މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން، ކީރިތި قرآن އާއި ސުންނަތުގެ އަލީގައި (2)
އިސްމާޢީލް މުބާރަކު
(ކުރީ ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ޔައުޖޫޖް މައުޖޫޖް ފާޅުވުމާ މެދު، އެ ޙަދީޘްގައި ވާ ގޮތުން މާތް ﷲ ޔައުޖޫޖް މައުޖޫޖް ފޮނުއްވުމުން، يأجوج مأجوج އުސް ތަންތަނުން ފައިބައިގެން އައިސް بُحَيْرَةِ طَبَرِيَّةَއޭ ކިޔުނު ފެންގަނޑު ކައިރީން އަޅައިފައި ދާ އިރު އެ ތަނުން ފެން ބޯނެއެވެ. بُحَيْرَةِ طَبَرِيَّةَއަކީ ޢަރަބި ބަހުން بحرالجليلއެވެ. އަދި ތިބްރީސް ކޯރު ވެސް މި ތަނަށް ކިޔައެވެ. އިނގިރޭސި ބަހުން [SEA OF GALILEEއޭ ކިޔަނީ މި ތަނަށެވެ.
މި ލިޔުމުގައި ހިމަނައިފައިވާ ދެ ފޮޓޯއިން ބުޙައިރަތި ޠަބަރިއްޔާ (ނުވަތަ ސީ އޮފް ގަލީލީ) އޮތް ތަނާއި އެ ތާންގެ ސަރަހައްދު ހިތްޕުޅަށް ގެންނެވޭނެއެވެ.
ޙަދީޘުން ފާހަގަ ކުރައްވާން ޖެހޭ ކަމަކީ މި ކޯރަކީ ޖެރޫސަލަމްގެ އިރުމަތީން އޮތް ކޯރެއްކަމާއި يأجوج مأجوج ފާޅުކުރެއްވުމުން އުސް ތަންތަނުން ފައިބައިގެން އަންނަ އިރު، މި ކޯރުން ފެން ބޮއިގެން އެއިން އެއް ބަޔަކު ގޮސްފައި ދެން ހަމަ އެ ބާގައިގެ އެހެން ބަޔަކު އަންނަ އިރު، އެ ކޯރު ހިނދިފައިވާތީ އެ ތަނުގައި ކުރީން ފެން ހުރިކަމަށް ބުނާނެކަމެވެ.
މި ކަން ފާހަގަކުރައްވާން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ! އެހެނީ ކީރިތި ޤުރްއާނުގައި ވާ ގޮތުން يأجوج مأجوج ފާޅުކުރެއްވުން ގުޅިފައިވަނީ ހަލާކުކުރައްވައިފައިވާ ރަށެއްގެ އަހުލުވެރީންތަކެއް އެ ރަށަށް ވަނުން ބަންދުކުރައްވައި ޙަރާމްކުރައްވައިފައި އޮތް އޮތުން ނިމި، ބަންދުން ވީއްލި يأجوج مأجوج. ފާޅުކުރެއްވުމާ ހިސާބުން އެ ހަލާކުކުރެއްވި ރަށުގެ މީހުން އެ ރަށަށް އެނބުރި ރުޖޫޢަވުމާއެވެ.
ދެން ވިސްނައިވަޑައިގަންނަވާށެވެ! ޢާދު ބާގައިގެ މީހުން ވަނީ ޙަލާކުކުރައްވައިފައެވެ. އެ މީހުންގެ އެކަކު ވެސް ނެތެވެ. ޘަމޫދު ބާގައިގެ މީހުން ވަނީ ހަލާކުކުރައްވައިފައެވެ. ސަދޫމް ބާގައިގެ މީހުންނާއި އަދިވެސް ހަލާކުކުރައްވައިފައިވާ އެތައް ބާގައެއްގެ މީހުންގެ ވަސް ވެސް މިހާރަކު ނެތެވެ. އެހެންނަމަވެސް ދެ ފަހަރެއްގެ މަތީން ހަލާކުކުރެއްވި ރަށެއްގެ މީހުން އަދިވެސް އެބަ ތިއްބެވެ. އެ މީހުންނަކީ ބަނީ އިސްރާއީލް ބާގައިގެ މީހުންނެވެ. މި ކަން ސާފުކުރެއްވުމަށް ޓަކައި ކީރިތި قرأنގެ سورة الا سراءގެ ހަތަރުވަނަ އާޔަތުން ފަށައިގެން އަށްވަނަ އާޔަތާ ހަމަޔަށް ބައްލަވާށެވެ .
((وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا)) (سورة الا سراء:4) ("އަދި ތިމަންރަސްކަލާނގެ، إسـرآءيـلގެދަރިންނަށް، ފޮތުގައި (އެބަހީ: توراةގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެ ފަހަރެއްގެ މަތީން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ."))
((فَإِذَا جَاء وَعْدُ أُولاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُوْلِي بَأْسٍ شَدِيدٍ فَجَاسُواْ خِلاَلَ الدِّيَارِ وَكَانَ وَعْدًا مَّفْعُولاً))(سورة الإسراء:5) (ފަހެ، އެ ދެ ފަހަރުން ކުރެ ފުރަތަމަ ފަހަރުގެ وعدފުޅު އައި ހިނދު، ގަދަފަދަވެގެންވާ ބާރެއްގެ ވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެން ދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ وعدފުޅެއްކަމުގައި، އެ وعدފުޅު ވިއެވެ.)
((ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا)) (سورة الإسراء:6) (ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.)
((إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَاء وَعْدُ الآخِرَةِ لِيَسُوؤُواْ وُجُوهَكُمْ وَلِيَدْخُلُواْ الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُواْ مَا عَلَوْاْ تَتْبِيرًا)) (سورة الإسراء:7) (ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަ ނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفسތަކަށެވެ. ފަހެ، ދެވަނަފަހަރަށް وعدފުޅު އައިހިނދު (ތިޔަބައިމީހުންގެ عداوةތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصىއަށް) ވަނުމަށް ޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށް ޓަކައެވެ.)(صدق الله العظيم)
އާދޭހެވެ! އިސްވެ ދިޔަ އާޔަތްތަކުން އެނގުނީ މަސްޖިދުލްއަގްސާއާއި އެ މިސްކިތް ހުންނަ ޖެރޫސަލަމަށް ދެ ފަހަރެއްގެ މަތީން ގަދަފަދަ ބަޔަކު ވެރިކުރައްވައި އެ ތަންތަން ހަލާކުކުރައްވައިފައިވާ ކަމެވެ. އަދި ދެ ފަހަރެއްގެ މަތީން ވެސް މާތް ﷲ އެކަލާންގެ އަޅުތަކުންގެ ތެރޭން ބާރުގަދަ ބަޔަކު ފޮނުއްވައި އެ ރަށް ހަލާކުކުރެއްވީ ޔަހޫދީންގެ ފަސާދަޔާއި ބޮޑާކަން އިންތިހާއަށް ދިއުމުންނެވެ. ބަނީ އިސްރާއީލް ބާގައިގެ މީހުންނަކީ ނުވަތަ މިހާރު ކިޔާ ގޮތުން ޔަހޫދީންނަކީ ހަލާކުކުރެއްވި ރަށެއްގެ މީހުންނޭ ބުނުމުގެ ޖާގަ ނެތްތޯއެވެ؟
ދެން ތާރީޚުން އެ ޙާދިސާތަކަށް ބަލައިލަމާތޯއެވެ.
ތާރީޚު ބުނާ ގޮތުން އަލްއަޤްސާ މިސްކިތް މިހާރު އެ ހުންނަނީ ސަލާމްލެއްވި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމުގެ 586 އަހަރު ކުރީން ބާބިލޯނިއަނުންގެ ލަޝްކަރުން ޖެރޫސަލަމަށް އަރައި އެ ތަން ހަލާކުކޮށް ނައްތައިލި [ސުލައިމާނުގެފާނުގެ] ފުރަތަމަ ފައްޅި ހުރި ތަނުގައެވެ.
އޭގެ މަދު ޤަރުނުތަކެއް ފަހުން ބަބިލޯނިއަން ލަޝްކަރު ބަލިކޮށް ޔަހޫދީންނަށް ޖެރޫސަލަމްގެ މައްޗަށް ވެރިވެވުނެވެ. އަދި ހަމަ އެ ތަނުގައި ޔަހޫދީން ދެވަނަ ފައްޅިއެއް ބިނާކުރިއެވެ. ނަމަވެސް މީލާދީން 70 ވަނަ އަހަރު އަނެއްކާ ރޯމަނުން ޔަހޫދީންގެ މައްޗަށް ގަދަވެވެ ޖެރޫސަލަމަށް ވަދެ އެ ރަށް ހަލާކުކޮށް ސުއްނާފަތިކޮށް ވަނީ އެ ފައްޅި ނައްތައިލައިފައެވެ. ފުރަތަމަ ފައްޅިއާއި ދެވަނަ ފައްޅި ނައްތައިލުމުގައި ގާތްގަނޑަކަށް 500 އަހަރުގެ ދުރުމިނެއް ހުރިކަމުގައި ތާރީޚުތަކުން ފެނެއެވެ.
މިހާރު ޔަހޫދީން އަމާޒު ހިފައިފައި ހުރީ އަޤްސާ މިސްކިތް ހުރި ތަނުގައި ތިންވަނަ ފައްޅި އަނެއްކާ ބިނާކުރާށެވެ. އެ ފައްޅިއަކީ މިހާރު އަލްއަޤްސާ މިސްކިތާއި ޑޯމް އޮފު ދަ ރޮކް މިސްކިތް ހުރި ތަނެވެ. އަދި ތިންވަނަ ފައްޅީގައި ޔަހޫދީން ގަސްތުކުރަނީ އެ މީހުންގެ މަސީޙުކަމަށް ބުނާ ބޭކަލަކު ވަޑައިގަތުވުމުން އެ ފައްޅީގައި އެ ބޭކަލެއްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އެޅުއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ.
ހަމަ އެއާ އެކު، ރަޝިޔާގެ އޮތޯޑޮކްސް ކްރިސްޓިއަނުން، ޔަހޫދީންގެ މި މަކަރުވެރި ރޭވުންތައް ދަނީ ދުރާއި ގާތުން ބަލަމުންނެވެ. ރަޝިޔާގެ ޕްރޮފެސަރ އެއްކަމުގައިވާ (Aleksander Dugin) އެލެކްސެންޑަރ ޑުގިން މި ކަމާ ބެހޭ ގޮތުން ފޮތެއް ވެސް ވަނީ ލިޔުއްވާފައެވެ. ރަޝިޔާގެ އޮތޯޑޮކްސް ކްރިސްޓިއަނުން ބުނާ ގޮތުން އިޒްރޭލުގެ ޖާސޫސީ އިދާރާ (މޮސާޑް) އާއި އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) ގުޅިގެން މަސީޙުގެ ނަމުގައި އެމީހުންގެ އެޖެންޓެއް އުފައްދައިގެން އެ ފައްޅީގައި ތާޖުއެޅުވުމަށް ފަހު (Greater Israel) ހަދައިގެން މުޅި ދުނިޔޭގެ މައްޗަށް ވެރިވެގަތުމަށް ޔަހޫދީން ގެންދަނީ ރާވަމުންނެވެ.
ބަނީ އިސްރާއީލުންގެ ގާތަށް މާތް ﷲ ފޮނުއްވާނޭ ކަމަށް އޯލްޑް ޓޭސްޓްމަންޓް (ނުވަތަ ތައުރާތު)ގައި، ވަޢުދު ކުރެއްވި މަޞީޙު މިހާރު ފޮނުއްވައިފިކަން އެ ފޮތް ބެލި ކޮންމެ މީހަކަށް އެނގޭނެ ކަމުގައި އޮތޯޑޮކްސް ކްރިސްޓިއަނުން ބުނެއެވެ.
ކަންއޮތީ މިހެން ކަމަށްވުމާއި އެކުވެސް މާތް ﷲ ރުއްސުން ލެއްވި ޢީސާ އަލައިހިއްސަލާމްގެ ރިސާލަތާއި ނުބުއްވަތަށް އިންކާރުކޮށް ޔަހޫދީން އަދިވެސް އިންތިޒާރުކުރަމުންދަނީ އެ މީހުން އަމިއްލަޔަށް އުފައްދައިގެން އުޅޭ މަސީޙެއް ގެނައުމަށެވެ. ރަޝިޔާގެ އޮތޯޑޮކްސް ކްރިސްޓިއަނުން ބުނާ ގޮތުން ތައުރާތުގައި ވާރިދުވެފައިވާ މަޞީޙު އެއީ މުސްލިމުން ވެސް އީމާންވާالمسيح عيسي ابن مريمއެވެ . އެހެންކަމުން މި މައްސަލައިގައި ޢަޤީދާގެ ގޮތުން ރަޝިޔާ ވަނީ މުސްލިމުންނާއި މިއަދު ވަރަށް ގާތަށް ޖެހިފައެވެ.
މީގެ ދުވަސްކޮޅެއް ކުރީން ޗެޗްނިޔާގެ މިސްކިތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ކީރިތި ޤުރްއާނުގައި ރަޝިޔާގެ ރައީސް ވިލަޑިމީރް ޕުޓިން ބޮސްދެއްވި މަންޒަރު ދުނިޔޭގެ ހުރިހައި ޓީވީ ޗެނަލްތަކުން ދެއްކިއެވެ.
ޔަހޫދީންއަށް ޖެހިފައިވާ ބައްޔަކީ ވިޓަމިން އޭ މަދުވުމުން އަޅުގަނޑުމެންނަށް ވެސް ކުރީން ޖެހޭ ބައްޔެކެވެ. އިރުއޮއްސުމުން ހޭބުއްދި ފިލައި ރޯނާވުމެވެ.
މަޞީޙު އެއީ މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމްއެވެ.
އެކަލޭގެފާނަކީ ރަސޫލެއްކަމާއި ނަބިއްޔެއްކަމަށް އިންކާރުކޮށް ޔަހޫދީން ދެކޮޅުހަދައި އުޅުނީ އެކަލޭގެފާނު ޞަލީބަށް އަރުވާށެވެ. މިވަރު ރޯނާވެފައި ތިބޭ ބަޔަކަށް މައިބަފައި ވެސް ވަކިވާނެތޯއެވެ؟
ޔަހޫދީން ދޮގުކުރީ ޢީސާ ޢަލައިހިއްސަލާމްގެ ދަޢުވަތު އެކަންޏެއް ނޫނެވެ. ސަލާމާއި ޞަލަވާތްލެއްވި މުޙަންމަދުގެފާނުގެ ދަޢުވަތާއި ނުބުއްވަތު ވެސް މެއެވެ. އެހެންނަމަވެސް ރަޝިޔާގެ ރައީސް ޕުޓިން މުޙަންމަދުގެފާނުގެ ރިސާލަތު ޤަބޫލުނުކުރާ ނަމަ، ދުނިޔޭގެ މީޑިޔާގެ ކުރިމަތީގައި ﷲގެ ކަލާމްފުޅުގައި ބޮސްދޭން ޖެހޭ ސަބަބެއް ނެތެވެ. އަޅުގަނޑު ޕޫޓިންގެ ހިތްފަޅައިގެން ބެލީކީ ނޫނެވެ. މިއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތެވެ. والله اعلم އެވެ.
ކޮންމެއަކަސް ތިންވަނަ ފައްޅި އެޅުމަށް ޓަކައި ޤުރުބާންކުރާން ޢައިބެއް ނެތް (ރެޑް ހެއިފާ) ރަތްކުލައިގެ ފަސްގެރި، އިޒްރޭލަށް ވަނީ މިހާރު އެތެރެކޮށްފައެވެ. އެ ފަސް ގެރި ޤުރުބާންކޮށް، ލޭ އޮހުރުވުމަށް ފަހު އަޤްސާ މިސްކިތް ހުރި ތަނުގައި ޔަހޫދީން އަޅާ ތިންވަނަ ފައްޅީގައި މަސީޙުގެ ނަންފުޅުގައި އެހެން މީހެއްގެ ބޮލުގައި ވެރިކަމުގެ ތާޖު އަޅުވާ މީހަކީ މަޞީޙުއްދައްޖާލު ނޫން ދެވަނަ މީހަކަށް ނުވާނެއެވެ. އެއީ ޒަމާނުގެ ނިމުމުގެ ވަގުތު ޖެހުނީކަމަށް ދުނިޔޭގެ ހުރިހައި އޮތޯޑޮކްސް ކްރިސްޓިއަނުން ވެސް ޤަބޫލުކުރެއެވެ.
ކަން އޮތީ މިހެންކަމުގައި ވީ އިރު، ރަށެއް ދެ ފަހަރެއްގެ މަތީން ހަލާކުކުރެއްވިކަމާއި ދެ ފަހަރަށް ހަލާކުކުރެއްވީ ވެސް ބިމުގައި ފަސާދަ ޢާންމުކުރާތީކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އެއަށް ފަހު، سورة الاسراءގެ، އަށްވަނަ އާޔަތުގައި މާތް ﷲ އެ ފަސާދައިގެ އަހުލުވެރީންނަށް ތިންވަނަ ފަހަރަކަށް އިންޒާރުދެއްވައި ވަޙީކުރައްވައިފައިވެއެވެ.
((عَسَى رَبُّكُمْ أَن يَرْحَمَكُمْ وَإِنْ عُدتُّمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا)) (سورة الإسراء:7) ("ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް (عفوކުރައްވައި) رحمةލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެ ނަމަ، ތިމަންރަސްކަލާނގެ (عقوباتދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި كافرންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ.")
ތިންވަނަ ފަހަރަށް އެ ރަށުގެ މީހުން އެ ރަށަށް އެނބުރި އަތުވެއްޖެއެވެ. ހަމަ ފަސާދަޔާއެކުގައެވެ. މި ފަހަރު ކުރީގެ ދެފަހަރާ ހުރި ތަފާތަކީ އެ މީހުންނަށް އެ ރަށަށް ވަނުން ބަންދުވެފައި، ޙަރާމްވެފައި އޮތް އޮތުން މި ހުޅުވުނީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވީއްލިގެންނެވެ. އެކަން އެނގޭ ގޮތަކީ އަންނަނިވި ދެ އާޔަތުގައި ދެއްވައިފައިވާ މުހިންމު މަޢުލޫމާތުގެ އަލީގައެވެ. ވިދާޅުވާށެވެ!
((وَحَرَامٌ عَلَى قَرْيَةٍ أَهْلَكْنَاهَا أَنَّهُمْ لَا يَرْجِعُونَ * حَتَّى إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ)) (سورة الانبياء:95~96)
("ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهلވެރިން އެނބުރި ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވައިފައިވެއެވެ. يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހައި އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ.")
އަދިވެސް ބައްލަވާށެވެ! أنَّ النبيَّ صَلَّى اللَّهُ عليه وسلَّمَ اسْتَيْقَظَ مِن نَوْمِهِ وَهو يقولُ: لا إلَهَ إلَّا اللَّهُ وَيْلٌ لِلْعَرَبِ مِن شَرٍّ قَدِ اقْتَرَبَ، فُتِحَ اليومَ مِن رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هذِه. وَعَقَدَ سُفْيَانُ بيَدِهِ عَشَرَةً. قُلتُ: يا رَسولَ اللهِ، أَنَهْلِكُ وَفِينَا الصَّالِحُونَ؟ قالَ: نَعَمْ، إذَا كَثُرَ الخَبَثُ.
ސަލާމާއި ސަލަވާތް ލެއްވި މާތް ރަސޫލާ އަވަހާރަފުޅުން ހޭފުޅުލެއްވުމަށްފަހު ތިން ފަހަރަށް لا إلَهَ إلَّا اللَّهُ މިހެން ވިދާޅުވުމަށްފަހު ޙަދީޘްކުރެއްވިއެވެ. ހަމަ ކަށަވަރުން ޢަރަބިންނާ ލައިގަންނާނޭ ނުބައި ނުލަފާ ކަމެއް ވަރަށް ގާތްވެއްޖެއެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުންނަ ފާރުގައި މިއަދު ބައުގަނޑެއް ހެދިއްޖެއެވެ. ދެން ދެ އަތުގެ އިނގިލިފުޅުތަކުން އިޝާރާތެއްކުރައްވައި ދެއްކެވިއެވެ. އެވަގުތު އުއްމުލްމުއުމިނީނަ ޒައިނަބު ބިންތި ޖަޙުޝް، ރަސޫލާއާ ސުވާލުކުރެއްވިއެވެ. ޞާލިހުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބަސް އަޅުގަނޑުމެން ހަލާކުގެ ތެރެއަށް ހިނގައިދާނެތޯއެވެ. ޙަދީޘްކުރެއްވިއެވެ. އާދޭހެވެ! ހަޑިހުތުރު ނުބައި ކަންކަން (މުންކަރާތްތައް) ގިނަވީމައެވެ.
(الراوي : زينب أم المؤمنين | المحدث : مسلم | المصدر : صحيح مسلم | الصفحة أو الرقم : 2880 | خلاصة حكم المحدث : [صحيح] | التخريج : أخرجه البخاري (3346) )
އިސްރާއީލުގެ މޮސާޑާއި އެމެރިކާގެ ސީއައިއޭއިން މާތް ﷲގެ ތަދުބީރުކުރެއްވުމާ ދެކޮޅަށް މެދުއިރުމަތީގައި މަޞީޙުގެ ނަމުގައި ދައްޖާލެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޔައުޖޫޖު މައުޖޫޖުގެ ޓީމަށް ރަސޫލާގެ ސުންނަތުގެ ނަމުގައި އިނގިރޭސީންނާއި އެމެރިކާއިން އުފައްދައިގެން އުޅޭ ޙަރަކާތަކަށް ނުއެނގުމެއްގެ ތެރޭގައި ކުށެއްނެތް އެތައް މުސްލިމުންނެއްދަނީ ވަންނަމުންނެވެ. އިސްވެ ދިޔަ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކާއި ރަސޫލާގެ ސައްޙަ ޙަދީޘްއަށް ފަހު، ދެން އަޅުގަނޑުމެން މި ކަން އޮޅުންފިލުވުމަށް ޓަކައި މި ކަމުގައި އިތުރަށް ބޭނުންވާނީ ކޮން މައުލޫމާތެއްތޯއެވެ!
ހުޅަނގުގެ މީޑިޔާއިން ޚަބަރު ފަތުރާ ގޮތުން ޙިޒްބުﷲގެ ލީޑަރ ނަޞްރުﷲ މަރަށް ބިރުން ފިލައި އޮއްނަވަނިކޮށް އިސްރާއީލުން މުޢުޖިޒާތެއް ފަދަ ހަތިޔާރެއް ބޭނުންކޮށްގެން ޝަހީދުކޮށްލީއެވެ. ނަމަވެސް ސައްޔިދު ޙަސަން ނަޞްރުﷲ އިންޓަރވިއުތަކުގައި އޭނާ ޝަހީދެއްކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާކުރައްވާތާ ނަވާވީސް އަހަރުވެފައި ވާކަން މިވެރީންނަކަށް ނޭނގެއެވެ. އެމެރިކާގެ ސެޓެލައިޓްތަކަށް ލުބްނާންގެ ބިންމަތީގައި ދުވާ ހިނި ވެސް ފެންނާނެކަން ޙިޒްބުﷲގެ ކޮންމެ މެންބަރަކަށް އެނގެއެވެ. އެހެނަސް ޙަޤީޤީ މުސްލިމުންނަކީ މަރަށް ބިރުން ފިލާނެ ބަޔެއް ނޫނެވެ.
އިސްރާއީލަށް ޙަމާސް ޖަމާޢަތް ބަލިނުކުރެވިގެން އުޅެނީ މި ސަބަބާ ހުރެއެވެ. އީރާނުގެ ރޫޙާނީ ލީޑަރު، މަރަށް ބިރުން ފިލައިފިކަމަށް ހުޅަނގު މީޑިޔާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، މި ދިޔަ ހުކުރު ދުވަހު ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ހުކުރު ޚުތުބާދެއްވީ ވެސް އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި އެމެރިކާއާއި އިސްރާއީލުގެ ސެޓެލައިޓްތަކުގެ ކުރިމަތީ ހުންނަވައިގެންނެވެ. 90 އަހަރުގެ ބޭފުޅެއްގެ ހުރި ސާބިތުކަން ނިކަން ދެކެވަޑައިގަންނަވާށެވެ!
އީރާނުން އިސްރާއީލަށް ފޮނުވައިލި 180 މިސައިލުގެ ތެރޭން ބައެއް މިސައިލް، އެމެރިކާގެ ސުންނަތަށް ތަބަޢަވެގެން އުޅޭ އުރުދުނާއި ސުއޫދީ ޢަރަބިއްޔާއިން ވައްޓައިލަދިނެވެ. އެހެންކަމާ އެކު ވެސް އެއް ބިލިއަން ޑޮލަރުގެ ގެއްލުން އީރާނުން އިޒްރޭލަށް އެންމެ ރެއެއްގެ ވަގުތު ކޮޅެއްގެ ތެރޭގައި އީރާނުން ވަނީ ދީފައެވެ.
އެ ކަމަށް އީރާނުން ޚަރަދުވީ ދުއިސައްތަ މިލިއަން ޑޮލަރެވެ. މާތް ރަސޫލާގެ ޢާއިލާ ދެކެ ލޯބިވާ އީރާނުން އެމެރިކާއާއި އިސްރާއީލުގެ ސުއްނަތަށް އުޅޭ ޢަރަބީންނަށް ދިން މެސެޖް ވަރަށް ސާފުވެ.
"ކޮންމެ މުސްލިމެއްގެ ލެޔާއި ގެދޮރާއި މުދަލަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މަދިރި މަރާ ހެން މުސްލިމުން މަރާ ތަން ބަލާކަށް އަހުރެމެންނެއް ނުތިބޭނަމެވެ."
އެމެރިކާގެ ސުންނަތަށް ތަބަޢަވާ މެދުއިރުމަތީގެ ޢަރަބި ޤައުމުތަކުން މިއަދު ވަގުތު އޮއްވައި ގަބޫލުކުރާންޖެހޭ ހަގީގަތެއް އެބައޮތެވެ. ރަސޫލާގެ ސުންނަތުގެ ނަމުގައި ސުންނީންނޭ ކިޔައިގެންތިބެ އެ ހިންގާ ޖަރީމާތަކުން ﷲއާއި ރަސޫލާ ބަރީއަވެގެންވާކަމެވެ. ދައްޖާލު ފާޅުވުމާ ހިސާބުން ތައުބާގެ ދޮރު ބަންދުވާނެއެވެ. ވަގުތު އޮއްވައި ތައުބާވުމަށް އަވަސްވެގަންނާށެވެ! ދައްޖާލާއި ޔައުޖޫޖު މައުޖޫޖުގެ ބައިގަނޑުގެ ކިބައިން ސަލާމަތްވާށެވެ!
_______________________________________
(ނިމުނީ)