ފަސް ސަތޭކަ ޑޮލަރަށް ޒުވާން އަންހެންކުދީން ވަގުތީ ކާވެނިކުރަނީ
އަބާ މުޙަންމަދު
އިސްލާމް ދީނުގައި ވަގުތީ (މުޠުޢާ) ކަވެންޏަކީ ހުއްދަ ކާވެންޏެއް ނޫނެވެ. ނަމަވެސް އިންޑޮނޭޝިއާގެ ފަގީރު އަވަށްތަކުގައި އެ އަވަށްއަވަށަށް ޒިޔާރަތްކުރާ ފިރިހެން ފަތުރުވެރީންނާ ވަގުތީ ކާވެނިކުރުމަކީ ވަރަށް އާންމު ކަމަކަށް ވެއްޖެއެވެ. "ސައުތު ޗައިނާ މޯނިންގ ޕޯސްޓް" (ނޫހު)ގައި ވާ ގޮތުން ހުޅަނގު އިންޑޮނޭޝިއާގެ ޕުންޗާ (Puncak) އަވަށަކީ މި ކަމަށް ޓަކައި މެދުއިރުމަތީގެ ފަތުރުވެރީންނަށް ވަރަށް މަގުބޫލު މަންޒިލެކެވެ. މި ފަދަ ކާވެނިތައް އިންތިޒާމުކޮށްދިނުމަށް ޓަކައި އެކި އެޖެންސީތައް ހަދައިފައި ހުރެއެވެ. މި އެޖެންސީތަކުން ފިރިހެން ފަތުރުވެރީންނާއި އެ އަވަށުގެ އަންހެންކުދީންނާ ކާވެނިކުރުމުގެ ހުރިހައި އިންތިޒާމުތަކެއް ކޮށްދެއެވެ.
މި ގޮތުންކުރެވޭ ކާވެންޏަށް ފަހު ފިރިމީހާ ދަތުރު ނިންމައި ކާވެނި ރޫޅާއިލަންދެން، ގޭތެރޭގެ ހުރިހައި މަސްއޫލިއްޔަތަކާއި ފިރިމީހާގެ އެންމެހައި "ބޭނުންތަކަކާ" އަނބިމީހާ ޙަވާލުވާން ޖެހެއެވެ.
ވަނަމަކަށް "ޗަހާޔާ" ކިޔާ ކުއްޖަކު "ލޮސްއެންޖަލީސް ޓައިމްސްއަށް ކިޔައިދިން ގޮތުގައި އޭނާގެ އުމުރުން 17 އަހަރުން ފެށިގެން މި ގޮތަށް އެކި މީހުންނާ ކާވެނިކޮށްފައިވާނެއެވެ. އެ ގޮތުން މެދުއިރުމަތީގެ 15 މީހަކާ އޭނާ ކާވެނިކޮށްފިއެވެ. ކާވެނިކޮށްގެން އޭގެ ބަދަލަށް ލިބޭ 300 ނުވަތަ 500 ޑޮލަރުން އެޖެނސީއަށް ބައެއް ދިނުމަށް ފަހު އޭނާއަށް ލިބޭ ފައިސާއިން ޚަރަދުކުރަނީ ގޭ ކުއްޔާއި ބަލިވެ އުޅޭ މައިންބަފައިންނަށް ހޭހަންކުރާށެވެ.
މިހާރު ޢުމުރުން 28 އަހަރު ވެފައިވާ މި އަންހެންކުއްޖާ ބުނާ ގޮތުގައި މި ފަދަ ކާވެނިތަކުގައި އޭނާ ޝަމިލުވެ އުޅޭކަން އޭނާގެ ރައްޓެހީނާއި މައިންބަފައިންނަށް ވެސް ވަނީ ސިއްރުކޮށްފައެވެ. އޭނާ އަސްލު މަސައްކަތްކުރަނީ މުއްސަނދި މީހުންގެ ގޭތެރޭގެ މަސައްކަތްކުރާށެވެ. އެހެންކަމުން އޭނާގެ އަސްލު ލޯބިވެރިޔާއަށް ވެސް މި ކަން އޭނާ އޮންނަނީ ސިއްރުކޮށްފައެވެ. މި ފަދަ މުޢަމަލާތުގައި ފޯނަށް އަންނަ މެސެޖު ވެސް ވަގުތުން ފޮހެލަނީއެވެ. އެއީ ހަގީގަތް ހާމަނުކުރުމަށް ޓަކައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކަންތައްގަނޑަކީ ގަގީގަތުގައި އަނިޔާއެކެވެ. ކޮންމެ ފަހަރަކު ވެސް މި ކަންތައް ދޫކޮށް، ގެޔަށް ދާން އޭނާ ބޭނުންވެއެވެ.
މި ފަދަ ކާވެނިތަކުގައި ޝާމިލުވެގެން އުޅުނު ނިސާ ނަމަކަށް ކިޔާ ކުއްޖަކު ބުނާ ގޮތުގައި މި ފަދަ 20 މުޠުޢާ ކާވެނި އޭނާ ކޮށްފިއެވެ. ނަމަވެސް މިހާރު އޭނާ އިންޑޮނޭޝިއާގެ އިމިގްރޭޝަން އޮފިސަރަކާ ކާވެނިކުރުމަށް ފަހު، މި ކަންތައްކަނޑާ އޭނާ ވަނީ އަލްވަދާޢުކިޔައިފައެވެ. މިހާރު މި ކާވެންޏަށް ވަނީ ދެ ފިރިހެންކުދީން ވެސް ލިބިފައެވެ. އެހެންކަމުން އެ އަނިޔާވެރި ދިރިއުޅުމަށް ދެން ދުވަހަކު ވެސް ނުދާން ނިސާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
މި ފަދަ ވަގުތި ކާވެނިތަކަކީ ގާނޫނީ ގޮތުން އިންޑޮނޭޝިއާއިން ވެސް ބަލައިގަންނަ ކާވެނިތަކެއް ނޫނެވެ. ސަބަބަކީ މި ކާވެނިތަކަކީ އެ ގައުމުގެ "ކާވެންޏާ ބެހޭ ގާނޫނާ" ތަޢާރުޒުވާ ކާވެނިތަކަކަށް ވާ ކަމެވެ. އަދި މި ފަދަ ވަގުތީ ކާވެނިތަކުގެ ސަބަބުން ދިގު މުއްދަތަކަށް ބަލާ އިރު، ހަމަޖެހޭ ޒަވާޖީ ޙަޔާތަށް ނޭދެވޭ އަސަރު ފޯނާނެއެވެ.
މި ފަދަ ކާވެނިތައް ކުރަނީ ވަރަށް ސިއްރުންކަމަށް ވެއެވެ. އެހެނީ "ކާވެންޏާ ބެހޭ ގާނޫނާ" ތަޢާރުޒުވާ ގޮތަށް ޢަމަލުކުރުމަކީ ޖޫރިމަނާކުރުމާއި ޖަލު ހުކުމެއް ފަދަ އުޤޫބާތްތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އަދި އެއީ ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ވެސް މެއެވެ.
ޗައިނާގެ މީޑިއާއިން މި ފަދަ ކާވެނިތައް ރިޕޯޓުކުރުމަށް ޓަކައި "ވެއިބޯ" (މީސްމީޑިއާ މަންސައެއް) މެދުވެރިކޮށް މުޢާމަލާތު ކުރި އެކަކު ލަފާ ދިން ގޮތުގައި މި ފަދަ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ބޭނުމީ އަންހެންކުދީންނަށް ތަޢުލީމުދީ ހުނަރުތައް ދަސްކޮށްދީގެން އަންހެންކުދީން ބާރުވެރިކުރުވުމެވެ. އޭރުން މި ފަދަ ކުށްތަކުގައި ޝާމިލުނުވެ އެ މީހުންނަށް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެއެވެ.
https://e.vnexpress.net/news/life/trend/temporary-marriages-in-indonesia