Advertisement

ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟ (1)

07 Oct 2024 | 00:01
ޞޫފިއްޔަތަކީ ކޮބާ؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ސޫފީންގެ ވާހަކައަކީ ދޭތެރެދޭތެރެއިން އަޅުގަނޑުމެންގެ ތެރޭގައި ފެންމަތިވާ ވާހަކައެކެވެ. ނަމަވެސް، ސޫފީންގެ ވާހަކަދެކެވޭ އިރު، ފެންނަނީ ދެ ފަރާތެއްގެ ދިމާ އިދިކޮޅު ދެކޮޅެވެ. އެއް ކޮޅުން ފެންނަނީ 'ސޫފީ' މި ލަފުޒު އިވޭ އިރަށް އެ ކަން ކުފުރާ ގުޅުވައިލެވޭ ތަނެވެ. ބިދުޢައާ (އެބަހީ، ދީނީ ކަންކަމުގެ ގޮތުގައި ދީނީ ކަންކަމަށް ނުހިމެނޭ، މުޅިން އާ ކަންކަމާއި، އަދި ބާތިލު އަގީދާތަކައި، ދީނީ ގޮތުން އެއް ގޮތަކަށް ވެސް ހުއްދަނޫން، މުޅީން ހަރާން ޢަމަލުތަކާ) ގުޅުވައިލެވިގެންނެވެ. އަނެއް ކޮޅުން ފެންނަނީ، މުސްލިމުންގެ ތެރެއިން ހަމަ އެކަނި ކަމުހިނގައިދާނޭ ބަޔަކީ ސޫފީން ނުވަތަ ސޫފީންނާ ގުޅުން އޮންނަ ބަޔެއްކަން ދެކޭ ތަނެވެ. މިއިން އެއްވެސް ކޮޅަކުން ސޫފީންނާއި ސޫފިއްޔަތުގެ ހަގީގަތަކީ ކޮބައިކަމާއި އިސްލާމީ ތާރީޚުގައި ސޫފިއްޔަތުގެ ތަހުރީކު އުފެދި، އެ ހަރަކާތް ޢިލްމަކަށްވެ، އިސްލާމީ ޝަރުއީ ޢިލްމުތަކުގެ ބައެއްގެ ގޮތުގައި ސޫފިއްޔަތު ހިމެނިގެން ދިޔައީ ކިހިނެއްކަމެއް އެނގޭނޭ ގޮތެއް ނުވެއެވެ. އަދި، ފަހުން، ސޫފިއްޔަތުގެ ކަންތައްތައް ފަސާދަވެ ގޮސް، މުސްލިމުންގެ ތެރޭގައި ސޫފީންގެ މަގުބޫލުކަން ކުޑަވެގެން ދިޔައީ ކީއްވެގެންކަމުގެ މައްޗަށް ވެސް ބަލައެއްނުލެވެއެވެ.

މި ދެންނެވި ސިފައިގައި، ކަމުގެ ދެ ފަރާތުގެ މިޔަމަތީ ތިބެ، ވާހަކަދެއްކުމުގެ ފުރުސަތު އޮންނަނީ އާންމުންގެ ހޭލުންތެރިކަން ކުޑަވީމައެވެ. މައްސަލައާ ބެހޭ ގޮތުން، އާންމުންގެ އެނގުން ކުޑަވެ، އެ ކަމާ މެދު، މުސްތަގިއްލު ގޮތެއްގައި، (އެ ބަހީ އެއްވެސް ކޮޅަކަށް ބުރަ ނުވެ،) ހަގީގަތް ހޯދުމުގެ އެދުމުގައި، މައްސަލައާ ދޭތެރޭ އަމިއްލައަށް ވިސްނައިލުމުގެ އެކަށޭނަކަން ނެތީމައެވެ. އެހެންވެ، އާންމުންނަށް މި ފަދަ ގޮތެއްގައި އަމިއްލައަށް ވިސްނުމުގެ މަގެއް ކޮށައިދެވޭތޯ ސޫފިއްޔަތުގެ ވާހަކަ، ކޮންމެވެސް ވަރަކަށް ނަމަވެސް، ތަފުސީލުކޮށް ގެނެސްދެވޭތޯ މަސައްކަތްކޮށްލާން ގަސްދުކޮށް، މި ލިޔުން ލިޔަމެވެ.

މި ލިޔުމުގައި ސޫފިއްޔަތުގެ ތަހުރީކު ފެށުނު ގޮތާއި އަދި އެ ކަން ޝަރުއީ ޢިލްމަކަށް ވެގެން ދިޔަ ގޮތާއި، އަދި ފަހުން، އެ ކަމުގެ ތެރެއަށް ބާތިލު އަގީދާތަކާއި ތާކުންތާކު ނުޖެހޭ ބިދުޢައިގެ އަމަލުތައް ވަދެގެން ދިޔަ ގޮތުގެ މައްޗަށް ބަލައިލާން ގަސްދުކުރަމެވެ.

ތަސައްވުފު ނުވަތަ ސޫފިއްޔަތުގެ ޢިލްމުގެ މައްޗަށް ތަފުސީލީ ގޮތެއްގައި ބަލައިލުމުގެ ކުރީން އިސްލާމީ ޝަރީއަތުގެ ޢިލްމުތަކުގެ މައިގަނޑު ބައިތަކުގެ މަތީން ހަނދާންކޮށްލުން މުހިންމެވެ. ސޫފިއްޔަތުގެ އިލްމާއި އެ ޢިލްމުތަކާ ފުށުނާރައި ދިޔުމަށް ޓަކައެވެ.

ޝަރީއަތުގެ ޢިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ޢިލްމަކީ އީމާންކަމާ ބެހޭ އިލްމެވެ. އާދޭހެވެ! އަގީދާ ނުވަތަ ހިތުގެ އަޑީން ގަބޫލުކުރާ ދީނީ ގަބޫލުކުރުންތަކުގެ އިލްމެވެ. މި ޢިލްމަށް ތަފާތު ނަންތައް ކިޔެއެވެ. އިސްލާމް ދީނުގެ އުސޫލުތަކާ ބެހޭ އިލްމެވެ. އިސްލާމް ދީން ބިނާވަނީ މާތްރަސްކަލާނގެއަށާއި އާޚިރަތްދުވަހަށް އީމާންވުން ފަދަ އީމާންވުންތަކެއްގެ އަސާސުގެ މައްޗަށް ކަމަށްވުމުން މިޢިލްމަށް ދީނުގެ އުސޫލުތަކުގެ ޢިލްމޭ ކިޔެނީއެވެ. މީގެ އިތުރަށް، މިޢިލްމަށް އަގީދާތަކުގެ ޢިލްމޭ ވެސް ކިޔެއެވެ. އަގީދާއަކީ ހިތުގެ އަޑިން ވަރުގަދައަށް ގަބޫލުކުރާކުރުމަކަށް ވެފައި، މި ޢިލްމުގެ ވާހަކަތަކަކީ، ދެންމެ ދެންނެވި ފަދަ ގަބޫލުކުރުންތަކެއްކަމަށް ވުމުން، އެ ޢިލްމަށް އަގީދާތަކުގެ ޢިލްމޭ ކިޔެނީއެވެ. މީގެ އިތުރަށް، މި ޢިލްމަށް އިސްލާމީ އުލޫހިއްޔާތުގެ ޢިލްމޭ (އިސްލާމިކް ތިއޮލޮޖީއޭ) ވެސް ކިޔެއެވެ. އެއީ އެ ޢިލްމުގައި މާތްރަސްކަލާގެއާއި އާޚިރަތް ދުވަހާއި މަލާއިކަތުންނާއި ވަހީބާވާލެއްވުން ފަދަ، މާވަރާއީ (މެޓަފިޒިކަލް) (އޭގެ ފުރިހަމަ ވާގިއު (ރިއަލިޓީ) ނުވަތަ ހަގީގަތް އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމަމާ ބެހޭ ގޮތުން ވާހަކަދައްކާ) ޢިލްމުކަމަށްވާތީއެވެ. މި ކަންކަން ބަހުސްކުރުމުގައި މަންތިގާއި (ލޮޖިކް) އަދި އިންސާނާގެ ބުއްދީގެ އަލީގައި ޒުވާބުތައް، ހުއްޖަތްތައް، (އާގިޔުމެންޓުތައް) ބިނާކުރެވޭތީ، ބައެއް ފަހަރު، މި ޢިލްމަށް ޢިލްމުލްކަލާމޭ ވެސް ކިޔެއެވެ. މީގެ އިތުރަށް ވެސް އެހެން ނަންނަން މިޢިލްމަށް ކިޔެއެވެ. ތައުހީދުގެ އިލްމެވެ. މާތްރަސްކަލާނގެއީ އެއްކައުވަންތަ އިލާހުކަން ދެނެގަތުމުގެ އިލްމެވެ. އަލްފިޤްހުލް އަކްބަރުގެ އިލްމެވެ. އެންމެ މަތިވެރި ކަންތައްތައް ފަހުމުކޮށް ދެނެގަތުމުގެ އިލްމެވެ. ޢިލްމުލްއީމާނެވެ. އީމާންކަމުގެ އިލްމެވެ. ޢިލްމުލް އަސްމާއި ވައްސިފާތިއެވެ. މާތްރަސްކަލާންގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމުގެ އިލްމެވެ.

ޝަރީއަތުގެ ޢިލްމުތަކުގެ ތެރޭގައި ހިމެނޭ އަނެއް ޢިލްމަކީ ފިގުހުގެ (އިސްލާމިކް ލޯ) އިލްމެވެ. ބައެއް ފަހަރު މިއީ ފަރުޢުތަކުގެ ޢިލްމޭ ވެސް ކިޔެއެވެ. އިސްލާމީ ޢިލްމުތަކަކީ ގަހެއްގެ ގޮތުގައި ބަލައި އޭގެ މުލަކީ، އަސްލަކީ، ގަބޫލުކުރުންތަކެއް ކަމަށްވެފައި އެ ގަހުގެ ގޮފިތައް، އާދެ ފަރުޢުތައް، އެއީ ފިގުހުގެ ޢިލްމު ކަމުގައި ބެލެވެގިންނެވެ. ގަހުގެ މޫތައް، އާދެ އަސްލު، ގުޅެނީ މުއުމިނާގެ ހިތުގެ ގަބޫލުކުރުންތަކާ ކަމަށްވާ އިރު، ގަހުގެ ގޮފިތައް ގުޅެނީ އޭނާގެ ގުނަވަންތަކުގެ ކުރުމާއި ނުކުރުންތަކާއެވެ. އޭނާގެ އަމަލުތަކާއެވެ. އަޅުކަމުގެ އަމަލުތަކެވެ. އެކަކު އަނެކަކާ މުއާމަލާތުކުރުމުގެ އަމަލުތަކެވެ. ވަރިއާއި ކައިވެނީގެ މައްސަލަތަކެވެ. ހަލާލުކަންތައްތަކާއި ހަރާންކަންތައްތަކާ ބެހޭ މައްސަލަތަކެވެ. ވައްކަމާއި ޒިނޭކުރުމާއި ރާބުއިމާއި މީހުން މެރުން ފަދަ އިސްލާމް ދީނުގައި އެ ކަންކަމީ ކުށްތައްކަމަށް ކަނޑައަޅައިލައިފައިވާ ކުށްތަކާއި އެ ކަމާ ގުޅޭ އަދަބުތަކުގެ ވާހަކައެވެ. މިއީ ޖުމްލަ ގޮތެއްގައި ފިގުހުގެ ދާއިރާގައި ހިމެނޭ ކަންކަމެވެ.

ދެން ޝަރީއަތުގެ ޢިލްމުގައި ހިމެނެނީ ތަސައްވުފުގެ ނުވަތަ ސޫފިއްޔަތުގެ އިލްމެވެ. މި ޢިލްމުގެ ފެށުން ގުޅެނީ މުއުމިނާގެ ނަފުސު ޠާހިރުކުރުމާއެވެ. ނަފުސުގައި ހިމެނޭ 'ދަމިލަވީ ސިފަތައް' ނެތިކޮށްލުމާއެވެ. އާޚިރަތް މަތީން ހަނދާންނައްތައިލައި، ތަކާޘުރުގެ ދިރިއުޅުމާ –މުދަލާއި ފައިސާ ގިނަކޮށް ޖަމާކުރުމަކީ ދުނިޔަވީ ހަޔާތުގެ ހަމައެކަނި މަގުސަދުކަމަށް ހަދައިލާ ދިރުއުޅުމާ – ދުރުވުމެވެ. އަނެކުންނާ މެދު ހަސަދަވެރިވުމާއި ހިތް ނުބައިކުރުމާއި ހެޔޮ ނޭދުމުގެ ސިފަތައް ނައްތައިލުމެވެ. ޝަހުވާނީ އެދުންތަކުގެ – ޖިންސީއެދުމާއި ކެއުން ބުއިންތަކުގެ – އަޅަކަށް ވިޔަނުދިނުމުގެ މަސައްކަތްކުރުމެވެ. ނަފުސުގެ މިފަދަ ދަމިލަވީ ސިފަތަކުން ދުރުވެ، މާތްރަސްކަލާނގެ ޒާތުފުޅު ދެނެގަތުމުގެ މަސައްކަތްކޮށް އެކަލާނގެއާ ކުއްތަންވުމުވެ. ސޫފިއްޔަތުގެ ޢިލްމުގެ އެހެން ނަންތަކަށް ބަލައިލުމުން ވެސް މި ދެންނެވި ކަންކަން ފެނިގެންދާނެއެވެ. އެފަދަ އެހެން ނަންތަކުގެ ތެރޭގައި އަޚުލާޤުގެ ޢިލްމު، ސުލޫކުގެ ޢިލްމު، މާތްރަސްކަލާނގެއަށް ވާސިލުވުން އެދޭ މީހާ ހިނގާނީ ކިހިނެއްކަން ބުނެދޭ ޢިލްމު (ޢިލްމު އައްސާލިކީން އިލާﷲ)، ނަފުސު ޠާހިރުކުރުމުގެ އިލްމް (ޢިލްމު އައްތަޒްކިޔާ) ފަދަ ނަންނަން ހިމެނެއެވެ. މި ނަންތަކުން ވެސް ހާމަވެ، ސާފުވަނީ، ސޫފިއްޔަތުގެ ތަހުރީކާއި އަދި އެ އެޢިލްމުގެ ފެށުން ގުޅިފައި އޮތީ މުއުމިނާގެ ހިތް ޠާހިރުކުރުމާއި އޭނާ މާތްރަސްކަލާނގެ މައުރިފާކޮށް އެކަލާނގެއަށް ވާސިލުވުމާއެވެ. މިކަމުގެ ތަފުސީލު ފަހުން ގެނެވޭނެއެވެ.

މަތީގައި ބަޔާންކުރެވި ދިޔަ އިސްލާމީ ޝަރީއަތުގެ ޢިލްމުތައް – އަގީދާއާ ބެހޭ އިލްމާއި ފިގުހާއި އަދި ސޫފިއްޔަތުގެ ޢިލްމު – މި ކަންކަމުގެ މަސްދަރަކީ ކީރިތި ގުރުއާނާއި ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ސުންނަތެވެ. މި ގޮތުން، މި ޢިލްމުތަކަށް އެހީވެދޭ ޝަރީއަތުގެ އެހެން ޢިލްމުތައް ވެސް އޮވެއެވެ. މިސާލަކަށް ކީރިތި ގުރުއާން ދެނެގަތުމަށްޓަކައި ތަފުސީރުގެ ޢިލްމުވެއެވެ. އަދި، ތަފުސީރު އޭގެ މައްޗަށް ބިނާވާ، އާދެ، ކީރިތި ގުރުއާން މާނަކުރުމުގައި ދެނެގަންނަން ޖެހޭ ކަންތައްތައް ބަޔާންކުރާ އުސޫލުއްތަފުސީރު ވެސް އޮވެއެވެ. މީގެ އިތުރަށް، ސުންނަތް ދެނެގަނެވޭ ހަދީސްގެ އިލްމާއި ހަދީސްގެ ސައްހަކަން ދެނެގަތުމަށް އެހީވެދޭ ހަދީސްގެ މުސްތަލަހުތަކުގެ އިލްމެވެ. މި ތަނުގައި ސުންނަތާއި ހަދީސްގެ ތަފާތު ލިޔެލާން ޖެހެއެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތޭ ބުނުމުން އިޝާރަތްކުރެވެނީ އަމަލީ ކަންތައްތަކަކަށެވެ. އެކަލޭގެފާނު ކަންތައް ކުރައްވައި މަގުދެއްކެވި ގޮތްތަކަށެވެ. އަދި އެ އަމަލުފުޅުތަކުގެ މައްޗަށް ބިނާވެގެން ކަންތައްތައް ކުރެވެމުން އައި ގޮތެވެ. މި ކަންކަން ފޮތްފޮތުގައި ލިޔެވި ތަސްޖީލުކުރެވުމުން، ސުންނަތްތައް ހަދީސްއަށް ބަދަލުވެގެންދިޔައީއެވެ.

މި ޢިލްމުތައް ބިނާވީ މި ދެންނެވި މަސްދަރުތައް މާނަކޮށް އަދިވެސް އެހެން އިލްމީ މަންހަޖީ އުސޫލުތަކެއް މައްޗަށް ވުމުން، ޢިލްމުވެރީންގެ މެދުގައި ޚިޔާލުތަފާތުވެ ތަފާތު މަޒުހަބުތައް އުފެދުނެވެ. މިސާލަކަށް އަގީދާގެ ޢިލްމުގައި، އަޝްއަރީންނާއި މާތުރީދީންނާއި މުއުތަޒިލީންނާއި އަދި ސަލަފުންގެ މަޒުހަބޭ ކިޔޭ މަޒުހަބު ވެސް ހިމެނެއެވެ. މިއީ މި މަޒުހަބުގެ ތަފުސީލަށް ދިޔުމުގެ މަގާމެއް ނޫނެވެ. ނަމަވެސް، މިތާ ފާހަގަކޮށްލާން ޖެހެނީ މި ފަދަ ޚިޔާލު ތަފާތުވުންތައް ބިނާވެފައި އޮންނަނީ އެ މަޒުހަބެއްގެ އިމާމަކާއި އެ އިމާމަކަށް ތަބާވާ މީހުން ބާރުއަޅާ ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް މާތްރަސްކަލާނގެ ޒާތުފުޅު ދެނެގަތުމުގައި މުއުތަޒިލީން ބާރު އަޅަނީ އެޒާތުފުޅަށް އިންސާނީ ސިފަތައް ނުދިނުމަށެވެ. އެހެން ކަންތައް ކުރެވިއްޖެ ނަމަ، އެކަލާނގެ ޒާތުފުޅަށް 'ޖިސްމެއް، ހަށިގަނޑެއް' ދެވި، އެ ޒާތުފުޅު ތަޖުސީމު ކުރެވޭނެތީއެވެ. (އެންތުރޮޕޮމޯފައިޒް ކުރެވޭނެތީއެވެ.) ސަލަފުންގެ މަޒުހަބޭ ކިޔޭ މަޒުހަބުގައި ބާރު އަޅަނީ ނައްސުތައް ބާތިލުވެނުކުރެވޭތޯއެވެ. މާތްރަސްކަލާނގެއީ ދެނެވޮޑިގެންވާ ރަސްކަލާނގެއޭ ބުނުމުން، މުއުތަޒިލީން މި ކަން މާނަކުރަނީ އެކަލާނގެ ދެނެވޮޑިގަތުމުން ބޭރުގައިވާ އެއްވެސް އެއްޗެއް ނޯންނާނޭ ކަމެވެ. މިހެން އެމީހުން ބުނަނީ ދެނެގަތުމުގެ' ކަންތައް ވިސްނައިގަނެވޭނީ ހަމައެކަނި އިންސާނީ ތަޖުރިބާއަށްކަމަށް ވެފައި، އަދި މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާ ގޮތުގެ ހަގީގަތް އިންސާނީ ތަޖުރިބާއިން ބޭރުގައި ވުމުންނެވެ. ނަމަވެސް ސަލަފުންގެ މަޒުހަބަށް ތަބާވާ މީހުން ބުނަނީ މާތްރަސްކަލާނގެ ދެނެވޮޑިގަނެއޭ ބުނުމުން ތަޖުސީމުކުރުން ލާޒިމުނުކުރާކަމެވެ. އެހެނީ، އެކަލާނގެ ދެނެވޮޑިގަތުން އޮންނަނީ އެކަލާނގެ ޒާތުފުޅާ އެކަށީގެންވާ ސިފައެއްގައި ކަމުންނެވެ. އޭގެ ހަގީގަތަކީ ކޮބައިކަން ދެނެގަތުން އިންސާނީ ތަޖުރިބާއިން ބޭރުގައިވާކަން އެ މީހުން ގަބޫލުކުރެއެވެ.

ހަމަ މިފަދައިން ފިގުހުގައި ވެސް ތަފާތު މަޒުހަބުތައް އޮވެއެވެ. ސުންނީންގެ ތެރޭގައި މަޝްހޫރުވެފައި ހަތަރު މަޒުހަބެއް އޮވެއެވެ. ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި އަދި ހަންބަލީ މަޒުހަބެވެ. މަޒުހަބީ ތަފާތުވުންތައް މެދުވެރިވަނީ ކިހިނެއްކަން ސާދާ ގޮތެއްގައި ބުނެދޭ ނަމަ، ބުނެދެވޭނޭ އެއް ގޮތަކީ ޝަރީއަތުގެ ނައްސުތައް – އެބަހީ ކީރިތި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް – މާނަކުރާ މަންހަޖާ ގުޅުވައިލައިގެންނެވެ. މިސާލަކަށް، ނައްސުތައް މާނަކުރުމުގައި ހަނަފީ މަޒުހަބުގައި ސިޔާގަށް، ނައްސުގެ އޮނިގަނޑަށް، ބާރު އެޅިފައިވެއެވެ. އަދި، ބުއްދީގެ ހަމަތައް ބޭނުންކުރުމަށް ވެސް އިސްކަންދެވިފައިވެއެވެ. މާލިކީ މަޒުހަބުގައި، ނައްސުތައް މާނަކުރުމުގައި އިސްކަންދެވެނީ މަދީނާގައި ކަންތައްތައް ކުރި ގޮތަށެވެ. ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި އިސްކަންދެވެނީ ނައްސުތަކުގެ ލަފުޒީ މާނައަށެވެ. މި ކަން ސާފުވެދިޔުމަށް ޓަކައި މިސާލެއް ލިޔެލާނަމެވެ.

ތަށްޓެއްގައި ކުއްތާއެއް ދޫލައިފި ނަމަ ކަންތައް ކުރަންޖެހެނީ ކިހިނެއް ހެއްޔެވެ؟ މިއީ ފިގުހީ މައްސަލައެކެވެ. މި ކަމުގެ ހުކުމް ދެނެގަތުމަށް ޓަކައި ޝަރުއީ ނައްސުތަކަށް ބަލައިލުމުން މި ކަމުގެ ހުކުމް ބަޔާންކޮށްދޭ ހަދީސެއް އޮވެއެވެ. އެ ހަދީސްގައި އޮންނަނީ އެ ފަދަ ގޮތަކަށް ކުއްތާއެއް ކަންތައް ކޮށްފި ނަމަ، އެ ތަށްޓެއް ހަތް ފަހަރު ދޮވުމަށެވެ. އަދި އޭގެ ތެރެއިން އެއްފަހަރު ވެލިލައިގެންނެވެ. ހަދީސްގައި މިހެން އޮތަސް، ހަނަފީން ދެކޭ ގޮތުގައި އެއް ފަހަރު ދޮވުމުން ފުދިދާނެއެވެ. އެ މީހުންގެ މި ނިންމުން ބިނާވަނީ މި ނައްސު އެމީހުން މާނަކުރާ ގޮތުގެ މައްޗަށެވެ. އެ މީހުން މި ނައްސު މާނަކުރަނީ އޭގެ މުރާދަށް ބަލައިގެންނެވެ. އެމީހުން ދެކޭ ގޮތުގައި ހަދީސްގެ މުރާދަކީ ރަނގަޅަށް ދޮވުމެވެ. އަދި، އެހެންވެ، އެންމެ ފަހަރަކުން ވެސް އެ ކަން ކުރެވިދާނެ ކަމުގައި އެ މީހުން ދެކެއެވެ. މާލިކީން މި ކަމުގެ ހުކުމް ކަނޑައެޅުމުގައި ބަލާނީ މަދީނާގައި ކަންތައްކޮށް އުޅުނީ ކިހިނެއްތޯއެވެ. މަދީނާގައި އެފަދަ ތަށްޓެއް އެއްފަހަރު ދޮވެ، އެ ތަށި ސާފުވެއްޖެކަމަށް ބަލާ ނަމަ، އެއީ އެ ކަމުގެ ހުކުމްކަމުގައި މާލިކީން ނިންމައެވެ. މަދީނާގައި އެ ފަދަ ތަށްޓެއް ހަތް ފަހަރު ދޮވެ، އަދި އޭގެ ތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނަކަމަށް ވަންޏާ، އެ ކަމުގެ ހުކުމަކީ އެއީއެވެ. ލަފުޒީ މާނައަށް ބަލައި މާނަކުރާ މަޒުހަބުތަކުގައި ބަލާނީ ލަފުޒީ މާނައަށެވެ. އެމީހުންގެ ނަޒަރުގައި މުރާދަކަށް ބަލާކަށް ނުޖެހެއެވެ. އެހެންވެ، ޝާފިއީންނާއި ހަންބަލީން ދެކޭނީ އެފަދަ ތަށްޓެއް ހަތް ފަހަރު ދޮވެ، އަދި އެއް ފަހަރު ވެލިލައިގެން ދޮންނަން ޖެހޭނޭ ކަމަށެވެ. މީގެ ތެރޭގައި ސައިބޯނި ނޫނީ ދޮންނަ ކުނޑި ފަދަ މާއްދާތައް ބޭނުންކޮށްގެން ދޮވުނަސް، ޝަރުއީ ގޮތުން ތަށި ސާފުނުވާނޭކަމަށް ދެކޭ މީހުން ވެސް އުޅޭނެއެވެ. އާދެ، ނައްސުތަކުގެ ލަފުޒީ މާނައަށް ބެލުމުން ނިކުންނަ ނަތީޖާއެވެ.

ތަސައްވުފުގައި ވެސް ތަފާތު ގޮތްތަކެއް އޮވެއެވެ. މަޒުހަބޭ ކިޔުމުގެ ބަދަލުގައި މި ގޮތްތަކަށް ކިޔެނީ ތަރީގާތަކެވެ. ނުވަތަ މަގުތަކެވެ. އާދެ، ތިމާގެ ނަފުސުގެ ދަމިލަތައް ފިލުވައި މާތްރަސްކަލާނގެ މައުރިފާކޮށް ދެނެގަނެ، އެކަލާނގެއާ ކުއްތަންވެ، އެކަލާނގެއަށް ވާސިލުވެވޭނޭ މަގުތަކެވެ. މި ވާހަކަތަކުގެ ތަފުސީލު ފަހުން ގެނެވޭނެއެވެ.

މި ދެންނެވި ޝަރުއީ ޢިލްމުތައް ލިޔެވި ތަދުވީނުކޮށް ނިމުނީ، ގާތްގަނޑަކަށް، އިސްލާމީ ތާރީޚުގެ ފުރަތަމަ ހަތަރު ސަތޭކަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ. ތާރީޚީ ނަޒަރަކުން ބަލާ އިރު، އެންމެ ފުރަތަމަ ތަރައްގީވެ ފުރިހަމަވެގެން ދިޔައީ ފިގުހުގެ އިލްމެވެ. ދެން އަގީދާގެ އިލްމެވެ. އެންމެ ފަހުން ސޫފިއްޔަތުގެ އިލްމެވެ.

ސޫފިއްޔަތުގެ ތަހުރީކުގެ ވާހަކަތައް ފެށުމުގެ ކުރީން، އަދި އެއް ވާހަކަ ލިޔެލާން ޖެހެއެވެ. ޝަރީއަތުގެ މި ދެންނެވި ތިން ޢިލްމު، އީމާންކަމާއި ގުޅުވައިލެވިފައި އޮންނަ ގޮތުގެ ވާހަކައެވެ. މިތާގައި އީމާންކަން ބޭނުން ކުރެވޭ ގޮތް ފަހުމުކޮށްލާން ޖެހެއެވެ. އީމާންކަމޭ ބުނާ އިރު، އީމާންކަމުގެ ރުކުންތަކު ވާހަކަ ހިތަށް އަތުވެދާނެއެވެ. އާދެ، މާތްރަސްކަލާނގެއަށް އީމާންވުމާއި ރަސޫލުބޭކަލުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި އަދި މިންވަރުފުޅަށް އީމާންވުމުގެ ވާހަކަތަކެވެ. މި މަގާމުގައި އީމާންކަމޭ ބުނާ އިރު، މި ކަން ގުޅެނީ ހަމަ އެކަނި އީމާންކަމުގެ މި ރުކުންތަކާއެއް ނޫނެވެ. މީގެ އިތުރަށް، މި ކަން ގުޅެނީ އީމާންކަމުގެ ދަރަޖައާއެވެ. އެ ކަމުގެ ވަރުގަދަކަމާ ނުވަތަ ބަލިކަށިކަމާއެވެ. މި ދަރަޖަތައް ތިން ބަޔަކަށް ބަހައިލެވެއެވެ.

އީމާންކަން ފެށެނީ ހިތުގެ ގަބޫލުކުރުމާއި ދުލުގެ އިއުތިރާފުވުމުންނެވެ. މިއަށް އީމާންވުމޭ ކިޔެއެވެ. ދެން، މި ގަބޫލުކުރުން، މުއުމިނާގެ ބޭރުފުށުގެ އަމަލުތަކުން ފެނިއްޖެ ނަމަ، ދެވަނަ ދަރަޖަ ހާސިލުވީއެވެ. އާދެ، މުއުމިނާ ނަމާދުކޮށް، ރޯދަހިފައި، ޒަކާތްދީ ހައްޖުވެ، ހަރާންކަންތަކުން ދުރުވުމުން، އީމާންކަމުގެ ދެވަނަ ދަރަޖަ ހާސިލުވީއެވެ. އެ ދަރަޖައަށް ކިޔަނީ އިސްލާމްކަމުގެ ދަރަޖައެވެ. ދެން، މުއުމިނާ އޭނާގެ ނަފުސު ޠާހިރުކޮށް އަދި އޭނާއަށް މާތްރަސްކަލާނގެ މައުރިފާކުރެވުމުން އީމާންކަމުގެ ތިންވަނަ ދަރަޖަ ހާސިލުވީއެވެ. އާދެ، އޭނާއަށް އިހުސާންތެރިކަމުގެ ދަރަޖަ ލިބުނީއެވެ. އީމާންކަމުގެ ފުރަތަމަ ދަރަޖަ ގުޅެނީ އަގީދާތަކުގެ އިލްމާއެވެ. ދެވަނަ ދަރަޖަ، އާދެ، އިސްލާންކަން ގުޅެނީ ފިޤުހު އިލްމާއެވެ. ތިންވަނަ ދަރަޖަ، އާދެ، އިހުސާންކަން ގުޅެނީ ސޫފިއްޔަތުގެ އިލްމާއެވެ. ދެން އަންނަ ބައެއްގައި ސޫފިއްޔަތުގެ ފެށުމާއި، ތާރީޚުގައި އެ ތަހުރީކުގެ ކަންތައްތައް ހާމަވެ، ނިގުޅި، ހުޅުވިގެން ދިޔަ ގޮތުގެ މައްޗަށް، އިރާދަކުރެއްވިއްޔާ ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ.  (ނުނިމޭ)

________________________________________

ދެތިން ލަފުޒެއްގެ މާނަ:

ތަރީގާ    ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.

ފިޤުހު    ނ.    (1) އިސްލާމް ދީނުގެ ޝަރުޢީ މައްސަލަތަކާ ބެހޭ ޢިލްމް. (2) ޝަރީޢަތުގެ ޙުކުމްތަކާ ބެހޭ ޢިލްމް.

ބިދުޢަ    ނ.    ދީނީ ކަމެއްކަމުގައި ހަދައިގެން އުޅޭ، އެކަމަކު ދީނުގައި ނުވާ ކަންކަން.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް