Advertisement

މުއުމިނާގެ ޢިއްޒަތްތެރިކަން ... ފުދުންތެރިކަން

27 Sep 2024 | 00:04
ސަލާންޖެހުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

އަޅުގަނޑުމެން ކުރެ ކޮންމެ މީހެއްގެ ވެސް އެދުމަކީ މީސްތަކުންގެ ތެރޭގައި ޤަދަރުވެރިކަމާއި ޢިއްޒަތްތެރިކަމާ އެކު އުޅުމެވެ. އެހެން މީހުންގެ ފައިމައްޗަށް ނުވެއްޓި އޭނާގެ ޝުޢޫރުތައް މިނިވަންކަމާ އެކު ފާޅުކުރެވޭ މީހަކަށް ވުމެވެ. އެ ކަމަށް އޮތް މަގަކީ ކޮބައިބާވައެވެ؟ މާތް ﷲ ރުއްސުންލެއްވި ސަހްލު ބިން ސަޢުދު ވިދާޅުވިއެވެ. ((جاء جِبْريلُ إلى النَّبيِّ صلّى اللهُ عليه وسلَّم فقال يا مُحمَّدُ عِشْ ما شِئْتَ فإنَّكَ ميِّتٌ واعمَلْ ما شِئْتَ فإنَّك مَجْزِيٌّ به وأحبِبْ مَن شِئْتَ فإنَّكَ مُفارِقُه واعلَمْ أنَّ شرَفَ المُؤمِنِ قيامُ اللَّيلِ وعِزَّه استغناؤُه عنِ النّاسِ[1] -ޖިބްރީލުގެފާނު ނަބިއްޔާ صلّى اللهُ عليه وسلَّم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނޭވެ! ކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތަކަށް ދިރިއުޅުއްވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނު އަވަހާރަވާނެތެވެ. އަދި ކަލޭގެފާނު ބޭނުންފުޅުވާ ކަމެއް ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން އެ ކަންކަމަށް ކަލޭގެފާނަށް ޖަޒާދެއްވޭނެއެވެ. އަދި ކަލޭގެފާނު ބޭނުންފުޅުވާ މީހަކު ދެކެ ލޯބިފުޅުވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް އޭނާއާ ވަކިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އަދި ހަމަކަށަވަރުން މުއުމިނާގެ ޝަރަފަކީ ދަމުނަމާދުކަމާއި އޭނާގެ ޢިއްޒަތަކީ އެހެން މީހުންނާ ނުލައި ފުދުންތެރިވުންކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!))

ދުނިޔޭގައި ޢިއްޒަތްތެރިކަމުގެ އެންމެ ވަރުގަދަ ބަހާއަކީ އެހެން މީހުންނާ ނުލައި ފުދުންތެރިވުމެވެ. މީސްތަކުންގެ ގާތަށް ކަންތަކު ކިޔާން ނުދިޔުމެވެ. މީސްތަކުންގެ ގާތަށް ގޮސް އެހީއަށް އެދޭ މީހާގެ ޤަދަރެއް ނޯންނާނެއެވެ. އޭނާއަށް އިޙްތިރާމެއް ނުލިބޭނެތެވެ. މީހުންގެ ފުށުން އޭނާއަށް ލިބޭ ހެޔޮކަމުގެ ސަބަބުން އޭނާ ހުންނާނީ އަސީރުވެ ކަސްތަޅުއެޅުވިފައެވެ. ހަރުބަހެއް ބުނާ ގޮތުގައި "ތިބާ މީސްތަކުންނަށް އިޙްސާންތެރިވި ވަރަކަށް ތިބާއަށް މީސްތަކުންގެ ހިތްތައް އަޅުވެތިކުރެވޭނެއެވެ."

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުން ތަރުބިޔަތުކުރެއްވީ މީސްތަކުންނާ ނުލައި ފުދުންތެރިކުރުވާށެވެ. މީސްތަކުންގެ ގާތަށް ނުގޮސް މުހުތާދުތައް ފުއްދާށެވެ. މާތްﷲ ރުއްސުންލެއްވި ޢައުފު ބިން މާލިކުލްއަޝްޖަޢީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((އެއްދުވަހަކު އަހުރެމެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިބީމުއެވެ. އަހުރެމެންގެ ޢަދަދަކީ ނުވައެކެވެ. ނުވަތަ އަށެކެވެ. ނުވަތަ ހަތެކެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ބަޔިޢަތު ނުހިފާނަންހެއްޔެވެ؟ ޢައުފު ބިން މާލިކު ވިދާޅުވިއެވެ. އޭރު  އަހުރެމެން ރަސޫލާއަށް ބަޔިޢަތު ހިފިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަހުރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކަލޭގެފާނަށް ބަޔިޢަތުހިފައިފީމެވެ. އަނެއްކާ ވެސް ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ﷲގެ ރަސޫލާއަށް ބަޔިޢަތުނުހިފާނަންހެއްޔެވެ؟ ފަހެ އަހުރެމެން ދެންނެވީމެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ބަޔިޢަތުހިފައިފީމެވެ. މި ގޮތަށް ތިންފަހަރު ޙަދީސްކުރެއްވުމުން އަހުރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކަލޭގެފާނަށް ބަޔިޢަތުހިފާންވީ ކޮން ކަމަކަށްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ބަޔިޢަތުހިފާންވީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންނުކުރުމަށާއި އެކަލާނގެއާ އެހެން ފަރާތަކާ ޝަރީކުނުކުރުމަށާއި ފަރުޟު ފަސްނަމާދުކުރުމަށާއި ތިޔަބައިމީހުން ﷲއަށް ކިޔަމަންގަތުމަށެވެ. އެއަށް ފަހު ވަރަށް ސިއްރު ގޮތަކަށް ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން މީސްތަކުންގެ ކިބައިން ކަންތަކަށް ނޭދޭށެވެ![2] ޢައުފު ބިން މާލިކު ވިދާޅުވިއެވެ. މި ބަސްފުޅަށް ފަހު އެއިން ބޭކަލެއްގެ އަސާކޮޅު ބިންމައްޗަށް ވެއްޓުނަސް އެ ނަގައިދިނުމަށް މީހެއްގާތުގައި ވިދާޅުވެފައެއް ނުވެއެވެ.))[3]

ބޭނުންތައް ފުއްދުމަށް ޓަކައި މީސްތަކުންގެ ގާތަށް ނުދާންވީ އެންމެ މުހިންމު އެއް ކަމަކީ ރިޒުޤު ހޯދާން ދިޔުމެވެ. އެ ކަމުގައި ޢިއްފަތްތެރިވުމެވެ. ކުރިމަތިވާ އަތްމަތިދަތިކަމަށް ކެތްތެރިވުމެވެ. މާތް ﷲ ތަނަވަސްކަންދެއްވަންދެން ޟަރޫރަތްތެރި ޙާލަތުގައި އުޅުމެވެ. މާތް ﷲއަށް ތަވައްކުލުކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُ [4]- އަދި اللَّهއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّهއަށް وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.))  މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދިލްޚުދްރީގެފާނު އަރިހުން ރިވާވެގެންވެއެވެ. ((އަންޞާރުންގެ ބަޔަކު ރަސޫލުﷲގެފާނު އަރިހަށް ގޮސް އެބައިމީހުންނަށް އެއްޗެއް ދެއްވުމަށް ދެންނެވިއެވެ. ރަސޫލުﷲގެފާނު އެމީހުންނަށް ދެއްވުމުން  އިތުރަށް ދެއްވުމަށް ދެންނެވިއެވެ.އަނެއްކާ ވެސް ދެއްވުމުން އަލުން ދެއްވުމަށް ދެންނެވިއެވެ. ރަސޫލާގެ އަތްޕުޅުގައި ހުރި އެއްޗެހި ހުސްވެއްޖައުމަށް ދާންދެން އެކަލޭގެފާނު އެމީހުންނަށް ދެއްވަމުން ގެންދެވިއެވެ.ފަހެ،  އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަތްޕުޅުގައި މުދަލެއް ހުރިނަމަ ތިޔަބައިމީހުންނަށް ނުދެއްވައި އެ ފޮރުއްވާފައި ނުބަހައްޓަވާނަމެވެ. ތިޔަބައިމީހުންގެ ތެރެއިން ޢިއްފަތްތެރިކަމަށް އެދޭ މީހާ ﷲ ޢިއްފަތްތެރިކުރައްވާނެއެވެ. އަދި ކެތްތެރިކަމަށް އެދޭ މީހާ ﷲ ކެތްތެރިކުރައްވާނެއެވެ. މާތް ﷲ މީހަކަށް ކެތްތެރިކަމަށް ވުރެ ހެޔޮކަން ބޮޑު އަދި ތަނަވަސްކަން ބޮޑު ކަމެއް ނުދެއްވަތެވެ.))[5]

ފަޤީރުކަމާ އެކުގައި ވެސް ސަލާންޖެހުމާ ދުރުހެލިވެ ޢިއްފަތްތެރިކަން އިސްކުރި މީހުންނަށް ކީރިތި ޤުރްއާނުގައި ތާރީފުގެ ބަސް ވަޙީކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.(( لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا [6] - اللَّه ގެ މަގުގައި (جهاد ކުރުމުގައި) ބަންދުވެފައި ތިބި فقير ންނަށް (صدقات ދިނުން) ހުށްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެއުރެންގެ خبر ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެއުރެންގެ علامة ތަކުން، ތިބާޔަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗިއްސަށް އެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ.))

ސަލާންޖެހުމާ ދުރުހެލިވުމަކީ ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ބޭނުމެއް ނެތި ސަލާންޖެހުމަކީ ނިކަމެތި ކަމެކެވެ. އިހާނެތި ކަމެކެވެ. ތިމާގެ ކަރާމަތާއި ޝަރަފު ރުހޭނެ ކަމެއްނޫނެވެ. އިސްލާމްދީން އެދެނީ އަޅުގަނޑުމެން  ޢިއްޒަތްތެރި ބަޔަކަށް  ވާށެވެ. އަޅުގަނޑުމެން ޢިއްފަތްތެރި  ބަޔަކަށް  ވާށެވެ. އަޅުގަނޑުމެންގެ އަތްފައި ޠާހިރު ބަޔަކަށް ވާށެވެ. އަޅުގަނޑުމެންގެ ހިތްތައް މުއްސަނދި، ފުދުންތެރި ބަޔަކަށް ވާށެވެ. މުއްސަނދިކަމަކީ މުދާ ގިނަ ކަމެއްނޫނެވެ. އެހެނަސް އެއީ އަމިއްލަ ނަފުސުގެ ފުދުންތެރިކަމެވެ.

އަޅުގަނޑުމެންގެ ބޭނުންތައް އެހެން މީހުން ލައްވައި ފުއްދުވުމަކީ އިސްލާމް ދީން އެދޭ ކަމެއްނޫނެވެ. އެ ބޭނުންތައް ފުއްދަވައިދެއްވައިތޯ ދެއަތް އުފުލާންވީ ﷲގެ ޙަޟްރަތަށެވެ. އެހެނީ މީހުންނަކީ  ސަލާންޖަހާ  މީހުންނަށް ދަހި ބަޔެކެވެ. އެ މީހުންގެ ތެރެއިން ގިނަ ބަޔަކީ އެއްޗެއް ދީފި ނަމަ، ކަލަގޮވާ ބަޔެކެވެ. އެހެނަސް މާތްﷲ ދެއްވާ އެއްޗެއް ދީލަތިކަމާ އެކު ދެއްވައެވެ. އެ ވާހަކަ އެހެން މީހެއްގެ ގާތުގައި ދެއްކެވުމަކާނުލައި އެކަލާނގެ އަޅުންނަށް ރިޒްޤު ދެއްވަތެވެ. ހަށިގަނޑު ދުޅަހެޔޮ، މަސައްކަތްކުރުމަށް ބޭނުންވާ ގައިބާރު ހުރި މީހާއަށް ޒަކާތް ހުއްދަވެގެން ނުވެތެވެ. އެހެނީ އޭނާ އެ ވަނީ މުއްސަންޖަކަށް ވެފައެވެ. މާތް ﷲ ރަޙުމަތްލެއްވި ޢުބައިދުﷲ ބިން ޢަދިއްޔު ބުނުލް ޚިޔާރުގެ[7] އަރިހުން ރިވާވެގެން ވެއެވެ. ޙައްޖަތުލްވަދާޢުގައި ނަބިއްޔާ r ޞަދަޤާތް ބައްސަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ދެ މީހަކު އައިސް އެ ޞަދަޤާތުން އެއްޗެއް ދެއްވުމަށް ދެންނެވިއެވެ. އެކަލޭގެފާނު އެ ދެ މީހުންނަށް ބައްލަވައިލެއްވިއެވެ. އެކަލޭގެފާނަށް މި ދެ މީހުން ފެނިވަޑައިގަތީ ދުޅަހެޔޮ،  ގައިބާރު ގަދަ ދެމީހުންގެ ގޮތުގައެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. ((إِنْ شِئْتُمَا أَعْطَيْتُكُمَا وَلَا حَظَّ فِيهَا لِغَنِيٍّ وَلَا لِقَوِيٍّ مُكْتَسِبٍ[8] – ތިބާމެން އެދޭ ނަމަ އެއިން ދެއްވައިފާހުށީމެވެ. އެހެނަސް ދަންނާށެވެ! މުއްސަނދީންނަށާއި މަސައްކަތްކޮށްގެން އެއްޗެހި ހޯދޭވަރުގެ ގައިބާރު ހުރި މީހުންނަށް ޞަދަޤާތުގައި ޙިއްޞާއެއް ނުވެއެވެ.))

މިއީ ކީރިތި ރަސޫލާ މި ޒަމާނުގައި ފަޤީރުންނަށް ހެދިގެން ޒަކާތުގެ ބެހެނިވެރީންގެ ލިސްޓުގައި ނަން ނޯޓުކޮށްގެން ޒަކާތުން ބައި ނަގާ މީހުންނަށް ދެއްވައިފައިވާ އިންޒާރެކެވެ. މިއީ ބޭސްސިޓީ ހިފައިގެން ތިމާގެ އެކައުންޓަށް ފައިސާ ޖަމާކުރާން އުޅޭ  މީހުން ވިސްނައިލާން ޖެހޭ ބަސްފުޅެކެވެ. މިއީ އާސަންދަ ފަދަ އިޖުތިމާޢީ އެހީގެ ފަންޑުތަކުން ނާޖާއިޒު ފައިދާ  ނަގާން އުޅޭ މީހުން ބަލާން ޖެހޭ ބަސްފުޅެކެވެ.

ޒަކާތުން ބައި ނެގުން ހުއްދަވާނީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. މުއްސަނދީންނަށް އެއިން އެއްޗެއްގައި ހިފުން ހުއްދަވެގެންނެއް ނުވެއެވެ. މުއްސަނދި ފިރިހެނާގެ އަނބިމީހާއަށާއި ތަނަވަސް ދަރީންގެ މައިންބަފައިންނަށް ޒަކާތް ހުއްދައެއް ނުވާނެތެވެ.

 މުދަލުގެ ފިތުނައަކީ އެންމެ ބޮޑު އެއް ފިތުނައެވެ. އެއީ އެންމެ ބޮޑު އެއް އިމްތިޙާނެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( مَا ذِئْبانِ جَائِعَانِ أُرْسِلا فِي غنَمٍ بِأفسَدَ لَهَا مِنْ حِرْصِ المَرْءِ عَلَى المَالِ والشَّرَفِ لِدِينِهِ [9]- ބަކަރިކޮށްޓެއްގެ ތެރެއަށް ދެ މިނިކާ ކުއްތާ ވައްދައި ދޫކޮށްލުމުން އެ ކޮށީގެ ބަކަރިތައް ހަލާކުވެގެންދާ ވަރަށް ވުރެ ބޮޑަށް، މީހަކު އޭނާގެ މުދަލާއި ޝަރަފަށް ދަހިވެތިވާ މިންވަރު އިތުރުވުމުން އޭނާގެ ދީން ހަލާކުވެގެންދާ ވަރު މާ ބޮޑެވެ.))  މުސްލިމު އިންސާނާ އޭނާގެ ދީނަށް ރައްކައުތެރިވާން ޖެހޭނެއެވެ. ދީނަށް ރައްކައުތެރިވެވެނީ ދީނަށް ޓަކައި ކުރާ މަސައްކަތްތައް ﷲއަށް ޚާލިޞްކޮށްގެންނެވެ.  

މީހަކު ޙައްމާދު ބިން ސަލަމަތަށް ވެދުމެއް އެރުވިއެވެ. އެ ހިނދު ޙައްމާދު އެމީހާއަށް ވިދާޅުވިއެވެ. "އަހުރެން ތިޔަ ހަދިޔާ ޤަބޫލުކޮށްފި ނަމަ، ތިބާއަށް ދުވަހަކު ވެސް ޙަދީސެއް ކިޔައެއް ނުދޭނަމެވެ. މި ހަދިޔާ ޤަބޫލުނުކޮށްފި ނަމަ ޙަދީސް ކިޔައިދޭނަމެވެ. އެހިނދު އެމީހާ ދެންނެވިއެވެ. ހަދިޔާ ޤަބޫލުނުކުރައްވައި އަޅުގަނޑަށް ޙަދީސްތައް ވިދާޅުވެދެއްވާށެވެ! ޙައްމާދު މި ގޮތަށް ޢަމަލުކުރެއްވީ ކީއްވެގެންހެއްޔެވެ؟ މި ހަދިޔާ ޤަބޫލުކުރެއްވުމުގެ ސަބަބުން ދަރުސްދެއްވާ އިރު އެމީހާއަށް އަޅައިލެއްވުން ބޮޑުވެދާނެތީ ބިރުފުޅުންނެވެ. ކިލާހުގައި މުދައްރިސް ވަރަށް އިންސާފުވެރިވާން ޖެހޭނެއެވެ. ވަކި ކުއްޖަކަށް މާކުސް އިތުރުކޮށްދީގެން ނުވާނެއެވެ. ހުރިހައި ކުދީންނާ އެކުގައި ވެސް މުޢާމަލާތުކުރާން ޖެހޭނީ އެއްގޮތަކަށެވެ.

މީހެއްގެ ގާތަށް ގޮސް އެހީއަށް އެދުމާއި މީހަކު ހާލުގައިޖެހިގެން އުޅޭ ވަގުތު އެމީހާއަށް އެހީވުން ވަރަށް ތަފާތެވެ. ޙާލުގައި ޖެހިފައިވާ މީހާއަށް އެހީވުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ އިޙްސާންތެރިކަމުގައި ހިމެނޭ ކަމެކެވެ.

___________________________

މަރުޖިޢުތައް

[1] - أخرجه الطبراني في ((المعجم الأوسط)) (٤٢٧٨) واللفظ له، وأبو نعيم في ((حلية الأولياء)) (٣/٢٥٣)، والبيهقي في ((شعب الإيمان)) (١٠٥٤١)

[2]  - ޢިލްމުވެރީން ވިދާޅުވިއެވެ. މި ބަސްފުޅު ވަންހަނާ ގޮތަކަށް ޙަދީސްކުރެއްވީ އެއީ އެބޭކަލުންނަށް ޚާއްޞަކޮށް ވިދާޅުވި ބަސްފުޅަކަށް ވާތީއެވެ. މިއާޚިލާފަށް ބަޔިޢަތާ ބެހޭ ވާހަކަތަކަކީ ޢާންމު ވަޞިއްޔަތްޕުޅުތަކެކެވެ.

[3]  - صحيح مسلم (١٠٤٣)

[4] - الطلاق : 2-3

[5]  - رواه البخاري (1469) ومسلم (1053) 

[6]  - البقرة : 273   

[7]  - މިއީ ފުރަތަމަ ދަރަޖައިގެ ތާބިޢީ ބޭކަލެކެވެ.

[8]  - رواه أحمد (17511)

[9]  - أخرجه الترمذي (٢٣٧٦)، وأحمد (١٥٧٩٤)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް