Advertisement

މުބާރާތްތަކުގެ ކުރީން ބައިވެރީން އެކަމަށް ހުނަރުވެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

28 Oct 2023 | 14:14
މާއްދީ ގޮތުންނާއި ދާދިވަރުކޮށް އެކި އިސްކޫލުތަކުގެ ދަރިވަރުން ޅެމާއި ބަނދިހަދާން ދަސްކޮށްދޭ ކުލާހުގައި މިއަދު ބައިވެރިވަނީ (ފޮޓޯ: އެކެޑަމީގެ އެކުސް އޮޅި)

ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްގީ ކުރުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީއިން ހަމައެކަނި މުބާރާތްތަކެއް ބާއްވަވަނީކީ ނޫނެވެ. މުބާރާތުގެ ވާދަވެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރަށް އަދަބީ ތަފާތު ހުނަރުތައް ތަރައްގީކުރެއްވުމަށް ޓަކައި، ތަމްރީނާއި މަޢުލޫމާތު ވެސް ދެއްވައެވެ. ފަހަކަށް އައިސް ކޮންމެ މުބާރާތެއްގެ ކުރީން އެ މުބާރާތަކާ ގުޅޭ ތަމްރީނުތައް ދާދިވަރުކޮށް ރާއްޖޭގެ ހުރިހާ އިސްކޫލެއްގެ ދަރިވަރުންނަށާއި އެ ކަމަށް އެދޭ އެންމެނަށް ހިލޭ ފޯރުކޮށްދެއްވުމަކީ އެކެޑަމީއިން ދެއްވާ ވަރަށް ބޮޑު ޚިދުމަތެކެވެ. މި ކަމުގެ ސަބަބުން ލިޔުންތެރީންނާއި ޅެންވެރީންނާއި ވާހަކަދެއްކުންތެރީން އިތުރުވަމުން އަންނަކަން ވެސް އުފަލާއެކު ފާހަގަކުރެވެއެވެ.

"ފަރަގު" ޚަބަރު މޭޒަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އަދަބީ މުބަރާތްތަކެއް ބާއްވަވާން އެކެޑަމީއިން ގެންދަވަނީ ތައްޔާރީތައް ކުރައްވަމުންނެވެ. މީގެ ތެރޭގައި މަޒުމޫނު ލިޔުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ މުބާރާތް ވެސް ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށާއި އާންމުންނަށް އަމާޒުކޮށްގެން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތަކެއް މިއަދު (28.10.2023 ހޮނިހިރު ދުވަހު) ފައްޓަވައިގެން ކުރިއަށް ގެންދަވާ ކަމީ އިސްކޫލުތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އިސްކޫލުތަކުން ދަރިވަރުންނަށް ޓަކައި އަގުބޮޑުކޮށް ކޯޗުން ހޯދުމުގެ އުނދަގޫތައް ފިލުމުގެ ސަބަބުން މި ތަމްރީނު ޕްރޮގްރާމްތަކުގައި ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ދިބޭ ދަރިވަރުންނަށް ވެސް އެއްވެސް ޚަރަދަކާ ނުލައި މި ތަމްރީނުތައް ލިބޭކަމީ ތަޢުރީފު ޙައްގު ޚިދުމަތެކެވެ.

ޅެންހެދުމުގެ 26ވަނަ މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ 76 އިސްކޫލަކުން އެތައް ސަތޭކަ ދަރިވަރުނަކާއި އާންމުންގެ ތެރެއިން 17 މީހަކު މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވުމަކީ މި މުބަރާތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ނިޝާނެކެވެ. ޅެމާއި ބަނދި ހެދުމުގެ ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނވަރުސިޓީގެ ދާރިސެއްކަމުގައިވާ އާދާމްޒާހިރު (ކުރޮޅި ޒާހިރު)ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދާދި އަވަހަށް ކުރުވާހަކަ ލިޔުމާއި މަޒުމޫނު ލިޔުމުގެ ދާއިރާއިން ވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގަވާނެކަމަށް އުންމީދުކުރެވެއެވެ. ޝައުޤުވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން ތައްޔާރަށް ތިއްބަވާށެވެ! އެކެޑަމީއިން އެ ޚިދުމަތް ފޯރުކޮށްދެއްވާނެއެވެ. އެކެޑަމީއަށް ޝުކުރިއްޔާއެވެ!

Advertisement

ކޮމެންޓް