Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސުގެ ހަގީގަތް

30 Sep 2024 | 00:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އޮންރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ނިޒާމީ ގޮތެއްގައި ދިވެހިރާއްޖޭގައި ތަޢުލީމު ދޭން ފެށިފައިވާކަމަށް ތާރީޚުން އެނގޭން އޮތީ މާލޭ ފަނޑިޔާރުގޭ ފެންޑާއެއްގައި ފެއްޓުނު މަދްރަސަތުއްޞަލާޙިއްޔާއާ ހިސާބުންނެވެ. އޭގެ އަހަރެއް ހައި ދުވަސް ފަހުން ޞަލާޙިއްޔާގެ ނަން، "މަދްރަސަތުއްސަނިއްޔާ އަލްޙުކޫމަތުލްމަޙަލްދީބިއްޔާ"ގެ ނަމަށް ބަދަލުކޮށް އެ މަދްރަސާގައި ދެ ޖިންސްގެ ކުދީންނަށް ކިޔަވައިދެވޭން ފެށުނެވެ. އެއީ 19 ނުވަތަ 20 އޭޕްރިލް 1927 (17 ޝައްވާލު 1345) ގައެވެ. މި މަދުރަސާ ހުޅުވުނީ ދައުލަތުގެ މަތީ ދަރަޖައިގެ 51 ބޭފުޅުން ބައިވެރިވެވަޑައިގަތް އިޙުތިފާލެއްގައެވެ. ޝަރަފުވެރި މެހުމާނަކީ އަލްއަމީރު ޢަބްދުﷲ މުޙައްމަދު ޢިމާދުއްދީނެވެ. ރަދުންގެ ކާތިބުއްސިއްރު އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ވެސް މި އިޙުތިފާލުގައި ބައިވެރިވެވަޑައިގަތެވެ.

ޖެހިގެން އައި ދުވަހު ސަނިއްޔާގެ ކިޔެވުން ފެށުނު އިރު ކިޔަވައިދިން މާއްދާތަކަކީ ނަޙޫ، ފިޤުހު، ތާނަ ލިޔުމުގެ ޤަވާޢިދު، އަދި (ކުޑަކޮށް) ހިސާބު ޢިލްމެވެ. ފަހުން ދިވެހިބަހުގެ ގަވާއިދާއި ލިޔުމުގެ އެހެން މާއްދާތައް ވެސް އިތުރުކުރެއްވި އެވެ. މަދުރަސަތުއްސަނިއްޔާގައި 2 ފަޞްލަކަށް (2 ގްރޭޑަކަށް) ކިޔަވައިދެއްވާން ފެއްޓެވި އިރު ދަރިވަރުން އިށީންނާނޭ ގޮނޑިއެއް ވެސް ނެތެވެ. ދަރިވަރުން ކިޔަވާން ބައިތިއްބަނީ ތަޅުމުގައި ކުނާ ފަތުރައިގެން އޭގެ މަތީގައެވެ. އެހެން ނަމަވެސް މި މަދުރަސާގެ ފުރަތަމަ ދައުރުގައި ވެސް އަގުހުރި ތަޢުލީމީ ދަރީންތަކެއް ދިވެހި ޤައުމަށް ނެރެދީފައިވާކަން މި ފުރުޞަތުގައި ފާހަގަކޮށްލާން ޖެހެއެވެ. އައްޝައިޚު ޢަބްދުލްޤައްޔޫމު ސީދީއާއި އަލްފާޟިލު އާދަމް ނަޞީރު މަނިކާއި އަލްފާޟިލު ނތ. މުޙައްމަދު ދީދީއާއި އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއާއި އަލްފާޟިލު ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ފަދަ އަގުހުރި ދަރީންނަކީ މަދަރުސާގެ ފުރަތަމަ ދައުރުގައި އުފެއްދި ޝަޚުޞިއްޔަތުތަކެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމުދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައެޅުނީ 1932ގައެވެ. އެއީ އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ 13ވަނަ އަހަރު (1932 ޑިސެންބަރު 22ގައި) ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާނުކުރެއްވި ހިސާބުން ފެށިގެންނެވެ. މި ޤާނޫނު އަސާސީގެ ދަށުން ވަޒީރުން ވެސް އިޢުލާނުކުރެއްވިއެވެ. މި ވަޒީރުންގެ ތެރޭގައި ރާއްޖޭގައި އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމަށް ވަޒީރުލްމަޢާރިފު (މިނިސްޓަރ އޮފް ސްޓަޑީޒް) ކަމުގައި ހެންވޭރުގޭ އަލްއުސްތާޛު އަޙުމަދު ކާމިލު ދީދީ ހަމަޖެއްސެވިއެވެ.

ތަޢުލީމުގެ ކަންތައް މި ގޮތަށް ފެށިގެން އައިސް، ތަޢުލީމު ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށް ޤާނޫންއަސާސީގައި ކަނޑއެޅުނު ކަމުގައި ވިޔަސް ނިޒާމީ ތަޢުލީމުގެ ތެރެއިން ކިޔަވައިދެވެނީ ހަމައެކަނި ފިރިހެން ކުދީންނަށެވެ. ނަމަވެސް ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީގެ 14ވަނަ މާއްދާގައި "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާންކިޔާން ދަސްކުރުމަކީ މި ޤާނޫން އަސާސީ ލާޒިމުކުރާ ކަމެއް"ކަމަށް ބަޔާންކޮށްފައި އޮވެއެވެ. މި މާއްދާއިން ވަކި ޖިންސެއް އިސްތިސްނާއެއް ނެތި ތަޢުލީމު ޙާޞިލުކުރުމަށް ޤާނޫން ލާޒިމުކުރެއެވެ. އެހެންނަމަވެސް އެ ކަންތައްތައްކުރުމުގެ މަގު ފަހިވެފައެއް ނެތެވެ. މިހެން މި ކަން އޮއްވައި ޤާނޫން އަސާސީ އަށް ޢަމަލުކުރާން ފެށިތާ ތިން ހަފުތާގެ ތެރޭގައި އޭރުގެ ވަޒީރުއްތިޖާރާ އަލްއަމީރު މުޙަންމަދު އަމީން ވަރަށް މުހިންމު މައްސަލައެއް ތިން ފަހަރެއްގެ މަތީން ތިން ޖަލްސާއަކަށް ހުށަހެޅުއްވިއެވެ. އޭނާ ހުށަހަޅުއްވަނީ ޤާނޫންއަސާސީގައި އެ ގޮތަށް އޮތުމާ އެކު "ދިވެހި ކޮންމެ ރައްޔިތަކު އުނގެނުން ލާޒިމުކުރާ ތަޢުލީމު ދިވެހި އަންހެން ދަރީންނަށް ވެސް ލިބި ގަނެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފައި އޮންނަންވާނެ"ކަމަށެވެ. މި ހުށަހެޅުއްވުމާ ގުޅިގެން ހޫނު ބަހުސަކަށް ފަހު، ހަނި އަޣުލަބިއްޔަތަކުން ފާސްވެގެން ސަނިއްޔާގައި އަންހެންކުދީންގެ ގޮތްޕެއް އުފައްދަވައި ކިޔަވައިދޭން ފެއްޓިއެވެ. މި ގޮތުގައި ދުވަސްކޮޅެއް ހޭދަވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފާސްކުރުމުގެ ނަތީޖާއެއްގެ ގޮތުން 1935ގައި، އަންހެން ކުދީންނަށް ކިޔަވައިދިނުން މަނާކުރެވުނެވެ. އެއީ އަންހެން ކުދީންނަށް ކިޔަވައިދޭން ފިރިހެނުން ދިޔުން އެއީ ރަނގަޅުކަމެއް ނޫންކަމަށް ފެނިވަޑައިގެންނެވެ. އަންހެން މުދައްރިސުން ތައްޔާރުކުރެވެންދެން އަންހެން ކުދީންނަށް ގޭގައި ކިޔަވައިދިނުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ. މި ގޮތުގައި ދުވަސްކޮޅެއް ހޭދަވުމަށްފަހު 27 ނޮވެމްބަރ 1944 ގައި މަދުރަސަތުއްސަނިއްޔާގެ އަންހެންގޮފި އަލުން ހުޅުވައި އަންހެން ކުދީންނަށް އަލުން ކިޔަވައިދެއްވާން ފެއްޓެވީ ވެސް މުޙަންމަދު އަމީނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމެއްގެ ތެރޭގައި ރައްޔިތުން އެއްވެ ޤާނޫން އަސާސީ ވީދާއިލައި، އުވައިލައި، ސަރުކާރު ހިންގުން 68 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކާ ޙަވާލުވިއެވެ. ތާރީޚުން އެނގޭ ގޮތުގައި މި ބަދަލު އައީ 1933 ނޮވެންބަރު 9ގައެވެ. މި އައި ބަދަލާ ގުޅިގެން ރާއްޖޭގެ ތަޢުލީމާ ބެހޭ ވުޒާރާ (ވުޒާރަތުލްމަޢާރިފު) ހިންގެވުން މުޙައްމަދު އަމީނާ ޙަވާލުކުރެވުނެވެ. މިހައި ތަނުން ސަނިއްޔާގެ ކަންތައް އިހުނަށް ވުރެ ރަނގަޅުކޮށް ކުރީގައި ކިޔަވައިދިނުން އޮތްގޮތަށް އޮތުމާއެކު ފުޓްބޯޅަ (އޭރު ފައި ބޯޅަ)އާއި ކުޅިވަރުގެ އެހެން ޙަރަކާތްތައް ވެސް ވަރަށް ފޯރިއާއެކު ހިނގައިގަތެވެ. މި ދައުރުގައި ކިޔަވައިދެވުނު މާއްދާތަކުގެ ތެރޭގައި ދިވެހި، ދީނިއްޔާތު، އިނގިރޭސި، އުރުދޫ، ހިސާބު، އަދި ޢަރަބި ބަސް ހިމެނުނެވެ. މިހައި ހިސާބަށް އާދެވުނު އިރު ރާއްޖޭގެ ރަސްކަމުގެ މަޤާމުގައި ހުންނެވީ އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީއެވެ. މި ވާހަކަ މިހައި ތަފުސީލުކޮށް މި ދަންނަވައިލީ އަންހެންކުދީންގެ ތަޢުލީމުގެ ބާނީއަކީ އަލްއަމީރު މުޙައްމަދު އަމީން ކަމުގައި ފާހަގަކުރާންވެގެންނެވެ. ތާރީޚީ ޙަޤީޤަތެއް ހާމަކުރުމުގެ ގޮތުންނެވެ. 1939ވަނަ އަހަރު ފެށުނު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިކަން 1940ވަނަ އަހަރު ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާން ފެށުމަށްފަހު ތަޢުލީމުދިނުމަށް އައި ހީނަރުކަން ކުޑަކުރެއްވުމަށް ސަރުކާރުން ފިޔަވަޅުއެޅުއްވިއެވެ. 15 ނޮވެމްބަރ 1942 ގައި މަދުރަސަތުއްސަނިއްޔާގެ ކިޔެވުން މުޅިން އާ އިޞްލާޙުތަކާއެކު އާކޮށް، އަލުންފެށުނީ މަދުރަސާ ހިންގުމުގެ ޤަވާޢިދު ވެސް ހަރުދަނާކޮށް ޤާބިލު މީހުން، ކަންކަމަށް އިސްކޮށްގެންނެވެ. އަދި ހަތަރު އަވަށުގައި ހުރި ބަންޑާރަ އެދުރުގެތައް ވެސް ސަނިއްޔާގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މި ހިސާބަށް އައިއިރު ޤައުމު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ އަލްއަމީރު މުޙައްމަދު އަމީނެވެ.

މިހާ ހިސާބަށް އައިއިރު ވެސް ރާއްޖޭގައި ކިޔަވައިދެވެމުން އައިސްފައިވަނީ ވަކި ޢުމުރުފުރައަކަށް ބަލައިގެނެއް ނޫނެވެ. ކުލާސްތަކަށް ބައިކުރެވެނީ ކުދީންގެ ފެންވަރަށް ބަލައިގެންނެވެ. ކުޑަކުދީންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި އަކުރު އުނގަންނައިދިނުމެވެ. ޢަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމެވެ.

ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ފެށުނު ނިޒާމީ ތަޢުލީމު އަތޮޅުތަކަށް ފެތުރުއްވުމަށްޓަކައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ، ޞިއްޙަތު ރަނގަޅު ދެކުދީން މާލެ ގެންނަވައި ސަރުކާރުގެ ޚަރަދުގައި އެ ކުދީންނަށް ކިޔަވައިދޭގޮތަށް ހަމަޖެއްސެވިއެވެ. މިކަން މަޙުކަމަތުއްދާޚިލިއްޔާއިން އަތޮޅުތަކަށް އެންގެވީ 18 ނޮވެމްބަރ 1944 ގައެވެ. މި ހަމަޖެހުނު ހަމަޖެހުމާގުޅިގެން 36 ކުއްޖަކު މާލެ ގެންނަވައި ސަރުކާރުން އުފެއްދެވި ބޯޑިންގ (ދާރުލްއިޤާމާ) ގައި ބައިތިއްބަވައިގެން ކިޔަވައިދެވުނެވެ. މި ކުދީން ހިމެނުނީ މިޒަމާނަށް ފެށިގެން އައިއިރު ރާއްޖޭގައި ނަން ހިނގި ތަޢުލީމީ ދަރީންތަކަކަށެވެ. އަލްފާޟިލް މުލީ ޢަބްދުﷲ ޞާދިޤާއި، އަލްމަރްޙޫމް ހުވަރަފުށީ އާދަމް ސަލީމާއި، އަލްފާޟިލް ދަރަވަންދޫ ޔޫސުފް ޢަލިފުޅާއި، އަލްފާޟިލް ނައިފަރު މުޙައްމަދު ޒަކަރިއްޔާ އާއި، އަލްފާޟިލް ޢަބްދުއްރަޙީމް ފަދަ ޢިލްމީ އަދީބުންނާއި ޝާޢިރުންނަކީ ސަރުކާރުން ކުރެއްވި މި އަގުހުރި ދަނޑުވެރިކަމުގެ ފޮނި މޭވާއެވެ.

1945 މޭ 5ގައި ރައްޔިތުންގެ މަޖިލީހުން ވަރަށް ޚާއްޞަ ނިންމެވުމެއް ނިންމެވިއެވެ. އެއީ މާލޭގައި ހިންގާ ހަތަރު އަވަށުގެ ބަންޑާރަ އެދުރުގެތައް މަދަރުސާ ފެންވަރަށް ތަރައްޤީކޮށް ޤައުމީ އަބްޠާލުންގެ ނަމަށް ނިސްބަތްކޮށް އެތަންތަނަށް ނަންދެއްވުމަށެވެ. މި ބަދަލާގުޅިގެން މަދަރުސަތުއްސަނިއްޔާގެ ނަން ވެސް "މަދުރަސަތުލް މަޖީދިއްޔާ" ގެ ނަމަށް 6 މޭ 1947 ގައި ބަދަލުކުރެވުނެވެ. ރާއްޖޭގައި މި ފެށިގެން އައި ޢިލްމީ ޙަރަކާތްތަކުގެ ވަހާއި ކުލަ އަތޮޅުތަކަށްވެސް އައީ ފޭދެމުން ފޯރަމުންނެވެ. އެއިރެއްގެ ޙާލަތަށް ބަލައިގެން އެކި ނަންނަމުގައި އެކި ފެންވަރުގައި ކިޔަވައިދޭ ތަންތަން ރައްޔިތުން އަމިއްލަޔަށް ހުޅުވަމުން އައިސްފައިވެއެވެ. 1930 ވަނަ އަހަރުން ފެށިގެން މިކަން އައީ ހިނގަމުންނެވެ. ފެއްޓެމުން ހުއްޓެމުން ވެއްޓެމުން ނެއްޓެމުން ކަހަލަ ގޮތަކަށެވެ. މިދެންނެވި ޙަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ 2007 ގައި އަލިމަސް ޔޫބީލް ފާހަގަކުރި "މަދުރަސަތުލް އިފްތިތާޙު"ގެ ފެށުމެވެ. ނަމަށް އެއްވެސް ބަދަލެއް ނުގެނެސް އެންމެ ގިނަ ދުވަހު ރާއްޖޭގައި ހިނގަމުން އަންނަ ސުކޫލަކީ މިއީއެވެ. އައްޝައިޚު ޢަބްދުﷲ ފަހުމީ ދީދީގެ މޭސްތިރިކަމުގެ ދަށުގައި އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތީން މި މަދުރަސާ އެ މަނިކުފާގެ އުފަން ރަށް ކަމުގައިވާ ޅ. ނައިފަރުގައި ހުޅުވުނީ 21 ޖޫން 1933 ވީ ބުދަ ދުވަހުކަމަށް ތާރީޚުން އެނގެއެވެ. މި ކަން ކުރެއްވުމުގައި ސަރުކާރުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން ސާބިތުވެއެވެ. އެހެނީ މި މަދުރަސާ 123 ދަރިވަރުންނާއެކު އެންމެ ފުރަތަމަ ހިންގައިފައިވަނީ އަތޮޅުގޭ އުތުރު ފެންޑާގައެވެ. ފަހުން ދެކުނު ފެންޑާ ވެސް މަދަރުސާގެ ބޭނުމަށް އިތުރުކުރެވުނެވެ.

1947 ޖޫން 1ގައި ނ. އަތޮޅު ހޮޅުދޫގައި، ނައިފަރު ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުން "މޭނާ ސްކޫލް"ގެ ނަމުގައި އިސްކޫލެއް ހިންގާން ފެއްޓުނެވެ. މަޝްހޫރު އަދީބެއް ކަމުގައިވާ ޢަލީ ޙުސައިން ނައިފަރީ (ރަޙިމަހުﷲ)އަކީ މަދުރަސަތުލްއިފްތިތާޙުގެ ދަރިވަރެއްކަން އުފަލާ އެކު ފާހަގަކުރާން ޖެހެއެވެ.

މިހައި ހިސާބަށް އައިއިރު ވެސް ރާއްޖޭގައި ކިޔަވައިދެވެމުން އައިސްފައިވަނީ ވަކި ޢުމުރުފުރައަކަށް ބަލައިގެނެއް ނޫނެވެ. ކުލާސްތަކަށް ބައިކުރެވެނީ ކުދީންގެ ފެންވަރަށް ބަލައިގެންނެވެ. ކުޑަކުދީންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި އަކުރު އުނގަންނައިދިނުމެވެ. ޢަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވާން ދަސްކޮށްދިނުމެވެ.

އިސްވެ ދެންނެވުނު ގޮތަށް ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި)އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުން ވެސް ކިޔަވައިދެއްވީ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައެވެ.

1960ގެ އަހަރުތަކަށް އަޅައިގަތް އިރު، ރާއްޖޭގެ އިސް މަސްއޫލުވެރީން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށް ފަހު، ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ ދެ މަދުރަސާކަމަށްވާ މަދުރަސަތުލްމަޖީދިއްޔާއާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށް ޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވާން ފެއްޓެވިއެވެ. އަދި 1961ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވާން ފެއްޓެވިއެވެ. އަދި 21 މާޗް 1961އިން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރަފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށް ޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ.

މި ހެން މި ކަން އޮއްވައި 1960ވަނަ އަހަރުގެ ތެރޭގައި ކުޑަކުދީންނަށް ކިޔަވައިދެއްވާ މަދުރަސާއެއްގެ ގޮތުގައި "ޙަމީދިއްޔާ (ފަހުން ނާޞިރިއްޔާ) މޮންޓެސޫރީ ސްކޫލް"ގެ ނަމުގައި ތުއްތުކުދީންގެ ސްކޫލެއް އުފައްދަވައި އެ އަހަރު އޮކުޓޯބަރ މަހު 10ވަނަ ދުވަހުން ފެށިގެން ކިޔަވައިދޭން ފެށުނެވެ. ސުކޫލް ޢިމާރާތެއްގެ ގޮތުގައި ހަމަޖެއްސެވީ މަދުރަސަތުލްޙަމީދިއްޔާ ހުރި ޢިމާރާތެވެ. (އެއީ މިހާރުގެ "އިސްކަންދަރު ސްކޫލެވެ".) ފުރަތަމަ ނާޒިރާއަކީ ސިލޯންގެ ރައްޔިތެއްކަމުގައިވާ މިސިޒް ރެނޯލްޑްސްއެވެ.

1960ގެ އަހަރުތަކުން ފެށިގެން 1970ގެ މެދަކާ ހަމަޔަށް އައި އިރު ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚިދުމަތް ހަމައެކަނި އަމާޒުކުރެވިފައިވަނީ މާލޭގައި ހުރި ސަރުކާރުގެ ތިން ސުކޫލަށްކަމުގައި ދެންނެވިދާނެއެވެ. އާދޭހެވެ! ހަމަ އެކަނި މާލޭގައި ތުއްތުކުދީންގެ ތަޢުލީމާއި ފަށާތަޢުލީމާއި ސާނަވީ ތަޢުލީމުދިނުމަކީ ތަޢުލީމާ ބެހޭ ވުޒާރާގެ މައިގަނޑު މަސައްކަތްކަމުގައި އޭރު އޮތީ ބެލެވިފައެވެ. ރާއްޖޭގެ އަތޮޅުތަކުގައި ތަޢުލީމުދިނުމަކީ ތަޢުލީމާ ބެހޭ ވުޒާރާއާ ބެހޭ ކަމަކަށް ނުވާ ފަދައެވެ. ނަމަވެސް ރާއްޖެތެރޭގެ ރަށެއްގައި މަކުތަބެއް ނުވަތަ މަދަރުސާއެއް ހިންގާ ނަމަ، އެ ވުޒާރާގައި ރަޖިސްޓަރީކުރާން ޖެހުނެވެ.

މިހާތަނަށް އައި އިރު މަދު ރަށެއްގައި ނޫނީ ނިޒާމީ ގޮތެއްގައި ތަޢުލީމުދެމަކުންނެއް ނުގެންދެއެވެ. އޭރު ރާއްޖޭގައި ލިޔަންކިޔާން ނުދަންނަ މީހުން އެންމެ ގިނަ ދެ އަތޮޅުގެ ތެރޭގައި ހައްދުންމަތީ ހިމެނެއެވެ. ނަމަވެސް ކުރީން އަތޮޅު މަދަރުސާގެ ގޮތުގައި މަދްރަސަތުލްވަރުދިއްޔާގެ ނަމުގައި އިސްކޫލެއް ހިންގަމުން އައި ދަނބިދޫއާއި މާވަށާއި ފޮނަދޫގައި ކޮންމެވެސް ސިފައެއްގައި މަކުތަބުތައް ހިންގަމުން ގެންދިޔައެވެ. ފައްޓަމުން ހުއްޓެވުން ހިނގަމުން ދިޔަ ގޮތެއްގައެވެ. އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގެން، 10 އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިނގަމުން އައި އިސްކޫލުތަކަށް ސަރުކާރުން އެހީދެއްވާން ފެއްޓެވި އިރު މުޅި ހައްދުންމަތީގައި ވެސް 10 އަހަރު ވެފައިވާ ސުކޫލުގެ ގޮތުގައި ހުރީ އެންމެ ދެ ސުކޫލެވެ. އެއީ މާވަށުގައި ހުރި މަކްތަބުލްހިދާޔާއާއި މިނިވަން ސްކޫލެވެ.

އެހައި ގިނަ ދުވަހު މެދު ނުކެނޑި ހިނގަމުން އައިސްފައި ނުވިޔަސް ހައްދުންމަތީ ފޮނަދޫގައި މަކުތަބުއްސިރާޖުގެ ނަމުގައި ރައްޔިތުންގެ މަކުތަބެއް ރައްޔިތުން ހިނގަމުން ގެންދިޔައެވެ. ކުރިއަށް ދަމުން މަޑުޖެހެމުން އަލުން ހިނގައިގަންނަމުން ދިޔަ ސިފައެއްގައެވެ. ކުރީން ވެސް ދެންނެވި ފަދައިން މި ފެންވަރުގައި ވެސް ހައްދުންމަތީގައި ތަޢުލީމުގެ ރޫޙެއް އޭރު އުފެދިފައިވަނީ ހަމައެކަނި މާވަށާއި ފޮނަދުވާއި ދަނބިދޫގައެވެ.

މި ދުވަސްވަރާ ހަމައަށް އައި އިރު، 1967ވަނަ އަހަރު އެޕްރީލް މަހު 19ވަނަ ދުވަހު ފޮނަދޫ މެދުއަވަށު ބަނަފުސާގެއަށް އުފަންވި އެއްމާބަނޑު ދެ ކުދީންގެ ތެރެއިން އެއް ކުއްޖެއްކަމުގައިވާ ޢަބްދުއްރަޙީމް ހުރީ މަކުތަބަށް ވަންނަ ޢުމުރަށް އެޅިފައެވެ. އޭރު ރަށުގައި ކިޔާ ގޮތުން ނަމަ، ޢަބްދައްގޭ ޢަބްދުއްރަޙީމާއި ޢަބްދުލްކަރީމަކީ ވެސް ވިސްނުންތޫނު ދެ ކުދީންނެވެ. ނަމަވެސް ދިމާވި ސަބަބަކާ ހުރެ ޢަބްދުލްކަރީމް ލޯފަން ކުއްޖަކަށްވީއެވެ.

ޢަބްދުއްރަހީމް މަކުތަބުއްސިރާޖުގައި ތަޢުލީމު ޙާޞިލުކުރާން ފެއްޓީއެވެ. އޭރު، އެ މަކުތަބުގައި އޮންނަނީ އެއްވަނަ ކުލާހާއި ދެވަނަ ކިލާހާއި ތިންވަނަ ކިލާހެވެ. ތިންވަނަ ކިލާސް ނިމުނީމާ އެ ނިމުނީއެވެ. ކިޔަވައިދޭ މާއްދާތަކަކީ ދިވެހިބަހާއި އަތުލިޔުމާއި ދީނިއްޔާތާއި އަޚުލާޤާއި ޤުރުއާނާއި ތަޖުވީދާއި ހިސާބެވެ. ހުރިހައި ކިލާހެއްގައި ވެސް ކިޔަވައިދެނީ މި މާއްދާތަކެވެ. ދީނިއްޔާތު (މިހާރު ކިޔާ ގޮތުން އިސްލާމް) މުޤައްރަރު ހަމަޖެހިފައި އޮންނަ ގޮތަކީ އެއްވަނަ ކިލާހުގައި ކިޔަވައިދޭނީ ތަޢުލީމުއްދިޔާނާގެ ފުރަތަމަ ބައެވެ. އެ ކިލާސް ނިމޭ އިރު މި ފޮތް ހިތުދަސްކުރާން ޖެހެއެވެ. ދެވަނަ ކިލާހުގައި ތަޢުލީމުއްދިޔާނާ ދެވަނަ ބައިގެ ވަކި މިންވަރެއް އަދި ތިންވަނަ ކިލާސް ނިމޭ އިރު ތަޢުލީމުއްދިޔާނާގެ ތިންވަނަ ބައިގެ ހުކުރާއި ޢީދާއި ކަށުކަމާކެމީގެ ބައިތައް ހިތުދަސްކުރާން ޖެހެއެވެ.

"ދިވެހިބަސް" ކިޔަވައިދިނުމުގައި ބޭނުންކުރަނީ މުޙަންމަދު އަމީނު ލިޔުއްވި "ދިވެހިބަސް – ދަރިވަރުންގެ އެހީތެރިޔާ" މި ފޮތެވެ. ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށާއި ދަރިވަރުންގެ ތަރުބިޔަތާއި މަޢުލޫމާތުގެ ދާއިރާ މުއްސަނދިކުރުމަށް ޓަކައި ދިވެހި ގަޑީގައި ބައިތުބާޒީކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. ބައިތުބާޒީކުރުމުގައި ބޭނުންކުރެވޭނީ "އެއްކޮށްލި ބާޤާއެއް" މި ނަން ކިޔާ ޅެން ފޮތެކެވެ. މި ފޮތުގައި ހުންނަނީ ރާއްޖޭގެ އެންމެ މޮޅު ޝާޢިރުން ހައްދަވައިފައި ހުންނަ ޅެމެވެ. ޅެން މުތެވެ. ކޮންމެ ބައިތަކުން ވެސް އެތައް ޢިބުރަތަކާއި މަޢުލޫމާތެއް ލިބޭ ފަދަ މޮޅު ބައިތުތަކެކެވެ. "ލަދެއް ނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި – ހިނގައި ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯއޭ ހުތުރުނުވެދާނޭ" ފަދަ ބައިތުތަކެވެ.

ޤުރުއާން ކިޔަވައިދެނީ މުޞްހަފުން ފިލާވަޅު ނަގައިދީ އެ ދުވަހަކު މުދައްރިސު ނަގައިދޭ ފިލާވަޅު ހިތުދަސްކުރާ ގޮތަށެވެ. ޤުރުއާނާ ގުޅޭ އަނެއް މާއްދާކަމަށްވާ ތަޖުވީދު ޢިލްމު ކިޔަވައިދޭން ބޭންކުރަނީ ޙުސައިން ޞަލާޙުއްދީނު ލިޔުއްވައިފައިވާ "ތަޝްދީދުލްއަޛްހާނި ފީ ތަޖުވީދިލްޤުރުއާނި" މި ފޮތެވެ. މި ފޮތުގައި ހުންނަނީ ސުވާލާއި އެ ސުވާލުތަކުގެ ޖަވާބުތަކެވެ.

ޢަޚުލާޤާކީ ވަކި މާއްދާއެކެވެ. މި މާއްދާ ކިޔަވައިދެނީ މުޙަންމަދު ޖަމީލު ލިޔުއްވައިފައިވާ "ދުރޫސުލްއަޚުލާޤު" ނަމަކަށް ކިޔާ ފޮތުންނެވެ. އޭ 5 ސައިޒުގެ މި ފޮތުގައި ކުރުކުރުކޮށް ހުންނަ ފިލާވަޅުތައް ދަރިވަރުން ހިތަށް ދަސްކުރާން ޖެހެއެވެ.

މި މަކުތަބުގައި ތަޢުލީމުޙާޞިލަމުން ގެންދިޔަ ބަނަފުސާގޭ ޢަބްދުއްރަޙީމަކީ ހިތް އަލި ކުއްޖެއްކަން މުދައްރިސުންނަށް ފާހަގަވިއެވެ. އެހެންކަމުން މި ދެންނެވި ހުރިހައި ފިލާވަޅުތަކެއް ފަރިތަކަމާއެކު އޭނާ މުދައްރިސައް ކިޔައިދެއެވެ.

މަކުތަބުއްސިރާޖުގައި ހިސާބު ކިޔަވައިދޭ މިންވަރަކީ އެއްކުރުމާއި ކެނޑުމާއި ގުނަކުރުމާއި ގެއްލުމެވެ. ދެން ކުދިކުދި ވިޔަތަކެވެ. ތިން މައިގަނޑު ވިޔައެވެ. ކަސްރާއި ދަހަމަލައާއި ޖޯމެޓްރީއާއި އަލްޖެބްރާއަކީ އޭރު އެ ތަންތާގެ މުދައްރިސުން އަޑުއަހާ ނަންތަކެއް ވެސް ނޫނެވެ.

ކޮންމެއަކަސް 1979ވަނަ އަހަރާ ހަމައަށް އައި އިރު، ބަނަފުސާގެ ޢަބްދުއްރަޙީމަށް ހުރީ އެ މަދަރުސާއިން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔެވިފައެވެ. ފާސާޙާތްތެރިކަމާއެކު ޤުރުއާން ކިޔަވައިލައި ރީތިކޮށް ވާހަކަދައްކައި ރީތިކޮށް ތާނައިން ލިޔެކިޔައި ހަދާން އެނގޭތީ ރަށުގައި އޭނާއަކީ މަގުބޫލު ދަރިވަރެކެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ އަލްއުސްތާޒު މައުމޫނުޢަބްދުލްޤައްޔޫމެވެ. އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތީ ރިޔާސީ އިންތިޚާބުގައި %96 އިންސައްތަ ވޯޓުގެ ކާމިޔާބީއެއް ހޯއްދަވައިގެން 1978ވަނަ އަހަރު ނޮވެންބަރު މަހު 11ގައެވެ.

މަކުތަބުއްސިރާޖުން ދަސްވެނި ވިޔަސް ތަޢުލީމަކީ އެހާ ހިސާބުން ފުއްދައިލެވޭނެ އެއްޗެއްކަމަކަށް ޢަބްދުއްރަޙީމަކަށް ގަބޫލެއް ނުކުރެވުނެވެ. އޭރު ޢަބްދުއްރަހީމްގެ ޢުމުރުންވާނީ ބާރަ ތޭރަވަރަކަށް އަހަރެވެ. އެހެންކަމުން ޢާއިލާގެ ރުހުމާއެކު މާލެއަށް ކިޔަވާން އައީއެވެ. އޭރު ތައުލީމީ ނިޒާމު އޮންނަ ގޮތުން ސާނަވީ މަރުޙާލާގައި މުޅި ރާއްޖޭގައި ވެސް ހުރީ ސަރުކާރުން ހިންގާ ދެ އިސްކޫލެކެވެ. ފިރިހެންކުދީންނަށް ހިންގާ މަޖީދިއްޔާ ސްކޫލާއި އަންހެންކުދީންގެ އަމީނިއްޔާ ސްކޫލެވެ. މިއިން އިސްކޫލަކުން ޖާގަލިބެނީ ނާސިރިއްޔާ މޮންޓެސޫރީ އިސްކޫލުން ނިކުންނަ ދަރިވަރުންނަށް އެކަންޏެވެ. އަމީނިއްޔާ/މަޖީދިއްޔާއިން ފާސްނުވެގެން ނުކުންނަ ކުދީންނަށާއި ރާއްޖޭގެ އަތޮޅުތަކުން އަންނަ ހުރިހާ ދަރިވަރުންނަށް މާލޭގައި ހުރި އަމިއްލަ އިސްކޫލުތަކުން ޖާގައެއް ނުދެވެއެވެ. ހަނދާންވާ ގޮތުން އިނގިރޭސި މީޑިއަމަށް ހިންގާ އަމިއްލަ އިސްކޫލު ގޮތުގައި ވެސް އޭރު ހުރީ އެންމެ ދެ އިސްކޫލެވެ. ނަމަވެސް ޢަބްދުއްރަޙީމްގެ ޢަޒުމާއި އުންމީދަކަށް ބަދަލެއް ނާދެއެވެ.

އެކި މަގާމުތަކަށް ބޭނުންވާ ސަނަދަށް ކިޔަވައިދޭ ކުލާސްތައް މާލޭގައި އޭރު ހިންގައެވެ. މީގެ ތެރެއިން ހ. ވުޑް ވިލާގައި "ޕްރޮގްރެސިވް ކްލާސް"ގެ ނަމުގައި ހިންގާ ކުލާސްތަކަކީ އެންމެ މަޝްހޫރު އެންމެ ކާމިޔާބު ކުލާސްތަކެވެ. އެހެންކަމުން ޢަބްދުއްރަހީމް ގުޅުނީ މުޙަންމަދު ޔޫސުފް ހިންގަވާ ކުލާސްތަކާއެވެ. މުޙަންމަދު ޔޫސުފަކީ ހިސާބު ޢިލްމު ކިޔަވައިދެއްވުމުގައި ކާމިޔާބު ބޭފުޅަކަށްވާތީއެވެ. އެއީ ޖަލާލުއްދީނު ނައިފަރުގައި އުފެއްދެވި މަދްރަސަތުލްއިފްތިތާޙުގެ މޮޅު ދަރިވަރެކެވެ.

ހަމައެކަނި މިހާވަރަކުން ތައުލީމަށް ފެންބޮވައިގެންފައިވާ ޢަބްދުއްރަޙީމުގެ ހިތެއް ހަމައެއް ނުޖެހުނެވެ. ވުޑްމިލާގައި ހިންގާ ކުލާސްތަކަށް ހިސާބާއި ޢާންމު މަޢުލޫމާތާއި މި ނޫނަސް ސަނަދަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ކިޔެވުމުގެ އިތުރަށް ރާއްޖޭގެ އެންމެ މަޤުބޫލު ދިވެހި މުދައްރިސްކަމުގައިވާ، ޢަބްދުﷲ ޞާދިޤުގެ އަރިހަށް ދިވެހި ކިޔަވާން ހ. އާމުލީގެއަށް ވެސް ޢަބްދުއްރަޙީމް ދިޔައެވެ.

މި ހިސާބުން ސަނަދުތަކާ ދިމާއަށް ޢަބްދުއްރަޙީމް އެނބުރިލިއެވެ. ފުރަތަމަ ނެގީ ޕިޔޯނުކަމުގެ ސަނަދެވެ. ޕިޔޯނުންނަކީ މިއަދު މެސެންޖަރުންގެ މަސްއޫލިއްޔަތު އޭރު އަދާކުރާ މުވައްޒަފުންނެވެ. ޕިޔޯނުކަމުގެ ސަނަދު ނެގުމަށް ފަހު ކޯޓު ނަންބަރު 1ގެ ޕިޔޯނުކަމުގެ ވަޒީފާއަށް ކުރިމަތިލައި އޭނާ ކާމިޔާބުކުރިއެވެ.

ޕިޔޯނުކަމުގައި އުޅެމުން ގެންދިޔައީ އެކި ވަޒީފާތަކަށް ބޭނުންވާ އެހެން ސަނަދުތަކަށް ވެސް ކިޔަވަމުންނެވެ. މަގާމުތަކަށް ބޭނުންވާ އެހެން ސަނަދުތައް ނަގމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް މާލޭ ސެންޓްރަލް ހޮސްޕިޓަލުގެ ކާތިބުކަން ލިބިލެއްވިއެވެ. އޭގެ ފަހުން ސްޓޭޓް ޓްރޭނިންގ އޯގަނައިޒޭޝަންގެ ކާތިބުކަމާއި އެސިސްޓެންޓް މެނޭޖަރުކަމާއި މެނޭޖަރުކަން ވެސް ކުރެއްވިއެވެ. މި މަޤާމުތަކުގައި ޢަބްދުއްރަޙީމް އުޅުއްވި އިރު، ކޮންމެ ތަނެއްގައި ވެސް އޭނާގެ އިސްވާރުކަމުގެ ހުނަރު (ލީޑަރޝިޕް) ވަނީ ދައްކަވައިފައެވެ.

ދެން ޢަބްދުއްރަހީމް ފެނުނީ މުޅީން އެހެން ދާއިރާއެއްގައި ޙަރަކާތްތެރިވެލެއްވި ތަނެވެ. އަމިއްލަ ކޮންސްޓްރަކުޝަން ކުންފުންޏެއްގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެލެއްވި ތަނެވެ. މަސައްކަތުގެ މި ތަޖުރިބާއާ އެކު ދެން ފެނުނީ ބޯޓު ދަތުރުކުރައްވާން ދުރުވި ތަނެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާގުބޯޓުފަހަރުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރެއްވުމުގައި ދެ އަހަރު ދުވަސް ހޭދަކުރެއްވިއެވެ. އެއީ 1990ވަނަ އަހަރާއި 1991ވަނަ އަހަރެވެ.

ބޯޓުފަހަރުގެ ތަޖުރިބާއަށް ފަހު 1992 ހައި ތާނގައި ޢަބދުއްރަޙީމް ފެނުނީ ސްޓޭޓް އިލެކުޓްރިކު ކޮމްޕެނީ (ސްޓެލްކޯ)ގައި ޑިޔުޓީ އޮފިސަރެއްގެ ގޮތުން ޙަރަކާތްތެރިވެލެއްވި ތަނެވެ. އޭގެ ފަހުން ފޮނަދޫގައި ހުޅުވި އެސްޓީއޯ ފިހާރައިގެ އެސިސްޓެންޓް މެނޭޖަރުކަމުގެ ޒިންމާދާރު މަގާމު 1993ގައި އަދާކުރައްވަނިކޮށް ފެނިފައިވެއެވެ.

ދިރިއުޅުމުގެ ޙާލަތަށް އައި ބަދަލަކާއެކު 1994ގައި ޢަބްދުއްރަޙީމް ފެނުނީ ކަސްޓަމްސްގައި ކަސްޓަމްސް އޮފިސަރެއްގެ ޔުނިފޯމުގައި އުޅުއްވަނިކޮށެވެ. ކަސްޓަމްސް އޮފިސަރ ގްރޭޑް 1އާއި ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއަކީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރެކެވެ. މާލޭގައި އުޅުއްވި ދުވަސްވަރު ސަންގު ނޫސް ނެރުއްވުމުގެ މަސައްކަތުގައި ވަރަށް މުރާލިކަމާއެކު ޙަރަކާތްތެރިވެވަޑައިގަތެވެ. ކެނެރީގެ އަލްފާޟިލް މުޙަންމަދު ނަޝީދު (މިހާރު ރައީސް ނަޝީދު)ގެ އަރިހުގައެވެ.) އެހެންކަމުން ނޫސްވެރީންގެ ލިސްޓުން ވެސް ޢަބްދުއްރަޙީމް ޖާގަ ހޯއްދެވީއެވެ.

އަދަބިއްޔާތަށް އޭނާ ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުން ޅެންހައްދަވާން ވެސް ފެށްޓެވިއެވެ. ފަހުން ޅެންވެރިކަމުގެ އެޑްވާންސް ކޯހެއް ވެސް އޭނާ ހެއްދެވިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

އާދޭހެވެ! މިއަދު އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲއަކީ ރާއްޖޭގެ ޅެންވެރިންގެ ތެރޭގައި ހަމަ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ޝާޢިރެއްކަމަށް ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވެއެވެ. އެއީ އެ ހައިމެ މޮޅު ވާހަކަދެއްކުންތެރިއެކެވެ. ފަސާޙަތާއި ބަލާޣަތާ އެކު މީސްތަކުންގެ ހިތްތަކަށް އަސަރުކުރާ ގޮތަށް ޢިބާރާތްތަކެއް އަމުނައިލެއްވުމަކީ އެ މަނިކުފާނަށް ދަތިފުޅުކަމެއް ނޫނެވެ.

ދެން ޢަބްދުއްރަހީމް އަޅުގަނޑަށް ފެނުނީ 1997ހައި ހިސާބުގައި ހައްދުންމަތީ އަތޮޅު އޮފީހުގެ އިދާރީ ބައިގެ ސެކުރެޓަރީކަމުގެ މަޤާމުގައި ޙަރަކާތްތެރިވެވަޑައިގަތް ތަނެވެ. އެ މަނިކުފާނުގެ މުރާލިފުޅުކަމާއި ހުނަރުވެރިކަމުގެ ސަބަބުން އެނާއަކީ އަތޮޅު އޮފީހުގެ އެންމެ ނުފޫޒު ގަދަ  މުވައްޒަފުކަމުގައި ވެވަޑައިގަތެވެ. ދުރުން އަންނަ މީހުން އެ މަނިކުފާނު ސިފަކުރައްވަނީ ވެސް އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ ގޮތުގައެވެ. ދޭތެރެއަކުން ފޮނަދޫ ރަށު އޮފީހުގެ ސީނިއަރ ސެކުރެޓަރީއަކަށް އުޅުއްވަނިކޮށް ވެސް ވަނީ ފެނިފައެވެ.

ޢަބްދުއްރަޙީމްގެ ޒަވާޖީ ޙާޔާތުގެ ވާހަކަ ދަންނަވައިލާން އަޅުގަނޑު ހަނދާން ނެތުނީއެވެ. މި ދެންނެވި ފަދަ ތަފާތު ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން އަމިއްލަފުޅު ރަށް ކަމުގައިވާ ފޮނަދޫ އަންހެން ބޭފުޅަކާ ކާވެނިފުޅު ބައްލަވައިގެން ފަސް ބޭފުޅުން ލިބިވަޑާއިގެންފައި އެބަ ތިއްބެވިއެވެ. ހަތަރު އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. މިއަދުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރަކީ އެ މަނިކުފާނުގެ ދަރިކަލުންނެވެ.

ދިވެހިރާއްޖޭގައި މަލްޓީ ޕާޓީ ޑިމޮކުރެސީ ތަޢާރަފުވެ އެކި ދާއިރާތަކަށް ރައްޔިތުންގެ މަޖިލީސްގެ މެންބަރުން އިންތިޚާބުކުރުމުގެ ދުވަސްވަރަށް އައި އިރު އެ މަނިކުފާނު ފެނުނީ ރައީސް ޔާމީސް އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޙަރަކާތްތެރި މެންބަރެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން 2009ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. ހައްދުންމަތީގެ އަނެއް ތިން ދާއިރާކަމަށްވާ އިސްދޫ ދާއިރާއާއި ގަމު ދާއިރާއާއި މާވަށު ދާއިރާއަށް ވެސް އެ ފަހަރު ކުރިމަތިލެއްވި ކެންޑިޑޭޓުން ހޯއްދެވުމުގައި ރައީސް ޔާމީނަށް އެހީތެރވެދެއްވީ ވެސް އެ މަނިކުފާނެވެ. ރަނގަޅު ކެންޑިޑޭޓުން އިޚުތިޔާރުކުރެއްވުމުގެ ސަބަބުން އެ ފަހަރު އެ އަތޮޅުގެ ހުރިހައި ގޮނޑިތަކެއް ޑީއާރުޕީ/ޕީއޭއިން ކާމިޔާބުކުރިއެވެ. މި ކަމުގެ މޭސްތިރިއަކީ ވެސް ހުނަރުވެރި ޢަބްދުއްރަޙީމް ޢަބްދުﷲއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޖެހިޖެހިގެން ދެ ދައުރު ފޮނަދޫގެ މެންބަރުކަން ނުހަނު ޤާބިލުކަމާއެކު އަދާކުރެއްވިއެވެ.

17ވަނަ މަޖިލީހުގެ ދައުރުގައި ޑީއާރުޕީގެ ވެރީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަވާން ރައީސް ޔާމީނާއި ރައީސް މައުމޫނު ކުރެއްވި މަސައްކަތްޕުޅުގައި އެންމެ ޙަރަކާތްތެރި ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޢަބްދުއްރަޙީމްކަމުގައި ދެންނެވިދާނެއެވެ.

ސިޔާސީ ގޮތުން ރާއްޖެއަށް އައި ހަލަބޮލިކަމެއްގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މިލްކުވެރިކަން ރައީސް ޔާމީންގެ އަތްޕުޅުމަތީން ބީވެދާނެކަމަށް އަޑުތައް ފެތުރޭން ފެށުމުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަވާން ރައީސް ޔާމީން ޙަވާލުކުރެއްވީ ވެސް ޢަބްދުއްރަޙީމް ޢަބްދުﷲއާއެވެ. އެ ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކުރެއްވި އިރު، އެ ޕާޓީގެ މުސްތަޝާރު އަދި ޕީޕީއެމްގެ ރައީސް އޮންނެވީ ޖަލުގައެވެ. މި ދުވަސްވަރު ނުހަނު ގާބިލުކަމާއެކު މެންބަރުންގެ އެއްބައިވަންތަކަން ދަމަހައްޓަވާން އޭނާ ކުރެއްވި މަސައްކަތްޕުޅަށް މެންބަރުން ތަޢުރީފުކުރެއެވެ.

2023ގައި އޮތް ރިޔާސީ އިންތިޚާބު ޕީއެންސީއިން ކާމިޔާބުކުރެއްވީ އެ ޕާޓީގެ ރައީސަކަށް ޢަބްދުއްރަޙީމް ހުންނަވައިގެންނެވެ. ސިޔާސީ ދާއިރާގައި ޢަބްދުއްރަޙީމް ދެއްކެވި ޤާބިލުކަމުގެ ސަބަބުން ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުޝީރުގެ މަޤާމު (އިސް ވަޒީރެއްގެ ފެންވަރުގައި) އޭނާއަށް ދެއްވިއެވެ. އޭގެ ފަހުން މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ގިނަ ގޮޑިތަކެއް އެ ޕާޓީއިން ކާމިޔާބުކުރެއްވި އިރު، ފޮނަދޫ ދާއިރާއަށް އެ މަނިކުފާނު ވާދަކުރައްވައި ވަރަށް ތަނަވަސް އަޚުލަބިއްޔަތަކުން އެ ގޮނޑި ކާމިޔާބުކުރެއްވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެ މަނިކުފާނު އިންތިޚާބުވެވަޑައިގަތީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. މިއަދު އެ މަނިކުފާނަކީ ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާއެވެ.

ވަރަށް ޚުލާޞާ ގޮތެއްގައި މި ދަންނަވައިލީ މިއަދުގެ ރައްޔިތުންގެ މަޖިލީގެ ރައީސް، ސަރުކާރުގެ އެންމެ އާދައިގެ ވަޒީފާއަކުން ދައުލަތުގެ އެންމެ މަތީ މަޤާމަކަށް ވަޑައިގަތުމުގައި އެ މަނިކުފާނު ހިންގެވި މަގެވެ. އެ ހިސާބަށް އެ މަނިކުފާނު ވަޑައިގަތީ އެ މަނިކުފާނުގެ ކިބައިގައި ހުރި އާދަޔާ ޚިލާފު ހުނަރުވެރިކަމަކާއި ހިތްވަރުފުޅުގެ ސަބަބުންނެވެ. ހަގީގަތުގައި ވެސް އެއީ ހުނަރުވެރި ތަޖުރިބާކާރު ބޭފުޅެކެވެ. ރައްޔިޔުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ މަނިކުފާނު އެ ގެންދަވަނީ އެ މަނިކުފާނުގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކަވަމުންނެވެ. އެއީ ހައްދުންމަތި އެ ބޭފުޅަކަށް ޓަކައި ފަޚުރުވެރިވާނޭ ޤާބިލު ހުނަރުވެރި ދަރިއެކެވެ. އެ މަނިކުފާނަށް އަޅުގަނޑު އެދެނީ ހުރިހާ ވެސް ކާމީޔާބީއެކެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް