Advertisement

ދުނިޔޭގައި މިހާރު ފިރުޢައުނީ ވެރިކަން ހިންގާ އިސްރާއީލުގެ ހައިފާއަށް ހިޒުބުﷲއިން މިރޭ ޙަމަލާދީ ރައްޔިތުން ހާސްކޮށްލައިފި.

07 Oct 2024 | 01:57
ލުބުނާނުގެ މިއަދުގެ ޙާލަތު

ފަރަގު މީޑިއާ

މުޅި ދުނިޔޭގައި މިހާރު މިވަނީ ޖާހިލިއްޔަތު އާންމުވެފައެވެ. ދުނިޔޭގައި ވެރިކަން ކުރަނީ އަނިޔާވެރިކަމާއި ބޭއިންސާފެވެ. ޑިމޮކްރެސީއާއި އިންސާނީޙައްގާއި ޢަދުލު އިންސާފަކީ ދުނިޔޭގައި ފިރުއައުނީ ވެރިކަން (އަނިޔާވެރިކަން) ފަތުރާން ގެންގުޅޭ އާލަތެވެ. ދުނިޔޭގެ ގައުމުތަކުން ޗަންދާ ދައްކައިގެން މުވައްޒިފުންނަށް ބޮޑު މުސާރަ ދީގެން ހިންގާ އދ. އޮތީ އަތްފައި ނެތް ކޮއްމަސްބުރިއަކަށް ވެފައެވެ.

މި ދިޔަ އަހަރު އޮކުޓޫބަރުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދޭންފެށި ޢުދުވާނާއި ހިންގަމުން ގެންދާ ނަސްލުހޭދު ހުއްޓުމެއް ނެތި، އެތަން ތަޅައި ސުންނާފަތިކޮށްލީ ދުނިޔޭގެ ލޯތަކަށް ފެންނަ ގޮތަށެވެ. ދުނިޔޭގައި ހަންފަތުރައި މުޅި ދުނިޔެ ފަސާދަކުރާން އުޅޭ އެމެރިކާއާއި އިނގިރޭސިވިލާތުގެ ފުރިހަމަ އެހީއާއި މަދަދާ އެކީގައެވެ.

ޣައްޒާއަށް ދޭ ޢުދުވާނުތައް ވަރުގަދަކުރުމާއެކު މިހާރު މިވަނީ ލުބުނާނަކީ ދެވަނަ ޣައްޒާއަށް ހެދުމުގެ މަސައްކަތް ފަށައިފައެވެ. ސުމާރެއް ނެތި ވައިގެ މަގުން މުޅި ލުބުނާނަށް ޙަމަލާ ދީ 2000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، އެ ޙަމަލާތައްވަނީ އެ މީހުންނަށް ވަރުަދަކުރެވޭން އޮތް އެންމެ ވަރަގަދައެއްކޮށްފައެވެ. އިސްރާއީލުގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތައް ވަނީ ގުޑުވައިލައިފައެވެ. އެ ޙަމަލާއާ އެކު މުޅި ބިންގަނޑު ގުޑައިގެން ދިޔައެވެ. ލޮލަށް ފެންނަނީ، ޙަމަލާދީ ޢާންމުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތި ކޮށްލައިފައިވާ ސަރަޙައްދުތަކުގައި ބިޔަ އަލިފާންގަނޑުތައް ރޯވެ، ކަޅު ދުން އަރަމުންދާ މަންޒަރެވެ. ގެދޮރު ގެއްލިފައިވާ ރައްޔިތުންނަށް ހަދައިފައިވާ ވަގުތީ ހިޔާތައް ފުރި ބާރުވެ އެ މީހުން ނިދޭތޯ ތިބޭންޖެހެނީ މަގުތައްމަތީގައްޔާއި ޕާކުތަކުގައެވެ.

ބައިރޫތަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކޮށްފައި މި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިސް މަޖުލިސްގެ ވެރިޔާ ހާޝިމް ޞަފީޢުއްދީން ޝަހީދު ކޮށްލުމަށް ޓަކައި ބައިރޫތުގެ ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުއެވެ. އޮކްޓޯބަރު 4ގައި ޞަފީޢުއްދީން ޝަހީދު ކޮށްލާން ދިން ޙަމަލާތަކަށް ފަހު އޭނާގެ ޚަބަރެއްވެފައި ނުވާކަމަށް ލުބްނާންގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭނާ ޝަހީދުވެފައިވާ ކަން ޙިޒްބުاللهއިން އަދި ކަށަވަރު ކޮށްދީފައެއް ނެތެވެ.

ޣައްޒާގެ އަދުގެ ޙާލަތު<br>

އިސްރާއީލުން ބުނަނީ ލުބްނާންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ ޙިޒްބުاللهއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނެއް ކަމުގައެވެ.  އަދި، ފާއިތުވި 12 ވަރަކަށް ދުވަހުގެ ތެރޭގައި ޙިޒްބުاللهގެ 440 މުޖާހިދުން ޝަހީދު ކޮށްލައިފައިވާނެ ކަމަށް އެ މީހުން ފަޚުރުވެރިކަމާއެކު ބުނެއެވެ. ނަމަވެސް ޙިޒްބުاللهއިން އެ ޢަދަދު ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިއީ, ޙިޒްބުاللهއާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތަކެއް ކަމުގައި އިސްރާއީލުން ބުނި ނަމަވެސް، ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލައިފައިވާ ތަން ފެންނަނީ ލުބްނާންގެ ޢާންމު ރައްޔިތުންނެވެ. މަދަނީންނެވެ.

މި ދަނޑިވަޅުގައި ސީދާ އެމެރިކާއިން ޔަމަނަށް ވައިގެ ޙަމަލާތައް ދެމުން ގެންދަނީއެވެ. މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާ ބެހޭ އަސްކަރީ އިދާރާ އިން ބުނެފައިވާ ގޮތުގައި ޔަމަންގެ 15 ސަރަޙައްދަކަށް ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާނެއެވެ. މަންޒަރު ފެނުނު ޔަމަނުގެ ރައްޔިތުން ބުނީ, އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ތަންތަނުގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރުތައް ހިމެނޭ ކަމުގައެވެ. ޔަމަނަށް ދީފައިވާ ޙަމަލާތަކާ ގުޅޭ އިތުރު ތަފުސީލެއް އެމެރިކާއިން ހާމަކޮށްފައެއް ނެތެވެ. ޔަމަނުގެ ޙޫޘީން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލާން އިސްރާއިލުން މީގެ އަހަރެއްހާ ދުވަސް ކުރީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން އިސްރާއީލުގެ މަސްލަޙަތުތަކަށް ޙަމަލާދޭން ފެށުމުންކަމަށް ބުނެއެވެ.

ޙޫޘީންގެ މަގުސަދަކީ އިސްރާއީލުގެ ޢުދުވާން ހުއްޓައިލާން އިސްރާއީލަށް ބާރު އެޅުމެވެ. އަދި, ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. ޙޫޘީންގެ އަސްކަރީ ހަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. ޙަމަލާތައް އަމާޒުކުރަމުން ދަނީ ޔަހޫދީންނާއި ގުޅުން ހުރި އަދި އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. މީގެ އިތުރަށް ޔަހޫދީންގެ މަދަދުގާރުންގެ ތެރޭގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި، އެ ޤައުމުތަކާ ގުޅުން ހުންނަ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޙޫޘީން 100އެއްހާ އުޅަނދަށް ޙަމަލާ ދީފައިވެއެވެ. އަދި, އެ ޙަމަލާތަކުގައި ދެ އާގުބޯޓު ފައްތައިލައިފައިވެއެވެ. ޙޫޘީންގެ ސަރުކާރުގެ ދަޢުލަތުގެ މީޑިޔާ، އަލް-މަސީރަތު ޓީވީއިން ބުނީ ވެރިރަށް ޞަންޢާގެ އިތުރުން ބަނދަރުމަތީ ރަށެއް ކަމުގައިވާ އަލް-ޙުދަޔިދާގެ ވައިގެ ބަނދަރަށް ވެސް އެމެރިކާގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާކަމުގައެވެ. އަދި, ދެކުނުގައި އޮތް ޛިމާރާއި އިރުދެކުނުގައި އޮތް އަލް-ބައިޟާއަށް ވެސް ޙަމަލާދީފައިވާ ކަމުގައެވެ.

އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި ނޫސްވެރިޔާ ޙަސަން ޙަމަދު (19 އަހަރު)<br>

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ދީފައިވާ ވައިގެ ޙަމަލާތަކަކީ، އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ކާމިޔާބު ނުވާތީ އެ ކަމާ "މާޔޫސްވެގެން" ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ޙޫޘީންގެ ތަރުޖަމާނު ސިފަ ކުރިއެވެ. އަދި، އެ ފަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ފަށައިފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށް ބުނެ، ޙޫޘީން ވަނީ އިންޒާރު ވެސް ދީފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ ޢުދުވާނުތައް ވީޑިއޯކޮށް ޚަބަރުފަތުރާން މަސައްކަތްކުރާ ނޫސްވެރީންނަށް އަމާޒުކޮށްގެން އެ މީހުން މަރަމުން ގެންދިޔުމަކީ އިސްރާއީލުން ހިންގާ ވަކި ޚާއްޞަ އޮފޕަރޭޝަނެކެވެ.

އިއްޔެ ވެސް މި ވަނީ ފަލަސްތީނުގެ ނޫސްވެރިޔަކު އޭނާ ޣައްޒާގައި ދިރިއުޅޭ ޖަބަލިޔާ ރެފިޔުޖީ ފޭލިގޭގައި އުޅެނިކޮށް ޙަމަލާދީ އޭނާ ޝަހީދުކޮށްލައިފައެވެ. ޙަސަން ޙަމަދު ޝަހީދުވުމުގެ އެއް ދުވަސްކުރީން އޭނާ ވީޑިއޯކުރާނަމަ މަރައިލާނެކަމުގެ އިންޒާރު އިސްލާއީލުގެ އަސްކަރީ އޮފިސަރަކު ދިފައިވާކަމަށް އޭނާ ވަނީ ކުރީން ބުނެފައެވެ.

މިހާތަނަށް ހާމަވެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަލްޖަޒީރާއާއި އެހެން މީޑއާތަކުގައި މަސައްކަތްކުރާ ނޫސްވެރީންގެ ތެރެއިން އިސްރާއީލުން ގަސްތުގައި ޝަހީދުކޮށްލައިފައިވާ ނޫސްވެރީންގެ ޢަދަދު މި ވަނީ އުމުރުން އެންމެ 19 އަހަރުގެ ޙަސަން ޙަމަދު ޝަހީދުވުމާ އެކު 128އަށް އުފުލިފައެވެ.

މިއީ ލިޔެ ކޮޅުންލާކަށް އޮތް ވާހަކަތަކެއް ނޫނެވެ. އދ.ގެ އަމީންޢާންމު އެންތީނިއޯ ގުތަރޭސް ބުނަނީ ދެވަނަ ޣައްޒާއަކަށް ލުބުނާނު ހަދާތަން ބަލާކަށް ދުނިޔެ ނޯންނާނެކަމަށެވެ. ނަމަވެސް އދ.އަކީ އާރެއް ބާރެއް ނެތް ޖަމުޢިއްޔާއެކެވެ. އެމެރިކާއާއި އިސްރާއީލާ ޖެހުނީމައެވެ. އެހެން ގައުމަކުން ނިރުބަވެރިކަމުގެ ބަހެއް ބުނެލިޔަސް ހީވާނީ މުޅި ދުނޔެ ގުޑައިގެންދާހެންނެވެ.

މިއީ މިއަދު ދުނިޔޭގެ ޙާލަތެވެ. އިސްރާއީލާއި އެމެރިކާއާއި ވިލަތުގެ ޣައިރު މުސްލިމު ގިނަ ގައުމުތަކުގެ އެހީއާއެކު މުސްލިމު ގައުމުތައް ސުންނާފަތިކޮށް ނިންމަނީއެވެ. މި ކަމާ ޗުއްޕު ވެސް ބުނަނީ ހަމައެކަނި އީރާނުންކަމަށް ވިޔަސް މުސްލިމު ގިނަ ގައުމުތަކުގެ ކުރިމަތީގައި އީރާނަށް ވުރެ އިސްރާއީލުގެ އިތުބާރު އަދި ވެސް މާ ބޮޑެވެ. އިންސާނީ ހައްގޭ، އަދުލުއިންސާފޭ ޑިމޮކުރެސީއޭ މިނިވަންކަމޭ ގޮވަމުން ގެންދާ މުނާފިގު ދައުލަތްތަކަށް މުސްލިމު ގިނަ ގައުމުތަކުން އަދި ވެސް އީރާނަށްވުރެ މާ އިތުބާރުކުރާހެން ހީވެއެވެ.

ނަމަވެސް އިސްރާއީލުގެ ވެރީން އިސްރާއީލުގެ ރައްޔިތުންނަށް ޙިމާޔަތާއި ރައްކާތެރިކަން އެބަ އޮތްކަމަށް ބުނިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދާދި ދެންމެއަކު ދެކުނު ލުބުނާނުން ޙިޒުބުﷲ ފޮނުވައިލި ހައެއްކަ ރޮކެޓުތަކުން ފަސް ރޮކެޓަކުން ކާޟިޔާބުކަމާއެކު އުތުރު އިސްރާއީލުގެ ބަނދަރުމަތީ ރަށެއްކަމަށްވާ ހައިފާއަށް ހަމަލާދީ އެކަކު މަރައިލައި އެތައް ބަޔަކު ޒަޚަމުކޮށްލައި ބޮޑު ގެއްލުމެއް ދީފިއެވެ.

މި ޙަމަލާއާ ގުޅިގެން އިސްރާއީލުގެ ތަޖުރިބާކާރު ސިޔާސީއަކު އަލްޖަޒީރާއަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައި ވަނީ އިސްރާއީލަކީ ޔަހޫދީންނަށް އަމާން ސުވަރުގެއެއްކަމަށް ނަތަންޔާހޫ ބުނި ނަމަވެސް މިއަދު އެއްވެސް އަމާންކަމެއް ޔަހޫދީންނަކަށް ނެތެވެ. އަދި މި ޙާމަލާގެ ސަބަބުން މާއްދީ ގޮތުން އިސްރާއީލަށް ލިބުނު ގެއްލުމަށް ވުރެ، ނަފުސާނީ ގޮތުން އިސްރާއީލުގެ ރައްޔިތުންނަށް ލިބުނު ގެއްލުން މާ ބޮޑުކަމުގައެވެ. މީގެ ބަދަލުގައި އިސްރާއީލުން އީރާނަށް ޙަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ބަދަލުގައި އީރާނަކުން ވެސް މާދަކުން ނޯންނާނެއެވެ. ނަތީޖާއަކަށްވާނީ ތިންވަނަ ބޮޑު ހަނގުރާމައެއްެ ފެށުންކަމަށް ވެސް ވެދާނެއެވެ.

މަދަނިއްޔަތާއި ތަހުޒީބުގެ ގޮތުން ކުރިއަރައިފައިވާކަމަށް ދަޢުވާކުރާ އަދުގެ ދުނިޔޭގައި މިއަދު މިހިނގަނީ ޖާހިލިއްޔާ ޒަމާނަށްވުރެ ވެސް މާ އަނިޔާވެރި ޢަމަލުތަކެކެވެ. ފިރުޢައުނީ ވެރިކަމެވެ. މުނާފިގުކަމާއި ދެފުށްދެގޮތްކަމެވެ. ހުޅަނގުން ދެކޭ ގޮތުގައި އިންސާނީ ހައްގަކީ ހަމައެކަނި އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތަށް ލިބެންޖެހޭ އެއްޗެކެވެ.

Advertisement

ކޮމެންޓް