Advertisement

ބިދްޢަތާއި ސުންނަތް އޮޅުވައިނުލަމާތޯ؟

11 Oct 2024 | 01:46
ބިދުޢައަކީ ޝަރުޢުގައި ނެތްކަމެއް، އަޅުކަމުގެ ގޮތުގައި ސަވާބު ހޯދުމުގެ ނިޔަތުގައި ކުރުމެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ސުންނަތުގެ މުރާދަކީ ޢާންމުންގެ ގިނަ ބަޔަކު ދަންނަ ރަސޫލާގެ ބަސްފުޅުތައް އެކަންޏެއް ނޫނެވެ. މީގެ އިތުރަށް ސުންނަތުގައި އެކަލޭގެފާނުގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އެކަލޭގެފާނު ބަލައިގަންނަވައިފައިވާ އެންމެހައި ކަންތައްތައް ހިމެނެއެވެ. އެއަށް އެކަލޭގެފާނުގެ ހަދްޔޭ ވެސް ކިޔެއެވެ.

ބިދްޢައިގެ މުރާދު

ޖުމްހޫރު ޢިލްމުވެރީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ބިދްޢައަކީ އިސްލާމީ ޝަރީޢަތުގައި އަޞްލެއް ނެތް ކަމެއް ދީނުގެ ކަމެއްކަމަށް ހަދައިގެން އަލަށް އުފެއްދުމެވެ. މިއާ ޚިލާފަށް ޝަރްޢުގައި އަޞްލެއް އޮތްކަމެއް ނަމަ، އެއީ ބިދްޢައެއްނޫނެވެ.

މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި مُحْدَثَة (އަލަށް އުފެއްދޭ ކަންތައް)އަކީ  ޝަރްޢުގައި އަޞްލެއްނެތް ކަމެއް އުފެއްދުމެވެ. ޝަރްޢުގައި އަޞްލެއް އޮތް ނަމަ، އެއީ ބިދްޢައެއްނޫނެވެ. ރަސޫލާ صلى الله عليه وسلمގެ ބަސްފުޅު (كُلُّ بِدْعَةٍ ضَلاَلَةٌ- ކޮންމެ ބިދްޢައަކީ ފުރެދުމެކެވެ.)ގެ މުރާދަކީ ޝަރްޢުން އެ ކަމަށް ދަލީލެއްނެތި އުފެއްދޭ އައު ކަންތައްތަކެވެ.

ނަބިއްޔާ صلى الله عليه وسلمގެ ޒަމާނުގައި އެކަލޭގެފާނަށް އެނގިވަޑައިގެން ހިނގާ ކަންތައްތަކުގެ ތެރެއިން މާތް ﷲގެ ޝަރީޢަތާ އެއް ގޮތަށް ހިނގާ ކަންތައްތަކަށް ތާއީދުކުރައްވައެވެ. އަދި ޝަރީޢަތާ ފުށުއަރާ ކަންތައްތަކާ ދެކޮޅުހައްދަވައެވެ. ވީމާ ބިދްޢައަކީ ޤުރްއާނުގެ ނައްޞަކާ އަރައިރުންވާ ނުވަތަ ރަސޫލާގެ ހަދްޔާ ޚިލާފުވާ ނުވަތަ އެ ކަމުގެ ސަބަބުން މަފްސަދާއެއް އުފެދޭ ކޮންމެ ކަމެކެވެ. ބަހަވީ ގޮތުން ބިދްޢައަކަށް ވިޔަސް ޝަރްޢުން އެ ކަމަށް ދަލީލު ލިބޭ އެއްވެސް ކަމަކީ [ޝަރުޢުގައި] ބިދްޢައެއްނޫނެވެ.[1] 

ރަސޫލާގެ ކޮންމެ ޢަމަލުފުޅަކީ އެއަށް ތަބާވުން ވާޖިބު ނުވަތަ ސުންނަތް ޢަމަލުފުޅެއްތަ؟

މިސުވާލަށް ޖަވާބު ދެއްވާއިރު ޢިލްމުވެރިން ރަސޫލާ صلى الله عليه وسلمގެ ޢަމަލުފުޅުތައް ބައްސަވަނީ ތިން ބައަކަށެވެ.

1- ފުރަތަމަ ބަޔަކީ: ރަސޫލާ صلى الله عليه وسلمއަށް ޚާއްޞަ ކަންތައްތަކެވެ. މިސާލަކަށް ރޯދަފުޅު ހިއްޕެވުމުގައި ރޭގަނޑާ ދުވާލު ވާޞިލުކޮށް ވިޞާލު ކުރެއްވުން. މިއީ އެކަލޭގެފާނަށް ޚާއްޞަ ކަމެކެވެ. މުސްލިމުން މިކަމުގައި ރަސޫލާއަށް ތަބާނުވުމަށް އަންގަވައި އެކަން އެގޮތަށް ކުރުން ވަނީ  މަނާކުރައްވައިފައެވެ.

2- ދެވަނަ ކަމަކީ އާދަކޮށް އިންސާނުން ޠަބީޢީގޮތުން ކުރާ ކަންތައްތަކެވެ. މިސާލަކަށް ކެއުމާއި ބުއިމާއި ނިދުން ފަދަ ކަންތައްތަކެވެ. މި ކަންކަމުގައި ތަބާވާންޖެހޭނީ އެކަލޭގެފާނު ދެއްވާފައިވާ އިރްޝާދުތަކަށެވެ.

3- ތިންވަނަ ކަމަކީ ކީރިތި ޤުރްއާނުގައި އައިސްފައިވާ ކަމެއް ކުރާނެގޮތް ބަޔާންކޮށް ދެއްވުން ކަމަށް ބެލެވޭ ކަންތައްތައް. މިސާލަކަށް ވައްކަންކުރާ މީހާގެ ކަނާތް ކެނޑުން.

ބިދްޢައިގެ ބައިތައް

1- البِدْعَة الحَقِيْقِيَّة (ޙަޤީޤީ ބިދްޢަ) : އެއީ ﷲގެ ފޮތުން ނުވަތަ ރަސޫލާގެ ސުންނަތުން ނުވަތަ އިޖްމާޢުން އެކަމަށް ދަލީލު ނުލިބޭ ކޮންމެ ކަމެކެވެ. މިސާލަކަށް ޙައްޖުވެރިޔާ ޢަރަފާތުގައި ހުރުމުގެ ބަދަލުގައި ޢަރަފާތުގެ ބިމުގެ ތެރޭގައި ނުހިމެނޭ ތަނެއްގައި ހުރުން.

2- بِدْعَة فِعْلِيَّة (ފިޢުލީ ބިދްޢަ):

އެއީ ﷲގެ އަމުރުފުޅުތަކާ ޚިލާފު ނުވަތަ ﷲގެ ރަސޫލާގެ ޢަމަލުފުޅުތަކާ ޚިލާފު ޢަމަލުތަކެވެ. ރަސޫލާ صلى الله عليه وسلم ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ﷲ ތަޢާލާ އަންގަވައިގެންނެވެ. އިސްލާމީ އުންމަތުގެ އަފްރާދުން އެ ކަންކަން ކުރަނީ ރަސޫލާއަށް ތަބާވުމުގެ ގޮތުންނެވެ.

3- البِدْعَة التَرْكِيَّة (ދޫކޮށްލެވޭ ބިދްޢަ):

ދީނުގައި ޝަރްޢު ކުރައްވާފައިވާނުވާ ކަމެއް އަލަށް އުފެއްދުން ބިދްޢައަކަށް ވާ ފަދައިން ދީންވެރިވުމަށް ޓަކައި ހުއްދަ ކަމެއް ދޫކޮށްލުމަކީ ވެސް ބިދްޢައެކެވެ. މި ފަދަ ބިދްޢައަށް ބިދްޢަ ތަރްކިއްޔާ އޭ ކިޔެއެވެ. މިސާލަކަށް ޝަރްޢުގައ ހުއްދަ ކުރައްވާފައިވާ ބާވަތުގެ ހެދުމެއް އަޅުވެރިވުމުގެ ގޮތުން ނުލުމަކީ، ނުވަތަ ކެއުން ހުއްދަ ކުރައްވާފައިވާ އެއްޗެއް ޒާހިދުވުމުގެ ގޮތުން ނުވަތަ އަޅުވެރިވުމުގެ ގޮތުން ނުކެއުމަކީ ބިދްޢައެކެވެ. އެހެނީ މިތާނގައި އެމީހާ އެވަނީ ޝަރްޢު ކުރާ ފަރާތަކަށެވެ.[2]

4- البدعة الإضَافِيَّة (އިތުރުވަނިވި ބިދްޢަ):

އިތުރުވަނިވި ބިދްޢާގައި ދެ ބަޔެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ އެކަމުގެ ސުންނަތް ކަމަށް ދަލީލު ލިބޭ ކަމެކެވެ. އެހެންކަމުން މިއީ ބިދްޢައެއް ނޫނެވެ. އެކަމަކު ދެވަނަ ބަޔަކީ ޙަޤީޤީ ބިދްޢައިގެ ތެރޭގައި ހިމެނޭ ބަޔެކެވެ. މިދެބައިގެ ތަފާތަކީ ފުރަތަމަ ބަޔަކީ އަޞްލަށް ބަލާއިރު އެކަމަށް ޝަރްޢުގައި ދަލީލު އޮތް ބަޔެކެވެ. ދެވަނަބަޔަކީ އެކަމުގައި ޝުބްހާއެއް އޮތްބަޔެކެވެ. އެއީ ދަލީލެއްގެ މައްޗަށް ބަރޯސާ ވެފައިވާ ބަޔެއް ނޫނެވެ.

5- البدعة المركبة (މުރައްކަބު ބިދްޢަ):

މިއީ އަލަށް އުފެއްދޭ އެންމެ ބީރަށްޓެހި ބާވަތުގެ ބިދްޢައެވެ. މިއީ އަޞްލެއްނެތި އުފެއްދޭ ކަންތައްތަކެވެ. މީގެ މިސާލަކީ ރޯދައިގެ ފިދްޔައަށް ޤިޔާސްކޮށް ނަމާދު އެޅުން ހުއްދަވާނެ ކަމަށް ބުނާ ބުނުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢިބާދާތުގައި ޤިޔާސެއް ނުކުރެވޭނެއެވެ. ފާސިދު ޤިޔާސެއްގެ މައްޗަށް އެއްވެސް ކަމެއް  ތަރައްތުބެއް ނުވާނެއެވެ.

ހުރިހައި ހުއްދަ ކަންތައްތަކެއް ރަސޫލާއެއް ނުކުރައްވާ

ރަސޫލާ صلى الله عليه وسلم ހުރިހާ ހުއްދަ ކަންތައްތަކެއް ނުކުރައްވައެވެ. އެހެނީ ހުއްދަ ކަންތައްތަކަކީ އިންސާނަކަށް ކުރެވޭ ވަރަށްވުރެ މާގިނަ ކަންތައްތަކެކެވެ. ރަސޫލާ صلى الله عليه وسلم  އަކީ ޒާހިދު ބޭކަލެކެވެ. އެކަލޭގެފާނު ހުއްދަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ދޫކޮށްލެއްވީ އެކަލޭގެފާނަށް ބޭނުންފުޅުނުވާތީއެވެ. އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ދޫކޮށްލައްވާފައިވާ ކަމެކޭ ބުނެ އެކަމެއް ޙަރާމްކުރާ މީހާގެ ބަހަކީ މަރްދޫދު ބަހެކެވެ. މިސާލަކަށް ރަސޫލާ صلى الله عليه وسلم ޟައްބު މަސް ފަރިއްކުޅުއްވައިފައެއް ނުވެއެވެ. ބުޚާރީއާއި މުސްލިމުގައިވާ ޙަދީސެއް ބުނާ ގޮތުގައި (ރަސޫލާގެ އަރިހުގައި ޚާލިދު ބުނުލްވަލީދު މައިމޫނަތުގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގަތެވެ. ޚާލިދުގެފާނު ފިހެފައިވާ ޟައްބެއް ރަސޫލާއަށް އެރުއްވިއެވެ. ރަސޫލާ صلى الله عليه وسلمގެ އަތްޕުޅު އޭއްޗާ ދިމާއަށް ގެންދެވުމުން އެއީ ޟައްބެއް ކަމަށް މައިމޫނަތުގެފާނު ދެންނެވިއެވެ. އެ ހިނދު ރަސޫލާ صلى الله عليه وسلم އަތްޕުޅު ދުރަށް ލެއްވިއެވެ. ޚާލިދުގެފާނު އެއީ ކެއުން ޙަރާން އެއްޗެއްތޯ ސުވަލުކުރެއްވިއެވެ. އެހިނދު ރަސޫލާ އޭގެ މަސްކެއުން ޙަރާންވެގެންނުވާކަމަށް ޙަދީސްކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. އެހެނަސް އެއީ ތިމަންކަލޭގެފާނުގެ ޤައުމުގައި ކައިއުޅޭ އެއްޗަކަށް ނުވާތީ ފަރިއްކުޅުއްވަން ފަކުރުފުޅުގަންނަނީއެވެ. ޚާލިދުގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ބައްލަވާން އިންނަވަނިކޮށް ތިމަންކަލޭގެފާނު އެ ތަށި ގާތްކޮށްލައްވައި ފަރިއްކުޅުއްވީމެވެ.[3])

މި ޙަދީސްފުޅުން އެނގޭ ގޮތުގައި، ހުއްދަކަމެއް ނުކުރައްވައި ދޫކޮށްލެއްވުމުން އެ ކަން ޙަރާމްކަމަކަށް ނުވާނެއެވެ.[4] ޚާލިދުގެފާނު އެ ކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ރަސޫލާ ދެއްވި ޖަވާބުން އެއީ ޙަރާމް ކަމެއް ނޫންކަން އެނގެއެވެ.

ބައެއް ބާވަތުގެ އެއްޗެހި ފަރިއްކުޅުއްވުމާ ރަސޫލާ ދުރުހެލިވެވަޑައިގެންފައި ވެއެވެ. އެ އެއްޗެއް ކެއުމުން އަނގައިގެ ވަސް ނުބައިވާ ފަދަ އެއްޗެހި (މިސާލަކަށް ލޮނުމެދު ފަދަ އެއްޗެހި) ފަރިއްކުޅުއްވުމާ ރަސޫލާ ދުރުހެލިވެވަޑައިގަތެވެ. އެއް ދުވަހަކު ރަސޫލާއަށް ލޮނުމެދު ލީ ކާއެއްޗެއް ވެދުމަށް އެރުވުނެވެ. އެ ހިނދު އެ ކާއެއްޗެހި އަބޫ އައްޔޫބުގެފާނަށް ފޮނުއްވިއެވެ. ލޮނުމެދާއި ފިޔާ ފަދަ ނުބައި ވަސް ގަދަ އެއްޗެހި ކައިގެން ދަތް ނޫގުޅައި މިސްކިތަށް ނުދިޔުމަށް ރަސޫލާ صلى الله عليه وسلم ވަނީ އަންގަވައިފައެވެ. މި ބަސްފުޅުން އެއީ ކެއުން ޙަރާމް އެއްޗެއް ނޫންކަން އެނގެއެވެ. އަދި އެ ފަދަ އެއްޗެއް ކައިގެން މިސްކިތަށް ނުވަތަ ޖަލްސާއަކަށް ދާއިރު ޢަމަލުކުރާންވީ ގޮތް ވެސް މި ވަނީ އަންގަވައިފައެވެ.

ރަސޫލާގެ ހުރިހާ ޢަމަލުފުޅުތަކަކީ ސުންނަތްތަ؟

ބައެއް މީހުން ހީކުރާ ގޮތުގައި ރަސޫލާ صلى الله عليه وسلم ކުރެއްވި ކޮންމެ ކަމަކީ ސުންނަތެކެވެ. އެހެނަސް ދީނީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސުންނަތް ކަމަކަށް ވާނީ ﷲގެ ވަޖްހުފުޅު އަދައިގެން ކުރެއްވި ކަންތައްތަކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم  ބައެއް ފަހަރަށް ފަތިސް ނަމާދުކުރެއްވުމަށް ފަހު ކަނާތްޕުޅު ފަރާތަށް އޮށޯވެވަޑައިގަންނަވައެވެ. މި ކަމަށް ބައްލަވައި އިބްނު ޙަޒްމު ފަދަ ބައެއް ޢިލްމުވެރީން ފަތިސްނަމާދުކުރުމަށް ފަހު ކަނާތްފަރާތަށް އޮށޯންނާން ޖެހޭނެކަމަށް ވިދާޅުވިއެވެ. އެހެނަސް  އުއްމުލްމުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވިއެވެ.(( إنَّ النبيَّ صلّى اللهُ عليهِ وسلمَ لم يضْطَجِعْ لسنَةٍ، ولكنَّهُ كانَ يَدْأَبُ ليلَتَهُ فَيسْتَريِحُ [5] - ނަބިއްޔާ صلى الله عليه وسلم  އޮށޯވެވަޑައިގެންނެވީ އެ ކަން ސުންނަތަކަށް ވާތީއެއްނޫނެވެ. އެހެނަސް ތަންކޮޅެއް ބުރަކޮށް ރޭގަނޑު މަސައްކަތްކުރައްވައިފައި އަރާމުކޮށްލައްވާން އޮށޯވެވަޑައިގަންނަވަނީއެވެ.))

އެހެންކަމުން ރަސޫލާ صلى الله عليه وسلم ކުރެއްވި ޢަމަލުފުޅުތަކުގެ މަގުސަދަށް ބަލާން ޖެހޭނެއެވެ. އޭގެ މަގުސަދަކީ ސުންނަތް ކަމެއްތޯ ނުވަތަ ސުންނަތް ކަމެއްނޫންތޯ ދެނެގަންނަން ޖެހޭނެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި މޭޒުދޮށުގައި އިށީނދެގެން ކެއުމަކީ ބިދްޢައެކެވެ. އުލާއި ސަމުސަލުން ކެއުމަކީ ބިދްޢައެކެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރަނގަޅު ވާހަކައެއްނޫނެވެ. މިއީ އާދަކާދައެވެ. ޒަމާން ތަފާތުވުމުން ވެށި ތަފާތުވުމުން ޙާލަތު ތަފާތުވުމުން މި ފަދަ އާދަތަކަށް ބަަދަލުއަންނަމުންދާނެއެވެ.

ނަބިއްޔާ صلى الله عليه وسلمގެ ޒަމާނުގައި އެކަލޭގެފާނު ފަރިއްކުޅުއްވައި ހެއްދެވީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ އާދަކާދައާ، އެއް ގޮތަށެވެ. އެއީ ލުއި ފަސޭހަކަމާއި ޒާހިދުކަމާއި ހިތްތިރިކަން ހިމެނޭ އާދަތަކެކެވެ. ވީމާ ގޮނޑީގައި އިށީނދެގެން ކެއުމަކީ ނުވަތަ އުލާއި ސަމުސަލުން ކެއުމަކީ ބިދްޢަކަށް ނުވާނެކަމަށް މިއަދުގެ ފަތުވާތައް ބުނެއެވެ. އެއީ ހުއްދަ ކަމެކެވެ.

މި ކަމާ ކަނާތުން ކެއުމާ ވަރަށް ތަފާތެވެ. ކަނާތުން ކެއުމަށް ކައުރަސޫލާ صلى الله عليه وسلم ވަނީ އަމުރުކުރައްވައިފައެވެ. ނަބިއްޔާ صلى الله عليه وسلم  ޢުމަރު ބިން އަބީސަލަމަތަށް ޙަދީސްކުރެއްވިއެވެ. ((يا غُلامُ، سَمِّ اللَّهَ، وكُلْ بيَمِينِكَ [6] - ކޮއިފުޅާއޭވެ! ބިސްމި ކިޔައިގެން ކަނާތުން ކާށެވެ!)) ހުޅަނގުގެ މީހުން ވައަތުން ކެއަސް މުސްލިމުންނަށް ވާތުން ކެއުން ހުއްދައެއްނުވާނެތެވެ. ވައަތުން ކެއުން ނަހީކުރައްވައި ޙަދީސްކުރެއްވިއެވެ.((لا يَأْكُلَنَّ أحَدٌمِنكُم بشِمالِهِ، ولا يَشْرَبَنَّ بها، فإنَّ الشَّيْطانَ يَأْكُلُ بشِمالِهِ،  ويَشْرَبُ بها [7]- ތިޔަބައިމީހުންކުރެ ހަމަ އެކަކު ވެސް އޭނާގެ ވައަތުން ނުކާހުށިކަމެވެ. އަދި އޭނާގެ ވައަތުން ނުބޯހުށިކަމެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ އޭނާގެ ވައަތުންނެވެ. އަދި ބޮނީ އޭނާގެ ވައަތުންނެވެ.)) ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ވައަތުން ކައިހެދުމަކީ ޙަރާންކަމެކެވެ.

ރަސޫލާ صلى الله عليه وسلم ބައެއް އެއްޗެހި ފަރިއްކުޅުއްވާފައި އަނެއްބައި އެއްޗެހި ފަރިއްނުކުޅުއްވައި ދޫކޮށްލައްވައިފައިވަނީ އެކަލޭގެފާނުގެ ޠަބީޢަތާއި ރަހައާ އެއް ގޮތްވާ ގޮތުގެ މަތީންނެވެ. މިސާލަކަށް އެކަލޭގެފާނު ބަރަބޯ ފަރިއްކުޅުއްވުމަށް ލޯބިކުރެއްވިއެވެ. ރަސޫލާ ފަރިއްކުޅުއްވީތީ އަހުރެމެން ބަރަބޯ ކާން މަޖުބޫރެއް ނުވާނެއެވެ.

ރަސޫލުﷲގެފާނަކީ ކަންބަޅިފަދަ އެއްޗެހީގެ މަސް ފަރިއްކުޅުއްވާ އިރު އޭގެ ފައިގެ މަހަށް ލޯބިކުރެއްވި ބޭކަލެކެވެ. އެހެނަސް އެކަލޭގެފާނުގެ ބައެއް ޞަޙާބީން ފަރިއްކުޅުއްވާން ލޯބިކުރެއްވީ ފަލަމަސްގަނޑުގެ މަހެވެ.

ރަސޫލާ صلى الله عليه وسلم ކުރެއްވި ކޮންމެ ކަމެއް އަޅުކަމަކަށް ނުވިޔަސް އެކަލޭގެފާނާ އެއް ގޮތަށް ކަންކަން ކުރުމަކީ ލޮބުވެތި ކަމެކެވެ. އެ ކަމުގައި ހެވާއި ބަރަކާތް ވެއެވެ. މުސްލިމު އިންސާނަކު ރަސޫލާ ދެކެ ލޯބީން އެކަލޭގެފާނު ފަރިއްކުޅުއްވި ގޮތަށް އަތުން ކައި ހަދާ ނަމަ، މާތް ﷲ އޭނާގެ ނިޔަތަށް ހެޔޮ ޖަޒާދެއްވާނެތެވެ. އެއްވެސް މީހަކަށް މި ކަމުގައި އޭނާއާ ދެކޮޅެއް ނުހެދޭނެއެވެ. އެހެނަސް މަސްއަލައަކީ ސަމުސަލުން ކާ މީހާއާ ދިމާއަށް ތިޔައީ ބިދްޢަވެރިކަމެކޭ ބުނުމެވެ.

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެފާނަކީ ޖަމަލުމަތީގައި ގެފުޅަށް ވަޑައިގެން ރަސޫލާގެ ޖަމަލުކޮޅު ބަނޑުޖެހި ތާނގައި އެކަލޭގެފާނުގެ ޖަމަލުކޮޅު ބަނޑުޖައްސުވައި ރަސޫލާގެ ފައިންޕުޅުޖެހުނު ތާނގައި އެކަލޭގެފާނުގެ ފައިންޕުޅު ބީއްސެވި ފަޤީހު ޞަޙާބީއެކެވެ. މި ޒަމާނުގައި އެ ކަން އެ ގޮތަށް ކުރެވިދާނެތޯއެވެ؟

________________________________________

މަރާޖިޢު:

[1] - الميزان بين السنة والبدعة للدكتور محمد عبد الله دراز ، ص : 43

[2] - އަޒްހަރުގެ އިމާމެއް ކަމުގައިވާ އައްޝައިޚު މުޞްޠަފާ އަލްމަރާޣީ، މަޖައްލަތުލް އަޒްހަރުގެ 12 ވަނަ ވޮލިއުމްގެ 6ވަނަ ބައިގެ: ޞ: 326 ގައި އަލްޙަދީދު ސޫރަތގެ ތަފްސީރުގައި މި ގޮތަށް ވިދާޅުވެފައި ވެއެވެ.

[3]  -  أخرجه البخاري (٥٣٩١) مطولاً ومسلم ( ١٩٤٦ )

[4] - މި ފިޤްހީ ޤަވާޢިދު ނެގިފައިވަނީ ރަސޫލާގެ މި ބަސްފުޅުންނެވެ.

[5]  - أخرجه عبدالرزاق (٤٧٢٢) مطولاً 

[6]  - خرجه البخاري (٥٣٧٦)، ومسلم (٢٠٢٢)، والنسائي في ((السنن الكبرى)) (٦٧٥٩)، وابن ماجه (٣٢٦٧) وأحمد (١٦٣٣٢) 

[7]  - صحيح مسلم ( 2020 )

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް