Advertisement

ރާއްޖޭގެ އުތުރާއި ދެކުނުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދެ ގޮފި ގާއިމުކުރައްވަނީ

09 Oct 2024 | 01:00
އައްޑޫ އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ: "ސަރުކާރު" ވެބްސައިޓް)

ފަރަގު މީޑިއާ

ސަރުކާރުގެ ޚަބަރުތައް ޝާއިޢުކުރައްވާ ޚާއްޞަ ވެބްސައިޓެއްކަމަށްވާ ސަރުކާރު.ގޮވް.އެމްވީ (sarukaaru.gov.mv)ގައި ވާ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދެ ގޮތްޕެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރައްވާން ނިންމަވައިފައިވާކަން ހާމަވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދާ ޙަވާލާދެއްވައި ޝާއިޢުކުރައްވައިފައިވާ އެ ޚަބަރުގައިވާ ގޮތުން އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖޫން މަހަށް މި މަރުކަޒުގެ މަސައްކަތް މުޅީން ފުރިހަމަކޮށް ނިންމުމެވެ.

"ސަރުކާރު"ގައި އިއްޔެ ޝާއިޢުކުރައްވައިފައިވާ އެހެން ޚަބަރެއްގައިވާ ގޮތުން ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ޢިމާރާތްކުރެވެމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް މިހާރު ނިމެމުންދާކަމަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މަރުކަޒުގެ މަސައްކަތް މުޅީން ނިންމައި އެ މަރުކަޒު ހުޅުވުމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ޙަވާލާދެއްވައި ޝާއިޢުކުރައްވައިފައިވާ މި ދެ ޚަބަރުގައި ވާ ގޮތުން އުތުރާއި ދެކުނުގައި ޢިމާރާތްކުރެވޭ ދެ މަރުކަޒު ވާނީ އުތުރާއި ދެކުނުގައި ހުންނަ، އިސްލާމީ ވުޒާރާގެ ދެ ގޮފިކަމަށެވެ. މިއިން ކޮންމެ މަރުކަޒެއްގައި ވެސް  1500 މީހުންގެ ޖާގައިގެ މިސްކިތަކާއި، ގިނަ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ 450 މީހުންގެ ޖާގައިގެ މާލަން (މަލްޓި ޕަރޕޮސް ހޯލް)އަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާރ ރޫމާއި އިދާރީ އޮފީހަކާއި އިސްލާމީ ކުތުބުޚާނާއަކާއި އުނގަންނައިދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އެހެނިހެން ވަސީލަތްތައް ހިމެނިފައިވާނެކަމަށް ވެސް އެނގިފައި ވެއެވެ. މީގެ އިތުރަށް މިއިން ކޮންމެ މަރުކަޒެއްގައި ވެސް ކުދި ޖާފަތްތަކަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއް (pantry) ވެސް ހިމެނެއެވެ.

އަދި މިއިން ކޮންމެ އިސްލާމީ މަރުކަޒެއްގައި ހުންނަ މިސްކިތުގައި ޢިލްމުވެރި އިމާމަކާއި، ބަންގި ގޮވުމަށް ޓަކައި ވަކި މުދިމަކު (މުވައްޒިނަކު) ހުންނާނެކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ތިލަދުންމަތީ އުތުރުބުރިއާއި އައްޑޫގައި މި ޢިމާރާތްކުރާ މި ދެ މަރުކަޒަކީ ވެސް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ޢިމާރާތްކުރައްވާ ދެ މަރުކަޒުކަމަށް އެނގިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޤައުމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ ރިސާލަތު ފެތުރުއްވުމުގެ ގިނަގުނަ މަސައްކަތޕުޅުތަކެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި އިމާމުންނާއި ޚަޠީބުން ތާޒާކުރެއްވުމާއި ޖަމާޢަތްތެރީން އުފެއްދެވުމާއި ޒަކާތާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ މަޢުލޫމާތު ފެތުރުމުގެ ގިނަގުނަ ޙަރަކާތްތަކެއް މިހާރު ވެސް ކުރިއަށް އެބަ ގެންދަވައެވެ. އަދި ޙާފިޒުން އުފެއްދެވުމާއި ޒުވާން ޚަޠީބުން ތަމްރީނުކުރެއްވުމާއި ވަޤުފު ޢިމާރާތްތައް ބިނާކުރުން ވެސް ހިމެނެއެވެ. މީގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އިސްލާމީ ވުޒާރާގެ ދެ ގޮފި ގާއިމުކުރެއްވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ގޮތުން ޙާޞިލުކުރެވޭ މޭލުގަލަކަށް ވާނެކަން ކަށަވަރެވެ.

Advertisement

ކޮމެންޓް