުވެފައި. އަހަރެންގެ ރީހާން ކޮންމެ ދުވަހަކު ގުޅާނެ. މި ފޯނަށް ނުގުޅިގެން އެ ސޮރު ވަރަށް ކަންބޮޑުވާނެ." އަހަރެން ފޯން ދީފައި ކައުންޓަރު ކައިރީގައި ހުރި ގޮނޑިގައި އިށީނުމަށް އެތާ ތިބި މުވައްޒަފުން ބުނުމުން އިށީނީމެވެ.

"ބޭބޭ. މި ފޯނުގެ އެއްވެސް މައްސަލައެއް ނެތް." އެ ތަނުގެ މުވައްޒަފަކު ބުންޏެވެ.

"ދެން ކީއްވެ ފޯން ނާންނަނީ. ރިންގު ނުވަނީ." އަހަންނަށް އެކަން އަރަތަކަށް ވެއްޖެއެވެ. މިހާރު ކިހައި ދުވަހެއް ވެއްޖެހެއްޔެވެ؟ ރީހާނެއް ނުގުޅައެވެ. ފޯނު މައްސަލަ ނުޖެހޭ ނަމަ މި ފޯނަށް ކޯލް އަންނަންވާނެ ނޫންހެއްޔެވެ؟

"ބޭބެ ނަންބަރުކިޔާ. އަހަރެން ތި ފޯނަށް ގުޅާނަން." އެ ތަނުގައި ހުރި ކުއްޖާ ފޯން ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ.

އަހަރެން ގެއަށްގޮސް ވަނުމާއެކު ފޯން ރިންގުވާން ފަށައިފިއެވެ. ވަގުތުން އަހަރެންގެ ހިތް ބުންޏެވެ. އެ ވާނީ ރީހާންގެ ކޯލަކަށެވެ.

"ހަލޯ. ބައްޕާ ކިހިނެއް ބައްޕަގެ ޙާލު. ބައްޕަ ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ. ހާދަ ގުޅައިފީމޭ. ތި ފޯނަކަށް ނުއެއް ގުޅޭ."

"ދަރިފުޅާ. ރީހާން. އަހަރެން ދެންމެ މިއައީ ފޯން ހަދާތަނަކަށް ގޮސް ފޯން ރަނގަޅު ކޮށްގެން. ދެ މަސް ދުވަސް މިވީ ފޯން މިހެން އޮންނަތާ. އޭރު ވެސް އަހަރެންގެ ހިތްބުނޭ ކޮންމެ ދުވަހަކު ދަރިފުޅު ގުޅާނެކަން. ފޯން ހަދާ ތަނުން ބުނީ ފޯން ހަލާކެއްނުވޭ. އެތާ ތިބި ކުދީން އަތްލުމާއެކު މި އޮތީ ފޯން ރަނގަޅުވެފައި." ރަޙްމާނުބޭ ވީ އުފަލުން މޭގަ އަތްއަޅައިގެން އިނދެ ވާހަކަދައްކަމުން ގެންދިޔައެވެ.

"ދަރިފުޅު އަޑަށް ކިހިނެއްވީ. އަޑު ހާދަބޮޑަކަށް ބަދަލުވެފައޭ ތިހުރީ."

"މި އުޅެނީ ކުޑަކޮށް ކަރުގައި ރިއްސާތީ. މި ކޮޅަށް އައިސް ވަޒީފާއެއް ހޯދުމުގައި ދުވާލު ހަތަރުދަމު މިއުޅެނީ. ވަރަށް އަވަހަށް ވަޒީފާއެއް ވެސް ހަމަޖެހޭނެހެން ހީވަނީ. ބައްޕާ! މާދަން ގުޅާނަން. މިވަގުތު ފޯން ބާއްވަނީ."

"އާނ ދަރިފުޅާ. ދަރިފުޅު އަންހެނުންނަށް ސަލާމް ބުނާތި. އަހަރެންގެ ރީހާން އަބަދު ވެސް އަހަރެންދެކެ ލޯބިވާނެ." އަހަރެން ފޯނުބާއްވަމުން ބުނެވުނެވެ. ފޯން ފިހާރައިގައި އިން ޢާމިރުގެ ހިތް ރޮއްވައިލީ ވެސް އެ ޖުމްލައެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވާ ޢާމިރު ހިތުގައި އެ ބައްޕައަށް ޓަކައި ކުލުނާއި ހަމްދަރުދީ އުފެދުނީއެވެ. ޢާމިރަށް އެ ކުރެވުނީ ގޯސްކަމެއް ކަމެއް އަދި ރަނގަޅު ކަމެއްކަމެއް ވެސް ނޭނގެއެވެ. އެހެންނަމަވެސް ދަރިޔަކަށް ޓަކައި މުޅި ޙަޔާތް ގުރުބާންކުރި އެ ބައްޕަ މުސްކުޅިވި ދުވަހު ލޯބީން ބޮޑުކުރި ދަރިފުޅު އެ ދިޔައީ ނިކަމެތި ބައްޕައަށް އެތައް އުންމީދެއް ދައްކައިފައެވެ. އެ ހުވަފެންތަކުގައި މުސްކުޅި ބައްޕަ ހުރެގެން ހަފުސްވަމުން ދަނީއެވެ. އެންމެ ކުޑަމިނުން ބައްޕަގެ ޙާލު ބަލައިލާން ވެސް ހަނދުމައެއް ނެތެވެ.

ނިމުމެއް ނެތް މާޔޫސްކަމުގައި މީހަކު ގެއްލި ދިޔަކަމުގައިވިއަސް، ނިމުމެއް ނެތް އުންމީދެއް ގެއްލިނުދާނެއެވެ. ރީހާން ކޮންމެ ދުވަހަކު އަހަންނަށް ގުޅައިފައި ބައްޕަ ކައިރިއަށް ދުވަސްކޮޅަކަށް އަދި ދާނެ ވާހަކަ ބުނެއެވެ. އެ އުންމީދުގައި އަހަރެން ދުވަސްތައް ގުނަމުން ގެންދިޔައިމެވެ. ރީހާން ފުރައިގެން ދިޔަ ފަހުން އަހަރެއްހައި ދުވަސް ފާއިތުވެއްޖެއެވެ. އަހަރެން ރިހާން ދެކިލާ ހިތުން ހުންނަނީ ކެތްމަދުވެފައެވެ. ރީހާންގެ މަންމައަކީ ވެސް ބައްޕައަކީ ވެސް އަހަންނެވެ. އަހަރެންގެ ދަރިފުޅު ބޭނުންވި އެންމެ ކަމެއް ވެސް ނުވެފައެއް ނޯންނާނެއެވެ. އެ ވަރަށް އަހަރެންގެ ދަރިފުޅަށް ޓަކައި ޤުރުބާންވީމެވެ.

ހުކުރު ދުވަހު އެގާރަ ޖަހާކަށް ހާއިރެވެ. އަހަރެން ހުރީ ދަތްއުނގުޅާށެވެ. އަދިވެސް އަހަރެން އުޅެނީ އެންމެ ކުރީ ޒަމާނުގައި އަހަރެން ކުޑައިރު ވެސް އުޅުނު ގޮތަށެވެ. ދަތްއުނގުޅާން ބޭނުންވަނީ ވެލީންނެވެ. އަތަށް ވެލިމުށެއް އަޅައިގެން ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ދަތްއުނގުޅަން އިންދައި ސަލާމްގޮވާލި އަޑުއިވުނެވެ. އަހަރެން އަނގައާއި އަތް ދޮވެލައިގެން ގެއާދިމާއަށް ދިޔައިރު ކުރިމަތީގައި ހުރީ އަހަރެންގެ ރީހާނެވެ. އުފަލުން ގޮސް އަހަންނަށް ރޮވުނުކަން ވެސް ނޭނގއެވެ. އަހަންނަށް ދަރިފުޅުގައިގައި ބައްދައިގަނެވުނެވެ. ރީހާން ހުންނަނީ ފާޑަކަށް އިސްޖެހިފައެވެ.

"ކިހިނެއްވީ؟ މީހަކު މަގޭ ދަރިޔަށް އެއްޗެކޭ ބުނީތަ؟ އަހަރެން ކިތަންމެ މުސްކުޅިއަސް މަތިހަށިނަގާފައި ބުނެވުނެވެ. އަހަރެންގެ ރީހާން ދެރަވެފައި ހުންނަތަން ބަލާކަށް މި ހިތަށް ކުޅަދާނައެއް ނުވާނެއެވެ.

"މަޢާފުކުރޭ ބައްޕާ. އަހަރެން އަހަރެން" ރީހާނަށް ރޮވިއްޖެއެވެ. ރަޙްމާނުބޭ ހުރީ ވާނުވާގައެވެ. އެންމެ ފަހުން ޢާމިރު މާލެގޮސް ރީހާން ހޯދި ގޮތާއި ކޮންމެ ދުވަހަކު ޢާމިރު ރީހާނަށް ވެގެން ބައްޕައަށް ޓަކައި ވީ ގުރުބާނީގެ ވާހަކަ ރީހާންގެ ދުލުން ކިޔައިދިނެވެ. އަހަންނަށް ފުރަތަމަ އެ ވާހަކަތައް ގަބޫލުކުރާން ދަތިވިއެވެ. އެކަމަކު ޢާމިރުގެ ސަބަބުން އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަމުގެ މަތީން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ.

"މިއަދު އަހަރެންގެ ހުރީ އެންމެ ފިރިހެން ދަރިއެއް ނޫން. ދެ ދަރީން." އަހަރެން ބުނީމެވެ. ޢާމިރު އައިސް އަހަރެންގެ އަތު ތެރެއަށް ވަނެވެ. އޭރު ވެސް އޭނާ ހުރީ ފެންކަލިވެފައެވެ. މިއަދު އަހަރެންގެ އުންމީދު ފުރިހަމަ ވެއްޖެއެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް