Advertisement

ދިވެހީންގެ ކުރިމަގާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނާން ވެއްޖެއެވެ.

15 Sep 2024 | 00:17
ރާއެރިކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރައިފައި އޮތް، މިހާރު ހީނަރުވެފައިވާ އެކަމަކު ފައިދާހުރި މަސައްކަތެކެވެ.

މުޙަންމަދު ނަޞީރު ޢަލީ

އެއްވެސް ޝައްކެއް ނެތެވެ. ދިވެހިންގެ ކުރިމަގާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނާން ވެއްޖެއެވެ. ސަލާންޖަހާ ނާށިގަނޑު ހިފައިގެން މުޅި ދުނިޔޭގައި މި ދުވާ ދުވުން ހުއްޓައިލައި، އަތްފައިން މަސައްކަތްކޮށްގެން، މި ރާއްޖޭގައި ހުރި އެއްޗެހީގެ ފައިދާ ވެސް ހޯދައިގެން އަމިއްލަ ފައިމަތީގައި ވެސް ދިރިއުޅޭން ދަސްކުރާން ވެއްޖެއެވެ.

މި މާސިންގާ ކަނޑުގެ މެދުގައި އޮތް މި ރާއްޖޭގެ ރިސޯޓްތަކުން ގެސްޓުންނަށް ގިނައިން ކާން މި ދެނީ އަރަބިކަރައިގެ ޢުމާނުން ގެންނަ އިއްސެވެ. މި ރާއްޖޭގެ ރަށްރަށުގައި ހެދިފައި މިހިރަ އެތަކެއް ހާސް ދިވެހިރުއްތައް މީދާތަކަށް ހަމަހިލޭ ދީފައި، މި ރާއްޖޭގެ ބަދިގެތަކަށް ވައްދައިގެން ބޭނުން މި ކުރަނީ ތައިލެންޑާއި ފުރެއްދެ ކަރަކަރައިން ގެންނަ ކާށިކިރެވެ. މި ޤައުމުގެ ލޭފަވެތި ޒުވާނުން ކުރާނެ ކަމެއް ނެތިގެން މަގުމަތިވާން ދޫކޮށްފައި، ކަންމަތީ ފިހާރަތަކުގެ ވަތްގަނޑުތަކަށް ދާންދެން ދީފަ މިހިރީ ބިދޭސީ ކަޗޯރުންނަށެވެ. ލާރިފޮއްޗެއް ލިބޭތޯ ގެދޮރުވިއްކައިގެން ދައްލާލުންނަށް ލާރިދީފައި އައިސްތިބި ބަޔަކާ ބޮޑުފިހާރައިގެ ކޭޝް ކައުންޓަރު ހަވާލުކުރުމެކޭ ބުޅާ އައިނަކާ ވަޅޯމަސް ދޮލަގެއް ހަވާލުކުރުމެކޭ ވަކި ތަފާތެއް އޮންނާނެތޯއެވެ؟

ބައެއް މީހުން ބުނާ ގޮތުގައި ދިވެހިރާއްޖޭގެ ރަށެއްގައި ބަނޑުފުރާނަ މުއްތިކުރެވޭ ހައި މިންވަރުގެ އާމްދަނީއެއް ވެސް ލިބޭކަށް ނެތެވެ. އަދާކުރާނެ ވަޒީފާއެއް ނެތެވެ. ކުރާނެ ފައިދާ ހުރި މަސައްކަތެއް ނެތެވެ. އެކަމަކު، އެއީ ޙަޤީޤަތެއް ނޫންކަން، ކޮންމެ ރަށެއްގައި ވަޒީފާ އަދާކުރާން އައިސް މި ތިބަ ބިދޭސީންގެ ބޯގުނައިލުމުން އެކަނި ވެސް ސާފުކޮށް އެނގެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ލުބް އޮއިލްތަކުގެ އަގާ އަޅައި ބެއްޔަސް ދިވެހިހަކުރާއި، ރިހާކުރުގެ އަގު އުޅޭނީ މާ މަތީގައެވެ. ކޯކާއި ޕެޕްސީ ކިތަންމެ ތިޔާތްގަސް، ދިވެހިރުކުރާ ލިބެން ނެތް ކިތަންމެ ރަށެއް ދިވެހިރާއްޖޭގައި އެބަ ހުއްޓެވެ. ބޮލެއް ކޮށިޔަސް، ތަނެއް ހެދިޔަސް، އަހެއްޖެހިޔަސް އެ ކަމެއް ކުރާން ހުންނާނީ ބޭރު މީހެކެވެ. ހިރުވާ ތަނެއް ކަހައިލާން ވެސް ކަމުދަނީ ބޮންދެކެވެ. ދަށުންލާ އަންނައުނުގަނޑު ދޮވެލައި ނިދާއެނދު ތަންމަތި އަޅައިލާން ވެސް ހުންނާން ޖެހެނީ ނޭޕާލުގެ ނުވަތަ މަނީޕާލުގެ ލޯކުޑަ ދޮން މަންޖެއެކެވެ. ސަހަރޯއެވެ! ދިވެހީންގެ އަބުރުވެރިކަމާއެވެ!

ދަނޑުގޮވާމާއި ކަނޑުގޮވާމުގެ ވާހަކަ ނުދައްކަވާ ބޭފުޅަކު ވެރިކަމަކަށް ނާރުއްވައެވެ. ނޫއިގުތިސޯދުގެ ނޫޓުން ފޮޓޯހަދައިގެން އައި ބަޔަކު ވެސް ރަށްރަށުގައި އެނބުރުނެވެ. އެ ކިޔަނީ ކީކޭކަމެއް އަދިއަދަށް ވެސް ރައްޔިތަކަށް ފަހުމްވެފައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައްޔިތުންނަށް ކަންކަން ކިޔައިދޭން ލީޑަރުންނޭ ކިޔައިގެން ނުކުމެ މި ތިބަ މީހުން ކުރާތީ ފެންނަ ކަމަކީ، ވެރިކަން ލިބެންދެން އެ ކަމަކާ ރޮއިހޭރި ހުރި ކަތީބަށް ވަގަށް ގޮވައި، ގޭގޭގައި ތިބޭ ޅަދަރިންނާއި މުސްކުޅީންނަށް ދާންދެން އެންމެންގެ ގާތަށް ގޮސް ކުކުރުމެވެ. ވެރިކަން ލިބުމުން ވެއްޓެންދެން ކުރާކަމަކީ، މުޅި ދުނިޔޭގައި ނާށިގަނޑު ހިފައިގެން ދުވެ ސަލާންޖަހައި، ލޭންދޭނަށާއި، ރަހުނަށާއި، ހިތްހެޔޮކަމަށާއި، އިންނަ މަތީން ވިޔަސް ލާރިފޮއްޗެއް ލިބޭތޯ ބަލައި ލިބިއްޖެއްޔާ އެ އެއްޗެއް ބަހައިގެން ވެސް ދެވަނަ ދައުރެއް ލިބޭތޯ މަރުފަލިޖެހުމެވެ.

ޤައުމު މުއްސަނދިވާނެ ކިތަންމެ ކަންތައްތަކެއް އަޅައި ވެސް ނުލައި ދޫކޮށްލައިފައި އެބަ ހުއްޓެވެ. ކަނޑުތަކުގައި، އަތްނުލައި އެތައް ޚަޒާނާތަކެއް އެބަހުއްޓެވެ. ފަރުމަހުގެ ބާވަތްތަކާއި، ކަންނެލީގެ ވައްތަރުތަކާއި އިއްސާއި ޑިނގާއާއި ހުއިފިލަނޑާގެ ބާވަތްތަކާއި އިތާމުތަކީ ރާއްޖޭގެ ކަނޑުފަޅުތަކުގައި ގޮވާންކޮށް އަހަރަކު އެތައް މިލިޔަން ޑޮލަރެއްގެ ބޭރުފައިސާ ހޯދޭނެ އައު ޞިނާޢަތްތަކެވެ. ރާއްޖޭގެ ރަށްރަށުގައި ހުރި ދިވެހިރުކުން ލިބޭ ކާށީގެ ފައިދާ ހެޔޮގޮތުގައި ހޯދުމަށް ކާށިކިރާއި ކުރުނބާ އައިސްކްރީމްފަދަ ތަކެތީގެ އިތުރުން ރުކުރަލާއި ދިޔާހަކުރާއި ރިހާކުރު އުފެއްދުމަށް ފެކްޓްރީތައް ހަދައި އެ ޞިނާޢަތްތައް ވެސް އިންޑަސްޓްރިއަލައިޒް ކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދޮންކޭލާއި ކުކުޅުބިހާއި ކުކުޅުމަހަކީ ވެސް ރާއްޖޭގެ އެތެރޭގެ ބޭނުންތަކަށް ރާއްޖޭގައި އުފެއްދޭނެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ.

އާދޭހެވެ! ރައްޔިތުން މުއްސަނދި ކުރުމަށް ޓަކައި ކުރާނެ ކަންކަމާއި ކުރެވޭނެ ގޮތް ނެތީއެއް ނޫނެވެ. މަގުދައްކައި ވާގިވެރިވެ އެހީތެރިވާނެ މީހުންނާއި ޢަމަލީގޮތުން ކުރާން ބޭނުންވާ ބަޔަކު ނެތީއެވެ. ރައްޔިތުން މުއްސަނދިވެ އަމިއްލަ ފައިމައްޗަށް ހިންދެމިލައިފިއްޔާ ދެން ތިމަންމެންގެ ފައިމައްޗަށް ގުދުނުވާނެކަން އެނގޭތީ އެ ކަން ރައްޔިތުންނަށް ކޮށްދޭން ކެރޭ ވެރިބަޔަކު ވެސް އަދި ނާންނަނީއެވެ. ދަރައިދަރައި އަވަދިވެ އަނބިދަރީން ވިއްކާ ހިސާބަށް ދާއިރު ވެސް އެހެން މީހުންގެ މުއްފަތުން ކައިގެން އެ މީހުންގެ މޯހިރުން ދެވޭތޯ އެންމެން ވެސް މި ބަލަނީ ޤައުމިއްޔަތުގެ ރޫހެއް ހިތުތެރޭގައި ހަމަ ނެތީމައެވެ.

އެޑިޓަރުގެ ނޯޓް
ގއ. މާމެންދޫ މުޙަންމަދު ނަޞީރަކީ ހިންގުމުގެ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ލިޔުންތެރިއެކެވެ. މުޖުތަމަޢަށް އަންނަ ބަދަލުތަކާމެދު ފިކުރުފުޅުކުރައްވައި މުޖުތަމަޢުގެ އިޞްލާހަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އިޖުތިމާޢީ މައްސަލަތަކަށް ލިޔުއްވާ މުޙަންމަދު ނަޞީރަކީ ދިވެހިބަހުގެ ހަމަތަކަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް