ނަބިއްޔާ صلى الله عليه وسلمގެ ހިތްޕުޅުގެ ނިއަނެތިކަން (1)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ނަބިއްޔާ ﷺގެ ހިތްޕުޅުގެ ނިއަނެތިކަމަކީ އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅުގެ ޢަމަލީ ޙަޔާތްޕުޅުންނާއި ސީރަތުން ފެންނަ އެންމެ ކުލަ ރީތި ތަޞްވީރުތަކުން ތަޞްވީރެކެވެ. އެއީ ހަރުކަށިކަމާއި ހިންސައިން ފުރިފައިވާ ދުނިޔެއެއްގައި އޯގާވެރިކަމާއި މަޑުމައިތިރިކަމުގެ ލާސާނީ މިސާލެކެވެ.
ބަސްމޮށުމާއި މުޢާމަލާތުތަކުގައި ހަރުކަށިކަން ފެތުރި އާންމުވެފައިވާ ދުނިޔެއެއްގައި ނިއަނެތިކަން ވެފައިވަނީ ނިކަމެތިކަމަކަށެވެ. އެކަކު އަނެކަކަށް ހިތްވަރުދެމުން ދިޔައީ އަނިޔާވެރިކަމަށެވެ. އަށަގެންފައިވަނީ ބަދަލުހިފުމުގެ ރޫޙެވެ. ވަލުޖަނަވާރުގެ ވެށީން ނުކުމެ އިންސާނުންނާ އެކު ދިރިއުޅުމަށް ޓަކައި ނިއަނެތި ހިތްތަކަށް ވަނީ ބޭނުންވެފައެވެ. މި އަގު ބޮޑު އުންމީދު ޙަޤީޤަތަކަށް ހައްދަވައިދެއްވީ ނިއަނެތި ހިތްޕުޅުގެ ވެރިޔާ ލޮބުވެތި ރަސޫލާ މުޙައްމަދު ﷺއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ނިއަނެތިކަމާއި އޯގާވެރިކަން ލިބިފައިވަނީ ހަމައެކަނި އިންސާނުންނަށާއި ދޫނިސޫފާސޫތްޕަށާއި ޖަނަވާރުންނަށް އެކަންޏެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ ދިރުންނެތް އެއްޗެއްސަށް ވެސް މެއެވެ.
الله تعالى އެކަލާނގެ ނަބިއްޔާ ﷺއަށް ވަނީ ނިއަނެތިކަމުގެ އަހައްމިއްޔަތު ބަޔާންކޮށްދެއްވައިފައެވެ. އެކަލާނގެ ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި އެއީ ﷲގެ ނިޢުމަތެކެވެ. އެއީ މީސްތަކުންގެ މެދުގައި އޯގާވެރި ޖަމާޢަތްތައް ޤާއިމުކުރުމަށް ބޭނުންވާ ވަރަށް މުހިންމު ބަހާއެކެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. ((فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ [1] -އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرةން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވި ނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ))
ނަބިއްޔާ ﷺ އަކީ ހިނިވަރުނަކުރެއްވުމާ އެކު ފުސްމޫނުހެއްދެވުމެއް ނެތި މީހުންނާ ބައްދަލުކުރެއްވި ބޭކަލެކެވެ. ލުއިފަސޭހަކަމާ އެކު މުޢާމަލާތުކުރެއްވި މީހުންނަށް އޯގާވެރި ރަޙްމުވެރި ބޭކަލެކެވެ. މީހުން ދެކެ ކޯފާނުވާ މީހުންނާ ދިމާއަށް ނުރުހުމުގެ ބަސް ވިދާޅުނުވާ ބޭކަލެކެވެ. ދުވަހަކު ވެސް މީހެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ.[2]
ރަސޫލާ ﷺ އެކަލޭގެފާނުންގެ އަޞްޙާބުންނަށް ނިއަނެތިކަމާއި މަޑުމައިތިރިކަމާއި އޯގާވެރިކަން ޢަމަލީ ގޮތުން ދަސްކޮށްދެއްވިއެވެ. އެކަލޭގެފާނު ރޭގަނޑު ޞަޙާބީއެއްގެ ގެކޮޅަށް ވަޑައިގެން ސަލާން ގޮވައިލައްވަނީ ނިދައިފައި އޮންނަ މީހާ ހޭނުލެވޭ ވަރަށެވެ. ހޭލައި އުޅޭ މީހާއަށް އެކަނި އިވޭ ވަރަށެވެ[3]. ރަސޫލާ ﷺ ސަލާންގަލާމުގެ ޝަޢީރާ އަދާކުރުމުގެ މުހިންމުކަން ދަސްކޮށްދެއްވާން ބޭނުންފުޅުވެއެވެ. އެހެނަސް މި ޝަޢީރާ އަދާކުރައްވާ އިރު، މީހުންގެ ޙާލަތަށް ރިޢާޔަތް މި ވަނީ ކުރައްވައިފައެވެ. ނިދައިފައި އޮތް މީހާ އަރާމުކުރަމުންދާ ވަގުތަކަށް ވާތީ އޭނާއަށް އުދަނގުލެއް ޖައްސަވާކަށް އެދިވަޑައެއް ނުގަންނަވައެވެ. މި ތާނގައި އެކަލޭގެފާނު މި ވަނީ އިސްލާމްދީނުގެ އުޞޫލުތަކަށާއި ނިދައިފައި އޮތް މީހާގެ ޙާލަތަށް ރިޢާޔަތް ކުރައްވައިފައެވެ. އެކަލޭގެފާނުގެ އަރިހުން އެކަލޭގެފާނުގެ މިތުރު ޞަޙާބީން މި ތަރުބިޔަތު ލިބިވަޑައިގަތެވެ. މި ފިލާވަޅުތައް އުނގެނިވަޑައިގަތެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((كانتْ أبوابُ رسولِ اللهِ صلّى اللهُ عليه وسلَّم تُقرَعُ بالأظافيرِ[4] - ރަސޫލާ rގެ ދޮރުކޮޅުތަކުގައި ޓަކިދެވެނީ ނިޔަފަތިތަކުންނެވެ.)) އެއީ ރަސޫލާއަށް އުދަނގޫފުޅު ވެދާނެތީއެވެ. ދޮރުގައި މަޑުމަޑުން ޓަކިދިނުމުން އެތެރޭގައި ތިބޭ ބަޔަކަށް އަޑު އިވޭ ނަމަ، ދޮރުގައި ބާރަށް ތެޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެ ކަމުގެ ސަބަބުން މީހުންނަށް އުދަނގޫވުމުގެ އިތުރަށް އެ ކަމުގެ ސަބަބުން ދޮރަށް ގެއްލުން ވެސް ލިބިދާނެއެވެ.
ރަސޫލާ ﷺގެ ޞަޙާބީންގެ ޢަމަލުފުޅުތަކާ މެދު ވިސްނައިލަމާ ހިނގާށެވެ. އެ ބޭކަލުން އެކަލޭގެފާނަށް އުދަނގޫފުޅު ވެދާނެތީ އަޑުފުޅު ނޫފުއްލަވަތެވެ. މިއީ މުދައްރިސުން ފަދަ މުރައްބީންނަށް ލިބިގެންވާ ދަރުސެކެވެ. ދަރިވަރަކަށް ކުށެއް ކުރެވުމުން އެ ކުދީންނާ ދިމާއަށް އަޑުގަދަކުރާ މަންޒަރު ފެނެއެވެ. އަޑު އުފުއްލުމަކީ އެ ކުއްޖާގެ ޝަޚުޞަށް ކުރެވޭ އިހާނެތިކަމެކެވެ. އެއީ އޭނާގެ ކުށަށް ކިޔުނު ފާޑުކިޔުމެއްނޫނެވެ. ﷲ ތަޢާލާ މޫސާގެފާނަށާއި ހާރޫނުގެފާނަށް އަމުރުކުރައްވާފައި ވަނީ ފިރުޢައުނު ގާތަށް ވަޑައިގެން އޭނާއާ ރިވެތި ބަހުން މުޚާޠަބުކުރެއްވުމަށެވެ. އޭނާ ކަލާނގެކަމަށް ދަޢުވާކޮށް މިޞްރުގެ ރައްޔިތުން އޭނާއަށް ސަޖިދަޖައްސުވައި ޔަހޫދީންގެ ފިރިހެނުން މަރައި އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަންނަމުން ދިޔަ އިރުގައި ވެސް އެކަލޭގެއަށް ޤަދަރުކުރެއްވުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( فَقُولا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى[5] - ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.))
މީހުންނާ ރިވެތި ބަހުން މުޢާމަލާތު ކުރުމުން އެއިން ފައިދާ ލިބޭނެކަން މާތްﷲގެ ބަސްފުޅުގައި މި ވަނީ ބަޔާންކުރައްވައިފައެވެ.
ސުންނަތާ ބެހޭ ޙަދީސްފޮތްތައް ބުނާގޮތުގައި ރަސޫލާ ﷺ ނަމާދުފުޅުކުރައްވާ އިރުގައި ވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި މި ނިއަނެތިކަމުގެ ތޮޅުންތަކާއި ޝުޢޫރުތައް މެދުކެނޑިގެން ނުދެއެވެ. ދަރިފުޅުގެ ކުލުނާއި ލޯތްބާ ގުޅިފައިވާ މަންމަގެ ހިތުގެ ޝުޢޫރުތަކަށް ޚާއްޞަ ޢިނާޔަތެއް ދެއްވައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنِّي لَأَدْخُلُ في الصَّلاةِ وأَنا أُرِيدُ إطالَتَها، فأسْمَعُ بُكاءَ الصَّبِيِّ، فأتَجَوَّزُ في صَلاتي ممّا أَعْلَمُ مِن شِدَّةِ وجْدِ أُمِّهِ مِن بُكائِهِ[6] - ހަމަކަށަވަރުން ތިމަންކަލޭގެފާނު ނަމާދު ދިގުކޮށް ކުރައްވާން ގަސްތުކުރައްވައިގެން ނަމާދުކުރައްވާން ފައްޓަވަމެވެ. އެހެނަސް ތިމަންކަލޭގެފާނަށް ކުޑަކުއްޖަކު ރޯ އަޑު އިވިވަޑައިގަތުމުން ނަމާދު ކުރުކުރައްވަމެވެ. އެ ކުއްޖާގެ ރުއިމުގެ ސަބަބުން އެކުއްޖާގެ މަންމަގެ ހިތުގައިޖެހޭނެ މިންވަރުގެ ބޮޑުކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ.))
މައިންގެ ކުލުނުގެ ޝުޢޫރުތައް ރިޢާޔަތްކުރައްވާ ގޮތަށް ލޮބުވެތި ނަބިއްޔާ އެކަލޭގެފާނުގެ އުންމަތަށް ނިއަނެތިވެވަޑައިގަތެވެ. މި އުންމަތުން ދެކެވަޑައިގަތް ބަޔަކަށާއި ދެކެވަޑައިނުގަންނަވާ ބަޔަކަށެވެ. މާތްﷲ ރުއްސުންލެއްވި ޢަބުދުﷲ ބިން ޢަމްރު ބުނުލްޢާޞް ވިދާޅުވިއެވެ. ނަބިއްޔާ ﷺ އިބްރާހީމުގެފާނާ ބެހޭ ﷲގެ ބަސްފުޅު (( رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ [7]- އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. )). އަދި ޢީސާގެފާނާ ބެހޭ ބަސްފުޅު ((إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ[8] - އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާ ނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާ ނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.)) ކިޔަވައިވިދާޅުވުމަށް ފަހު އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް އުފުއްލަވައި މާތް ﷲއަށް ދެންނެވިއެވެ. ((ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މި އަޅާގެ އުންމަތް! މި އަޅާގެ އުންމަތް!)) މި ފަދައިން ދަންނަވައި ކީރިތިފުޅުކުރެއްވިއެވެ. ފަހެ اللهُ عَزَّ وَجَلَّ ވަޙީކުރެއްވިއެވެ. އޭ ޖިބްރީލުގެފާނޭވެ! މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު ކީރިތިފުޅުކުރެއްވީ ކޮން ކަމަކާ ހެދިތޯ އައްސަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން މާ ބޮޑުވެގެންވެއެވެ. ފަހެ ޖިބްރީލުގެފާނު ރަސޫލާ އަރިހަށް ވަޑައިގެން ސުވާލުކުރެއްވިއެވެ. އަދި ރަސުލާ ޖިބްރީލުގެފާނަށް އެ ކަމުގެ ޚަބަރުދެއްވިއެވެ. އެކަލާނގެ އެ ކަންތައް މާ ބޮޑަށް ދެނެވޮޑިގެންވެއެވެ. ﷲ ވަޙީކުރެއްވިއެވެ. އޭ ޖިބްރީލުގެފާނޭވެ! މުޙައްމަދުގެފާނު އަރިހަށް ވަޑައިގެން ދަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ އުންމަތުގެ ކަންތައްތަކުގައި ކަލޭގެފާނު ރުހިވަޑައިގަންނަވާ ގޮތަށް، ތިމަންރަސްކަލާނގެ ކަންތައްތައް ކުރައްވާހުށީމެވެ. އަދި ކަލޭގެފާނަށް އެއްވެސް ނުބައި ކަމެއް ނުޖައްސަވާ ހުށީމެވެ.))[9]
(ނުނިމޭ)
ހިންސަ ނ. ގަދަބާރު ދެއްކުމާއެކު ހިންގާ އަނިޔާވެރި ނުވަތަ ގެއްލުންދެނިވި ޢަމަލު.
ނިއަނެތިކަން ނ. (1) މަޑުމައިތިރިކަން. (2) އަބުރުވެރިކަން.
ލާސާނީ ނއ. އެ ފަދަ ދެވަނައެއް ނެތް.
ބަހާ ނ. (1) ގެލަހަރު. (2) ބައި. (3) އެއްޗެއް އުފައްދާން ބޭނުންވާ އަސާސީ ޢުންޞުރު.
[1] - آل عمران: 159]
[2] - زهرة التفاسير للشيخ محمد أبو زهرة
[3] - القسطلاني : إرشاد الساري ( ٩/١٣٧)
[4] - أخرجه البخاري في ((الأدب المفرد)) (١٠٨٠)، وأبو يعلى كما في ((إتحاف الخيرة المهرة)) (٦/٥٠) والبيهقي في ((شعب الإيمان)) (١٥٣٠)
[5] - طه : 44
[6] - أخرجه البخاري ( 709) و مسلم (470 )
[7] - إبراهيم:36
[8] - المائدة:118
[9] - أخرجه مسلم (٢٠٢)