ޒަޚަމުވެފައިވާ މަޒުލޫމުންނަށް އަޅައި ނުލެވި ޣައްޒާގައި ޝަހީދުވާން ދޫކޮށްލެވިފައި. ޣައްޒާއަކީ މިއަދު ކުޑަކުދީންގެ ގަބުރުސްތާނެއް.
ޢަޒީޒު ޖަމާލު
މިއަދު ދުނިޔެއިން ފެންނަމުން ދަނީ މީގެ 14 ސަތޭކަ އަހަރު ކުރީން ޢަރަބިކަރައިގައި ފެތުރިފައި އޮތް އަނިޔާވެރިކަމާއި ޖާހިލިއްޔަތަށް ވުރެ ވެސް ބޮޑު އަނިޔާވެރިކަމެކެވެ. ޖާހިލުކަމާއި އަނިޔާވެރިކަމުގެ އިންތިހާއެވެ. އަދުލުއިންސާފުގެ ކަންފުޅެއް ވެސް މިއަދު ދުނިޔޭގައި ނެތް ފަދައެވެ. އިންސާނީ ޙައްގަކީ ދުނިޔެ ދަންނަ އެއްޗަކަށް ވެސް ނުވާ ކަހަލައެވެ.
ޢަރަބި ގައުމުތަކުގެ މެދުގައި ގަދަކަމުން ހަދައިގެން އުޅޭ އިސްރާއީލޭ ކިޔާ ދައުލަތަކުން މުޅި ދުނިޔެއަށް ގޮން ޖަހަމުން މުޅި ސަރަހައްދަށް އަނިޔާވެރިކަން ފަތުރަމުން ގެންދަނީއެވެ. ތަރައްގީވެފައިވާ މިނިވަން ގައުމުތަކަށް އަރައި ބޮންއަޅައި ރައްޔިތުން މަރަމުން ގެންދަނީއެވެ. ޢިމާރާތްތަކާއި ބިނާރުތައް ފުނޑުފުނޑުކޮށް ސުންނާފަތިކުރަމުން ގެންދަނީއެވެ. އިސްރާއީލުގެ އަނިޔާވެރި ޢުދުވާނުގެ ސަބަބުން މިއަދު ޣައްޒާއަކީ ކުޑަކުދީންގެ ގަބުރުސްތާނެކެވެ.
އިއްޔެ ވެސް އިސްރާއީލީ ހަތިޔާރު އެޅި ބާރުތަކުން އުތުރު ޣައްޒާގެ ހޮސްޕިޓަލްތައް ވަށައިލައި ޙަމަލާތައް ދެމުން ދާއިރު، ޒަޚަމްވަމުންދާ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށް ދެވޭނެ ގޮތެއް ނެތި ޒަޚަމްވަމުންދާ ހުރިހައި މަޒުލޫމުން ތިބީ މާރުވާން ދޫކޮށްލެވިފައެވެ. އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ވަށައިލައި ޙިޞާރުކޮށްފައިވާ ސަރަހައްދަކީ ތިންލައްކަ މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. ފަލަސްތީނުގެ އިދާރާތަކުންނައި މަންޒަރު ދެކެފައިވާ މީހުން ބުނާ ގޮތުގައި ޒަޚަމްވާ އެންމެން އަޅައިލާނެ މީހަކު ނެތި ތިބީ މަރުވާން ދޫކޮށްލެވިފައެވެ.
"ޑޮކްޓާރސް ވިތައުޓް ބޯޑާރސް" (ޖަމުޢިއްޔާ) އިން ބުނާ ގޮތުގައި މީސްތަކުން އެ މީހުންނަށް ލިބެމުންދާ ޒަޚަމުތަކުގެ ސަބަބުން ޝަހީދުވާން ތިބީ ދޫކޮށްލެވިފައެވެ. އިމެޖެންސީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް، އިސްރާއީލުގެ ޙިޞާރުގެ ސަބަބުން މަޒުލޫމުންނާ ހަމައަށް ވާޞިލުވެވޭނެ ހަމަ އެއްވެސް ފުރުޞަތެއް ނެތެވެ. އެ ޖަމުޢިއްޔާއިން ބުނާ ގޮތުގައި މިއަދު އެ ސަރަހައްދު ވެފައިވަނީ މިސައިލާއި ބޮމުގެ ވާސައަކަށެވެ. އަދި އިންސާނުންނަށް ދިރިނޫޅޭވޭނެ ފަދަ ތަނަކަށް ވެފައިވާ ކުނިބުނީގެ ބިމަކަށެވެ.
އިސްރާއީލުގެ ރަޙުމެއް ހަމައެއް އިންސާފެއް ނެތް ސިފައިން މީގެ ކުރީން އިޢުލާނުކޮށްފައިވަނީ އުތުރުގައްޒާއަކީ މީހުން ދިރިނޫޅޭ، އަސްކަރީ ސަރަހައްދަކަށް ހަދާން ތަދުބީރުކޮށްފައިވާކަމަށެވެ. އެހެންކަމުން ބައިތުޙާނޫނާއި ޖަބާލިޔައާއި ބައިތު ލަޙިޔާ ސިޓީގެ ރައްޔިތުން އެ އަވަށްތައް ދޫކޮށް ދާން އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.
ކިހާ މޮޅު އިންސާފެއްތޯއެވެ؟ އެބައި މީހުންގެ އަމިއްލަ ގެދޮރުން ނުކުމެގެން ދާން މި އަންގަނީ ދުރުން އައި ބިދޭސީ ބާރުތަކަކުންނެވެ. ދާނީ ކޮން ތާކަށްތޯއެވެ؟ ދުނިޔެ އޮތީ ބަލާށެވެ. ދުނިޔޭގައި ސުލްޙަ ގާއިމުކުރާން ދުނިޔޭގެ ގައުމުތަކުން ފައިސާ ދީގެން ހަދައިފައިވާ އދ. އޮތީ ބަލާށެވެ. ބާރެއް ނެތް ހިކި އަމުރުކޮށްލަކޮށްލައެވެ. ބޮޑު މުސާރަ ނަގައިގެން ޥެރީން އުޅެނީ ޢިއްޒަތުގައެވެ.
"އިސްތިޢުމާރީ ބާރުތަކުގެ ޙިޞާރުގެ ސަބަބުން ބޮޑެތި ޒަޚަމުތައް ލިބި ޝަހީދުވަމުންދާ އަޚުންނާއި އުޚުތުންގެ ރުއިމުގެ އަޑަށް އަޅުގަނޑުމެންނަކަށް އިޖާބަދެވޭނެ ގޮތެއް ނެތެވެ. އެއިން މީހަކަށް އެހީތެރިވާން އެންބިޔުލާންސެއް ޙަރަކާތްތެރިވެއްޖެ ނަމަ ސިދާ ޙަމަލާ ދެނީ އެންބިޔުލާންސަށެވެ." ޣައްޒާ ސަރުކާރުގެ މަދަނީ ދިފާޢުގެ ތަރުޖަމާނު މުޙަންމަދު ބަސާލް "ދަ ނޭޝަނަލް" ނޫހަށް މަޢުލޫމާތު ދެމުން ކިޔައިދިނެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި "ކަމާލް ޢަދުވާން ހޮސްޕިޓަލް ވަނީ ވަށައިލެވި ޙަމަލާދޭ އަމާޒަކަށް ހަދައިފައެވެ. އިސްރާއީލީ ބާރުތަކުން މި ދިޔަ އަންގާރަ ދުވަހު އެ ތާނގައި ތިބި ބަލި މީހުންނާއި މުވައްޒަފުން އެ ތަން ދޫކޮށް ދާން ވަނީ 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ހަމަ މިފަދައިން ޣައްޒާގެ "ދަ އިންޑޮނޭސިއަން ހޮސްޕިޓާލާއި އަލްއަޢުޟާ ހޮސްޕިޓަލަށް ވެސް ހަމަ މި އަމުރު ނެރުނެވެ. އޭރު 300އަށް ވުރެ ގިނަ ބަލި މީހުން އެ ތަންތާގައި ތިއްބެވެ. އަދި މީގެ އިތުރަށް އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ 80 މީހުން ވެސް ތިއްބެވެ.
މިއީ މިއަދު ތަހުޒީބުވެފައިވާ ކަމަށް ދައުވާކޮށް ދުނިޔެއަށް އިންސާނީ ޙައްގާއި އިންސާފާއި ޢަދުލު ކިޔަވައިދޭން އުޅޭ އެމެރިކާއާއި އިނގިރޭސީންގެ ފުރިހަމަ އެހީތެރިކަމާއެކު އިސްރާއީލުން ހިންގާ ލާއިންސާނީ ޢުދުވާނުގެ ޒައްރެއްގެ މިންވަރެވެ. އެހެންކަމުން ޖާހިލުކަމާއި ބޭއިންސާފާއި އަނިޔާވެރިކަން ދުނިޔޭގައި މިއަށްވުރެ ވަކީން ބޮޑަށް ޢާންމުވެފައިވާ ދުވަސްވަރެއް ދުނިޔޭގެ ތާރީޚު ދެކެފައިވާނެބާވައޭ ހިތަށް އަރައެވެ.
ލަފުޒެއްގެ މާނަ:
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.