Advertisement

ރާއްޖެ އިސްލާމްވީ ދުވަހުގެ ޖަލްސާއާއި ރައީސްގެ ތަޤުރީރު

05 Oct 2024 | 11:38
ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ތަޤުރީރު ކުރައްވަނީ

ފަރަގު މީޑީއާ

ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ތަޤުރީރުން ހާޒިރީންގެ ލޯތަކުން ކަރުނަ ނީރައިލިއެވެ. ތަޤުރީރުގެ އަސަރުގަދަކަމުންނެވެ. އާދޭހެވެ! ދިވެހި އިސްލާމީ މުޖުތަމަޢެއް ބައްޓަންކުރާންވީ ގޮތުގެ ނޫޗާޕެއް ނުވަތަ މަގުޗާޓެއް އެ މަނިކުފާނުގެ ތަޤުރީރުގައި ވަރަށް ރީތިކޮށް ކުރައްސަވައިލަދެއްވިއެވެ. އެއީ ތަޢުލީލީ މަންހަޖުގެ އަސާސްކަމުގައި ހިމެނޭން ޖެހޭ މުހިންމު ހުރިހައި ބައިތަކަކަށް ވަރަށް ބަލާޣާތްތެރިކަމާއެކު އަލިއަޅުއްވައިލަދެއްވި އޮއްޓަރު ހުރި މޮޅު ތަޤުރީރެކެވެ. އަޅުގަނޑުމެންގެ ޙާލަތު އިސްލާޙުކުރާންވީ ގޮތުގެ ރީތި ޗާޓެއް ކުރައްސަވައިލަދެއްވި މުހިންމު ތަޤުރީރެކެވެ.

އެއްވެސް ޝައްކެއް ނެތެވެ. ހިޖުރީ ގޮތުން 1374 ވަނަ އަހަރުން ފެށިގެން މިއަދު ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުން މި އަންނަނީ "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައެވެ. އާދޭހެވެ! އަޅުގަނޑުމެންގެ ޤައުމުގައި މިއަދަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފައިވަނީ މިއަދަކީ "ރާއްޖެ އިސްލާމްވީ ދުވަސް" ކަމަށް ވާތީއެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެހެންނަމަވެސް "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައި ދިވެހީން އެ ދުވަސް ފާހަގަކުރާން ފަށައިފައިވަނީ ރާއްޖެ އިސްލާމްވީތާ އަށް ޤަރުނު ވެސް ފާއިތުވީ ފަހުން 1374 ވަނައަހަރުގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އިންޤިލާބަކުން ބަދަލުކޮށްލި ފަހުން އައި ދުވަސްވަރެވެ. ދެވަނަ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވެންދެން މި ކަން ދެމިގެން އައެވެ. މި ގޮތުގެ މަތީން ނުވަތަ ބައެއް ބަދަލުތަކާއެކު ނަމަވެސް 14 ވަރަކަށް އަހަރުވަންދެން މި ދުވަސް ފާހަގަކުރުމަށް ފަހު، މި ދުވަސް ފާހަގަކުރުން ހުއްޓައިލެވުނެވެ. ސަބަބެއް ނޭނގެއެވެ. އަލުން މި ދުވަސް ފާހަގަކުރައްވާން ފެއްޓެވީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މީލާދީން 2000 ވަނަ އަހަރުން ފެށިގެންނެވެ.

އިސްލާމީ ޤައުމެއްގެ ވެރިކަންކުރުމުގެ އެންމެ އަސާސީ ބޭނުމަކަށް ވާނީ އެ ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ބަދަހިކުރުމެވެ. ދެން، ޒުވާނުން ހެޔޮ ގޮތުގައި ބިނާކޮށް ބާރުވެރިކުރުވައި އެ މީހުންގެ ބޭނުން ޤައުމީ ތަރައްޤީގައި ބޭނުންކޮށް އެ ގޮތުގައި ކުރިއަރައި ދާން މަގު ފަހިކުރުމެވެ. ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ނޫރުކަމުގައި ވާތީ އެ ކުދީންނަށް އިސްލާމީ މަންހަޖުގައި ފުރިހަމަ ތަޢުލީމާއި ތަރުބިޔަތުދީ ޤައުމަށް ބޭނުންތެރި، މުޖުތަމަޢު ބަލައިގަންނަ ފަދަ، ރޫޙާނީ ނަފުސާނީ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. މި ނޫނަސް ޤައުމު އިޞްލާޙުގެ މަގުން ކުރިޔަށް ގެންދިޔުމެވެ. މި ދެންނެވި މަންހަޖުގެ މަތީގައި އިސްލާމް ދީނަށާއި ޒުވާނުންނަށާއި ކިޔަވާ ކުދީންނަށް ފަހިވި ފަހި ފުރުޞަތުތަކާ ބެހޭ ގޮތުން ލިބުނު އަރުތައާއި ނުވަތަ ލިބުނު ގެއްލުމާއި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މިއަދަކީ ވާހަކަދައްކާން އެންމެ އެކަށީގެންވާ ދުވަހެވެ. ނަމަވެސް އަޅުގަނޑުމެން މި ވަގުތު އެ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރަމެވެ. އެހެނީ މިއަދުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވަނީ ވަރަށް ފުރިހަމައަށް މި މައުޟޫޢުގައި މިއަދު ވާހަކަފުޅުދައްކަވައިފައެވެ. އެހެންކަމުން އެ މަނިކުފާނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަމެވެ. މި އުފާވެރި ދުވަހުގެ މުނާސަބަތުގައި "ފަރަގު"ގެ އަހުލުވެރީންނަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވެސް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

މިއަދު މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ ދިވެހި އުންމަތް އެ ތަގުރީރު ދިރާސާކޮށް ފުންކޮށް ވިސްނައި އެއާމެދު ފަރުވާތެރިވާންޖެހޭ މުހިންމު ތަޤުރީރެކެވެ. އެ ތަގުރީރު އަޑުއަހާން ދަރުބާރުގޭގައި އަޅުގަނޑު އިން އިރު، ހަގީގަތުގައި ވެސް ލޮލުން ކަރުނަ ނީރައިލިއެވެ. ހިތަށް އަސަރުކުރިލެއް ބޮޑުކަމުންނެވެ. އެ ތަގުރީރު އެހައި ވެސް އަސަރުގަދައެވެ. އެ މަނިކުފާނު ވިދާޅުވިއެވެ. "ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އޭރުން އެ ބަޔެއްގެ ޒަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް އާރެއް ނުހުންނާނެއެވެ." ކޮން ފަދަ ބޮޑު ހަގީގަތެއްތޯއެވެ!

މިއަދަކީ (އޮކްޓޫބަރު މަހު ފަސްވަނަ ދުވަހަކީ) މދައްރިސުންގެ ދުވަސްކަމަށް ވާތީ މުދައްރިސުން އަރިހުން ރައީސް އެދިވަޑައިގަތީ، "ދިވެހީންގެ ތާރީޚާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ޙަޤީޤަތްތައް އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް" އަންގަވައިދެއްވާށެވެ! ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވީ އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދާށެވެ.

ރައީސުލްޖުމްހޫރިއްޔާ ބިނާކުރައްވާން ބޭނުންފުޅުވާ އިސްލާމީ ދިވެހި މުޖުތަމަޢެއް ބިނާކުރެއްވުމަށް ޓަކައި މުދައްރިސުންގެ ކިބައިން ވަރަށް ގިނަ ކަންތައްކަތެއް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކަން ތަންފީޒުކުރެއްވުމުގައި "ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުން"ފުޅުވާ ކަމަށްވިދާޅުވެ، "ދިވެހި ދަރީން ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވުން" އެދިވަޑައިގަތެވެ. "ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން [ދަރިވަރުން] ޒީނަތްތެރިކޮށްދެއްވައި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން [އެ ކުދީންގެ ކިބައިގައި] އަށަގަންނަވައިދެއްވާން" އެދިވަޑައިގަތެވެ.

މި ރޮނގުން އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މި ކަމުގައި "އަޅުގަނޑުމެން އާރާސްތުކުރާން ޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަ ހުރި"ކަމަށާއި "މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން" އެ މަނިކުފާނު  "ވަރަށް ބޮޑަށް ބޭނުން"ފުޅުވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤުރީރަކީ މި ދިވެހި ދައުލަތުގެ ހުރިހައި މުއައްސަސާއަކުން އެކިއެކި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގަވާ އިރުގައްޔާއި ޚިދުމަތްތައް ފޯރުކޮށްދެއްވާއިރު އަސާސަކަށް ބައްލަވާންޖެހޭ ހުރިހައި މިންގަނޑުތަކެއް އޭގައި އެކުލެވޭ އާދަޔާ ޚިލާފު މޮޅު ތަޤުރީރެކެވެ. އަދި ތަޢުލީމީ ތާއިރާގެ ފަލްސަފާއާއި މަންހަޖު އެކުލަވައިލައްވައި ތަންފީޒުކުރެއްވުމުގައި ރިޢާޔަތްކުރައްވާން ޖެހޭނެ މުހިންމު މަޞްދަރަކަށް މި ތަޤުރީރުވާނެކަން ކަށަވަރެވެ.

ޝައްކެއް ނެތެވެ! މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރުން އެންމެ އެކަށީގެންވާ އެއް ދުވަހެވެ. ނަމަވެސް މިއަދު ފާހަގަކުރުމަށްޓަކައި ކުރާންވީ އެންމެ މުހިންމު ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. އިޢުތިޤާދު ވަރުގަދަކުރުމެވެ. އުޅުންތަކާއި ގުޅުންތައް އިޞްލާހުކުރުމެވެ. އިސްލާމްދީނާ އިދިކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގޭ ނުރައްކާތެރި ޢަމަލުތަކުގެ ޙަރަކާތްތަކުގެ މޫތައް ލުހެލުމެވެ. ލާދީނީ ހަރުކަށި ފިކުރުގެ ވިޔުގަތައް ފުނޑުފުނޑުކޮށްލުމެވެ. ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށްޓަކައި މަކަރުވެރި ޕްރޮގުރާމްތައް ހިންގާ ތަންދޮރު ނުދަންނަ ޖާހިލުންނަށް، ރީތި ވަޢުޡާއި ހެޔޮ ބަސްތަކުން ވިސްނައިދިނުމެވެ. ދީނީ ޢިލްމުވެރީންގެ ތާކިހާ އަޅައިގެން ދީނީ ޢިލްމުވެރީންނަށް ހެދިގެން އުޅޭ މުނާފިޤުންނަށް ތައުބާވާން ނަސޭހަތްތެރިވުމެވެ. އެ ފަދަ އަޚުންނާއި އުޚުތުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ. މި ފަދަ މުހިންމު ހުރިހައި ނަސޭހަތްތަކެއް ރައީސްގެ ތަޤުރީރުގައި މިއަދު ހިމެނުއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަމުން އަޅުގަނޑުމެންގެ މި ވާހަކަތައް މި ވަގުތައް ނިންމަލަމެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައްޔާއި ޞުލްޙަވެރި މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް ލަހައްޓަވާށިއެވެ! އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ، އަދި ޤައުމު ދެކެ ލޯބިވާ ތެދުވެރި މުސްލިމުންގެ ގޮތުގައި ލައްވާށިއެވެ! އާމީން!

_____________________________________

ބައެއް ލަފުޒުގެ މާނަ:

ވަޙުދަތު   ނ.    އެއްބައިވަންތަކަން

ނޫޗާޕު    ނ.    (1) ކަމަކަށް ރާވައިފައިވާ ރޭވުމެއް ނުވަތަ ކޮށްފައިވާ ފަރުމާއެއް. (2) ފަންނީ ކުރެހުމެއް.

ލުހެލުން   މ.     އުފުރައިލުން

ނީރުން    މ.    (1) އެއްޗެއްގެ ދެރަކަމުން ނޫނީ އެ އެއްޗެއް ފޫވެއްޓިގެން އޭގައިހުރި ދިޔާއެއްޗެއް މަދުމަދުން ނުކުތުން. (2) ދިޔާ އެއްޗެއް މަދުމަދުން ނުކުތުން. (3) ލީކުވުން.

ނީރައިލުން  މ.    ނީރާން ފެށުން  (މި ލަފުޒު ރަދީފަކު ނެތް.)

މަގުޗާޓު   ނ.    (1) ކަމެއް ކުރާން ރާވައިފައި އޮންނަ ގޮތް އުސޫލު. (2) ކަމެއް ކުރުމަށް ޓަކައި ލިޔެފައި އޮންނަ ތަދުބީރު. (މަގުޗާޓު މި ލަފުޒު އަދި ދިވެހިބަހުގެ ރަދީފުގައި ނެތީތީ މާނަ ލިޔެފައި މިވަނީ ފަރަގު މީޑިއާއަށް އެ ލަފުޒުގެ މާނަކަމަށް ފެންނަ މާނައެވެ.)

Advertisement

ކޮމެންޓް