Advertisement

ބާރަށް ދުއްވާ ރޭލުގެ މަޝްރޫޢުން ޗައިނާއަށް ލިބެނީ ގެއްލުންތަ؟

.

ސީނުކަރައިގައި ބާރަށް ދުއްވާ ރޭލުގެ 18 މަގުގެ ތެރެއިން މާލީ ގޮތުން ފައިދާ ލިބެނީ އެންމެ ހަ މަގަކުންނެވެ. އަނެއް 12 މަގަކީ ގެއްލުމުގައި ހިންގާ މަގުތަކެކެވެ. މި ދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ސީނުކަރައިގައި ބާރަށް ދުއްވާ ރޭލުތަކުން ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް ދައްކައެވެ.

އެހެންވީމާ، ވިޔަފާރީގެ އުސޫލުން ދުރު ތިބީންގެ ނަޒަރުން ބަލާ އިރު، ބާރަށް ދުއްވާ ރޭލުގެ މަޝްރޫޢަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގާ ކުންފުންޏެކެވެ. ނަމަވެސް ތަންކޮޅެއް ފުންކޮށް ފުޅާކޮށް މުޅި މަޝްރޫޢުގެ ވަށައިގެންނާއި އެތެރެއަށް ނަޒަރެއް ދިފި ނަމަ، ފެންނަ ފެނުމާ ހަގީގަތާ ތަފާތު ވެސް ވެދާނެއެވެ.

ސީނުކަރައިގެ ނަޒަރުން ބަލާ އިރު، ބާރަށް ދުއްވާ ރޭލުތައް ހިންގުމަކީ ވިޔަފާރިއެއް ނޫނެވެ. ބާރަށް ދުއްވާ ރޭލުދަގަނޑުގެ މަޝްރޫޢަކީ އިޖުތިމާޢީ ބިނާރުގެ ވައްތަރެކެވެ. މި ރޭލުތަކުގެ ވުޖޫދަކީ، މުޅި އިޖުތިމާޢީ އިގުތިސާދީ ތަރައްގީއަށް ޓަކައި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ، މުޅި މި މަޝްރޫޢުގެ މަގުސަދެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ދައުލަތުގެ ވިޔަފާރި ކުންފުންޏެއްގެ ގޮތުން ޗައިނާ ރެއިލްވޭ ކޯޕަރޭޝަނަށް ބޮޑު މާލީ ގެއްލުމެއް ތަޙައްމަލުކުރާން ޖެހެއެވެ. އެ ގެއްލުން ފޫބައްދަނީ ކޮންމެ އަހަރަކު ސަރުކާރުން އެ ކުންފުންޏަށް ދޭ ސަބްސިޑީއިންނެވެ.

ސުވާލަކީ އެހާ ގިނަ ޢަދަދެއްގެ ފައިސާ މި ރޭލުތައް ހިންގައި ބެލެހެއްޓުމަށް ޓަކައި، ސަބްސިޑީގެ ގޮތުގައި ޗައިނާ ސަރުކާރުން ދެނީ ކިހިނެއްހެއްޔެވެ؟ ކީއްވެގެންހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. ޗައިނާއިން ފުރަތަމަ ގާއިމުކުރި ރޭލު މަގު، ބެއިޖިންގ-ޝަންގހާއީ ރޭލްވޭ މަޝްރޫޢުން ގެއްލުންވި ކޮންމެ ޑޮލަރަކަށް 1.8 ޑޮލަރުގެ ކުރިއެރުމެއް އެ ގައުމުގެ އިގުތިސާދި ތަރައްގީއަށް އައުމަކީ ލިބުނު ހައިރާން ކަމެކެވެ.

ރޭލުވޭ މަޝްރޫޢު ފުރިހަމަކޮށް ނިންމިތާ ތިން އަހަރު ވީ އިރު ސަރުކާރަށް ޓެކުހުން ލިބުނު އާމްދަނީ 68 އިންސައްތަ އިތުރުވިއެވެ. މި ސަރަހައްދުގެ އިގުތިސާދި ދުވެލި، އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު 1.5 ގުނައަށް އަވަސްވިއެވެ.

ހަމަ މި މުއްދަތުގައި މުހިންމު 140 ވިޔަފާރިއަކާއި 500 ކުމެވި، (ކުދި ފަންތީގެ ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި) ރެއިލްވޭގެ އެކި ބައިތައް (ސްޕެއަރ ޕާޓްސް) އުފެއްދުމަށް ޓަކައި ވުޖޫދަށް އައެވެ. 200 ބިލިއަން ޔުއާންގެ ސިނާޢަތެއް އުފަންވިއެވެ. މި ސިނާއަތްތަކުން އެތައް ހާސް ވަޒީފާއެއް އިތުރުވިއެވެ. ހަމައެކަނި މި ރޭލްވޭތައް ގާއިމުކުރުމުގެ މަޝްރޫޢު ހިންގުމަށް ޓަކައި، އެއް ލައްކައަށް ވުރެ، ގިނަ މީހުންނަށް ވަޒީފާ ލިބުނެވެ.

ޗައިނާގެ ނަޒަރުގައި މުޅި މި މަޝްރޫޢުގެ އާޚިރު ނަތީޖާއަކީ، ބާރަށް ދުވާ ރޭލުގެ މަޝްރޫޢު، މުޅި ޗައިނާގެ އިގުތިސާދުގެ މައި އިންޖީނަށް ވުމެވެ.

ބާރަށް ދުވާ ރޭލުގެ މަޝްރޫޢު ގާއިމުކުރުމުގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއެވެ. ބާރަށް ދުއްވާ ރޭލުވޭ ބިނާކުރުމަށާއި ހިންގައި ބެލެހެއްޓުމުގެ މަޝްރޫޢަށް ވުނަކުރާ ފައިސާއަކީ އެ މަޝްރޫޢުގެ މުގާބިލުގައި ގެއްލުމެއް ނަމަވެސް މުޅި މި މަޝްރޫޢުގެ ސަބަބުން މުޅި ޗައިނާގެ އިގުތިސާދަށް އާދަޔާ ޚިލާފު ކުރިއެރުމެއް ލިބެއެވެ.

ދިވެހިރާއްޖޭގައި 2018 ވަނަ އަހަރު އިފުތިތާޙުކުރި ސިނަމާލޭ ބުރިޖުގެ މަޝްރޫޢަކީ ވެސް މި ފަދަ މަޝްރޫޢެކެވެ. ލޯނެއް ނަގައިގެން ބޮޑުއަގުގައި ބިނާކުރި ބުރިޖު މަޝްރޫޢަކީ ފައިސާގެ ގޮތުން ގެއްލުމެކެވެ. ނަމަވެސް އެ މަޝްރޫޢުގެ ސަބަބުން ދިވެހި ޤައުމަށް ލިބުނު އިޖުތިމާޢީ އަދި އިގުތިސާދީ ތަރައްގީއަކީ ވިޔަކުރަން ވެސް ނޭނގޭ ވަރުގެ ބޮޑު ތަރއްގީއެކެވެ. ވިއްސާރަ މޫސުމުގައި ހުޅުލެއަށާއި ހުޅުމާލެއަށް ކުރާން ޖެހުނު އުނދަގޫ ދަތުރުތަކާއި ހުޅުމާލޭ ވިޔަފާރިތަކަށް މާލެއިން މުދާ ގެންދިޔުމުގައި އުފުއްލާން ޖެހުނު ތަކުލީފުތައް މިއަދު ހަނދާން ނެތުނަސް ކޮފީއެއް ބޮއިލާން ވެސް ހުޅުމާލެއަށް ދަތުރުކޮށްލުމަކީ މިއަދު ދާދި ފަސޭހަ ކަމެކެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ކުރިއެރުން އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ. މީގެ އިތުރަށް ފަތުރުވެރިކަމަށް ވެސް ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބެއެވެ. އަދި އަލިފާނުގެ ނުރައްކަތެރި ހާދިސާއެއް ހިނގިޔަސް އެއަރޕޯޓުގައި ހުންނަ އަލިފާން ނިއްވާ ސާމާނު ފަސޭހައިން މާލެ ގެނެވޭ ގޮތްވުމުން އެތައް ނުރައްކަލެއް ކުޑަކޮށްލެވެއެވެ،

އެހެންވީމާ، ގައުމީ މަޝްރޫޢުތައް ރާވައި ހިންގާން ޖެހޭނީ ދުރު ރާސްތާއަށް މުޅި ގައުމުގެ ހުރިހާ ދާއިރާއެއްގެ ތަރައްގީއަށް އެ މަޝްރޫޢަކުން ލިބޭނޭ ފައިދާތައް ދިރާސާކޮށްފައެވެ. ޗައިނާގެ ރޭލުވޭ މަޝްރޫޢަކީ ދުރު ތިބީންނަށް ބޭރު ފުށުން ބަލާ އިރު، ގެއްލުމުގައި ހިންގާ މަޝްރޫޢެއް ނަމަވެސް އެ މަޝްރޫޢުގެ ހަގީގަތަކީ އަންދާޒާ ކުރާން ވެސް ނޭނގޭ ވަރުގެ ބޮޑު ތަރައްގީއެއް އިޖުތިމާޢީ-އިގުތިސާދީ ތަރައްގީގެ މައިދާނުގައި މުޅި ޗައިނާއަށް ލިބެމުންދާކަމެވެ.

Advertisement

ކޮމެންޓް
މަރީ
ޗައިނާ ކުރިއަރައިގެން އަންނަނީ މި ގޮތަށް ދުރު ރާސްތާއަށް ވިސްނައިގެން އިގުތިސާދީ މަޗްރޫޢުތައް ހިންގާތީއެވެ. ދިވެހިރާއްޖެއިން ވެސް ފިލާވަޅު ލިބިގަންނާންވީ ކަމެއްކަަށް ދެކެން.
28 Oct 2023