Advertisement

ތަޤުދީރު

06 Oct 2024 | 00:01
ތަޤުދީރު

އަސްމާ އަބޫބަކުރު

އަހަރެން ލޯބި ކުރަނީ މުއްސަނދިކަމަށެވެ. މިއީ ގިނަ އަންހެންކުދީންގެ ވެސް ހިތުގެ އަޑެވެ. ގިނަ ފިރިހެނުން އަޅައިގަންނަނީ އަންހެން ކުދީންގެ ރީތިކަމަށެވެ. އަހަރެން އަމިއްލަ ރީތިކަމަށް ފަޚުރުވެރިވަމެވެ. ސުކޫލު ދައުރުގައި އަހަރެން މީ ރައްޓެހީންގެ ބަހުންނަމަ ތާބޫއެވެ. ޢުމުރުން ބާވީސް އަހަރުގައި އަހަރެން މިއީ އާލިޔާއެވެ. އަހަރެން ރީތިވާން އެތައް މަސައްކަތެއްކުރަމެވެ. ބޮލީވުޑްގެ ތަރީން ކޮޕީކުރަމެވެ. ހަފުތާއަކު އެއްދުވަހު ސެލޫނަށް ދަމެވެ. ކެއުމަށް ނުލާހިކު ބަލަމެވެ. ކޮންމެ ގަޑިއެއްގައި ކަނީ ވަކި މިންވަރަކަށެވެ. ފަލަވެދާނެތީ ބިރުންނެވެ. ނުކުރެވެނީ އެންމެ ކަމެކެވެ. ކަސްރަތެވެ. އެ ކަން ކުރާން އުޅެއުޅެ އެ ކަމެއް ނުވިއެވެ.

"އާތިކާ." ގަޑިޖެހެނީ އަވަސްކޮށްބަލަ. އަހަރެން ދައްތަގެ އަޑު އިވުމާއެކު ދޮރުހުޅުވީމެވެ.

"ފެންވަރާން ވަން ގޮތަށް ފެންވަޅެއް ކޮނެގެން ފެންވެރި ކަހަލަ. މިއަދު ވެސް ފާޚާނާގައި ތިން ގަޑިއިރު." ދައްތަ ފޯނުން ގަޑި ދައްކައިލަމުން ލަސްވާތީ އަޑުލައިގަތެވެ.

ދައްތަ ބުންޏަސް އެއީ ތެދެކެވެ. އަހަރެން ރީތިވާން އެތައް ވަގުތެއް ހޭދަކުރަމެވެ. ޑްރެސިން ޓޭބަލްގެ އިތުރަށް ކޮޓަރީގެ ހުރިހައި ބިތެއްގައި ލޯގަނޑު ހަރުކުރީމެވެ. އަހަރެން ފަޚުރުވެރިވާ މޫނު ކޮޓަރީގެ އެތައް މިތަނުން އަބަދު ވެސް ފެންނަ ގޮތަށް ހުންނާން ޖެހެއެވެ.

"ހިނގާ އަވަހަށް. އަދި ސެލޫނަށް ދާންޖެހޭނެ. މި ވަރުން ގަޑިއަށް މީނާއަށް ތައްޔާރުވެވޭނެބާ؟" ދައްތަގެ އަޑަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އަހަރެންގެ އިސްޕީޑުގައި ސެލޫނަށް ދާން ނިކުތީއެވެ. ކައިވެނިކުރެވެނީ މުއްސަންޖޭ ނުކިއަސް އަތްމަތި ތަނަވަސް މީހަކާއެވެ. ނިޒާމަކީ ދީލަތި މީހެކެވެ. އަހަރެން ބުނި ގޮތަކަށް ނިޒާމް ނަށާނެއެވެ. ޖާނުން ޤުރުބާންވާން ތައްޔާރަށް ހުރި ނިޒާމަކީ ވެސް އެހެން ފިރިހެނުންނެކޭ އެއް ފަދައިން ރީތިކަމަށް ހެއްލިފައި ހުންނަ ފިރިހެނެކެވެ. އަހަރެން ފެނުމާ އެކު، ދުނިޔެ މަތީން އޭނާ ހަނދާން ނެތެއެވެ.

ކައިވެނީގެ ކުރީކޮޅު އަހަރެމެން އެކި ޤައުމުތަކަށް ބުރުޖެހީމެވެ. ތަންތަން ބަލައިލުމާ އެކު، ދެ މީހުން އެކީގައި އެތައް ވަގުތެއް ހޭދަކުރެވުނެވެ. މަޖަލުގައި އެކީގައި ވަގުތު ހޭދަކުރަމުން ދަނިކޮށް، ހެނދުނު ނިދާ ހޭލާއިރު މޭނުބައިކޮށްފައި ހުންނާން ފަށައިފިއެވެ. ބައެއް ކާ ތަކެތި މީރުވެފައި އަނެއްބައި ތަކެތި ނުބައިވާން ފަށައިފިއެވެ. ނިޒާމު ޖަހަމުން އައި ސެންޓުން ވެސް ނުބައި ވަސް ދުވާން ފަށައިފިއެވެ. އަހަރެން ހިތް ނުތަނަވަސްވާން ފަށައިފިއެވެ. ނިޒާމުގެ މޫނުމަތީން ހިނިތުންވުން ފާޅުވެއްޖެއެވެ. އެ ކަމާ އަހަރެން ހުންނަނީ ރުޅިގަދަވެފައެވެ. ޓެސްޓްކުރާން ކިޓެއް ގެނެސް ޓެސްޓު ހެދި އިރު އަހަރެންގެ ޝައްކު އިތުރު ނުތަނަވަސްކަމަށް ބަދަލުވެއްޖެއެވެ. އެ ހައި އަވަހަށް އަހަރެން ދަރިއަކު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އަހަރެން އިނގިލި ކުރީގައި އެނބުރެމުން ދިޔަ ނިޒާމު، މި ފަހަރު އަހަރެންގެ ބަހަކަށް އެއްބަހެއް ނުވިއެވެ.

"ނިޒާމް. އަހަރެން ކުއްޖަކު ބަލާކަށް ތައްޔާރެއް ނޫން." ކުސްތަޅަމުން އެހެން ބުނިކަމުގައިވިއަސް ނިޒާމް ވަގުތުން ދެކޮޅު ހެދިއެވެ.

"އަހަރެން ވަރަށް ބޭނުން ބައްޕައަކަށް ވާން." ނިޒާމްގެ ޖަވާބު ކުރެވެ. ހުރީ ގޮތުގައެވެ. އަހަރެން ބޭނުން ގޮތަކަށް ކަންތައްތައް ނުވުމުން އެންމެ ފަހުން އަހަރެން ހިތާހިތުން ނިންމީ ވިހެއުމަށް ފަހު، ނިޒާމާ ދަރިފުޅު ޙަވާލުކޮށްފައި އެ ދިރިއުޅުމާ ވަކިވުމަށެވެ. މި ހައި ޅަ އުމުރުގައި އަހަރެންގެ ރިތިކަން ގެއްލުވައިލައި ގޭގައި ދަރިފުޅު ބަލާކަށް ނީނދެވޭނެއެވެ. ކައިވެންޏަށް އަދި މިވީ ދެތިން މަހެވެ. އެހެންނަމަވެސް ދެ މީހުން އެކަކު އަނެކަކާ އޮންނަ ގުޅުން ހީނަރުވެއްޖެއެވެ. އަހަރެން ވަރަށް ގިނަ ކަންކަމާ ބޮޑާ ހާކަމެވެ. ނިޒާމް ކެތްތެރިވެގެން ހުރެ ކޮންމެ ކަމަކަށް ޙައްލު ހޯދައިދެއެވެ. އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދެއެވެ. ނުރުހުމުގެ އެއްވެސް ބަހެއް ނުބުނެއެވެ.

އަހަންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެ ދަރިފުޅުގެ ނަމަކަށް ނިޒާމް ބޭނުންވީ ނަޒުމީ ކިޔާށެވެ. އަހަރެން އެ ގޮތް ބޭނުން ނުވިއަސް ނިޒާމް ބޭނުންވާ ގޮތަށް އެ ފަހަރު ކަން ކުރިއެވެ. ދަރިފުޅު ބަލާން ނިޒާމް މީހަކު ހަމަޖެއްސިއެވެ. އަހަރެން ދަރިފުޅަށް އަހަރު ވަންދެން ވެސް މަޑުކުރާކަށް ބޭނުމެއް ނޫނެވެ. ނިޒާމް އެތައް ވަރަކަށް އާދޭސްކުރިއެވެ. ދަރިފުޅަށް ޓަކައި ނަމަވެސް އެކީގައި އުޅުމަށެވެ. އަހަރެންގެ ހިތަށް ހުރީ އިބްލީސް ވަދެފައެވެ. ބޭނުންވަނީ އަހަރެންގެ ރީތި މޫނު ދުނިޔެއަށް ދައްކާށެވެ. މެގަޒިންތަކުގެ ކަވަރޕޭޖަށް އަރާށެވެ. ރީތިކަން ދުނިޔެއަށް އިޝްތިހާރުކުރާށެވެ. ނިޒާމް ބޭނުންވާ ގޮތަށް ގޭގެ ހަތަރު ފަރާތުގެ ތެރޭގައި އިނދެ އަހަރެން ނޭވާ ހާސްވަމުން ދިޔައެވެ. އެންމެ ފަހުން އަހަރެން ބޭނުންވަނީ ވަރިވާންކަމުގައި އެތައް ފަހަރަކު ބުނުމުން ނިޒާމް އަހަރެން ވަރިކޮށްދީފިއެވެ.

ނިޒާމްގެ ތަނަވަސް ދިރިއުޅުމުގެ ތެރެއިން ނިކުތުމުގެ ކުރީން އަހަރެންގެ ރީތިކަމުގައި އަމާން ޖެހިއްޖެއެވެ. އަހަރެން ދަރިއަކު ނުވަތަ ފިރިއަކު ހުރިކަމެއް ނާންގަމެވެ. އަހަރެންގެ ނަމަށް ހުތުރުވާނެތީއެވެ. ނިޒާމް ގާތުން ވަރިވެފައި އަނެއްކާ އެނބުރި ދައްތަގެ ގެއަށް ބަދަލުވީމެވެ. އެ ކަމާ ދައްތަ ހުރީ ރުޅިއައިސްފައެވެ. އެހެންނަމަވެސް އަހަރެން އެ ގެއަށް ނުވައްދައި ހުންނާކަށް ދައްތަ އަކަށް ނުކެރުނެވެ.

މަންމައަށް އެ ޚަބަރުދިނީ ދައްތައެވެ. މަންމަ ވެސް އެ ކަމާ ހިތްހަމަ ނުޖެހޭކަން އެނގުނެވެ. އަހަރެން އަޅައެއް ނުލަމެވެ. މައިވަންތަކަމުގެ ކުލުނެއް ރަހުމެއް ހަމްދަރުދީއެއް ނެތްކަމަށް ދައްތަ ކިޔަމުން ދިޔައެވެ.

އަމާނަކީ ވެސް މުއްސަނދި މީހެކެވެ. އެންމެ ފުރަތަމަ ބައްދަލުކުރި ރޭ ވެސް އަގުބޮޑު ހަދިޔާތައް ލިބުނެވެ. އަހަރެން ދަތުރުކުރާން ލޯބިކުރާކަށް އެނގުމާއެކު އަމާން އަހަރެން ގޮވައިގެން ކައިވެންޏަށް ފަހު، ހަނީމޫނަށް ދާނެ ގައުމެއް އެހިއެވެ. އޭގެ ކުރީން އަހަރެން އެދުނީ ރިސޯޓަކަށް ނަމަވެސް އަހަރެން ގެންދިއުމަށެވެ. އެ ކަން ވެސް އަމާން ކޮށްދިނެވެ. އެއީ ދެ މީހުން ދަސްކުރުމުގެ މަރުހަލާގެ ދަތުރެވެ. އެ ދުވަސްކޮޅު އަހަންނަށް ދަސްވި އެއް ކަމެއް އޮތެވެ. އަމާނަކީ ރުޅިގަދަ މީހެކެވެ. ސާފުތާހިރު މީހެކެވެ. ހެދުންއެޅުމުގެ ވައްޓަފާޅި ވެސް ނިޒާމާ ވަރަށް ތަފާތުކަން އެނގުނެވެ.

"ސޮރީ ރުޅި އާދެވުނީތީ." އަމާން ވަރަށް އަވަހަށް ކުށް ގަބޫލުކުރެއެވެ. އެކަމަކު އެ ހުންނަ ރުޅިއަކުން އަހަރެން ބައެއް ފަހަރު ހިތްހަމައެއް ނުޖެހެއެވެ. އަހަރެންގެ ރީތިވުމުގެ އާދަ ވެސް އަމާނަކަށް ކަމަކު ނުދެއެވެ. ވަރަށް ގިނަ ކަންކަން ބަދަލުކުރާން އަހަންނަށް މަޖުބޫރުވިއެވެ. އެ ފަހަރު މާލެ އައިސް އަމާން ފުރަތަމަ ފަހަރަށް ކައިވެނީގެ ވާހަކަ ދެއްކިއެވެ. އެ ދަނޑިވަޅުގައި ނުބުނާން ހުރި ވާހަކަ ބުނާން މަޖުބޫރުވެއްޖެއެވެ. އަހަރެން ކުރީން ކައިވެންޏެއް ކޮށްފައި ކުއްޖަކު ވެސް ހުންނަކަމުގައި ބުނީމެވެ.

"ކީއްވެ ކުރީން ނުބުނީ؟" އަމާން ހިތްހަމައެއް ނުޖެހުނެވެ.

"ނުބުނީކީ ނޫން. ނުވެސް އަހަމެންނު." އަހަރެން އެހެން ބުނުމުން އަމާން އިތުރަށް އެއްޗެއް ނުބުނެއެވެ. އަމާން އެދުނީ އޭނާ ވިޔަފާރި ދަތުރެއް އަންނަ ހަފުތާގައި އޮތުމުން އެ ދަތުރު ގޮސްފައި އަންނަންދެން ކައިވެނި ފަސްކުރާށެވެ. އެ ދަތުރު ގޮސްފައި އައިސް ކައިވެނިކުރާނެކަމަށެވެ. އަހަރެން އެ ގޮތަށް އެއްބަސްވީމެވެ. އަމާން ފުރައިގެން ދިއުމުން އަހަރެންގެ ޝެޑިއުލް ބިޒީވެއްޖެއެވެ. މޮޑެލްކުރާން ފުރުސަތެއް ލިބިފައި އޮތުމުން އެ ކަމުގައެވެ. އަމާން ގުޅިއަސް ކޯލަށް ޖަވާބު ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މަޝްހޫރު މީހަކަށް ވާން މާ ބޮޑަށް ބޭނުންވިއެވެ. އެ ކަމުގައި އުޅުމުގެ ތެރޭގައި ހައިހީލްސުން އިން އަހަރެންގެ ފައި ކައްސާލީއެވެ. ޑޮކްޓަރަށް ދެއްކުމުން އެކްސްރޭ ނެގިއެވެ. ފައިގެ ކަށިގަނޑުގައި ރެނދެއްލައިފައި ހުރުމުން އެއް ގޮތަކަށް ވެސް ހިނގައެއް ނުގަނެވުނެވެ. އަމާން ރާއްޖެ އައިސް އަހަންނަށް ގުޅައި ވެސް ނުލިއެވެ. އަހަރެން ހިތަށް އެރިއެވެ. އަމާން އެހެދީ ހަދާންވާ ގޮތަށެވެ. އަހަރެން އޭނާގެ ފޯނަށް ޖަވާބުނުދިނުމުން އޭނާ ކޮންމެހެން އަހަންނަށް ގުޅާން ބޭނުން ނުވީއެވެ. މާލެ އައިސް ވެސް އަހަރެން ކޮބައިތޯ ވެސް ބަލައެއް ނުލިއެވެ. އަހަރެން ގުޅިއަސް ފޯން ވެސް ނުނެގިއެވެ.

ދައްތަގެ އެހީތެރިކަން އެ ދަނޑިވަޅުގައި ލިބުނު ކަމީ ނިޢުމަތެކެވެ. ކިތަންމެ ނުރުހުނަސް ދައްތަ އަހަރެންދެކެ ލޯބިއެވެ. ދައްތަގެ ކުދީން ވެސް އެހައި އަޅައިލައެވެ. ފައި ރަނގަޅުވާން ވެސް އެތައް ދުވަހެއް ހޭދަވިއެވެ.

އޭގެ ދެތިން މަސް ފަހެވެ. އަހަރެން ހުޅުމާލެއަށް ސައިކަލްގައި ދިޔައީ ރައްޓެއްސަކާ ބައްދަލުކުރާށެވެ. އެރޭ ތަންކޮޅެއް ދަންވީ ފަހުން އަހަރެން މާލެ އަންނަން ސައިކަލްގައި ނައްޓައިލީމެވެ. އަހަންނަށް ދުއްވައިލެވުނީ ތަންކޮޅެއް ބާރަށެވެ. އަހަރެންގެ ސައިކަލްގައި ކާރަކުން ޖެހުނުކަން އެނގުނެވެ. ދެންވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ހޭ އެރި އިރު އޮތީ ހޮސްޕިޓަލުގައެވެ. ހަފުތާއެއް ފަހުން ގެއަށް އާދެވުނު އިރު އަހަރެން ފަޚުރުވެރިވާ ރީތިކަން ވަނީ ގެއްލިފައެވެ. އެކްސިޑެންޓްވީ ގަޑީގައި ހެލްމެޓް ވިއްސައިގެން ދިއުމުން އަހަރެންގެ މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. މޫނުގެ ބެންޑޭޖު ނެއްޓުމާ އެކު އަހަންނަށް ރޮވުނެވެ. ރީތިކަން ގެއްލިފައިވާތީއެވެ. މޫނުގެ ދެފަޅި ދެކުލައިގައި ހުރުމުންނެވެ.

"އާތިކާއާ ބައްދަލުކުރާން މީހަކު އެބަހުރި. ސިޓިންގ ރޫމަށް ނިކުންނާން ވީނުން." އަހަރެން ކޮޓަރީގައި އޮންނަތާ ދެ ހަފުތާ ވެއްޖެއެވެ. މިހާރު އަހަރެންގެ ކަމަކީ ހިތާމަކޮށް ދެރަވެ ރުއިމެވެ. އަހަރެން ދަރިފުޅު މަތީން ހަނދާންވާން ފެށީ ވެސް އެކްސިޑެންޓަށް ފަހުއެވެ. އަހަރެން އެތައް ފަހަރަކު ކުރެވުނު ކުށަށް ތަޢުބާވެ ދަރިފުޅު ފެނޭތޯ ދުޢާކުރީމެވެ.

"ކާކު އަހަންނާ ބައްދަލުކުރާނީ. މިހިރީ އަހަރެން ހުރި ހާލު." އެނދުން ތެދުވެފައި ދައްތައާ ދިމާއަށް ބުނީމެވެ. ދައްތަ އެއްޗެކޭ ނުބުނެއެވެ. އޭގެ ދިހަވަރަކަށް މިނިޓްފަހުން އަހަރެން ނިކުތީމެވެ. ސޯފާގައި އަހަރެންނަށް ފުރަގަސް ދީގެން އިންމީހަކު ފެނުމުން ވެސް ނިޒާމްއާ ވައްތަރުވިއެވެ.

"ނިޒާމް" އަހަރެން ގޮވައިލުމާ އެކު، ނިޒާމް އެނބުރުނެވެ. އޭނާގެ އުނގުގައި ދަރިފުޅު އިނެވެ.

"އަހަރެން ހިޔެއް ނުކުރާން ދުވަހަކު ވެސް ނިޒާމް އަހަރެން ދެކިލާން އަތުވެދާނެކަމަކަށް." އެހެން ބުނެވުނު އިރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ނަޒްމީ އުރައިލާން އަތް ދިއްކޮށްލީމެވެ. އަހަރެންގެ ދަރިފުޅު ރޯންފެށީ ނާންނާން ވެގެންނެވެ. ނިޒާމްގެ ކަރުގައި އޭނާ ބައްދައިގަތެވެ.

"ނަޒުމީ ޑޮކްޓަރަށް ދައްކަން ގޮސް ދައްތައާ ދިމާވެގެން މި ގެއަށް އައީ. މާލެ އާދެވުނު ފަހަރު ދަރިފުޅު ދައްކައިލާން ވެސް ވާނެއްނު." ނިޒާމް އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ.

"އަހަރެން ދިރިއުޅެނީ ރަށުގައި. ޢާއިލާއާ އެކުގައި." އަހަރެންގެ ހަނދާނަށް އަންނަ ފެށީ ނިޒާމްގެ ކެތްތެރި ދުވަސްތަކެވެ. އަހަރެންގެ ސަބަބުން އޭނާއަށް ދެވުނު އުނދަގޫތަކެވެ.

"އަހަރެން ވަރަށް ބޮޑަށް މަޢާފަށް އެދެން. އަހަންނަށް ކުރެވުނީ މަޢާފު ޙައްޤުނުވާ ވަރުގެ ކުށެއް. އަމިއްލަ ދަރިފުޅު އެއްލައިލެވުނީތީ މިއަދު އަހަރެން ހިތާމަކުރަން. އަހަރެން ބޭނުން ދަރިފުޅާ އެކު ދިރިއުޅޭން." ނިޒާމަށް ދަރިފުޅު ބަލާކަށް އުނދަގުލެއް ނޫންކަން އޭނާގެ ވާހަކައިން އެނގުނެވެ. އަދި އަހަރެންގެ ޙާލު ބަލާން އަބަދު ވެސް ދައްތައަށް ގުޅާކަމަށް ވެސް ބުންޏެވެ.

"އާތިކާ ބޭނުންނަމަ ދަރިފުޅާއެކު އުޅެވިދާނެ. އެކަމަކު އަހަރެން ދެވަނަ އަތްނބެއްގެ ގޮތުގައި." ތަޤްދީރުގައި ވާން ހުރި ކަމެއް ވާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. ދަރިފުޅަށްޓަކައި ނިޒާމް އަހަރެން ރަށަށް ގެންދާން ނިންމިއެވެ. އެހެންނަމަވެސް އެތައް ޝަރުތުތަކަކާ އެކުއެވެ. މި ފަހަރު އަހަރެންގެ ޝަކުވާތަކުން ނިޒާމްގެ ބޮލަށް އުނދަގޫ ނުކުރާނެކަމަށް އަހަރެން ވަޢުދުވީމެވެ. އަހަރެން ކަހަލަ މީހަކަށް ނިޒާމް ކަހަލަ ރަނގަޅު ހެޔޮލަފާ ފިރިހެނެއްގެ ޙަޔާތުން ދެވަނަ ފަހަރަށް ފުރުޞަތު ލިބުމަކީ ވެސް ކިހައިބޮޑު އުފަލެއް ހެއްޔެވެ؟ މިއީ ވެސް ތަޤުދީރެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް