ބަވަނަވަންތަކަމާއި އިސްލާމީ ޢާލަމިއްޔަތު
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ބަވަނަވަންތަކަމަކީ އިސްލާމީ ދުނިޔޭގެ މުފައްކިރުންނާއި ލިޔުންތެރީން އެކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ އަދި މިއަދު ވެސް ދެއްވަމުން ގެންދަވާ މައުޟޫޢެކެވެ. ދުނިޔޭގެ ސަޤާފަތްތަކުގެ ތެރެއަށް މި ފިކްރު ވަންނަމުންދާލެއް ހަލުވިކަމާއި އިސްލާމީ ސަޤާފަތަށް މި ފިކްރުން ކުރަމުންދާ ނައްސި އަސަރުތަކާ ހެދިއެވެ.
ބަވަނަވަންތަކަމުގެ ތަޢުރީފަށް ބަލާއިރު ހުރިހާ ތަޢުރީފުތަކެއް ވެސް ވަށަލަވެފައިވަނީ ހުޅަނގުގެ އިޤްތިޞާދީ ސިޔާސި އިޖްތިމާޢީ ފިކްރު، އެހެނިހެން ސަޤާފަތްތަކުގެ މައްޗަށް އަތްގަދަކުރުމުގެ ދާއިރާގެ ތެރޭގައެވެ.އެހެން ހުރިހާ ސަޤާފަތްތަކެއް ހުޅަނގުގެ ސަޤާފަތުގެ ތާހުގެ ތެރެއަށް ލައި ވިރުވައި ދުނިޔޭގައި އޮންނަން ޖެހޭ ހަމައެކަނި ސަޤާފަތަކަށް ހުޅަނގުގެ ސަޤާފަތް ހެދުމުގެ ވިސްނުމުގެ ތެރޭގައެވެ.ބައެއް މުފައްކިރުން މި ސަޤާފަތަށް "ޢާލަމީ އައު ނިޒާމު" އޭ ވިދާޅުވެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ " ހުޅަނގުގެ ސަޤާފަތުގެ މަފްހޫމުތައް ސިންދަފާތުކޮށް ދުނިޔެއަށް ވެރިކުރުވުމެވެ. "[1] އެއީ އިޞްޠިލާޙީ ގޮތުން ބަލާނަމަ މަފްހޫމުތަކާއި ސަޤާފަތްތަކާއި ގިޔަމުތަކާއި ސުލޫކުތަކާއި އިޖްތިމާޢީ އިޤްތިޞާދީ ސިޔާސީ އެންމެހާ ޙަރަކާތްތަކުގައި ދުނިޔޭގެ ހުރިހާ ގައުމުތައް އެކައްޗަކަށް ހެދުމެވެ. " [2]
މި މަފްހޫމުގެ ދަށުން ނުވަތަ ހުޅަނގުގެ މަފްހޫމުގެ ދުރުމިން ބަލާއިރު ބަވަނަވަންތަކަމުގެ ނުރައްކާތެރިކަން ފާޅުވެގެންދަނީ މި ނިޒާމުން އިސްލާމްދީނުގައި ހިމެނޭ އަޚްލާޤިއްޔާތާއި ގިޔަމުތަކާއި އުޞޫލުތަކާއި ޢަޤީދާތަކާއި ތަރިކައިން މުސްލިމުން ބޭރަށް ނެރުމަށް މަސައްކަތްކުރަމުންދާތީއެވެ. މި ކަން ކުރަމުންދަނީ އަދި ކުރަމުންގޮސްފައި ވަނީ ، މުސްލިމު ޢާންމު ރައްޔިތުންގެ ފުށުން މިކަމާ ދެކޮޅުނަހަދާނެ ގޮތްގޮތަށް މަޑުމަޑުން ފިޔަވަޅުތައް އަޅަމުން އެ މީހުންނަށް ޙަޤީޤަތް ވަންހަނާކޮށްގެންނެވެ.
މި ދިޔަ ސައްތައިގެ ފަންސާހުގެ އަހަރުތަކުން ފެށިގެން ބަވަނަވަންތަކަން ވަނީ މުސްލިމުންގެ އައު ޖީލުތަކުގެ ސިކުނޑިތަކަށް ވެރިވެގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.މި ފިކްރު ފެށުނީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައާ އެކުގައެވެ. ދެވަނަ ބޮޑުހަނގުރާމައިގައި މި ފިކްރުގެ މޫތައް ވަނީ އިތުރަށް ފުނަށް ފައިބާ ފެތުރިގެންފައެވެ. އިސްލާމީ ގައުމުތައް އިސްތިޢުމާރުކުރުމުގެ ޙަރަކާތާއި އިސްތިޝްރާޤީ ޙަރަކާތާ އެކުގައެވެ.އެއަށްފަހު ޢާލަމީ ސިނަމާ ޚާއްޞަކޮށް އެމެރިކާގެ ހޮލީވުޑުން ދުނިޔޭގެ ފަންނުގެ މައްޗަށް އަތްގަދަކޮށް ސަޤާފީ އެކާވަންތަ ޚިޔާލެއް ދުނިޔެއަށް ފެތުރިއެވެ. ހުޅަނގަށް މި ކަމުގައި ބާރު ދުވެއްޔެއްގައި ކަޑަބޮއްޖަހާފައި ދުއްވައިގަނެވުނީ ޢުޘްމާނީ ޚިލާފަތު ނައްތާލައި އިސްލާމީ ބޮޑު ދައުލަތް އާރެއް ބާރެއް ނެތް ކުދިކުދި ދައުލަތްތަކަށް ރޫޅައިލުމާއެކުގައެވެ.
ބަވަނަވަންތަކަމުގެ ނުރައްކަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އައްޝައިޚު ޔޫސުފުލް ޤަރްޟާވީ ވިދާޅުވިއެވެ. " ބަވަނަވަންތަކަމުގެ ކުލަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެންމެ އަސަރުވެރި ކުލައަކީ ސަޤާފަތުގެ ބަވަނަވަންތަކަމެވެ.އެބަހީ ވަކި އުންމަތެއްގެ ސަޤާފަތް އެހެން އުންމަތްތަކުގެ މައްޗަށް ވެރިކުރުވުމެވެ.އެއީ ގަދަފަދަ އުންމަތުގެ ސަޤާފަތް ބަލިކަށި އުންމަތްތަކުގެ މައްޗަށް ގަދަ ބާރުން ވެރިކކުރުވުމެވެ. އެމެރިކާގެ ސަޤަފަތް މުޅި ދުނިޔެއަށް ވެރިކުރުވުމެވެ. މުސްލިމުންނަށާއި ނަޞާރާއިންނަށާއި ބުޑިސްޓުންނަށާއި ހިންދީންނަށާއި ޔަހޫދީންނަށާއި ލާދީނީންނަށާއި ހުރިހާ ޙަރާންކަމެއް ހުއްދަކުރާ މީހުންގެ މައްޗަށެވެ. މި ކަމުގައި އެމީހުން ބޭނުންކުރާ ވަރުގަދަ ވަސީލަތަކީ މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ބާރުގަދަ އަދާތަކާއި އާލާތްތަކެވެ.ހުރިހާ ބާވަތެއްގެ މީޑިއާތަކެވެ.ނޫހާއި މަޖައްލާއާއި ރޭޑިއޯއާއި ޓީވީއާއި އިންޓަނެޓާއި ޖާލުތަކެވެ. ސަޤާފީ ބަވަނަވަންތަކަން ބޭނުންވަނީ އަހުރެމެންގެ ހަންދަމާށެވެ. އަހުރެންގެ ޝަޚްޞިއްޔަތާ އަހުރެމެން ބީރަށްޓެހިކުރުވާށެވެ. އޭގައި އަހުރެމެންގެ ހަލާކާއި މަރުވުން އޮތް އެމީހުންގެ ފިކްރީ މުދާތަކާއި ސަޤާފީ ދަޅުކާނާތައް އަހުރެންނަށް ކާންދިނުމަށެވެ.))[3]
ބަވަނަވަންތަކަމުގެ ފިކްރަށް އަމާންދިނުމުގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް ދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ. ހުޅަނގުގެ އޮފުގަދަ ސަޤާފަތުގެ ދަޅައަށް އަޅުގަނޑުމެންގެ ޖީލުތައް ހެއްލެމުން އެ ދަލުގައި ޖެހެމުންދާ ތަން ދަނީ ހާމަވަމުންނެވެ. ހުޅަނގުގެ ކޮންމެ ކަމެއް ވަނީ ރީތިވެފައެވެ. ހުޅަނގުގެ ސަޤާފަތާ އެއްގޮތަށް އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކާއި ވައްޓަފާޅިތައް ދަނީ ބައްޓަންވަމުންނެވެ. އިސްލާމީ ރިވެތި ސަލާމަށްވުރެ ދުލަށް ފަސޭހައީ އެމީހުންގެ ސަލާމެވެ. އެމީހުންގެ ޢުރުފުގައިވާ ގޮތަށް ވާތުން ކާ މީހުން ދަނީ އިތުރުވަމުންނެވެ.
ހަމައެފަދައިން ލާދީނީ ފިކްރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ނަބީބޭކަލުންނަށާއި ޞަޙާބީންނަށާއި ޤުރްއާނަށާއި މިސްކިތަށް ލިބެމުން އައި ޙުރްމަތްތެރިކަމާއި ޤަދަރު ދަނީ ކުޑަވަމުންނެވެ. މިސްކިތަށް އަރާ ކުޑަކަމުދާ މީހާއާ ދިމާއަށް އެއްޗެއް ނުބުނެވެއެވެ. މުޞްޙަފު މައްޗަށް ކޮޅަށް އަރާ މީހާއާ ދެކޮޅަށް ފިޔަވަޅެއް ނޭޅެއެވެ. އޭނާގެ މިނިވަންކަމަށް ހުރަސްއެޅޭތީއެވެ. މުސްޙަފު އެންދުމަކީ ވެސް އިންސާނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަންހެން ފިރިހެން ވަކިކުރުން ނާތަހްޒީބު ކަމަކަށް ވާތީ ޖިންސު ވަކިނުކުރެވޭ ގޮތަށް އިންސާނުން މިންތިކުރިއެވެ.
މުސްލިމުންނަށް ކަނޑައެޅިގެން ޙަރާން ކަންތައްތައް އެއީ ފުރައްސާރަކުރެވޭ ކަންތައްތަކަކަށް ވެއްޖެއެވެ.ރިބާ ބޭންކުތައް ޢާންމުވެއްޖެއެވެ. ޢައުރަ ނިވާކުރަން ޖެހޭ މިންވަރަށް ހެދުންލުން ނާތަހްޒީބަކަށް ވެއްޖެއެވެ.
މިފަދަ ޢަމަލުތައް ކުރަނީ އެމީހުންނާ ދިމާއަށް ތަޢުލީމުޔާފުތާ މީހެކޭ ނުވަތަ އިންޓަލެކްޗުއަލެކޭ ބުނުމަށް ޓަކައެވެ.
ޢަރަބި ގައުމުތަކުގައި ވެސް އަރަބިބަހުން ވާހަކަދައްކާ މީހުން ދަނީ މަދުވަމުންނެވެ.ފިހާރަތަކުގައި ޢާންމުކޮށް މުޢާމަލާތު ކުރެވެނީ އިނގިރޭސިބަހުންނެވެ. ކުޑަކުދީން ގޭގައި ވާހަކަދައްކަނީ އިނގިރޭސިބަހުންނެވެ. އެކުދީންނަށް ރަނގަޅަށް މަދަރީބަހުން ވާހަކަދައްކާ ހަދާކަށް ނޭނގެއެވެ.އެއީ ކުރިއެރުމެވެ. ތަރައްޤީއެވެ.
މި ކަންކަމަށް ބެލުމުން އެނގެނީ ބަވަނަވަންތަކަމަކީ ދީނާއި ތަޢުލީމާއި އަޚްލާޤު ހަލާކުކުރަނިވި ބަހާއެއް ކަމެވެ. އެއީ ތަޅައި ހަލާކުކުރާ ކޯރާޑިއެކެވެ. އެއީ އެހެން ބަޔަކަށް ޓަކައި ބިނާކޮށްދޭ ޢުންޞުރުތަކެއް އުފައްދާ ކާރުޚާނާއެކެވެ. އުންމަތް ހެޔޮމަގަށް އެޅުވުމަށް ޓަކައި މި އައު ނިޒާމާ ކުރިމަތިލުން މަޖްބޫރުވެފައިވާ ކަމަށް އިސްލާމީ މުފައްކިރުންނާއި ޢިލްމުވެރީން ވިދާޅުވެއެވެ.
އިސްލާމްދީނުގެ ޢާލަމިއްޔަތަކީ ﷲ ޢައްޒަ ވަ ޖައްލަ ބާވައިލެއްވި އިލާހީ ނިޒާމެކެވެ. އެކަލާނގެ މި ނިޒާމު ބާވައިލެއްވީ ޢާލަމުތަކަށް ހެޔޮ ރަނގަޅު މަގު ދެއްކެވުމަށް ޓަކައެވެ. މި ނިޒާމު މީސްތަކުންނަށް އުނގަންނާދެއްވުމަށް ޓަކައި ފޮނުއްވި ރަސޫލާ މުޙައްމަދު r އަކީ ޢާލަމުތަކަށް މާތް ﷲ ފޮނުއްވި ރަޙްމަތެކެވެ. އެކަލޭގެފާނުގެ މުހިއްމަތަކީ ހިތްތައް ޠާހިރުކުރެއްވުމެވެ. މީސްތަކުން މާތް އަޚްލާޤެއްގެ މަތީގައި ބިނާކުރެއްވުމާއި ދުނިޔެ އާރާސްތުކުރެއްވުމެވެ. މިއާ ޚިލާފަށް ބަވަނަވަންތަ ނިޒާމަކީ މި ބިންމަތީގައި އަތްގަދަކުރުމަށް ޓަކައި އަނަފާވެރި ބަޔަކު ރާވައިފައިވާ ބިމުގެ މަޝްރޫޢެކެވެ.ޝައިޠާނާގެ ޚިދްމަތުގައިވާ ލާދީނީ ލާއަޚްލާޤީ ލާއިންސާނީ ނިޒާމެކެވެ.
އިންސާފުވެރި ތަންގީދީންނަށް އިސްލާމްދީނުގެ ޢާލަމިއްޔަތާއި ހުޅަނގުން ދުނިޔެ ބަވަނަކުރަން ރާވައި ހިންގަމުންދާ މަޝްރޫޢުގެ ތަފާތު ވަރަށް ސާފުކޮށް ފެންނާނެތެވެ. މުސްލިމަކަށް ވާކަށް ނުޖެހެއެވެ.
ފާރިސީންގެ ލަޝްކަރުތަކުގެ ވެރިޔާ ރުސްތުމަށް މާތް ޞާޙާބީ ރުބަޢިއްޔު ބިން ޢާމިރު ވިދާޅުވި ބަސްފުޅުން އިސްލާމީ މަޝްރޫޢުގެ މުހިއްމަތު ވަރަށް ސާފުކޮށް އެނގޭނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ." އަހުރެމެންނަކީ އަޅުންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމަށް މަގު ދެއްކެވުމަށް ޓަކައި ﷲ ފޮނުއްވި ބައެކެވެ."
އިސްލާމްދީނަކީ އިންސާނާ ދެ ދުނިޔޭގައި ބާއްޖަވެރިކުރެއްވުމަށް ޓަކައި ޢާލަމުތަކުގެ ވެރިރަސްކަލާނގެ ﷲ އެކަލާނގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ހިދާޔަތުގެ މަޝްރޫޢެކެވެ.އެކަލޭގެފާނު މި ކަމަށް ޓަކައި އުޖޫރައެއް ނުނަންގަވަތެވެ.
މި ދަޢުވަތުގެ ޢާލަމިއްޔަތުކަމަކީ ރަސޫލާ صلى الله عليه وسلم އަމިއްލަފުޅަށް ކަނޑައެޅުއްވި ކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ﷲ ޢައްޒަ ވަ ޖައްލަ އެކަލާނގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ސިފައެކެވެ.
1-ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ [4] - عالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. ))
2-މާތް ﷲ ވަޙީކުރެއްވިއެވެ. (وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ[5]-އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.)
3-الله ތަޢާލާ ވަޙީކުރެއްވިއެވެ. (إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَٰلَمِينَ [6]- ހަމަކަށަވަރުން، މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ.))
4-އެހެން ބަސްފުޅެއްގައި ވެއެވެ. (تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا[7] - عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.)
5-މާތް ﷲ ވަޙީކުރެއްވިއެވެ. (وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا[8] -އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ.)
އެހެންކަމުން އިސްލާމްދީނަކީ ޢާލަމުތަކުގެ ވެރިރަސްކަލާނގެ ޢާލަމުތަކުގެ ނަބިއްޔާގެ މައްޗަށް ބާވައިލެއްވި ޢާލަމީ ނިޒާމެކެވެ. ކައު އިތުރު ރަސޫލާއަށް ފަހު އެކަލޭގެފާނުގެ އުންމަތުން މި ރިސާލަތު ދުނިޔެއަށް ފެތުރިއެވެ. މިއީ އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި ޢާލަމުތަކުގެ ވެރިރަސްކަލާނގެ ޢާލަމުތަކަށް ބާވައިލެއްވި މަޝްރޫޢެކެވެ. އެހެންކަމުން އެއީ އިސްލާމީ އުންމަތާ މާތްﷲ ޙަވާލުކުރެއްވި އިލާހި ތަކްލީފެކެވެ. އެއީ ބިނާކުރަނިވި މަޝްރޫޢެކެވެ. ހަލާކުކުރަނިވި މަޝްރޫޢެއްނޫނެވވެ. އެއީ އާރާސްތުކުރުމުގެ މަޝްރޫޢެކެވެ. އެއީ ޚަރާބުކުރުމުގެ މަޝްރޫޢެއްނޫނެވެ. އެއީ އުޞޫލުތަކާއި ގިޔަމުތަކުގެ މަޝްރޫޢެކެވެ. އެއީ ފައިދާނެގުމާއި ލޫޓުވުމާއި ފޭރުމަށް ގޮވައިލާ މަޝްރޫޢެއްނޫނެވެ. މިއާ ޚިލާފަށް ބަވަނަވަންތަ ނިޒާމަކީ ދުނިޔޭގެ ގައުމުތައް ލޫޓުވުމުގެ މަޝްރޫޢެކެވެ. އެއީ ދުނިޔޭގެ ވަކި ބަޔަކު އަޅުވެތިކުރުމުގެ މަޝްރޫޢެކެވެ. ޔޫރަޕުގެ ނަސްލީއިމްތިޔާޒުގެ މަތީގައި ބިނާކޮށްފައިވާ މަޝްރޫޢެކެވެ. އެއީ ސިކުނޑިތައް ވިސަޑުކުރުމުގެ މަޝްރޫޢެކެވެ. އެއީ އިޤްތިޞާދުތައް ޚަރާބުކުރުމުގެ މަޝްރޫޢެކެވެ. އެއީ ދުނިޔެ ފަޅިފަޅިކޮށް ތިންވަނަ ދުނިޔެއަކަށާއި ހަތަރުވަނަ ދުނިޔެއަކަށް ގައުމުތައް ބަހައި ކުދިކުރި ލާއިންސާނީ މަޝްރޫޢެކެވެ.
އޮއި ދެމޭ ފެންގަނޑަށް ހުރަސްއަޅައި ކުނިބުނިތަކާއި ފާ ފެންތައް ނެތިގެންދާނެއެވެ. އިސްލާމީ މަޝްރޫޢު ބަލިކަށިވެފައިވަނީ މި މަޝްރޫޢު ހިންގުމާ ޙަވާލުވެ ތިބި އިސްވާރުންގެ ނިކަމެތިކަމުންނެވެ. މިމަޝްރޫޢު ހިންގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ވަސީލަތްތައް އައުނުކޮށް އަނގަބަހުން އެކަނި މަޝްރޫޢު ދިފާޢުކުރަން އުޅޭތީއެވެ.
ބަވަނަވަންތަ ނިޒާމާ ކުރިމަތިލުމުގައި މި ފިކްރާ މި ފިކްރު ފެތުރުމަށް ބޭނުން ކުރާ ވަސީލަތްތައް ތަފާތުކުރާން ޖެހޭނެއެވެ. މި ވަސީލަތްތަކުން މުސްލިމުންނަށް ވެސް ފައިދާ ޙާޞިލުކުރެވިދާނެއެވެ. އިސްލާމްދީން ފެތުރުމަށް ޓަކައި ވެސް ބޭނުންކުރެވިދާނެއެވެ.
މުސްލިމުންގެ ތަރްބަވީ މުއައްސަސާތައް ތަރައްޤީކުރުމަށާއި މުސްލިމު އުންމަތުގެ ދަރީން އިސްލާމީ ޞަޙީހު ތަރްބިޔަތުން ތަރްބިޔަތު ކުރުމަށް މި މުއައްސަސާތަކުންނާއި މަރްކަޒުތަކުން އިސްކަން ދޭންވާނެއެވެ. އެހެން މީހުންގެ ޢިލްމީ ތަޖްރިބާތަކުން ފައިދާ ހޯދައިގެންނެވެ. އިސްލާމީ ފިކްރުތަކާ އަރާރުންވާ އެމީހުންގެ ފިކްރުތަކާއި ވިސްނުންތައް އެކަހެރިކޮށްގެންނެވެ.
ފަންނީ މައިދާނަށް ބަލާއިރު ފަންނަކީ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި ތަރްބަވީ ގިޔަމުތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ވަރަށް މުހިއްމު ވަސީލަތެކެވެ. ﷲ ތަޢާލާގެ ރިސާލަތު ދުނިޔެއަށް ފެތުރުއްވުމަށް ރަސޫލުބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް މުޙައްމަދު ރަސޫލުﷲ ފަދަ ފިލްމީ އުފެއްދުންތަކުގެ ސަބަބުން މީހުންނަށް ލިބިގެން އެ ދިޔަ ފަސޭހަ ގޮތާމެދު ވިސްނައިލަމާތޯއެވެ. އެތައްއެތައް އެކުމާފާނުތަކެއް ކިޔައިގެންނޫނީ ނުލިބޭނެ މަޢުލޫމާތުތަކެއް މުނިފޫހިފިލުވުމުގެ ތެރެއިން މީސްތަކުން ލިބިގެން ދިޔައީ ކިހާ ފަސޭހަ ގޮތަކަށްތޯއެވެ؟
އިސްލާމީ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޓަކައި ޒުވާނުންގެ ދައުރަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭންޖެހޭނެއެވެ. އެމީހުންގެ ވިސްނުން ދުޅަހެޔޮކުރުމަށާއި އެމީހުންގެ ހަށިހެޔޮކަމަށް އިސްކަންދީ އެމީހުންގެ ހުސް ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ޕުރޮގްރާމުތަކެއް އުފައްދާދޭން ޖެހޭނެއެވެ.
މިއީ ވަރަށް ބޮޑު މަސައްކަތެކެވެ. އެބައިމީހުންނާ އަހުރެމެންނާ ދެމެދުގައިވާ ތަފާތު ވަރަށް ބޮޑެވެ. އެމީހުންގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަމާއި ވަސީލަތްތައް ޒަމާނީވެފައި ވަރުގަދައެވެ.
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.
ބަވަނަ ނ. ބަވަނަ
[1] - الثقافة الإسلامية والتحديات الفكرية المعاصرة وحقوق الإنسان، أ.د. حسن عبدالغني أبو غدة
[2] - ކުރީގެ މަޞްދަރު
[3] - أخطار العولمة على الهوية الثقافية للعالم الإسلامي، أ.د. أبو بكر رفيق، ص 7
[4] - ص: 87
[5] - الأنبياء: 107
[6] - آل عمران: 96
[7] - الفرقان: 1
[8] - سبأ: 28