Advertisement

ނަބިއްޔާ صلى الله عليه وسلمގެ ހިތްޕުޅުގެ ނިއަނެތިކަން (2)

30 Sep 2024 | 00:05
ރަސޫލާގެ ނަންފުޅު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ  ޢަދަދާ ގުޅޭ)

ކައު ރަސޫލާ ﷺ އަވަދިނެތިވެވަޑައިގެން މި އުޅުއްވަނީ އުންމަތުގެ ކަންތައްތަކުގެ ތެރޭގައެވެ. މި އުންމަތަށް ވާނޭ ގޮތެއް އެނގިވަޑައިނުގަންނަވާތީއެވެ. ވީމާ، އަޅުގަނޑުމެން އެކަލޭގެފާނު މަތިވެރިނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނުގެ ނަންފުޅު އިވުނީމާ މާތްﷲ އެންގެވި ފަދައިން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވަނީ ކީއްވެގެން ހެއްޔެވެ؟ މާތްﷲ ވަޙީކުރެއްވިއެވެ.(( إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيمًا [1]  - ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلامލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!)) އަޅުގަނޑުމެންގެ ނަބިއްޔާ ﷺ  އެކަލޭގެފާނުންގެ އުންމަތާ މަޝްޣޫލުވެވަޑައިގެން އުޅުއްވާ އިރު އަޅުގަނޑުމެން އެކަލޭގެފާނުންގެ ސުންނަތާ ދުރަށް މި ދަނީ ކީއްވެގެން ބާވައެވެ؟ އަޅުގަނޑުމެން އަރައިރުންތަކުގެ  ތެރެއަށް ވެއްޓި އުންމަތް ބައިބައިކުރަމުން މި ދަނީ ކީއްވެގެން ހެއްޔެވެ؟

ރަސޫލާ ﷺ މުސްލިމުންގެ އަމަންއަމާންކަމަށް އިސްކަންދެއްވުން

ކީރިތި ރަސޫލާގެ ނިޔަނެތިފުޅުކަމުން އެކަލޭގެފާނުގެ އުންމަތުގެ ކުރިމަގާމެދު ވިސްނަވާ އުންމަތަށް އަމާންކަން ލިބޭނޭ މަގުތަކަށް އިރްޝާދު ދެއްވުން ވެއެވެ.އޭގެ ތެރޭގައި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އެކަލޭގެފާނުގެ އުންމަތަށް އަމާންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވުންވެއެވެ. "އެއް ރެޔަކު މަދީނާ މީހުންނަށް ބިރުވެރި އަޑެއް އިވުނެވެ. އެ މީހުން އެ އަޑު އައި ދިމާއަށް ދުއްވައިގަތެވެ. އެ މީހުންނަށް ވުރެ ކުރީން ރަސޫލުﷲގެފާނު އެ އަޑު އިވުނު ހިސާބަށް ވަޑައިގެންނެވިއެވެ. އެ މީހުންނާ ރަސޫލުﷲގެފާނު ބައްދަލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((لَنْ تُراعُوا لَنْ تُراعُوا وهو على فَرَسٍ لأبِي طَلْحَةَ عُرْيٍ ما عليه سَرْجٌ، في عُنُقِهِ سَيْفٌ، فَقالَ: لقَدْ وجَدْتُهُ بَحْرًا. أوْ: إنَّه لَبَحْرٌ[2] - ތިޔަބައިމީހުން ބިރުނުގަންނާށެވެ! ތިޔަބައިމީހުން ބިރުނުގަންނާށެވެ! އެކަލޭގެފާނު އިންނެވީ އަބޫ ޠަލްޙަތުގެފާނުގެ އަސްދާނުގޮނޑިއެއް ނެތް އަސްކޮޅެއްގެ މަތީގައި ކަނޑިކޮޅެއް ހިއްޕަވައިގެންނެވެ. ރަސޫލުﷲގެފާނު މީސްތަކުންނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެއީ އަހެއްކަމަށެވެ. ނުވަތަ ހަމަކަށަވަރުން އެއީ އަހެކެވެ.))

