ދިވެހިބަހުގެ ރަދީފުގެ އަދާހަމަ
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ފިލްމެއް ބަލާން ތިބޭ އިރު، ހަމަ އެކަނި އެއިން ފެންނަނީ އޭގައި އުޅޭ ތަރީންނެވެ. ވާހަކަ ތަމްސީލުކުރާ މުމައްސިލުންނެވެ. އެ ފިލުމުގެ ޝަޚުޞިއްޔަތުތަކެވެ. ނަމަވެސް އެ ހިސާބަށް އެ ކަން އެ އަންނަނީ، އަޅުގަނޑުމެންގެ ލޯތަކަށް ފިލްމެއް ފެންނަ ހިސާބަށް އަންނަނީ، ހާދަހާ ގިނަ ބަޔެއްގެ ބުރަ ޢިލްމީ މަސައްކަތަކުންކަން އަޅުގަނޑުމެންނަކަށް ވިސްނައިގަންނާކަށް ފަސޭހައެއް ނޫނެވެ. އަދި އެ ފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރާކަށް ވެސް ނޭނގެއެވެ.
ވާނީ ވެސް އެހެންނެވެ. އަޅުގަނޑުމެން ބޭނުންވާނީ ނަތީޖާއެވެ. މިސާލަކަށް ފިލްމަށް ޚިޔާލެއް ހޯދުމާއި އެ ޚިޔާލުގެ މައްޗަށް ވާހަކައެއް ލިޔުމާއި އެ ވާހަކަ، ތަމްސީލުކުރާ ބަހުރުވައާއި ތަފުސީލުތަކަށް (ސްކްރީން ޕްލޭއަށް) ބަދަލުކޮށްލުމާއި، ފިލްމަށް ބޭނުންވާ ލަވައިގެ ޅެން ހެދުމާއި މިޔުޒިކު ހެދުމާއި ލަވަކިޔާނެ މީހަކު ހޯދައި އޭނާ ލައްވައި ލަވަ ކިޔުއްވުމާއި، އެކި މަންޒަރުތަކަށް ކޮންޕިޔުޓަރުގެ އަސަރު ގެނައުމާއި ބަޔަކު ހޯދައިގެން ކުޅުވުމަށް ޓަކައި ކުރާންޖެހޭ މަސައްކަތްތަކާއި މިހެން ގޮސް އެތައްއެތައް ކަމެކެވެ. ތަކެއްޗާއި މީހުންނަށް ކުރާނެ ޚަރަދު އޮތީ ހަމަ ހީކޮށްލުންތާއެވެ.
ނަމަވެސް އަޅުގަނޑުމެންނަށް މި ހަގީގަތްތަކެއް ނޭނގެއެވެ. އެނގޭކަށް ބޭނުމެއް ވެސް ނޫނެވެ. ބޭނުމީ ނަތީޖާއެވެ. އެ ނަތީޖާ ހޯދާން ކުރި މަސައްކަތްތަކަށް ބަލާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާނެއެވެ.
މި ދެންނެވި ގޮތުގެ މަތީން ދިވެހިބަހަށް ވެސް ޚިދުމަތްކުރައްވާ ޚިދުމަތްތެރީންތަކެއް މި ރާއްޖޭގައި އެބަ އުޅުއްވައެވެ. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ދިވެހިބަހުގެ ބަސްކޮށާރު ފަގީރު ވާހަކައެވެ. ނަމަވެސް ބަސް ފަގީރީކީ ނޫނެވެ. ދިވެހިބަހަކީ ކިތަންމެ ގަދީމީ ބަހެއް ނަމަވެސް އިލްމީ ގޮތެއްގައި ބަހުގެ ލަފުޒުތައް ފުރޭފުކުރައްވާން ފެއްޓެވީ ޣިޔާޘުއްދީނު ރަދުންގެ ޒަމާނުގައި އެ ރަދުން އަމިއްލަފުޅަށެވެ. އެއީ މީލާދީން 18ވަނަ ގަރުނުގެ ތެރޭގައެވެ. އެ ރަދުންގެ ޢުމުރުފުޅުން އެންމެ 41 އަހަރުގައި އެ ރަދުންގެ ރަސްކަން އެހެން ބަޔަކު ފޭރިގަނެ، އަނިޔާވެރި ގޮތުގައި އެ ރަދުން ޝަހީދުކޮށްލުމާއެކު މި އަދަބީ ޢީލްމީ މަސައްކަތް ވަޅުޖެހުނީއެވެ.
އޭގެ ފަހުން އަދަބީ މަސައްކަތެއް ފެށުނުކަމަށް ފެންނާން އޮތީ އަލްއަމީރު މުޙަންމަދު އަމީނާއި އަލްއަމީރު ޙަސަން ފަރީދު ދީދީގެ ވެރިކަމުގައެވެ. އެ ބޭފުޅުން ދިވެހިބަހަށް އާރޯކަން ގެންނަވާންމަސައްކަތްޕުޅުކުރެއްވިއެވެ. ޙަސަންފަރީދު ދީދީ އަވަހާރަވުމަށް ފަހު ސީދާ މުޙަންމަދު އަމީންދީނީގެ މޭސްތިރިކަމުގެ ދަށުގައި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރައްވާން ފެއްޓެވިއެވެ. އެއީ 20ވަނަ ޤަރުނުގެ މެދެއްގައިތާނގައެވެ. ވާހަކަ ކޮމިޓީ (ނުވަތަ ބަސް ކޮމެޓީ) އުފައްދަވައި ދިވެހިބަހުގެ ލަފުޒުތައް ރަދީފަށް އެއްކުރައްވާން ފެއްޓެވިއެވެ. މި މަސައްކަތް ނިންމަވައިނުލެއްވެނީސް އެ މަނިކުފާނުގެ ވެރިކަން އިންޤިލާބުކޮށްލާން ބަޔަކު ކުރި މަސައްކަތާ ގުޅިގެން އެ ކަންތައްގަނޑުގެ ތެރޭގައި އެ މަނިކުފާނުގެ ޙަޔާތްޕުޅުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ.
އަނެއްކާ ވެސް ދިވެހިބަހަށް އައީ ހީވެސް ނުކުރާ ފަދަ އިހާނެތިކަމަކާއި ހީނަރުކަމެކެވެ. ދިވެހިރާއްޖެގެ ތަޢުލީމީ ނިޒާމު އިނގިރޭސި މީޑިއަމަށް ބަދަލުކޮށްލުމާއެކު، ދިވެހިބަހަށް އަޅައިލުން ނިމުމަކަށް އައީއެވެ. އަދި 1970ގެ އަހަރުތަކުގެތެރޭގައި ތާނައަކުރު ދޫކޮށްލައި ދިވެހިބަސް ލެޓިން އަކުރުން ލިޔާން މަޖުބޫރުކުރީއެވެ.
މި ގޮތުގައި ދުވަސްތަކެއް ވޭތުވެގެން ދިޔަ ފަހުން 20 ވަނަ ޤަރުނުގެ މެދެއްހައި ތާނގައި، 1978ގައި، ރާއްޖޭގެ ރިޔާސަތާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ޙަވާލުވެވަޑައިގަތެވެ. މިހައި ހިސާބުން ދިވެހިބަހަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ތާނައަކުރު އަލުން އިޢާދަކުރައްވައި ދިވެހިބަހަށް ޚިދުމަތްކުރެއްވުމަށް ޓަކައި ޚާއްޞަ މުއައްސަސާއެއް އުފެއްދެވިއެވެ. ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސްގެ ނަމުގައި އުފެއްދެވި މި މުއައްސަސާ އެކި ނަންނަމަށް ބަދަލުވަމުން އައިސް "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު"ގެ ނަމުގައި ބަހަށް ވަރަށް ގިނަ ޚިދުމަތްތައް ކުރެއްވިއެވެ. ދިވެހިބަސް ފޮތް އަލުން ދިރުވުމަށް ޓަކައި ބަސްކޮމެޓީއެއް އުފައްދަވައިގެން ރަދީފު ފުރިހަމަކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ.
2008ގައި "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު" އުވައިލެއްވި ނަމަވެސް ބަހަށް ލޯބިކުރާ ބަޔެއްގެ ބުރަ މަސައްކަތުން ބަސްފޮތުގެ ނުވަތަ ރަދީފުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވިއެވެ. ދެ ފަހަރެއްގެ މަތީން ސީޑީއެއްގައި ބަސްފޮތުގެ ނަމުގައި ރަދީފެއް ޝާއިޢުކުރެއްވިއެވެ. އަދި "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު" އުވައިލެވި ބަހާއި ތާރީޚުގެ ބައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުގައި އޮތް އިރު "ދިވެހި ބަސްފޮތް" މި ނަމުގައި ޒަމާނީ ފަރުމާއަކަށް ރަދީފެއް ޗާޕުކުރައްވައި ޢާންމުކުރެއްވިއެވެ.
2011ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަމިއްލަ ނަމުގައި ބިލެއް ހުށަހަޅުއްވައިގެން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު"ގެ ދަށުން ދިވެހިބަހުގެ އެކެޑަމީ އުފެދުމާ އެކު ރަދީފުގެ މަސައްކަތް އިހުނަށް ވުރެ ހަލުވިކުރެވުނެވެ.
މި މަސައްކަތުގެ ދަށުން 2019ވަނަ އަހަރު "ބަސްދާރު"ގެ ނަމުގައި ޚާއްޞަ ޑޭޓާބޭހެއް އުފައްދަވައި އެ ޑޭޓާބޭހުގެ އެހީގައި، އައު އިސްލާހުތަކަކާއެކު "ދިވެހިބަހުގެ ރަދީފު" އަލުން އާންމުކުރެއްވިއެވެ. މިއީ ކުރީން ނެރެފައިވާ ހުރިހައި "ބަސްފޮތް"ތަކެއްގައި ހުރި ހުރިހައި ލަފުޒުތައް ހިމަނުއްވައިގެން އިތުރު ފަސޭހަތަކަކާއެކު އާންމުކުރެއްވި ރަދީފެކެވެ. މި ރަދީފަށް، ދިވެހިބަހުގައި ރަދީފަށް ކުރީން ނުވަދެ ހުރި ލަފުޒުތައް އިތުރުކުރެއްވުމާއި އަލަށް އުފެދޭ ލަފުޒުތައް ހިމެނުން ކުރިއަށް ގެންދަވައެވެ.
އާ ލަފުޒު އުފެއްދުމަކީ މީހުން ހީކުރާހައި ފަސޭހަކަމާ އެކު ކުރެވޭ މަސައްކަތެއް ނޫނެވެ. ދިވެހިބަހުގައި ނެތް ލަފުޒެއް އަލުން އުފައްދާން ވެއްޖެ ނަމަ، ތަބާވެ ޢަމަލުކުރާންޖެހޭ ވިއްސަކަށް އުސޫލު އޮވެއެވެ. އެ ހުރިހައި އުސޫލުތަކަކަށް ރިޢާޔަތްކުރައްވައި ބަސްކޮމެޓީގެ މެންބަރުން ޢިލްމީ ގޮތެއްގައި ބަހުސްކުރައްވައިގެން އަލަށް ލަފުޒެއް އިތުރުކުރެވެނީ ވަރަށް ބުރަ މަސައްކަތުންނެވެ. އަދި ލަފުޒެއް ހެއްދެވުމަށް ފަހު އެ ލަފުޒުގެ މާނަ ލިޔާން ވެސް ވަގުތުތަކެއް ހޭދަވެއެވެ. މާނަ ލިޔާނެ އުޞޫލެއް ވެސް މިހާރު ކަނޑައަޅުއްވައިފައި އޮވެއެވެ.
ބަސްކޮމެޓީގައި ޢަރަބިބަހާއި އިނގިރޭސިބަހާއި އެ ނޫން ބައެއް ބަސްބަހުގެ މާހިރުން ތިއްބަވައެވެ. އަދި ބަހަވީ ޢިލްމުވެރީން ވެސް ތިއްބަވައެވެ. ދިވެހިބަހުގެ ލިޔުންތެރީން ތިއްބަވައެވެ. މިއިން ކޮންމެ ބޭފުޅަކު ވެސް ކުރީން ދެންނެވި އުޞޫލުތަކަށް ތަބާވެވަޑައިގެން އެ ބޭފުޅެއްގެ ދާއިރާއިން ޢިލްމީ ގޮތެއްގައި ބަހުސްކުރައްވައިގެން އެއްބަސްވުމަކަށް ވަޑައިގެން އެންމެ ލަފުޒެއް ރަދީފަށް ވެއްދުމަކީ ވެސް ބުރަ މަސައްކަތެކެވެ. އަދި މާނައިގެ ޢިބާރާތް ލިޔުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. މި ހުރިހައި މަސައްކަތެއްކުރައްވާކަމެއް އާންމުންނަކަށް ނުވިސްނޭނެއެވެ. ހަމަ ތިބެލައިފައި ލަފުޒެއް ހަދައިލަނީއްޔޭ ކިޔައިގެން ހަޖޫ ވެސް ޖަހައެވެ. ނަމަވެސް އަޅުގަނޑުމެންނަށް ނުވިސްނޭ ދިމާދިމާއިން އެ ކަމުގެ މާހިރުން ވިސްނައިވަޑައިގަންނަވާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރާންޖެހެއެވެ.
މި މަސައްކަތުން ދިވެހިބަހުގެ ރަދީފަށް ނުވެދެ ހުރި ލަފުޒުތައް މާނައާ އެކު ވެއްދުމުގެ މަސައްކަތާއި އައު ލަފުޒު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދަވައެވެ. މި އަދުގެ ނިޔަލަށް 36393 ލަފުޒު ރަދީފުގައި އެބަ އޮތެވެ. ބައެއް ލަފުޒުގައި އެއް މާނައަށް ވުރެ ގިނަ މާނަތައް ހިމެނޭތީ މާނައިގެ ގޮތުގައި 54011 މާނައެއް އެބަ އޮތެވެ. ރަދީފުގައި ހިމެނިފައިވާ ލަފުތައް ބަހުގެ ބައިތަކަށް ބަހައިލައިގެން ބަލާ ނަމަ، 32187 ނަމާއި 16017 މަސްދަރު(ނުވަތަ ކަމުގެ ނަން)އާއި 124 "ކަން" ރަދީފުގައި އެބަ އޮތެވެ. އަދި 2840 ނަންއިތުރާއި 400 ކަންއިތުރާއި 1377 ނަންއިތުރުގެނަން މިހާރު ރަދީފުގައި އެބަ ހިމެނެއެވެ. އަދި ގަވާއިދުގެ ގޮތުން ބަހުގެ ބައިތަކުގެތެރޭގައި ހިމެނޭ 568 އަކުރު (ނުވަތަ މަސައްކަތުގެ ލަފުޒު)އާއި 112 އިތުރު ވެސް ރަދީފުގައި ހިމެނިފައި އެބަ އޮތެވެ.
މީގެ އިތުރު ގިންތިއަކަށް ބަލާ ނަމަ، 2236 މަޖާޒާއި 184 މިސާލުބަހާއި 35 ހަރުބަހާއި 149 މުސްކުޅިބަސް ވެސް ރަދީފުގައި އެބަ އޮތެވެ. ނަމަވެސް ރަދީފުގައި އަދި އޮތީ އެންމެ ވަބަހެކެވެ. މަޖާޒީ މިސާލެއް އަދި ރަދީފުގައި ހިމެނިފައެއް ނެތެވެ. އޭގެ މާނައަކީ އަދި މި ބައިތައް ރަދީފަށް ނުވަންނަނީއެވެ.
ތެދުފުޅެކެވެ! ދިވެހިބަހަކީ ޤަދީމީ ތާރީޚެއް އޮތް ބަހެއް ނަމަވެސް ބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން އާންމުވީ މާ ފަހުންނެވެ. މި ސަބަބާ ހުރެ، ބަހުގައި ހިމެނޭ ހުރިހައި ލަފުޒެއް އަދިވެސް ރަދީފުގައި ހިމެނިފައެއް ނެތެވެ. ނަމަވެސް މި މަސައްކަތް ދިވެހިބަހުގެ އެކެޑަމީއިން ކުރައްވަމުން ގެންދަވަނީ ވަރަށް ފޯރިއާ އެކުގައެވެ.
މި މަސައްކަތްތަކީ ވަރަށް ޢިލްމީ އަދި ފަންނީ މަސައްކަތްތަކެއްކަމަށް ވާތީ، އެ މަސައްކަތްތަކުގެ ބުރަކަމާއި އަގު ވަޒަންކރާކަށް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ނަމަވެސް ދިވެހިބަހުގެ އެކެޑަމީއިން މިހާރު ޢާންމުކުރައްވައިފައިވާ "ދިވެހިބަހުގެ ރަދީފު"ން ވަރަށް ގިނަ ފަސޭހަތަކެއް ލިބެއެވެ. ބައެއް ލަފުޒުގެ މާނައިގެ އިތުރަށް އެ ލަފުޒުގެ ބަދަލުގައި ނުވަތަ އެ މާނައާ އެންމެ ކައިރިކުރާ އިނގިރޭސި ލަފުޒު ވެސް ހިމަނުއްވައިފައި އެބަ ހުއްޓެވެ. އަދި އެޕް ބޭނުންކުރައްވައިގެން ލަފުޒާއި މާނަ ވެސް ކޮންމެ މީހަކަށް ވެސް ހުށަހެޅޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިބަހުގެ އެކެޑަމީއިން ތައްޔާރުކުރައްވައި ޕްލޭ ސްޓޯރުންނާއި އެޕްލް ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭ މި އެޕްލިކޭޝަން (އެޕް) އަޅުގަނޑުމެން ފޯނަށް އަޅަމާތޯއެވެ! އަދި މި އެޕްގެ ޒަރީޢާއިން ބަސް ކޮމެޓީއަށް ޚިޔާލު ހުށަހަޅަމާތޯއެވެ! އާ ލަފުޒުތަކާއި އާ މާނަތައްކަމަށް ކޮންމެ ބޭފުޅަކަށް ވެސް ފެނިވަޑައިގަންނަވާ ލަފުޒުތަކާއި މާނަތައް ވެސް ހުށަހެޅުއްވިދާނެއެވެ. އަދި ނެތް ލަފުޒުތަކުގެ ވާހަކަ ވެސް ހިއްސާކޮށްލެވިދާނެއެވެ. އެންމެން ގުޅިގެން ރަދީފު ތަރައްގީ ކުރެވިދާނެއެވެ. އަޅުގަނޑުގެ ފޯނަށް މި އެޕް އަޅައިފީމެވެ.