ފަތުރުވެރީންނަށް އެންމެ މަގުބޫލު 20 ގައުމުގެ ތެރޭގައި ހިމެނޭ ދެކުނުއިރުމަތީ އޭޝިޔާގެ ދެ ޤައުމަކީ، ހަމައެކަނި ތައިލެންޑާއި ވިއެޓްނާމެވެ.
އިބްނަތު ޢަލިމަނިކު
ފަތުރުވެރިން ދަތުރުކުރާ، އެންމެ މަގުބޫލު، 20 ޤައުމުގެ ތެރޭގައި ހިމެނޭ، ދެކުނުއިރުމަތީ އޭޝިޔާގެ ހަމަ އެކަނި، ދެ ޤައުމުގެ ގޮތުގައި ތައިލެންޑާއި ވިއެޓްނާމް "ކޮންޑޭ ނާސްޓް ޓްރެވަލާރސް" ލިސްޓްގައި ހިމެނިއްޖެކަމަށް ފަތުވެރިކަމުގެ މަޖައްލާއެއްކަމަށްވާ "އީވީއެން އެކްޕްރެސް"އިން ހާމަކޮށްފިއެވެ.
92.09 ޕޮއިންޓު ހޯދައިގެން މި ލިސްޓުގެ ހަވަނައިގައި ތައިލެންޑަ އޮތް އިރު ވިއެޓްނާމް ވަނީ ވަރަށް ކައިރީން 91.91 ޕޮއިންޓް ލިބިގެން ލިސްޓުގެ ހަތްވަނައިގައެވެ. މިއީ "ރީޑަރސް ޗޮއިސް" އަހަރީ އިނާމު ސާވޭގައި ބައިވެރިވި 575000 ފަތުރުވެރީންގެ ތަޖުރިބާގެ މައްޗަށް ރިޢާޔަތްކޮށް އެ މީހުން ދީފައިވާ ޕޮއިންޓުން ދެއްކި ނަތީޖާއެކެވެ.
މި ދިރާސާގައި ބައިވެރިވި ކިޔުންތެރީންގެ ކިބައިން އެދިފައިވަނީ އެ މީހުން ދަތުރުކުރި ގައުމުތަކުގެ ސަގާފަތާއި ވައްޓަފާޅިއާއި ޝައުޤުވެރިކުރުވަނިވި ކަންތައްތަކާއި ޖުމުލަ ގޮތެއްގައި މުޅި ދަތުރުގެ ތަޖުރިބާއަށް ބަލައިގެން ޕޮއިންޓު ދޭށެވެ. މި ގޮތުގެ މަތީން ފަތުރުވެރީން އެ މީހުން ދަތުރުކުރި ސިޓީތަކާއި ޖަޒީރާތަކާއި ހޮޓާތަކާއި ރިސޯޓުތަކާއި ސަފާރީ އުޅަނދުތަކާއި ސުޕާތަކާއި މަތީންދާބޯޓުގެ ތަޖުރިބާ ވެސް ޙިއްސާކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ގައުމުގެ ގޮތުގައި މި ފަހަރު ލިސްޓުގެ އެއްވަނައިން ޖަޕާނު ޖާގަ ހޯދައިފައިވާ އިރު، މިއީ މި މަގާމު ޖަޕާނުން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. މި ލިސްޓުގައި ޕޯޗުގަލާއި ތުރުކިޔޭއާއި އިޓަލީވިލާތާއި ސްޕޭނު ވެސް ގަދަ ފަހެއްގައި ހިމެނެއެވެ. ނިއުޒީލޭންޑާއި އައިސްލެންޑާއި، ގްރީސް ހިމެނެނީ ގަދަ 10ގައެވެ.
ދުނިޔޭގެ އެންމެ މަގުބޫލް ރިސޯޓްތަކާއި ހޮޓާތަކާއި އަދި އެންމެ މަގުބޫލު މަންޒިލްތައް ފާހަގަކޮށް ކޮންމެ އަހަރަކު ވެސް "ކޮންޑޭ ނާސްޓް ޓްރެވަލާރސް"ގެފަރާތުން ޝަރަފްގެ އެވޯޑެއްދެއެވެ.
މި އަހަރު މިހާ ތަނަށް ތައިލެންޑައް ގާތްގަނޑަކައް 27 މިލިޔަން ފަތުރުވެރިން ދަތުރުކުރިއެވެ. ފަތުރުވެރިން ކުރި ދަތުރުގެ އަދަދު ކުރީއަހަރުތަކާ އަޅައި ބަލާ އިރު މިއަހަރު ވަނީ %30 އިތުރުވެފައެވެ.
މި އަހަރު ޖެނުވަރީ އާއި ސެޕްޓެމްބަރު މަހާ ދެމެދު ވިއެޓްނާމަށް ގާތްގަނޑަކައް 12.7 މިލިއަން ފަތުރުވެރީން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާ އިރު، އާދަޔާޚިލާފު ކުރިއެރުމެކެވެ.
ވިއެޓްނާމަކީ ދިވެހީންނަށް އެހައި މަގުބޫލު މަންޒިލަކަށް ނުވިޔަސް ތައިލޭންޑަކީ ދިވެހީން ވެސް ވަރަށް ގިނައިން ދަތުރުކުރާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. ވިޔަފާރިއާއި ޞިއްޙީ ޚިދުމަތް ލިބިގަތުމަށާއި ޗުއްޓީ ހޭދަކޮށްލާން ވެސް މިހާރު ދިވެހީން ތައިލެންޑަށް ޒިޔާރަތްކުރެއެވެ. ނަމަވެސް ވިއެޓްނާމަކީ ވެސް ހަމަ ތައްިލެންޑަ ކަހަލަ ސަގާފަތެއް އޮންނަ ގައުމެއްކަމެއް އަދި ދިވެހީންނަށް ފާހަގަކުރެވިފައެއް ނެތެވެ.
_________________________________