މީސްތަކުންނަށް ވުރެ ކުރީން އެކަލޭގެފާނު ނުކުމެވަޑައިގެން އެ ބިރުވެރި އަޑުގެ މަޞްދަރު ހޯއްދަވައި މީސްތަކުންނަށް އެ ޚަބަރުދެއްވައި މީސްތަކުންނަށް ހިތްހަމަޖެހުން ދެއްވިއެވެ. މިއިން އެނގެނީ ނިއަނެތިކަމަކީ އަދި އޯގާވެރިކަމަކީ ފިނޑިކަމެއްނޫންކަމެވެ. އަދި އެއީ ނިކަމެތިކަމެއް ވެސް ނޫނެވެ. އެހެނަސް އެއީ ﷲއަށް ކިޔަމަންގަތުމެކެވެ. ﷲ ތަޢާލާ މުޙައްމަދު ނަބިއްޔާ rގެ އުންމަތް ސިފަކުރައްވާފައިވަނީ މި ސިފައިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ [3]-محمد ގެފާނީ، اللَّهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. )) މީހުންނާއެކު އޯގާވެރިކަމާއެކު މުޢާމަލާތުކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންގަތުމެކެވެ. މި ކިޔަމަންގަތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ﷲގެ ނަޞްރު  ޙައްޤުވެގެންދެއެވެ. މި އޯގާވެރިކަމަކީ މުޖްތަމަޢުގެ ފޭރާން ހެޔޮވެގެންދާ ކަމެކެވެ. މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އަޅައލުމާއި އޯގާވެރިކަން ޤާއިމުކުރެވިއްޖެ ނަމަ އެމީހުންނަށް އެމީހުންގެ ޢަދުއްވުން ބަލިކުރެވޭނެއެވެ.

ދޫންޏަށާއި ދިރުންނެތް އެއްޗެއްސަށް ނަބިއްޔާ ﷺ އަޅައިލެއްވުން

ރަސޫލާ ﷺގެ ނިއަނެތިކަމާއި އޯގާވެރިކަމަކީ ހަމައެކަނި އިންސާނުންނަށް އޮތް ކަމެއްނޫނެވެ. ދޫނިސޫފާސޫތްޕަށާއި ދިރުން ނެތް އެއްޗެއްސަށް ވެސް އެކަލޭގެފާނު އޯގާވެރިވެވަޑައިގަތެވެ. އެކަލޭގެފާނުގެ ނިޔަނެތިކަން އޭއްޗެއްސަށް ޝާމިލުވެފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. ((އަހުރެމެން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ދަތުރެއް ކުރަނިކޮށް ގަހެއް ކައިރިއަށް ދެވުނެވެ. މި ގަހުގައި ހާއްޔެއްގައި ޙުއްމަރާއެއްގެ[4] ދެ ފިޔޮއް ތިއްބެވެ. އަހުރެމެން މި ދެ ފިޔޮއް ނެގުމުން ޙުއްމަރާ ރަސޫލުﷲގެފާނު އަރިހަށް ގޮވަމުންގޮވަމުން އައެވެ. އެހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. مَنْ فَجَعَ هَذِهِ بِفَرْخَيْهَا؟  قَالَ: فَقُلْنَا: نَحْنُ. قَالَ: فَرُدُّوهُمَا – މީތީގެ ދެ ފިޔޮއް ބިރުގެންނެވީ ކާކުހެއްޔެވެ؟ އިބްނު މަސްޢޫދު ވިދާޅުވިއެވެ. އަހުރެމެން ދެންނެވީމެވެ. އަޅުގަނޑުމެންނެވެ. ޙަދީސްކުރެއްވިއެވެ. އެ ދެ ފިޔޮއް  އަނބުރައި ގެންގޮސް ހާއްޔަށް ލާށެވެ!)) 

ރަސޫލާ ﷺގެ ހިތްޕުޅުގައި އޯގާވެރިކަމާއި ލޯތްބާއި ނިޔަނެތިކަން އޮތީ ހަމައެކަނި ދިރޭ އެއްޗެއްސަކަށް ނޫނެވެ. ދިރުންނެތް އެއްޗެއްސަށް ވެސް ރަސޫލާގެ ހަމްދަރްދީއާއި ނިޔަނެތިކަމާއި އޯގާވެރިކަން ވަނީ ލިބިފައެވެ. ރަސޫލާ ﷺ ޚުޠުބާދެއްވާން ހުންނަވާނެ މިންބަރުކޮޅެއް ހެދުމުގެ ކުރީން އެކަލޭގެފާނު ޚުޠުބާދެއްވާން ހުންނަވަނީ މިސްކިތުގައި އޮންނަ ކަދުރުބުޑެއްގައި  ލެނގިވަޑައިގެންނެވެ. ރަސޫލާ ﷺ މި މިންބަރުކޮޅު މަތީގައި އިށީނދެވަޑައިގަތުމުން މި ކަނދުރުބުޑު ރޯންފެށިއެވެ. މީސްތަކުންނަށް އެ އަޑު އިވުނީ ގެރިއެއް ގޮވާ ގޮތަށެވެ. އަދި މުޅި މިސްކިތް ގުޑަންފެށިއެވެ. އެހިނދު رسول الله ﷺ މިންބަރުކޮޅުމަތިން ފައިބާވަޑައިގެން އެ ރުއްބުޑު ކައިރިއަށް ވަޑައިގެން އޭގައި ބައްދައިލެއްވިއެވެ. ރަސޫލާ ﷺ ބައްދައިލެއްވުމުން އޭތި ހަމަހިމޭންވިއެވެ. އެއަށްފަހު ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު އޭތީގައި ބައްދައިނުލެއްވި ނަމަ، ޤިޔާމަތާ ޖެހެންދެން އޭތި އެ ގޮތުގެ މަތީގައި ގިސްލަގިސްލައި އޮންނާނެއެވެ.))[5]

ނިޔަނެތިކަމާއި އީމާންކަން

ނިޔަނެތިކަމާއި އޯގާވެރިކަމަކީ އީމާންކަމުގެ ޢަލާމަތެކެވެ. މީހެއްގެ ޠަބީޢަތުގައި މި ސިފަނެތުމަކީ އަބާއްޖަވެރިކަމުގެ ލިސާނެކެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لا تُنْزَعُ الرحمةُ إلا مِن شَقِيٍّ - [6]އަބާއްޖަވެރިއެއްގެ ކިބައިން މެނުވީ އޯގާވެރިކަން ނިގުޅައިނުގަނެވޭނެތެވެ.)) އޯގާވެރިކަމަކީ ހިތުގެ ނިއަނެތިކަމެވެ. ހިތުގެ ނިއަނެތިކަމަކީ އީމާންކަމުގެ ޢަލާމަތެކެވެ. ނިޔަނެތިކަން ނެތް  މީހާގެ އީމާންކަމެއް ނުއޮންނާނެތެވެ. އީމާންކަން ނެތް މީހާ އަބާއްޖަވެރިވެއްޖެއެވެ. ނިޔަނެތިކަން ރިޒުޤު ނުކުރެއްވި މީހާ އަބާއްޖަވެރިވެއްޖެއެވެ.[7]

އިބްނުލްޢަރަބީ ވިދާޅުވިއެވެ: ރަޙްމުކުރުމުގެ ޙަޤީޤަތަކީ މަންފާކޮށްދިނުމެވެ. މީހެއްގެ ހިތުން މަންފާކޮށްދިނުމުގެ އެދުން ފިލައިގެން ހިނގައްޖެ ނަމަ އެ ހިތެއް އަބާއްޖަވެރިވެދާނެއެވެ. މުސްލިމަކީ އޭނާގެ ދުލުންނާއި އަތުގެ ނުބައިކަމުން އެހެން މީހުންނަށް ރައްކައުތެރިކަން ލިބިފައިވާ މީހާއެވެ. ދުލާއި އަތަކީ ހިތުގެ ޚާދިމުން ކަމުގައިވާތީއެވެ.[8]

އިމާމުލް ޤުރްޠުބީ ވިދާޅުވިއެވެ: ރަޙްމުވެރިކަމަކީ ޙާލުގައި ޖެހިފައިވާ މީހަކު ނުވަތަ މުޞީބަތެއް ޖެހިފައިވާ މީހަކު ނުވަތަ ކުޑަކުއްޖަކު ނުވަތަ ނިކަމެއްޗަކު ފެނުމުން މީހެއްގެ ހިތުގައި އުފެދޭ ހަމްދަރްދީއާއި އޯގާވެރިކަމާއި ނިއަނެތިކަމުގެ އިޙްސާސެވެ. މި އިޙްސާސްގެ ސަބަބުން އޭނާއަށް އިޙްސާންތެރިވުމަށް އޭނާގެ ހިތް ގޮވައިލަތެވެ. ﷲ މި ޚުލްޤު އެ މީހެއްގެ ހިތުގައި އިންދެވި މީހާ އެ ވަނީ ﷲގެ ރަޙްމަތުގައެވެ. އެއީ ﷲގެ ރަޙްމަތް އޭނާއަށް ލައްވައިފައިވާކަމުގެ ދަލީލެކެވެ. އެ ފަދަ މީހުންނަށް ހަމްދަރްދީނުވާ މީހާއާއި އޯގާވެރިނުވާ މީހާ މާތް ﷲ އެ ވަނީ އަބާއްޖަވެރިކުރައްވައިފައެވެ.

ނިއަނެތި ހިތް

ނިއަނެތި ހިތެއްގެ ވެރިއަކަށް ވެވޭނީ އެކަމަށް ޓަކައި މަސައްކަތްކޮށްގެންނެވެ. ކެތްތެރިވެގެންނެވެ. ހިތްހަރުކަށިކަން ލިބިފައިވާ މީހާ މި ބަލީން ފަސޭހަވޭތޯ ގަދައަޅައި މަސައްކަތްކުރާން ޖެހޭނެއެވެ. އެންމެ ރަނގަޅު ފަރުވާއަކީ އިޚުލާޞްތެރިކަމާ އެކު، ޔަތީމުންނަށް އަޅައިލުމެވެ. އެހެން މީހުންނާ ކުރިމަތިވެފައިވާ ގިލަންތަކުން އެ މީހުން ލުއިކޮށްދެވޭތޯ ބެލުމެވެ. ތިމާއަށް ބަދަލުގައި އެއްޗެއް ލިބޭތޯއެއް ނުބަލައެވެ.

                               (ނިމުނީ)

މަރުޖިޢުތައް

[1] - الأحزاب:56

[2]  - أخرجه البخاري (٦٠٣٣)، ومسلم (٢٣٠٧) 

[3]  - الفتح: 29].

[4]  - ޙުްއްމަރާއަކީ ފެންފޯއްދޫންޏެއް ފަދަ ކުޑަ ގުރައެކެވެ.

[5]  - أخرجه الترمذي (٣٦٢٧)، وابن ماجه (١٤١٥)، وأحمد (١٣٣٦٣)  والدارمي (٤١)

[6]  -  أخرجه أبو داود (٤٩٤٢)، والترمذي (١٩٢٣)، وأحمد (٨٠٠١) 

[7]  - [13] شرح المشكاة للطيبي الكاشف عن حقائق السنن

[8]  - فيض القدير

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް