Advertisement

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން، ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި (1)

08 Oct 2024 | 00:44
ސީ އޮފް ގަލިލީ

އިސްމާޢީލް މުބާރަކު

މި ދުވަސްވަރަކީ މިއިން ޒަމާނެއްގައި ދުނިޔެ ދެކެފައިނުވާ ވަރުގެ ހަނގުރާމައިގެ ނާމާންކަމެއް ދުނިޔޭގެ މައްޗަށް ވެރިވެފައިވާ ދުވަސްވަރެކެވެ. އެއްވަނަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަ ހިނގީ އަޅުގަނޑުމެން މި ދުނިޔޭގައި އުޅުނު ޒަމާނެއްގައެއް ނޫނެވެ. އާދޭހެވެ! މި ދެންނެވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތައް ދެކެވަޑައިގެން ތިއްބެވި ވަރަށް މަދު ބޭފުޅުން ކޮޅެއް އަޅުގަނޑުމެންގެ ރާއްޖޭގައި އަދިވެސް ނުތިއްބާވާނެއެކޭ ނޫނެވެ. ތިއްބެވި ޔަސް އެއީ އެއް އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު ބޭފުޅުންކޮޅަކަށް މެނުވީ ނުވާނެއެވެ.  ކޮންމެއަކަސް އަޅުގަނޑުގެ އަމިއްލަ ވާހަކަދައްކައިގެން ތިޔަބޭފުޅުންގެ އަގުބޮޑު ވަގުތުތައް ނަގައިލުމަކީ އަޅުގަނޑުގެ މަގުސަދެއް ނޫނެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.

(صحيح البخاري ގެ كتاب الفتنة 6716)  މި ނަންބަރު ޙަދީޘް ބައްލަވާށެވެ!  އަދި  މި ޙަދީޘަކީ صحيح ދަރަޖައިގެ ޙަދީޘެއްކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ!

حدثنا علي بن عبد الله ، حدثنا أزهر بن سعد ، عن ابن عون ، عن نافع ، عن ابن عمر ، قال : ذكر النبي صلى الله عليه وسلم : اللهم بارك لنا في شأمنا ، اللهم بارك لنا في يمننا قالوا : يا رسول الله ، وفي نجدنا ؟ قال : اللهم بارك لنا في شأمنا ، اللهم بارك لنا في يمننا قالوا : يا رسول الله ، وفي نجدنا ؟ فأظنه قال في الثالثة : هناك الزلازل والفتن ، وبها يطلع قرن الشيطان

މި ޙަދީޘްގެ ކުރީބައިގައި ފެންނާން ހުރި ބޭބޭކަލުންގެ ނަންފުޅުތަކަކީ އެއީ ޙަދީޘް ޢިލްމުގައި ބެލެވޭ ގޮތުން ޙަދީޘްގެ ސަނަދެވެ. އަޅުގަނޑުމެން ވެސް ވަޒީފާއަކަށް އެދޭއިރު ލިބިފަ ހުންނަ ސަނަދުތައް ވަޒީފާއަށް އެދޭ ފޯމާ އެކު، ހީރަސްކުރަމުއެވެ. މި އުސޫލުން ރަސޫލާ ޙަދީޘްކުރެއްވިކަމަށް ޙަދީޘެއް ލިއާ ނަމަ، ސަނަދު ނުވަތަ ނަންފަތި ނަންގަތުން އެއީ ޙަދީޘް ޢިލްމުގައި އެ ކަން ކުރާން ހަމަޖެހިފައި އޮންނަ ގޮތެވެ.

މި ޙަދީޘް ތިޔަ ބޭފުޅުންނަށް ތަފުސީލުކޮށް ޝަރަޙަ ކޮށްލައިދޭނަމެވެ. އަޅުގަނޑަށް ހީވާ ގޮތުން އަޅުގަނޑުމެންގެ ގިނަ ޢިލްމުވެރީން ތިއްބެވީ ޢިލްމު ވަންހަނާކުރައްވައިގެންނެވެ. ނޫނީ ކޮންމެވެސް ސަބަބަކާ ހުރެ، މަޖުބޫރީއެއްގައި ބެނދެވިގެންނެވެ. އަޅުގަނޑަށް ވީވަރަކުން އެނގިހުރި މިންވަރަކުން ޢިލްމު ހާމަކޮށްދެވޭތޯ ބަލާނަމެވެ.

މި  ޙަދީޘްގެ ސަނަދު ގޮސް ނިމެނީ މުސްލިމުންގެ ދެވަނަ ޚަލީފާކަމުގައިވާ، މާތް ﷲ ރުއްސުންލެއްވި عمرا بن الخطابގެ ދަރިކަލުން,  މާތް ﷲ ރުއްސުންލެއްވި  عبدالله ابن عمرއާ ހިސާބަށެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.  ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާ  ޙަދީޘްކުރެއްވިއެވެ . ((اللهم بارك لنا في شأمنا ، اللهم بارك لنا في يمننا - ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ  އަޅަމެންގެ ޝާމް އަށާއި އަޅަމެންގެ  ޔަމަނަށް ބަރަކާތް ލައްވާނދޭވެ!))

ނޯޓް: މި ޒަމާނުގައި ސޫރިޔާ އެއީ ޝާމްކަރަކަމަށް ބެލެވުނަސް މި ޙަދީޘް  ރިވާކުރެއްވި ޒަމާނުގައި  (ޝާމް ނުވަތަ ޝާމްކަރަ) ކިޔަނީ  ސޫރިޔާއާއި ފަލަސްތީނާއި ލުބުނާނާއި އުރުދުން ހިމެނޭ ގޮތަށް މި ތިން ބައްރަށް އެއްކޮށެވެ.

އެހެންކަމުން ރަސޫލް ޞައްލަﷲ ޢަލައިހި  ވަސައްލަމަ މި ވަނީ  މިއަދު  މި ހިނގަމުންދާ  ޔައުޖޫޖު މައުޖޫޖުގެ އުދުވާނާ ދެކޮޅަށް ނަޞްރުދޭނެ ޤައުމުތައް ފާހަގަކުރައްވައި އެ ޤައުމުތަކަށް މާތް ﷲގެ ޙަޟުރަތުން  ބަރަކާތްލެއްވުން އެދިވަޑައިގެން އަޅުގަނޑުމެންނަށް ވުރެ ކުރީން ދުޢާފުޅު ކުރައްވައިފައިކަން މި ޙަދީޘުން  އަޅުގަނޑުމެންނަށް އެބަ އެނގެއެވެ.

އަދި ބަޔާންކުރެވުނު އެ ޙަދީޘްގައި ވާރިދުވެފައިވާ ގޮތުން ތިން ފަހަރު  ސަޙާބީ ބޭކަލުން (وفي نجدنا)  އަދި ތިމަންމެންގެ ނަޖިދުކަރައަށް ވެސް ތޯއޭ  ސުވާލުދެންނެވިކަމަށްވެއެވެ.  އެހެންނަމަވެސް  އެއްވެސް އެހެން ބަސްފުޅެއް ޙަދީޘްނުކުރައްވައި ތިން ފަހަރު ވެސް ވިދާޅުވިކަމަށް ވަނީ ((اللهم بارك لنا في شأمنا، اللهم بارك لنا في يمننا)). މިހެންނެވެ.  ދެން އެއަށްފަހު މާތް ރަސޫލާ ޙަދީޘްކުރެއްވިކަމަށް އެ ޙަދީޘްގައި އެ އޮތީ ޝައިތާނާގެ ދެދަޅު ފާޅުވާނީ ނަޖިދުންކަމަށެވެ . سبحان الله  އެވެ !

ނަޖިދުކަރައަކީ މި ޒަމާނުގައި ސުއޫދީ ޢަރަބިއްޔާގެ ރިޔާޟް ހިމެނޭ ސަރަޙައްދެވެ. ބައެއް އިލްމުވެރީން ނަޖިދަކީ ޢިރާޤްކަމަށް ހައްދަވާން ވަރަށް މަސައްކަތްކުރައްވައިފައިވެއެވެ. ނަމަވެސް ސުޢޫދީ ޢަރަބިއްޔާގެ ނަޖިދުން ނުކުތް ޢިލްމުވެރީންގެ ފަރާތުން ވަރަށް ބޮޑެތި ފިތުނަ އުފެދި، އެތައް މިލިއަން މުސްލިމުންނެއް އެ ފިތުނައިގައި ފަނާވެ ގޮސްފައިވެއެވެ .

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭން ވެސް އެތައް ބަޔަކު އެ ފިތުނައިގާ ވަނީ ޖެހިފައެވެ. ޖިހާދުއްނިކާޙްގެ ނަމުގައި ބައްޕަ ނެތް އެތައް ކުދީންނެއް ވަނީ އުފަންވެފައެވެ. ޕާސްޕޯޓެއް، އެއްވެސް ލިއުމެއް ޙަސަބެއްނަސަބެއް، ނޭނގޭ އެތައް ކުދީންނެއް ސޫރިޔާގައި ރެފިއުޖީން އުޅޭ ފޭލިގެތަކުގައި އެބަ ތިއްބެވެ. ކޮން ޤައުމެއްގެ ކާކުގެ ދަރީންނެއް ކަމެއް ވެސް ނޭނގެއެވެ. ރަސޫލާގެ ސުންނަތުގެ ނަމުގައި ބަޔަކު އުފެއްދި ބޮޑު ފިތުނައިގެ ނުބައިކަމާއެވެ!

ސޫރިޔާއާއި ދެކޮޅަށް ޖިހާދުކުރުމަށްޓަކައި ނަޖިދުން ޢިލްމު އުނގެނިވަޑައިގެން ނުކުމެވަޑައިގެން ފަތުވާދެއްވައި އަދި ޖިހާދުކުރެއްވި ހުރިހައި ބޭފުޅުން ވަނީ މަތީގައި ބަޔާން ކުރެވިފައިވާ ޙަދީޘްފުޅުގައި މާތް ރަސޫލާގެ ދޫފުޅުން ކުރައްވައިފައިވާ އެ ދުޢާފުޅަށް އިންކާރުކުރައްވައިފައިކަމާ މެދަކު ޝައްކެއް ނެތެވެ.

ނަތީޖާއަކަށްވީ މާތް ﷲ އެ މާތް ރަސޫލާގެ ދުޢާފުޅު އިޖާބަކުރަށްވައި އެ ޙަދީޘްފުޅަށާއި އެ ދުޢާފުޅަށް އިންކާރުކުރެއްވި ބޭބޭފުޅުން ބަލިކުރެއްވުމެވެ. ބައްޝާރުލްއަސަދާ ދެކޮޅަށް ފަތުވާދެއްވި ޢިލްމުވެރީން ދައުވާކުރައްވާ ގޮތުގައި ޝީޢީ ޢަލަވީންނަކީ ކާފަރުންނެވެ. ނުވަތަ އެއަށްވުރެ ވެސް ނުބައި ބަޔެކެވެ.

އެ ބޭފުޅުންގެ އަރިހުގައި ބައްޝާރުލްއަސަދަކީ ޢަލަވީއެއް ކަމުން ކާފަރަކަށް ވީއެވެ. ޢަލަވީންނޭ ބުނުމުން އެ ނަންފުޅު ގޮސް ގުޅެނީ ކާކާތޯ ވިސްނައިލުން ހުއްޓެވެ. މާތް ރަސޫލާއަށް ބޮޑުބޭބޭފުޅު ވިދާޅުވާ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ، މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނަށެވެ. ޢަލީގެފާނަށް ނަޞްރުދިނުމަކީ ފާފައެއްތޯއެވެ؟

ކީރިތި قرآن އިން ކުޑަ މިންވަރެއް ވެސް އުނގެނިވަޑައިގެންފައިވާ ނަމަ، މާތްރަސޫލާގެ ޢާއިލާއަށް  ބަދުބަހެއް  ނުބުނާނެއެވެ. އެންމެ ބޮޑު ފިތުނައަކީ ރަސޫލާގެ ގާތްތިމާގެކަމުގެ ލޯބި ކަނޑައި އެކަލޭގެފާނުގެ އަހުލުބައިތުންނަށް ރައްދު ވާގޮތަށް ފާޑުފާޑުގެ ނަންނަން ހަދައިގެން ކިއުމެވެ. فتنة الكبريއަކީ އެއީއެވެ.

)قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى ((سورة الشوري 23 )(" ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ رسولކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން [ގާތްތިމާގެ ކަމުގެ ލޯބި ފިޔަވައި] އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ.")

އާދޭހެވެ! އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާއަށް ބަޔަކު ނިކަން ރަނގަޅަށް ގާތްތިމާގެކަމުގެ ލޯބި އަރުވައިފައިވާކަން އިސްލާމީ ތާރީޚުން އަޅުގަނޑުމެންނަށް ފެނިއްޖެއެވެ.  އެ ވާހަކަދައްކާކަށް އަޅުގަނޑެއް ނެތީމެވެ . އެއީ އަޅުގަނޑުގެ މައުޟޫޢެއް ވެސް ނޫނެވެ.

ކޮންމެއަކަސް ނަޖިދު ސުންނީންނާއި  ބައްޝާރު ކުރި ހަނގުރާމައިގައި ނަޞްރު ލިބުނީ ޝީޢީ ޢަލަވީންނަށެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ރައުޔެއް ނޫނެވެ. އަދި އަމިއްލަ ބަހެއްވެސްނޫނެވެ. އަދި އެދޭ ގޮތެއް ވެސް ނޫނެވެ. އެހެނީ އަޅުގަނޑަކީ ވެސް [އޮޓަމެޓިކުން] ސުންނީއެކެވެ. ޝީޢީ އެއް ނޫނެވެ. އަދި މި ޤައުމަކީ ވެސް   ސުއްނީ މުސްލިމް ޤައުމެކެވެ. އެކަމަކު ހިތް އެދޭ ގޮތާއި ކަން އޮތްގޮތް  އެއްގޮތް ވާކަށް ނުޖެހެއެވެ .

ފެންނާން އޮތް ހަގީގަތަކީ ޝީޢީ ޢަލަވީންނާއި ނަޖިދު ސުންނީން ކުރި ހަނގުރާމައިގާ ނަޞްރު ލިބުނީ  ޝީޢީންނަށެވެ.  މާތް ﷲ  އަންގަވާފައިވަނީ )يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ( ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް (އެބަހީ: اللَّهގެ دينއަށް) نصرދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصرދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابتކުރައްވާނެތެވެ.")  (سورة محمد:7)

ﷲ އަށް ނަޞްރުދިނީ ކޮން ބަޔެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެނގެނީ ބަލިވީ ނަޖިދު ސުންނީންކަމެވެ. އެހެނީ ސޫރިޔާގެ ވެރިކަމުގައި ހުރީ އަދިވެސް ބައްޝާރުލްއަސަދެވެ. ނަޖިދު ސުންނީން ބޭނުންވީ އޭނާ ވެރިކަމުން ބަލާފައި އެތަނުގައި އެމެރިކާގެ ސުއްނަތަށް އުޅޭ ގޮނޑި ކޮއްކޮ ވެރިކަމެއް އިންދާށެވެ.

ޙައްޤު ނުޙައްޤު ކަނޑައެޅުން އެއީ އަޅުގަނޑަށް އޮތް ކަމެއް ނޫނެވެ. އަޅުގަނޑު މި ދެންނެވީ ޙަޤީގަތް އޮތްގޮތެވެ. ޔަހޫދީން ތިބީ އެއްވެސް ގޮތެއްގައި ނޫންކަމަށް ނަޞާރާއިން ބުނެއެވެ . ހަމަ އެބީދައިން ނަޞާރާއިން ތިބީ އެއްވެސް ގޮތެއްގައި ނޫންކަމަށް ޔަހޫދީންވެސް ބުނެއެވެ. އެހެންކަމުން "ތަކްފީރިޒްމް" (ނުވަތަ އެއްބަޔަކު އަނެއްބަޔަކު ކާފަރުކުރުން) މިއީ މުޙައްމަދުގެފާނުގެ އުއްމަތާ ހިސާބުން ފެށިގެން އުޅޭ ކަމެއް ނޫންކަން އަޅުގަނޑަށް އެނގިއްޖެއެވެ.

މާތް ﷲއަށް ދޭންވާ ޙައްޤު ޤަދަރު އެކަލާންގެ ޙަޟުރަތަށް ދިނުމުން އަޅުގަނޑުމެންނަށް ގެއްލެނީ ކޮން އްޗެއްތޯއެވެ؟ އެންމެ ކުޑަ މިނުން  ކާފަރު/ މުއުމިން  ކަނޑައެޅުމާއި ޙިސާބުބެއްލެވުމުގެ މިންވަރު ވެސް އެކަލާންގެ ޙަޟުރަތަށް ނުދޭން ބަޔަކު ފެށުނީއްސުރެ މަސައްކަތް ކުރެއެވެ .

މީހަކު ޝަހާދަތް ކިޔަކިޔަ އޮއްވައި ސަޙާބީ ބޭކަލަކު ކަނޑީން ޖައްސަވައި އެ މީހާ ޤަތުލުކުރެއްވީމާ މާތް ރަސޫލާ އެ ބޭކަލަކު ގެންނަވައި ސުވާލުކުރެއްވުމުން އޭނާ މަރުން ސަލާމަތްވާން ކުރި ކަމެއްކަމަށް އެބޭކަލަކު ދެންނެވިކަމަށާއި ދެން މާތް ރަސޫލާ އެ ބޭކަލަކު އޭނާގެ ހިތް ފަޅައިގެން ބެލީތޯ ސުވާލުކުރެއްވިކަމަށް  ސައްޙަ ޙަދީޘްގައި އޮވެއެވެ. އަޅުގަނޑުމެން މިތިބީ މި ހުރިހައި ޙަދީޘަކަށް އީމާންވެ މާތް ރަސޫލާގެ ސުންނަތުގައި ހިފައިގެންނެވެ. އަޅުގަނޑުމެން ދުވަހަކުވެސް އެމެރިކާގެ ސުއްނަތަށް ތަބަޢެއް ނުވަމެވެ. ނުވެސް ވާނަމެވެ. މަރުވާނީ ވެސް ރަސޫލާގެ ސުންނަތުގެ މަތީގައެވެ.

بُحَيْرَةِ طَبَرِيَّةَ (ސީ އޮފް ގަލިލީ)ގެ ޗާޓު<br>

އެހެންނަމަވެސް ނަޖިދު ސުންނީންގެ ތަފާތަކީ ފޮތުގެ އެއް ބައަށް އީމާންވެ އަނެއް ބައަށް ކާފަރުވުމެވެ. އެހެން ނޫންނަމަ، މާތް ރަސޫލާގެ ސައްޙަ ޙަދީޘުން ސާބިތުވާ ކަންކަމާ ޖަދަލުކޮށް އެއާ އިދިކޮޅަށް ޖިހާދުކޮށް ބަލިވާކަށް ނުޖެހުނީހެވެ. އެހެން ނޫންނަމަ  ސޫރިޔާއިން ފެށިގެން ޢިރާޤާއި  ލީބިޔާ އަދި  ޔަމަނަށް ދަމާލި ފިތުނަ އެއީ ހިތުގެ ޤަދަރެއް ނުވާ ލޯބިކަމުގައެއް ނުހެދީހެވެ. އެ ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަކަމުގައެއް ވެސް ނުވީހެވެ. އެމެރިކާއިން ވަނީ ލީބިޔާގެ ރައްޔިތުންނަށް އެމީހުންގެ ސުއްނަތް ވިއްކާފައި  ގައްޒާފީ އެފުރިކަން ޔޫނިއަންގައި ބޭނުން ކުރުމަށް އެއް ފައިސާއެއް ހެދުމަށްޓަކައި އެއްކުރި 500 ޓަނުގެ ރަން ކޮޅު ފޭރިގެންފައެވެ. އެމެރިކާގެ ސުއްނަތުން ލީބިޔާގެ ރައްޔިތުންގެ ލޭ އޮހޮރިގެން ދިއުން ފިޔަވައި ލީބިޔާގެ ރައްޔިތުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތެވެ.

ކޮންމެއަކަސް އިސްވެ ބަޔާންކުރެވުނު ޙަދީޘުން ސާބިތުވާ ގޮތުން މާތް ރަސޫލާ، ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވި ދެވަނަ ޤައުމަކީ ޔަމަނެވެ. އެހެންވެ  އެ ޙަދީޘްފުޅާއި އެ ދުޢާފުޅު ވެސް ބޮލާލައި ޖެހުމަށް ފަހު ޔަމަނާ ދެކޮޅަށް ނުކުތް ނަޖިދު ކޯލިޝަނަށް، ދުނިޔޭގައި މި ވަގުތު ތިބި އެންމެ ބާރުގަދަ އިނގިރޭސީންނާ އެމެރިކާނުންގެ އެންމެ ފަހުގެ ހަތިޔާރާއި އެމެރިކާގެ އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ އެފު މަރުކާގެ އެންމެ ފަހުގެ ހުރިހައި ހަނގުރާމަ މަތީ ބޯޓެއް ބޭނުންކުރިއެވެ.  އެހެން ކަމާ އެކު ވެސް އަޅުގަނޑުމެން ނަޖިދު ސުންނީން ވީ ބައްޔެވެ.

އަޅުގަނޑު އެންމެ ލަދުގަންނަ ކަމަކީ އަންބޮނޑިއަށް އޭކޭ 47 މަރުކާގެ ރައިފަލް ޖަހައިގެން މުންޑު އަނދެގެން މުންޑު މަތީން ކަމަރު އަޅައިގެން އުޅޭ ޝީޢީ ޙޫޘީންގެ އަތުން އަޅުގަނޑުމެންގެ ކޯލިޝަން ބަލިވީމައެވެ . މިއީ ގޫގްލްއިން އަޅުގަނޑު ހޯދި މައުލޫމާތެއް ނޫނެވެ. ދެލޯފުޅު ސަލާމަތުން ހުރި ކޮންމެ ބޭފުޅަކަށް ފެންނާން އޮތް ހަގީގަތެކެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ޙޫޘީންގެ ޙަމަލާ އަށް ބިރުން  ރަތްކަނޑުން  ޖިބޫތީގެ  ބަނދަރަށް ވައްދާން މަޖުބޫރު ކުރުވިއެވެ. މިއީ މާތް ރަސްކަލާންގެ ރަސޫލާގެ ދޫފުޅުން ކުރެއްވި ދުޢާ ފުޅުގެ ސަބަބުން  ﷲގެ ޙަޟުރަތުން އައި ބަރަކާތް ނޫން އެއްވެސް ސަބަބަކާ ހުރެ ވީ ކަމެކޭ ބުނެވޭނެ އެއްވެސް ޖާގައެއް  އަޅުގަނޑަކަށް ނުފެނެއެވެ  .

އަޅުގަނޑުމެންގެ ނަޖިދު ކޯލިޝަނުން މާތް ރަސޫލާގެ ސުންނަތް ހައިޖެކް ކޮށްގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންކަމުން ބައެއް ނަޖިދު  ޢިލްމުވެރީން ނަޖިދަކީ ޢިރާޤުކަމަށް ހަދާން އުޅުއްވުމުގައި މީސްތަކުން  މަގުފުރައްދާން އުޅުއްވުން ނޫން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

މިޒަމާނުގައި މިދެކޭ ދީނީ ހުރިހައި ފިތުނައެއްގެ އަސްލު ފެށުނީ ނަޖިދުންނެވެ. އެ ކަން ފެށުނީ ޢިރާޤަކުން ނޫނެވެ. ދެބަސްވާން އަޅުގަނޑު އެއްބަހެވެ. އެ ބޭފުޅަކު ގަބޫލުފުޅު ކުރައްވާ ގޮތަކަށް ގަބޫލުފުޅުކުރައްވާށެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތެވެ .

އަދި  މެދުއިރުމަތީގައި ހިނގަމުން ދަނީ  އިޒްރާއިލްގެ ޢުދުވާނޭ ބުނުމުގެ ބަދަލުގައި ޔައުޖޫޖް މައުޖޫޖުގެ އުދުވާންކަމަށް އަޅުގަނޑު ބަޔާން މި ކުރަނީ  ތިޔަ ބޭފުޅުން ބިރުގަންނަވާކަށް ނޫނެވެ. އަދި ކިއެއްތަ  ޢިލްމީ އަލީގައި މި ގޮތަށް ބަޔާންކުރާން ޖެހޭ ސަބަބުތަކެއް ހުރީމައެވެ. މި ލިޔުން ވިދާޅުވަމުން ކުރިއަށް ވަޑައިގަތީމާ  އިތުރަށް ސާފުވެ ވަޑައިގަންނަވާނެއެވެ.  އެއްވެސް ބައެއް ވައްޓަވައިނުލައްވައި ކުރިއަށް ވަޑައިގަންނަވާށެވެ.   ވަރަށްގިނަ ބޭފުޅުން މި ކަމާ އިދިކީލިވުން އެކަށީންވެއެވެ. ބޭފުޅުންނޭވެ!  ވިސްނައިވަޑައިގަންނަވާށެވެ !

މެދު އިރުމަތީގައި  މުސްލިމް ޤައުމުތަކުގެ މެދުގައި  އުފައްދައިފައި އޮތް ކުޑަކުޑަ ދެގުއްލަ ހަމަ ނުވާ އިސްރާއީލޭ ކިޔާ ޤައުމަކަށް މުޅި ދުނިޔެއަށް ގޮން ޖަހައިލެވޭ ވަރުގެ ބާރު ލިބިފައި ވަނީ ކިހިނަކުންތޯއެވެ؟  އަޅުގަނޑުމެން އެންމެ އިތުބާރުކުރާ  މަޞްދަރުތަކަށް ނަޒަރު ހިންގަވާށެވެ!

 رواه مسلم في "صحيحه (2937) عن النواس بن سمعان رضي الله عنه مرفوعا قَالَ :  وَيَبْعَثُ اللهُ يَأْجُوجَ وَمَأْجُوجَ ، وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ ، فَيَمُرُّ أَوَائِلُهُمْ عَلَى بُحَيْرَةِ طَبَرِيَّةَ فَيَشْرَبُونَ مَا فِيهَا ، وَيَمُرُّ آخِرُهُمْ فَيَقُولُونَ : لَقَدْ كَانَ بِهَذِهِ مَرَّةً مَاءٌ

މިއީ  صحيح مسلمގައިވާ  مرفوع  ޙަދީޘެކެވެ . މަރުފޫޢު ޙަދީޘަށްވާގޮތަކީ  ކުރުކޮށް ދަންނަވަންޏާ ސީދާ ރަސޫލާގެ ބަސްފުޅުން ވާރިދުވެފައި ނެތަސް މާތް ރަސޫލާއާ ގުޅުވިފައި ނުވަތަ ނިސްބަތްކުރެވިފައި  ނުވަތަ އެ ހިސާބަށް އުފުލިފައިވާ ޙަދީޘްއެވެ. ބައެއް ޙަދީޘް ޢިލްމުވެރީން ވިދާޅުވާ ގޮތުން  مرفوع  ޙަދީޘެއް ކަމުގައި ބެލެވޭނީ ސަޙާބީ ބޭކަލަކާ ހިސާބުން  ރަސޫލާގެ ބަސްފުޅެއްކަމަށް ހަދީޘް ފެށިފައިވާނަމައެވެ.

އެހެނީ އެ ޙަދީޘް ޢިލްމުވެރީން ވިދާޅުވާ ގޮތުން އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް އަދި އިޤްރާރުވެވަޑައިގަތް ކަންކަމާއި އިންކާރުކުރެއްވި ކަންކަން އެނގިވަޑައިގަންނަވާނީ ޞަޙާބީ ބޭކަލުންނަށެވެ.  އެހެންކަމުން مرفوع މިއީ ވެސް ޙަދީޘް ޢިލްމުގައި ސައްޙަކަމަށް ޤަބޫލުކުރާން ޖެހޭ ދަރަޖައެކެވެ.

މީގެ އަނެއް ވައްތަރަކީ موقوف ޙަދީޘެވެ. ޔަޢުނީ  މާތް ރަސޫލާއާ ހަމަޔަށް ނިސްބަތްނުކުރެވި، ސަޙާބީ ނުވަތަ ތާބިޢީ ނުވަތަ ތަބަޢަ ތާބިޢީ ބޭކަލަކާ ހިސާބުން އެ ބޭކަލެއްގެ އަމިއްލަ ބަސްފުޅެއްކަމުގައި ހުއްޓިފައި ހުންނަ ޙަދީޘެވެ. ކޮންމެއަކަސް މި މައުޟޫޢުގައި މި ގެނެސްދެވުނު  ދެވަނަ ޙަދީޘަކީ ސަޙީޙް މުސްލިމްގައިވާ، ވަރަށް ދިގު ޙަދީޘެކެވެ.

ޔައުޖޫޖް މައުޖޫޖް ފާޅުވުމާ މެދު، އެ ޙަދީޘްގައި ވާ ގޮތުން  މާތް ﷲ ޔައުޖޫޖް މައުޖޫޖް ފޮނުއްވުމުން يأجوج مأجوج އުސް ތަންތަނުން ފައިބައިގެން އައިސް بُحَيْرَةِ طَبَرِيَّةَއޭ ކިޔުނު ފެންގަނޑު ކައިރީން އަޅައިފައި ދާ އިރު އެ ތަނުން ފެން ބޯނެއެވެ . بُحَيْرَةِ طَبَرِيَّةَއަކީ ޢަރަބި ބަހުން بحر الجليلއެވެ. އަދި ތިބްރީސް ކޯރުވެސް މިތަނަށް ކިއައެވެ. އިނގިރޭސި ބަހުން[SEA OF GALILEEއޭ ކިޔަނީ މި ތަނަށެވެ.

(އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަންޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް