Advertisement

ކޮންމެ ނަސޭޙަތެއްގެ އަގަކީ ޖަމަލެއް

29 Sep 2024 | 00:00
ކޮންމެ ނަސޭހަތެއް ޖަމަލަކަށް

އިސްމާޢީލް މުބާރަކު

ބުނެވޭ ގޮތުގައި މީހަކު ދިރިއުޅުން ދަތިވެ  ވަސީލަތްތައް މަދުކަމުން ދިރިއުޅުން މަތިން ފޫހިވެގެން މާތްރަސްކަލާނގެޔާއި ވަކީލުކޮށްފައި ގެދޮރާއި ވަޒަން ދޫކޮށް ދުނިޔެއަޅައި ދިއުމަށްޓަކައި މޫނު ހުރި ދިމާއަށް ނުކުމެ ހިނގައިގަތެވެ.

އޭނާއަށް ހިނގައިފައި ދެވުނީ އިރުމައްޗާ ވީ ދިމާއަށެވެ. ވަރަށް ގިނަ ދުވަސްތަކެއް ފަހުން، ވަރުބަލިކަމާއި އުނދަގުލާ އެކީ، އޭނާއަށް ނުކުމެވުނީ އުރުދުންގެ އިރުމަތީ ސަރަޙައްދަކަށެވެ. އެ ތަނުން އަސްގެންގުޅޭ ބަޔަކާ އޭނާޔާ ދިމާވިއެވެ.

އެ މީހުންގެ ތެރެއިން އެކަކު އޭނާ މެހެމާނެއްގެ ގޮތުގައި އެ މީހާގެ ގެއަށް ގެންގޮސްފިއެވެ. އަދި ވަރަށް މެހުމާނުދާރީ އަދާކޮށް ހެޔޮކޮށް ކަމޭހިތައިގެން ދުވަސްތަކެއް ވަންދެން ގެންގުޅުމަށް ފަހު، އެއް ދުވަހަކު  އޭނާ އެ ރަށަށް އައި މަޤްޞަދާ ބެހޭ ގޮތުން ސުވާލުކުރިއެވެ. 

އަދި ގޭގެ ވެރިމީހާ އޭނާ ކުރެން އަހައިލިއެވެ: "އަހަރެން ތިބާއަށް ތިބާ ރުހޭ ކަމެއް ޙަވާލުކުރުމާ މެދު، އަޚާ ދެކެނީ ކިހިނެއްހެއްޔެވެ؟

އެހެނީ އަޚާޔަށް ހުންނާނެ ތަނަކާއި ވަޒީފާއެއް އެބަ ބޭނުންވޭ ނޫންހެއްޔެވެ؟

އެ ގޮތާ އޭނާ އެއްބަސްވެ ގޭގެ ވެރިމީހާގެ ވަޒީފާ ޤަބޫލުކޮށްފިއެވެ.

އެ ވަޒީފާގައި އޭނާ ކުރާން ޖެހޭ ކަމަކީ، ބައެއް ފަހަރު ޖަމަލުތައް ބަލަހައްޓައި އަނެއް ބައި ފަހަރު ގޭގެ ވެރިމީހާގެ މެހުމާނުސަރާ (ގެސްޓް ހައުސް)ގައި މަސައްކަތްކޮށް، ކޮފީ ތައްޔާރުކޮށް މެހެމާނުންނަށް ދިނުމެވެ. މި ގޮތުގައި އެތައް ދުވަހެއް ވަންދެން އެ ވަޒީފާގައި އޭނާ އުޅުނެވެ.

އަހަރުތަކެއް ވަންދެން އެ މަސައްކަތުގައި އޭނާ އުޅުނީމާ ގޭގެ ވެރިމީހާ އޭނާޔާ މެދު ރުހި، އިނާމުގެ ގޮތުގައި، ޖަމަލާއި ހިފައިގެންގުޅޭ ބައިވަރު މުދާ އެ ދުވަސްތަކުގައި އޭނާއަށް ދިނެވެ. އެ ހައި ގިނަ ދުވަސް ފާއިތުވެގެން ދިއުމުން އޭނާ އޭނާގެ ޢާއިލާގެ މަތީން ހަނދާންވާން ފެށިއެވެ. އަދި ގޭގެ ވެރިމީހާ ކައިރީ އޭނާ އޭނާގެ އަނބި ދަރީންގެ ކައިރިއަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ.

އޭނާއީ ތެދުވެރި އިޚްލާސްތެރިއެއް ކަމަށް ވުމާ އެކު، ޢާއިލާގެ ގާތަށް ދާން ދަތުރު ފެށުމުގެ ކުރީން އެ ގޭގެ ވެރިމީހާ އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް އަނެއްކާ ވެސް ބައިވަރު ޖަމަލާއި ހަދިޔާތައް ދިނެވެ.

އެ ތަކެތި ހިފައިގެން އާއިލާއާ ހަމައަށް ހެޔޮ ޙާލުގައި ސަލާމަތާ އެކު، ވާސިލްވުމަށް އެދި ދުޢާކޮށް، ގޭގެ ވެރިމީހާ އޭނާއަށް އަލްވަދާޢު ކިއެވެ. .

އޭނާ، ހަނަފަސް ސާހަރާގެ ތެރެއަށް އެ ތަކެތި ހިފައިގެން ނުކުމެ އެތަކެއް ދުވަހު ދަތުރުކުރުމަށް ފަހު، ސަހަރާގައި ދަތުރުކުރަމުން ދިޔަ މަގުގެ އެއް ފަރާތުގައި އިށީނދެގެން އިން މުސްކުޅި މީހަކު ފެނިއްޖެއެވެ.

އެ މީހާގެ ކައިރީގައި ފޭލިގެއެއް ޖަހައިފައި ހުރުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އޭނާއާ ހަމައަށް އާދެވުމުން ސަލާންކޮށްލައިފައި، މި ހުސް ހަނަފަސް ސަހަރާގައި އެކަނިމައިއެކަނި ގަދަ ހޫނު އަވީގައި ތިޔަ ކުރަނީ ކޮންކަމެއްތޯ އަހައިލިއެވެ.

މުސްކުޅިމީހާ  އޭނާއަށް ބުންޏެވެ: އަހަރެން ވިއްކަނީ ނަސޭޙަތެވެ.

އެމީހާ ބުންޏެވެ: ނަސޭޙަތެއް ކިހާވަރަކަށް ހެއްޔެވެ؟

މުސްކުޅިމީހާ ބުންޏެވެ: ޖަމަލަކަށް ނަސޭޙަތެކެވެ.

އޭނާ ކުޑަ އިރުކޮޅަކު ވިސްނައިލައިފައި ހިތަށް އެރިއެވެ. މިއީ ބޮޑު ވަރެކެވެ. ތިމަންނާއަށް ޖަމަލެއް ލިބެނީ އެތައް ދުވަހަކު ބުރަ މަސައްކަތް ކޮށްގެން ދާ އޮހޮރުވައިގެންނެވެ. އެހެން ހިތައި ހިނގައިގަންނާން އުޅެފައި ވެސް އެންމެ ފަހުން އެއީ ކިހާ ވަރެއްގެ ނަސޭޙަތެއްތޯ ބަލައިލާން ޖަމަލެއް ދީފައި ނަސޭޙަތް ގަންނާނީއޭ ހިތަށްއެރިއެވެ.

އޭނާ ބުންޏެވެ: ޖަމަލެއް ދޭނަމެވެ. ނަސޭޙަތެއް ދޭށެވެ.

މުސްކުޅިމީހާ ބުންޏެވެ:

   "އަރައިފިއްޔާ ތަރި ސުހައިލު 

       އޮހިގަންނާނޭ ފެނުގެ ސައިލު"

އޭނާ މި ނަސޭހަތާ މެދު، ވިސްނައިލައިފައި ބުންޏެވެ: މި ބޮޑު ހަނަފަސް ސަހަރާގައި އަހަރެންނާ ސުހައިލު ތަރިއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ މި ނަސޭހަތުން އަހަންނަށް މި ވަގުތުގައި ކުރާނީ ކޮން ފައިދާއެއްހެއްޔެވެ؟ އެއީ އޭނާއަށް އެއްވެސް ފައިދާއެއް ނެތް ކަމެއްކަން ވިސްނުނީމާ މުސްކުޅި މީހާއަށް ބުންޏެވެ: "އަހަރެންނަށް އިތުރު ނަސޭހަތެއް ދޭށެވެ!" އަނެއްކާ ވެސް ޖަމަލެއް ދޭނަމެވެ.

މުސްކުޅި މީހާ އޭނާއަށް ބުންޏެވެ:

 "އެ މީހެއްގެ ލޯ އަވަރު 

    އަނގައިގެ ދަތް ދުރު

       މަކަރު ހަދާނެ ކަށަވަރު"

އޭނާ މި ނަސޭހަތާ މެދު ވިސްނައިފައި އެއިން ވެސް އެއްވެސް ފައިދާއެއް ނުފެނުމުން ހިތަށް އެރިއެވެ. "އަހުރެން ކުރި ހުރިހައި މަސައްކަތެއް މި ކަމުގައި ބޭކާރު ވިޔަސް ފަރުވާލެއް ނެތެވެ. އަދި އެއް ފަހަރު ބުނާނަމެވެ." އެހެންކަމުން އޭނާ މުސްކުޅިމީހާޔަށް ބުންޏެވެ. "ތިންވަނަ ނަސޭހަތެއް ވެސް ދޭށެވެ. އަހަރެން އަދިވެސް  ޖަމަލެއް ދޭނަމެވެ."

މުސްކުޅި މީހާ އޭނާއަށް ބުންޏެވެ.

"މިތުރާ ރުޅިން ނުނިދާށެ ރޭގައި

     ހިތުގައި ވިޔަސް  ހިތާމަ މޭގައި "

ތިންވަނަ ނަސޭހަތަކީ ވެސް ކުރީގެ ދެ ނަސޭހަތަށް ވުރެ، ވަކި ރަނގަޅު ނަސޭހަތެއް ނޫންކަމުން އޭނާ މުސްކުޅި މީހާއަށް ދޭން ބުނި ޖަމަލުތައް ދީފައި އެ ކަން ދޫކޮށްލިއެވެ.

ދެން އެ ތަނުން ދަތުރު ފަށައިގެން ޖަމަލުތައް ގޮވައިގެން ހާމަ ބޮޑު ސަހަރާގެ ފުނަށް ހިނގައިފައި ގޮސް އޭނާ ގެއްލިއްޖެ އެވެ. އެތައް ދުވަހެއް ވަންދެން ދަތުރު ކުރުމަށް ފަހު، އިންތިހާއަށް ވަރުބަލިކަމާއި ހޫނުގެ ސަބަބުން މުސްކުޅި މީހާ ދިން ނަސޭހަތްތައް ވެސް  ހަނދާންނެތިފައި ހުއްޓައި އެއް ދުވަހަކު ހަވީރު އައިސް ބޮޑު ވާދީއެއްގައި ފޭލިގެޖަހައިގެން ތިބި  ޢަރަބީންގެ ބަޔަކާ ދިމާވެއްޖެއެވެ.

އަދި އެ ތަނުން ދިމާވި މީހެއްގެ ރައްޓެހިކަމުގައި އޭނާގެ ފޭލިގޭގައި އެ ރޭ މަޑުކޮށްފިއެވެ.  އެ ރޭ އޭނާ ފޭލިގޭގެ ބޭރުގައި ރޭގަނޑު ތަރިތަކަށް ބަލާން އޮއްވައި، ސުހައިލު ތަރި އޭނާޔަށް އުޑުމަތީން ފެނިއްޖެއެވެ. އޭނާއަށް ހަމަ އެ ތަރި ފެނުމާ އެކު، މުސްކުޅި މީހާ އޭނާއަށް ދިން ނަސޭހަތް ހަނދާންވެ ތެދުވެގެން ފޭލިގޭގެ ތެރެއަށް ދުއްވައިގަތެވެ.

އެ ފޭލިގޭގެ ވެރިމީހާ ހޭލައްވައި މުސްކުޅި މީހާ ދިން ނަސޭހަތުގެ ވާހަކަ ކިޔައިދިނެވެ. އެ ވާދީގެ ތެރޭ ނުތިބެ އުސް ތަންތަނަށް  އަވަހަށް އަރައި ރައްކާތެރިވުމަށް އޭނާގެ ޖަމާޢަތުގެ މީހުންނަށް ކިޔައިދިނުމަށް އެދުނު ނަމަވެސް ފޭލިގޭގައި އޮތް ރައްޓެހި މީހާ އޭނާއަށް މަލާމާތްކޮށް އޭނާ އެ ދައްކަނީ މޮޔަ ވާހަކައެއްކަމަށް ބުނެ އެ ވާހަކައަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.

އޭނާ ބުންޏެވެ. "މިއީ އަހަރެން ޖަމަލެއް ދީފައި ގަތް ނަސޭޙަތެކެވެ. އެހެންވީމާ އަހަރެންނެއް މިތާކު ނުހުންނާނަމެވެ. އޭނާ އެހެން ކިޔައިފައި އޭނާ ގެންގުޅޭ ޖަމަލުތަކާއި އެއްޗިހި ހިފައިގެން ގޮސް ނިދައިފައި އޮތީ ވާދީއާ ޖެހިގެން ހުރި އުސް ތަނެއްގައެވެ.

އެ ރޭގެ ރޭގަނަޑު ދަންވަރު ގުގުރިއެއް ޖަހައިލައިފައި އެ އައި ގަދަ ވިއްސާރަގަނޑެއްގެ ސަބަބުން ވާރޭވެހި ފެން ބޮޑުވެ، ސައިލު ހެދިގެން އައިސް ދެ ފަރުބަދަ ދޭތެރޭ ތިރީގައިވާ ވާދީގެ ތެރެއަށް ފެންގަނޑު ފައިބައިގަތެވެ. އެ ތާނގައި ހުރި ފޭލިގެތަކާއި ފޭލިގެތަކަުގައި ތިބި އެންމެން އެ ފެންގަނޑު އައިލެއް ބަރުކަމުން ވިއްސިވިހާލިވެ އެ ފެންގަނޑުގެ ތެރެއަށް ގެނބިގެންދިޔައެވެ.

އެ ތަނުގައި ބާކީ ތިބީ އެ މީހުން ގެންގުޅުނު މަދު ބައެއް ނަޢަމް ސޫފި ފަދަ ތަކެތި އެކަންޏެވެ. އޭނާ އެ އެއްޗެހި އޭނާގެ ޖަމަލުތަކުގެ ތެރެއަށް އިތުރުކޮށް އެ ތަނުން ދަތުރު ފަށައިގެން އަނެއްކާ ވެސް ސަހަރާގެ ތެރެއަށް ނުކުމެއްޖެއެވެ.

އެއް ދުވަހަކު އޭނާއަށް ސަހަރާގެ ތެރޭ ވަކީން ހުރި ގެއަކަށް އާދެވުނެވެ.

އެ ގޭގަ ހުރި ހިކިތޮޅި މީހަކު އޭނާއަށް ފެނުނެވެ. އެ މީހާ އޭނާއަށް މަރުޙަބާކިޔުމަށް ފަހު، އެ ތަނުގައި މަޑުކުރާން އެދުނެވެ. އަދި މާ އަވަސްއަވަސް އަރުވައިލައިފައި އުޅޭން ފެށިއެވެ. އެހެންވެ އޭނާ އެ މީހާޔާ ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އެ މީހާގެ ގައިގައި  މުސްކުޅި މީހާ ބުނި ހުރިހައި ސިފަތަކެއް ހަމަވެފައި ހުރީތީ އޭނާއަށް ފެނުނެވެ.

އެހެންވެ އެ ގޭގައި ނުއޮވެ ގޭގެ ބޭރުގައި ޖަމަލުތަކުގެ ކައިރީގައ އެ ތަކެތި ޙިމާޔަތްކުރާން އޮންނާން ބޭނުންވާކަމަށް ބުންޏެވެ. އެހެންވެ ރަޖާގަނޑަކާއި އޭނާގެ އެނދު ހިފައިގެން ބޭރަށް ނުކުމެ ގޭގެ ކައިރީ ސަހަރާގެ އެއް ފަރާތެއްގައި ބެހެއްޓިއެވެ. އަދި ރަޖާގަނޑު  އެނދުމަތީގައި އަޅައިފައި އޭގެ ދަށުގައި ހިލަތަކެއް ޖަހައިފައި، ދުރަށް ގޮސް އެ ގޭގައި އުޅޭ މީހާގެ ހަރަކާތްތަކަށް ފާރަލާން މާ ދުރުގައި ހުރި ތަނެއްގެ ފަހަތަށް ވަނެވެ.

އެ ގޭގެ މީހާޔަށް، އޭނާގެ މެހެމާނު ނިދައިފިކަން ހަމަ ޔަޤީންވުމުން ސިއްރުސިއްރުން ނުކުމެ އޭނާ ނިދައިފައި އޮތް އެނދާ ދިމާއަށް ހިނގައިގަތެވެ.  ފައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެން ހިނގަމުން އައިސް އެނދުކައިރިއަށް ހުއްޓުނު އިރު، އެއްވެސް ހަރަކާތެއް އަޑެއްބަޑެއް ނުއިވުމުން އޭނާ ނިދައިފައި އޮތްކަން އެނގުމުން އެނބުރި ގޮސް އޭނާގެ ކަނޑި ހިފައިގެން އައެވެ.

އަދި އެ މީހާ މަޑުމަޑުން އޭނާގެ މެހުމާނުގެ ކައިރިއަށް އައިސް، ކަނޑި މަޅައިގަނެ މެހުމާނުގެ މައްޗަށް ވެއްޓިގަތެވެ. އެހެނަސް އެ ވަގުތު އެތާނގައި އޮތީ މެހުމާނާއެއް ނޫނެވެ. މެހުމާނާ ނުކުތީ އޭނާގެ ފުރަގަހުންނެވެ. އަދި ބުންޏެވެ. އަހަރެން  މި ނަސޭޙަތް ގަތީ ޖަމަލަކަށެވެ. ކުޑައަގަކަށް ނޫނެވެ. ބުނެފައި ކަނޑީން ޖަހައި އެ މަކަރުވެރި ކަލޭގެ ދުވަސް ދުއްވައިލައިފިއެވެ.

ދެން އޭނާ އަނެއްކާ ވެސް ގެންގުޅޭ ޖަމަލުތަކާއި އެހެނިހެން ސާމާނުތައް ހިފައިގެން ގެއަށް ދިއުމަށް ޓަކައި ދަތުރުފެށިއެވެ. ސަހަރާގައި ދަތުރުކޮށްފައި ދުވަސްތަކެއް ހޭދަވުމަށް ފަހު، އޭނާގެ ގެ ހުންނަ ހިސާބުގަނޑަށް އާދެވުނީ ރޭގަނޑެއްގެ ވަގުތުގައެވެ.  އޭނާގެ އަވައްޓެރީން ގެންގުޅޭ ދަނޑުގޮވާންކުރާ ސާމާނު ބޭނުން ކުރުމަށްފަހު އެ ބަހައްޓައިފައި ހަމަ އެ ހުރި ގޮތަށް ހުއްޓެވެ. އޭނާ ގެނައި ޖަމަލުތަކާއި އެހެނިހެން ސާމާނު ވެސް ބޭރުގައި ބެހެއްޓުމަށް ފަހު އޭނާ އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ.

އަދި ގޭގެ ދޮރުގައި އެލުވައިލައިފައިވާ ސަތަރިގަނޑު ހިއްލައިލުމަށް ފަހު، އެތެރެއަށް ވަން އިރު، އިސްތަށިގަނޑު ދިގު ޒުވާނެއްގެ ގާތުގައި އޭނާގެ އަންހެނުން ނިދައިފައި އޮތް ތަން ފެނުނެވެ. އޭނާ އަރައިގަތް ރުޅީން ކަނޑީން ޖަހައި އެއް ފަހަރާ ދެ މީހުންގެ ބޯ ކަނޑައިލާން ކަނޑި ދަމައިގަންނާން އުޅެނިކޮށް ކުއްލިއަކަށް ހަނދާންވީ މުސްކުޅި މީހާގެ ނަސޭޙަތެވެ. މުސްކުޅި މީހާ ބުނެފައިވެއެވެ.

"މިތުރާ ރުޅިން ނުނިދާށެ ލޭގައި 

         ހިތުގައި ވިޔަސް  ހިތާމަ މޭގައި "

އެ ވަގުތު އޭނާ ރުޅި މަޑުވެއްޖެއެވެ. ހިތާމަޔާ އެކު، ދެރަވެ ގެއިން ނުކުމެގެން އެނބުރި އޭނާގެ ޖަމަލުތަކުގެ ކައިރިއަށް ގޮސް، އެ ރޭ އެ ތަނުގައި ނިދައިފައި އިރުއަރައި އަލިވި ފަހުން، ގޭ ކައިރިއަށް އައުމުން އޭނާގެ އަވައްޓެރީންނަށް އޭނާ އެނގިއްޖެއެވެ.

އަދި އޭނާގެ އާއިލާއިން އޭނާއަށް މަރުހަބާކިޔައި އުފަލުން މީހުންގަނޑު އެ ތަނަށް އެއްވެ ބުންޏެވެ. ހާދަހާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަހަރުމެން ދޫކޮށްފައި ގޮސް އެ އުޅުނު ތަނެއްގައި އުޅެނިކޮށް ދަރިފުޅު ވެސް މިހާރު އެހެރީ ބޮޑުވެ، ބޮޑު ފިރިހެނަކަށް ވެފައެވެ.

އެހެން ބުނުމުން އޭނާ ބަލައިލި އިރު، ރޭގައި ގެއަށް އައި އިރު، އޭނާގެ އަންހެނުންގެ ގާތުގައި ނިދައިފައި އޮތް ޒުވާނާ އެއީ އެ ދެ މީހުންގެ ފިރިހެން ދަރިފުޅުކަން އޭނާއަށް އެނގުނެވެ. އެ ރޭގެ އެ ވަގުތު އެ މުސްކުޅި މީހާގެ ނަސޭޙަތް ހަނދާންވެ ބުއްދިއަށް ވުރެ ރުޅި އިސްނުކޮށް ހިތާމަ މޭގައި ފޮރުވައިގެން އެރޭ ނިދުނުކަމުން އަންހެނުންނާއި ދަރިފުޅުގެ ފުރާނަ ސަލާމަތްވި ކަމަށްޓަކައި ﷲ އަށް އޭނާ ޙަމްދުކުރިއެވެ.

ކޮންމެ ނަސޭހަތަކީ ވެސް ޖަމަލަކަށްވުރެ އަގު ބޮޑުއެއްޗެކެވެ. ނަސޭޙަތާ ގުޅޭ މުނާސިބު ވަގުތުގައި އަޅުގަނޑުމެންނަށް ނަސޭޙަތުގެ ބޭނުންހިފޭ ނަމަ، ނަސޭޙަތަކީ އަގުނުކުރެވޭ ވަރުގެ އަގުބޮޑު އެއްޗެކެވެ.

___________________________________

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަނޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް