ޣައްޒާގެ ހަމަނުޖެހުމަށް ފަހު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ހިމަނައިފައި ނުވާ ތަދުބީރަކަށް އިމާރާތުން ތާއީދެއް ނުކުރާނެ.
ޢަޒީޒު ޖަމާލު
އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ގެންދަނީ ފަލަސްތީނުގެ ވަސް ފޮހެލުމަށް ޓަކައި އަސްކަރީ ޢުދުވާނުތައް ހިންގުމާއެކު، މި ހަމަ ނުޖެހުންތަކަށް ފަހު ވެސް ފަލަސްތީނަށް ހަމަ އެންމެ ފުރުޞަތެއް ނުދޭށެވެ. އެ ކަމަށް ޓަކައި ޣައްޒާގައި ހިންގަމުންގެންދާ ހަމަނުޖެހުމަށް ފަހު ވެސް ޣައްޒާގެ ކޮންޓްރޯލު އިސްރާއީލުގެ އަތުގައި ބާއްވާން މަކަރުވެރި ތަދުބީރުތައްކޮށް، ޢަރަބީންގެ އާނބަސް ހޯދާން އެބަ މަސައްކަތްކުރެއެވެ.
މި ދަނޑިވަޅުގައި އެކުވެރި ޢަރަބު އިމާރާތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީވަޒީރު މި ވަނީ އެ ގައުމުގެ ސިޔާސަތު ހާމަކުރައްވައިފައެވެ. މިއަދު ޝައިޚު ޢަބްދުﷲ ބިން ޒައިދު، އެކްސްގައު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ފަލަސްތީނުގެ ދައުލަތެއް ގާއިމް ނުކުރާހައި ހިނދަކު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެއްބާރުލުން ދޭން އެކުވެރި ޢަރަބު އިމާރާތުން ތައްޔާރެއް ނޫނެވެ." މާނައަކީ ޣައްޒާގެ ކަންކަން އިންތިޒާމުކުރުމަށް އިސްރާއީލުން ރާވާ ތަދުބީރަކަށް އިމާރާތުން ތާއީދެއް ނުކުރާނެޔޭއެވެ. އެ ތާނގައި ޖެހޭނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރާށެވެ.
ޝައިޚު ޢަބްދުﷲގެ ބަޔާނުގައި ހަނގުރާމައިގެ ފަހުން "ޖެހިގެން އަންނަ ދުވަހު" ތާއިދުކުރާކަށް އޭނާގެ ގައުމުން "ތައްޔާރެއް ނޫން"ކަމަށް ވިދާޅުވެފައިވުމަކީ ވަރަށް ވަރުގަދަ މެސެޖެކެވެ.
އިމާރާތުގެ ރައީސް ޝައިޚު މުޙަންމަދުގެ ދިބުލުމާސީ މުޝީރު، އަންވަރު ޤަރުޤާޝް ވިދާޅުވީ ޝައިޚު ޢަބްދުﷲގެ ބަޔާނުން ވަރަށް ސާފުކޮށް އަންގަވައިދެއްވީ އިސްރާއީލާއި ފަލަސްތީނު ވަކި ދެ ދައުލަތެއްގެ ގޮތުގައި އޮންނަ ދެ ދައުލަތުގެ ޙައްލު ނޫން އެހެން ޙައްލެއް އިމާރާތުން ގަބޫލުނުކުރާނެ ވާހަކައެވެ. އޭނާ ވިދާޅުވީ މި ނޫން ގޮތަކަށް ރޭވޭ ރޭވުމަކުން އެ ސަރަހައްދުގެ ދާއިމީ ހަމަޖެހުމެއް ގާއިމެއް ނުކުރެވޭނެކަމަށެވެ.
"ޞާޙިބުލްއަމީރު ޝައިޚު ޢަބދުﷲ ބިން ޒައިދުގެ ބަޔާނުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަކާ ނުލައި ރޭވޭ އެއްވެސް ރޭވުމަކަށް އިމާރާތުން ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައިވުމަކީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އިމާރާތުން ކުރާ ތާއީދާއި ދެ ދައުލަތުގެ ޙައްލަށް އިމާރާތުން ކުރާ މަސައްކަތް ރިވެލިކޮށްދޭ ކަމެކެވެ." އަންވަރު ޤަރުޤާޝް ވިދާޅުވެފައިވެއެވެ.
ޔޫއެއިގެ އޮފިޝަލުން ކުރީން ވިދާޅުވެފައި ވަނީ އިސްރާއީލުން ކުރާ ހަނގުރާމައަށް ފަހު ބައިނަލްއަގުވާމީ ވަގުތީ މިޝަނެއް ގާއިމުކުރާން އެ ގައުމުން ތާއީދުކުރައްވާ ކަމަށެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިންޓަރނޭޝަނަލަ ކޯޕަރޭޝަން ރީމް އަލް ހާޝިމީ ޖުލައިމަހު ވިދާޅުވެފައިވަނީ މި މިޝަންގެ ޒިންމާއަކަށް ވާނީ އެ ސަރަހައްދުގައި ގާނޫނުތައް ތަންފީޒުކުރުމެވެ. އަދި މި މިޝަން ވާން ޖެހޭނީ ފަލަސްތީނުގެ ދަޢުވަތަކަށް އަންނަ ބަޔެއްކަމަށެވެ.
ހުކުރުދުވަހު އަންދަލޫސްގެ ވެރިރަށް މެޑްރިޑްގައި ބޭއްވި ޢަރަބި ލީގާއި އޯއައިސީއާއި ވިލާތުގެ ހަތަރު ގައުމެއްގެ ބައްދަލުވުމުގައި ވެސް އެއްބަސްވެފައިވަނީ ވެސް ދާއިމީ ސުލްޙައެއް އެ ސަރަހައްދުގައި ގާއިމުކުރުމަށް ޓަކައި ދެދައުލަތުގެ ޙަލެއް ހަމަ ކޮންމެހެން ވެސް މުހިންމުކަމަށެވެ.
ނަމަވެސް އިނގިރޭސީންގެ ވިސްނުން ހަމައެކަނި ހުރީ އިސްރާއީލަށް ބުރަވާ ގޮތަށެވެ. އިނގިރޭސި ޚާރިޖީ ކަންތައްތަކާ ބެހޭ ސެކްރެޓަރީ ޑޭވިޑް ލެމީ މި ހަފުތާގައި ބުނެފައިވަނީ މި ހަމަނުޖެހުން ނިމުމަށް ފަހު، އިސްރާއީލަށް ރައްކާތެރިކަމުގެ ކަށަވަރުކަން ދިނުމަކީ ފުރަތަމަ މަރުޙާލާގައި ވަރަށް ޚުޠޫރަތްތެރި ކަމަކަށް ވާނެކަމަށެވެ.
އޭނާގެ ހިތުގައި ޔަހޫދީންގެ ސަލާމަތާ މެދު ވިސްނުން ނޫން އެހެން ފިކުރެއް ނެތެވެ. އޭނާ ބުނަނީ "ޢަރަބި ބައިވެރީން، ޚާއްޞަކޮށް އިމާރާތުން އެ ވަނީ ކުރިއަށް ދާންވީ ގޮތާ މެދު އެބައިމީހުންގެ ކަށަވެތިކަން ބުނެފައެވެ. ނަމަވެސް މަށަށް ހީވަނީ ދަ ދައުލަތުގެ ޙައްލާ ދިމާއަށް ދިޔުމަށް ޓަކައި އޭގެ ކުރީން ދާންވީ މަގެއް ދެއްކުމަކީ އަސާސީކަމެއްކަމަށެވެ. އެހެންނޫނީ އެ ބައިމީހުންނަށް އެ ކަމުގެ ކަށަވެތިކަމެއް ނުދެވޭނެއެވެ." އޭނާ ބުނެފައިވެއެވެ.
މި ވާހަކަތަކުން އެނގެނީ ފަލަސްތީނަށް އުންމީދެއް ލިބޭނެ ވާހަކައެއް ދައްކާކަށް ވެސް އަދި ފަލަސްތީނަށް ހެވެއް އެދޭކަށް ވެސް އިނގިރޭސީންގެ ނިޔަތެއް ނެތްކަމަށެވެ. (މަޢުލޫމާތު: ދަ ނޭޝަނަލް)
________________________________________
ބައެއް ލަފުޒުގެ މާނަ:
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން.
ރިވެލި ނ. (1) އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ޖެހޭ ސަތަހައެއްގެ ސަބަބުން މިސްރާބު ބަދަލުވެ އައިކޮޅަށް އެނބުރި ދިއުމުން ފެންނަ ހިޔަނި ނުވަތަ ރާޅު ނުވަތަ އިވޭ އަޑު.
މުޝީރު ނ. ކަމަކާމެދު ލަފާދޭ މީހާ ނުވަތަ ފަރާތް، ނުވަތަ ކަމަކާމެދު ލަފާއެއް ހޯދަން މަޝްވަރާކުރެވޭ މީހާ ނުވަތަ ފަރާތް.