ޔަހޫދީންގެ ޢުދުވާނީ ޢަމަލުތަކުން ތަދުވެފައިވާ ހިތް (1)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ހިތުގެ މި ސިލްސިލާގައި ވަރަށް ގިނަ ބާވަތްތަކެއްގެ ހިތްތަކަކާ ބެހޭ ގޮތުން އެއްޗެއް ލިޔަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ސިލްސިލާ ދިގުވެގެން ކުސްތެޅުން ދިގުވެސް ވެދާނެއެވެ. ހިތާނުވާ ކޫސަނިމޫސަނި ވާހަކަތަކަކަށް ވެސް ވެދާނެއެވެ. އެހެނަސް ބައެއް މީހުންނަށް ކުސީއަކަށް ވެސް ވެދާނެއެވެ.
ކުރިއަށް އޮތް ތާނގައި ބަލައިލެވޭތޯ ބަލާނީ ޔަހޫދީ ހިތަށެވެ. 2023 އޮކުޓޫބަރު 7ން ފެށިގެން ޞިހްޔޫނީން ޣައްޒާއަށް ދަނީ ޙަމަލާތައް ދެމުންނެވެ. ދަގަނޑު ކަނޑީގެ ޢުދުވާނުގެ ނަމުގައި ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން 2024 ސެޕްޓެންބަރު 30އާ ހަމައަށް އާދެވުނު އިރު އިސްރާއީލުން ވަނީ:
• ޣައްޒާއިން 22349 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. 66000 މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. 7000 މީހުން ވަނީ ގެއްލިފައެވެ.
• 10276 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
• ޣައްޒާގެ އުތުރު ސަރަޙައްދުތަކުން ވަނީ 1 މިލިއަން 900 ހާސް މީހުން އެ މީހުންގެ ރަށުން ބޭރުކޮށް ޣައްޒާގެ ދެކުނަށް ފައްސައިލައިފައެވެ.
• ޣައްޒާއިން ވަނީ 2600 މީހުން އަދި ހުޅަނގު އައްސޭރިން 10276 މީހުން ހައްޔަރުކޮށްފައެވެ.
• އުތުރު ޣައްޒާގައި ވަނީ 800،000 މީހުން ބަނޑަށް ޖައްސައިފައެވެ.
• ޣައްޒާގެ މިސްކިތްތަކުން 117 މިސްކިތް ވަނީ މުޅީން ތަޅައި ފުޑުފުޑުކޮށްލައިފައެވެ. މީގެ އިތުރަށް 208 މިސްކިތް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައެވެ.
• ބޯހިޔާވަހިކަމުގެ ޢިމާރާތްތަކުގެ ތެރެއިން 355 ޢިމާރާތް ވަނީ ބިމާ ހަމަކޮށްފައެވެ. މީގެއިތުރަށް 949 ގެއާއި ފިހާރަ ވަނީ ތަޅައިލައިފައެވެ.
• މި ޢުދްވާނުގެ ތެރޭގައި ނޫސްވެރީންނާ ދެކޮޅަށް 224 ޙަމަލާދީ ނޫސްވެރީންގެ ތެރެއިން 106 ނޫސްވެރިއަކު ވަނީ މަރައިލައިފައެވެ.
• މާތްވެގެންވާ އަޤްޞާ މިސްކިތުގެ ޙުރްމަތް 214 ފަހަރު ކަނޑައި 41 ހާސް ޔަހޫދީން އެ މިސްކިތަށް އަރައި މި މިސްކިތަށް އިހާނެތިކޮށް ހިތައިފައިވެއެވެ.[1]
މުސްލިމުން ބުނާ ގޮތުގައި ފަލަސްޠީނުގެ މަސްއަލައަކީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު މަސްއަލައެވެ. އެހެނީ ޔަހޫދީން ދެކޭ ގޮތުގައި މުޅި ފަލަސްޠީނަކީ އެ މީހުންގެ ބިމެކެވެ. ޤުދްސަކީ އެ މީހުންގެ މިލްކެކެވެ. އަލްމަސްޖިދުލްއަޤްޞާ ބިނާކޮށްފައި ވަނީ ސުލައިމާނު ހެއްދެވި "ހައިކަލު" ތަޅައިލައި އެ ތާނގެ މަތީގައެވެ. އެހެންކަމުން އަޤްޞާ މިސްކިތް ތަޅައިލައި އެ ތާނގައި އެމީހުންގެ ހައިކަލު އަލުން ބިނާކުރާން ޖެހޭނެއެވެ. އެ މީހުންގެ ވިސްނުންތެރީން ބުނެފައިވެއެވެ. "ޤުދްސާނުލައި އިސްރާއީލު އޮތުމުގެ މާނައެއް ނެތެވެ. ހައިކަލާ ނުލައި ޤުދްސު އޮތުމުގެ މާނައެއް ވެސް ނެތެވެ." އިސްރާއީލުން 1969ގައި ވަނީ ޢަމަލީ ގޮތުން މި ކަން ކުރެވޭތޯ ބަލައިފައެވެ. އިސްރާއީލުން އެ އަހަރު އަޤްޞާ މިސްކިތް އަންދައިލިއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އުފަންވީ މި ޙާދިސާއާ ވިދިގެންނެވެ. އެހެނަސް އިސްރާއީލުގެ ރޭވުންތައް ދިޔައީ ހެދި ބޮޑުވަމުންނެވެ. އެ މީހުންގެ ބާރު ދިޔައީ ބޮޑުވަމުންނެވެ. އެ މީހުން އޮހޮރަމުން ގެންދިޔަ ކަރުނަތަކަށް ހުޅަނގުގެ ތާއީދު ދިޔައީ އިތުރުވަމުންނެވެ.
1900ވަނަ އަހަރު ފަލަސްޠީނުގެ ބިމުގައި ތިބި ޔަހޫދީންގެ ޢަދަދު ޢަރަބީންނާ އަޅައިބަލާއިރު 5 % ވެސް ހަމަނުވެއެވެ. އެމީހުންގެ ބިމުގެ މިލްކިއްޔާތު 3 % ށް ވުރެ ކުޑައެވެ. ފުރަތަމަ ބޮޑުހަނގުރާމައަށް ފަހު ހުޅަނގުގެ ގައުމުތަކުގެ މެދުގައި ޢަރަބި ގައުމުތައް ބަހައި ޔަހޫދީންނަށް ފަލަސްޠީނުގެ ބިމުގައި ވަޒަނެއް ހަދައިދިނުމަށް އިނގިރޭސިވިލާތުން ވަޢުދުވިއެވެ. ބެލްފޯރުގެ ސުންޕާ ވަޢުދުގެ ނަމުން މަޝްހޫރުވެފައިވާ މި ވަޢުދާއެކު ފަލަސްޠީނުގެ ބިމަށް ޔަހޫދީ ބައިބަޔަށް ހިޖުރަކުރާން ފެށިއެވެ. 1931ވަނަ އަހަރާ ހަމައަށް އައި އިރު ފަލަސްޠީނުގެ ބިމުގައި ތިބި ޔަހޫދީންގެ ޢަދަދު، 17 % ށް ވަނީ އިތުރުވެފައެވެ. 1947ވަނަ އަހަރާ ހަމައަށް ދިޔަ އިރު، މި ޢަދަދު 31 %ށް ބޮޑުވެއްޖެއެވެ. 1948ވަނަ އަހަރުގެ ނަކްބާއަށް (މުޞީބަތަށް) ފަހު ހުޅަނގުގެ ތާއީދާއި މަދަދާއި އެހީއާ އެކު، ޔަހޫދީ ނިރުބަވެރި ޖަމާޢަތްތަކުން ފަލަސްޠީނުގެ ބިމުގެ 78 % ބިމަށް ވެރިވެގަތެވެ. އަދި އިސްރާއީލޭ މި ކިޔާ ދައުލަތް ޤާއިމުކުރިއެވެ. އެހިނދު ޢަރަބީންގެ ބާރުގެ ދަށުގައި އޮތީ ހަމައެކަނި ހުޅަނގުއައްސޭރިއާއި ޣައްޒާއެވެ. 1967ގެ ނަކްސާ ހަނގުރާމައިގައި އިސްރާއީލުން ހުޅަނގުއައްސޭރިއާއި ޣައްޒާއާއި، މިޞްރުގެ ސީނާއާއި، ސޫރިޔާގެ ގޯލާނުގެ އުސްބިންތަކާއި ލުބްނާނުގެ ޝަބްޢާ ދަނޑުބިންތައް ހިފައި އިސްރާއީލުގެ ތަންތަންކަމުގައި ހެދިއެވެ. މިއީ ބޮޑު އިސްރާއީލު ޤާއިމުގެ ރޭވުމުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ކީރިތި ޤުރްއާން ވަނީ ޔަހޫދީންނަށް ސަމާލުވުމަށް މުސްލިމުންނަށް އަންގަވައިފައެވެ. އެ މީހުންގެ ނުބައި ނަފްސިއްޔަތު ވަނީ ބަޔާންކޮށްދެއްވައިފައެވެ. މުސްލިމުންގެ ބިންތަކަށް އަތްގަދަކުރުމުގެ އެދުން އެ މީހުންގެ ކިބައިގައި ވާކަން މާތްﷲ އެންގެވިއެވެ. މާތް ﷲ އެމީހުންގެ މައްޗަށް ވަނީ އަބާއްޖަވެރިކަން ލިޔުއްވައިފައެވެ. އެ މީހުން ހަނގުރާމައަކަށް ފަހު ހަނގުރާމައެއް ފަށާނެއެވެ. އެއް ފިތުނައަކަށް ފަހު އަނެއް ފިތުނައަކަށް ވަންނާނެތެވެ. އެމީހުންނަށް ހަމަޖެހުމުގެ ނިޢުމަތެއް ނުލިބޭނެއެވެ. ޤިޔާމަތާ ޖެހެންދެން އެ މީހުން އުޅޭނީ ދުނިޔޭގައި ގަޑުބަޑުތައް އުފައްދާށެވެ. ދުނިޔެ ފަސާދަކުރާށެވެ. މަތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ مَن يَسُومُهُمْ سُوٓءَ ٱلْعَذَابِ[2] - އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذابގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ.))
ކީރިތި ޤުރްއާނުގައި އައިސްފައިވާ ވާހަކަތަކަށް ބަލާއިރު އެންމެ ގިނައީ ބަނީއިސްރާއީލު ބާގައިގެ މީހުންގެ ވާހަކަތަކެވެ. ސީދާކޮށްނާއި ނުސީދާކޮށް ކީރިތި ޤުރްއާނުގައި ބަނީއިސްރާއީލު ބާގައިގެ މީހުންނާ ބެހޭ 130 އާޔަތް އައިސްފައިވެއެވެ. މި އާޔަތްތަކުގައި އެ މީހުންގެ ޠަބީޢަތާއި ނަފްސިއްޔަތާއި އެ މީހުންގެ ބޯހަރުކަމާއި އެ މީހުންގެ ދޮގުވެރިކަމާއި ރަސޫލުބޭކަލުންނަށް ކޮށްފައިވާ ދުއްތުރާތަކުގެ ވާހަކަތައް އައިސްފައިވެއެވެ. އެ މީހުން ވަނީ އެތައް ހާސް ނަބީބޭކަލުންނެއް ޤަތުލުކޮށްފައެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. "އެންމެ ދުވަހެއްގެ ތެރޭގައި ބަނީއިސްރާއީލު ބާގައިގެ މީހުން ތިން ސަތޭކަ ނަބީބޭކަލުން ޤަތުލުކޮށް އަވަހާރަކޮށްލިއެވެ. މި ކަން ކުރުމަށް ފަހު އެ ބައިމީހުން އެ ދުވަހު ހަވީރުކޮޅު އެ މީހުންގެ ބާޒާރުތައް ހުޅުވިއެވެ."
އެ މީހުން ޤަތުލުކުރި ރަސޫލުބޭކަލުންގެ ތެރޭގައި ޒަކަރިއްޔާގެފާނު ވިއެވެ. އެ ކަލޭގެފާނު ޤަތުލުކުރީ ބޮޑު ގަހެއްގައި ބަނދެ ބޮޑު ކީހަކުން އެކަލޭގެފާނުގެ ހަށިކޮޅު ރުއްގުޅިއެއް ކީހާ ގޮތަށް ކީހައިލައިގެންނެވެ. އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާގެފާނު ވެސް ޤަތުލުކުރީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެމީހުން ޢީސާގެފާނު ޤަތުލުކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި ކައު ރަސޫލާ އަވަހާރަކޮށްލެވޭތޯ ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَى أَنْفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ [3] - ފަހެ، ތިޔަބައިމީހުންގެ نفسތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسولއަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسولން ދޮގުކުޅައީމުއެވެ. އަނެއްބައި رسولން قتل ކުޅައީމުއެވެ.))
ކައުރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أَشَدُّ النّاسِ عَذابًا يَوْمَ القِيامةِ رَجُلٌ قَتَلَ نَبيًّا أو قَتَلَه نَبيٌّ – ޤިޔާމަތްދުވަހުން އެންމެ ޢަޒާބު ބޮޑު މީހަކީ ނަބީބޭކަލަކު މެރިމީހާއެވެ. ނުވަތަ ނަބީބޭކަލަކު ޤަތުލުކުރެއްވި މީހާއެވެ.))
މިއީ ޔަހޫދީން އެބައިމީހުންގެ ނަބީންނާމެދު މުޢާމަލާތުކުރި ގޮތެވެ. ވީމާ، އެހެން މީހުންނާ މެދު އެމީހުން ޢަމަލުކުރާނެ ގޮތާ މެދު ޙައިރާންވާކަށް ނުޖެހެއެވެ. އެ މީހުން އެކުލަވައިލައިފައިވާ އެ މީހުންގެ މުޤައްދަސް ފޮތް ތަލްމޫދު[4]ގައި އައިސްފައިވެއެވެ. "ތިބާ ޣައިރު ޔަހޫދީއަކު މަރައިލިނަމަ ހުވާކޮށްފައި ބުނަމެވެ. ތިބާ އެ މަރައިލީ އިންސާނެއްނޫނެވެ. ހަމަކަށަވަރުން ތިބާ ތިޔަ މަރައިލީ އޫރެކެވެ." ތަލްމޫދުގައި އިތުރަށް ބުނެފައިވެއެވެ. "ޣައިރުޔަހޫދީއެއްގެ ލޭ އޮހޮރުވުމަކީ ކަލާނގެއަށް ޓަކައި ކުރެވޭ އެންމެ މާތް ޤުރްބާނީއެވެ."
މިއީ އެ މީހުންގެ ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލެކެވެ. މާތް ﷲ މި ކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا [5]- އަދި ތިމަންރަސްކަލާނގެ، إسرآءيل ގެދަރިންނަށް، ފޮތުގައި (އެބަހީ: توراة ގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެ ފަހަރެއްގެ މަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.))
ކީރިތި ރަސޫލާގެ ޒަމާނުގައި އެ މީހުން ވަނީ ރަސޫލާއާ އެކު ކޮށްފައިވާ މުޢާހަދާ އުވައިލައި މުޝްރިކުންނާ ސިއްރުން ގުޅައި ރަސޫލާއާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޔަހޫދީން މަދީނާއިން ބޭރުކޮށްލައްވައިފައެވެ. އެ މީހުންގެ ދެވަނަ ބޮޑާވުން އަދި އޮތީއެވެ. މިހާރު މެދުއިރުމަތީގައި މި ހިނގާ ކުރިމަތިލުންތަކަކީ މި ބޮޑާވުންކަމަށް ވެދާނެއެވެ.
ފަލަސްޠީނު މީހުންނާ ދެކޮޅަށް ޔަހޫދީން ވަނީ ހަނގުރާމައިގެ އެތައް ސިލްސިލާތަކެއް ހިންގައިފައެވެ. އެތައް ޤަތުލުޢާންމުތަކަކަށް އަރައިގެންފައެވެ. އޭގެ ތެރޭގައި 1987ގެ އިންތިފާޟާ ވެއެވެ. މި އިންތިފާޟާގައި ފަލަސްޠީނުން ހާހެއްހައި މީހުން ޝަހީދުކޮށް 90 ހާސް މީހުން ޒަޚަމުކޮށްފައިވެއެވެ. 15 ހާސް މީހުން ހައްޔަރުކޮށްފައި ވެއެވެ. 1228 ގެ ތަޅައިލައިފައިވެއެވެ.
ދެން އައީ 2000ވަނަ އަހަރުގެ އިންތިފާޟާއެވެ. މި އިންތިފާޟާގައި 4500 މީހުން ޝަހީދުކޮށްލުމަށް ފަހު، 9000 ހާސް މީހުން އަސީރުކޮށްގެން ގެންގޮސްފައިވެއެވެ.
ތިންވަނަ ޢަމަލަކީ 2014ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައެވެ. މި ހަނގުރާމައިގައި 2200 މީހުން ޝަހީދުކޮށްލައިފައިވެއެވެ. އޭގެ ތެރޭގައި 530 ކުޑަކުދީންނާއި 300 އަންހެނުން ހިމެނެއެވެ. މި ހަނގުރާމައިގައި 110000 މީސް ޒަޚަމުކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި 3300 ކުޑަ ކުދީން ހިމެނެއެވެ.
އެ މީހުންގެ ޙިކްމަތްތެރީންގެ ޕްރޮޓްކޯލްތަކުގައި (protocols of learned elders) އައިސްފައިވެއެވެ. " އަހުރެމެންގެ ނަފުސުތައް ބާރުވެރިވެގެންދާ ހިނދު އަހުރެމެން ވާނީ މި ބިމުގައި ސާހިބުންނަށެވެ. އެ ހިނދު އަހުރެމެންގެ ދީން ނޫން އެހެން ދީނެއް މި ބިންމަތީގައި ހުއްދައެއްނުކުރާނޫއެވެ. މިހެންވެ އެހެން ހުރިހާ ޢަޤީދާތަކެއް ނައްތައިލުން އަހުރެމެންގެ މައްޗަށް ވާޖިބުވެގެންވެއެވެ."
ޔަހޫދީންގެ އިސް ޢިލްމުވެރިއަކު ބުންޏެވެ. "ޢިބްރާނީ ދީން ފިޔަވައި އެހެން ހުރިހާ ދީންތަކަކީ އިންސާނީ ގިޔަމުތަކާ އަރައިރުންވާ ސާފުތާހިރު ކަމެއްނެތް މަކަރާއި ޙީލަތުގެ ދީންތަކެކެވެ. އެއީ އިސްރާއީލުގެ ކަލާނގެއަށް ބޯނުލަބާ ދީންތަކެކެވެ."
ހުޅަނގުގެ ބައެއް މުފައްކިރުންނަށް ވަނީ މި ޙަޤީޤަތް ދެނެގަނެވި ޔަހޫދީންގެ މުއާމަރާތަކަށް ސަމާލުވުމަށް ގޮވައިލައިފައެވެ. އެއިގެ ތެރެއިން އެކަކު ބުންޏެވެ. "އެންމެހައި މީސްތަކުންނޭވެ! ޔަހޫދީން ވަޒަންވެރިވެފައިވާ ކޮންމެ ރަށެއްގައި އަޚުލާޤު ވަނީ ފާސިދުކޮށްފައެވެ. ވިޔަފާރީގެ ޒިންމާ ވަނީ ނައްތައިލައިފައެވެ. އެ މީހުން އުޅެނީ ރަށުގެ މީހުންނާ އެކުނުލަވައި އެކަހެރިކޮށްނެވެ."
ހުޅަނގުގެ އެހެން މުފައްކިރަކު ބުންޏެވެ." މޫސާގެފާނުގެ ޒަމާނުއްސުރެ ޔަހޫދީންނަކީ އަނިޔާވެރި ބަޔެކެވެ. ނުބައި ރޭވުންތައް ރާވައި ހަދާ މަކަރުވެރި ބަޔެކެވެ. ޔަހޫދީންގެ ހުރިހައި ވިސްނުންތޫނު ކަމެއް ޤުރްބާންކޮށްފައިވަނީ ލޫޓުވުމަށާއި ފޭރުމަށެވެ. އެމީހުންގެ ޢަޤީދާއަކީ ވައްކަންކުރުމަށާއި ބަދުއަޚްލާޤީ ޢަމަލުތަކަށް ސަނާކިޔާ ޢަޤީދާއެކެވެ."
ތަލްމޫދުގައި އައިސްފައިވެއެވެ." ޔަހޫދީއަކަށް އެންމެ ލާރިއެއް ހޯދައިދިނުމަށް ޓަކައި ވިހި ދޮގު ހުވާ ތިބާކުރާށެވެ! އެއީ ތިބާއަށް ސަވާބުހުރި ކަމެކެވެ."
ޔަހޫދީންގެ ނުބައިކަމާއި ނުލަފާކަން ހިތްމައްޗަށް ގެނެވިއްޖެބާވައެވެ!
(ނުނިމޭ)
[1] - މަޢުލޫމާތު ނެގީ އަލްޖަޒީރާއިން
[2] - الأعراف: 167
[3] - البقرة: 87
[4] - ޔަހޫދީންގެ ގާތުގައި ތައުރާތަށް ވުރެ މަތްކަން ބޮޑީ މި ފޮތެވެ. މިއީ ބާވައިލެއްވި ފޮތެއްނޫނެވެ. ޔަހޫދީންގެ ފިލޯސަފަރުން އެކުލަވައިލި ފޮތެކެވެ.
[5] - الإسراء: 4