Advertisement

ހުކުމްތަކުގެ އަސްލެއް: މުހިންމު ފިގުހީ 'އުސޫލެއް'ގެ މައްޗަށް އަވަސް ކަޅިއެއް

27 Oct 2023 | 18:10
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މި ވާހަކަ ދައްކާން ޖެހޭ މައިގަނޑު ސަބަބަކީ މައްސަލައެއް ނަގައި، އެއާ މެދު އެއްޗެއް ބުނާ އިރަށް، އެ ބުނާ އެއްޗަކީ، އާންމު މީހުން ދެކޭ ގޮތާ ފުށުއަރާ ކަމަށް ވެއްޖެ ނަމަ، މައްސަލައިގެ މައްޗަށް ބަލައިލައި ނަޒަރު ހިންގައިލުމެއް ނެތި، މިވެނި އިލްމުވެރިޔަކު ތިޔަ މައްސަލައާ ބެހޭ ގޮތުން ބުނަނީ މިވެނިހެންނޭ ބުނެ، މައްސަލައާ މެދު ބަހުސްކުރާން ހުރަސްއަޅާތީ، އިސްލާމީ އުސޫލުތަކުގައި ކަން އޮންނަ ގޮތަކީ މިއީ ނޫންކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. ފިގުހީ ހުރިހާ މައްސަލަތަކަކީ ވެސް ބަހުސްކޮށް، އިސްލާމީ ޝަރުއީ އުސޫލުތަކުގެ އަލީގައި ހައްލު ހޯދާން ޖެހޭނޭ މައްސަލަތަކެވެ. ކޮންމެއަކަސް މިއަދުގެ ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރީން ކަމާ ބެހޭ އެހެން މައްސަލައެއްގެ ވާހަކަ ދައްކާން ޖެހެއެވެ. މިއަދު ބަޔާންކޮށްދޭން ގަސްދުކުރާ 'އުސޫލީ މައްސަލަ' ރަނގަޅަށް ސާފުވުށް ޓަކައެވެ.

އެންމެ ފުރަތަމަ މުހިންމު ބައެއް ލަފުޒުތަކުގެ މަފުހޫމު ނުވަތަ މާނަ ސާފުކޮށްލައިދޭން ޖެހެއެވެ. މި ދަންނަވާން އުޅޭ ލަފްޒުތަކަކީ އޭގައި އިސްތިލާހީ މާނައެއް، ޚާއްސަ މާނައެއް، އެކުލެވޭ ލަފުޒުތަކަކަށްވާތީއެވެ.

ފިގުހޭ ބުނެ މި ތާގައި މި އިޝާރާތްކުރަނީ އިސްލާމީ ހުކުމްތަކުގެ އިލްމަށެވެ. ޝަރުއީ ހިއްސީ މަސްދަރުތައް ކަމުގައިވާ ކީރިތި ގުރުއާނާއި ސައްހަ ސުންނަތާއި އިޖުތިހާދާއި ގިޔާސް ފަދަ މާނަކުރުމުގެ ވަސީލީ މަސްދަރުތައް މެދުވެރިކޮށް ޝަރުއީ ނައްސުތައް މާނަކޮށް، އެ ނެރެވޭ މާނަ، މާނަ ސައްހަކުރެވޭ އިޖުމާއުގެ ތަސްހީހީ މަސްދަރު މެދުވެރިކޮށް ހުކުމަތައް ވަކިގޮތަކަށް ކަނޑައަޅައި ބަޔާންކޮށްދޭ އިލްމަށެވެ.

ޝަރުއީ ހިއްސީ މަސްދަރުތައް، އެއީ ހުކުމްތައް އޭގެ ނަޒަރީ ސިފައިގައްޔާއި އަދި އަމަލީ ސިފައިގައި ބަޔާންކުރެވިފައިވާ މަސްދަރުތަކެވެ. ނަޒަރީ ސިފައޭ ބުނަނީ އޭގެ މައްޗަށް އަމަލުނުކުރެވި އޮންނަ ހާލަތަށް އިޝާރަތްކުރުމަށެވެ. އަމަލީއޭ ބުނެ އިޝާރަތްކުރެވެނީ އެ ހުކުމުތަކަށް އަމަލުކުރެވިފައި އޮންނަ އޮތުމަށެވެ. މި ކަން ބަޔާންކުރެވިފައިވަނީ ކީރިތި ރަސޫލާﷺގެ ސުންނަތުގައެވެ. މި ސުންނަތް އެންމެ ފުރަތަމަ ކީރިތި ރަސޫލާﷺގެ ދުވަސްވަރާއި އަދި، އެ ދުވަސްވަރާ ވިދިގެން އައި އަސްހާބު ބޭކަލުންގެ ދުވަސްވަރު އަމަލީ ގޮތެއްގައި ފެނިގެން ދިޔައެވެ. ދެން، އޭގެ ފަހުން، މި ސުންނަތް ތަދުވީންކުރެވުނެވެ. މާނައަކީ ފޮތްފޮތުގައި ލިޔެވުނެވެ. މި ސުންނަތްތައް ފޮތްތަކުގައި ލިޔެވި ތަދުވީންކުރެވުމުން، އެއަށް ހަދިސްއޭ ކިޔެއެވެ.

އިޖުތިހާދާއި ގިޔާސަކީ، ކީރިތި ގުރުއާނައި ސުންނަތުގެ ޝަރުއީ ނައްސުތަކުގެ މައްޗަށް ފިކުރީ ނަޒަރު ހިންގައި, އެ ނައްސުތަކުގެ މާނަ ބަޔާންކުރާ ވަސީލަތެވެ. އެހެންވެ، މި މަސްދަރަށް މާނަކުރުމުގެ ވަސީލަތޭ ކިޔުނީއެވެ. އިޖުމާއަކީ އިޖުތިހާދު ނުވަތަ ގިޔާސުގެ އަލީގައި ޝަރުއީ ނައްސުތަކުން ހުކުމެއް ނެރުމަށް ފަހު، އެ ހުކުމް ހިންގައިލުމުގެ ކުރީން އޭގެ ސައްހަކަން ކަނޑައަޅައިލުމުގެ ގޮތުން، ކަމާ ބެހޭ ފަރާތުން އެ ހުކުމާ މެދު ބަހުސްކުރުމަށް ފަހު، އެއްބަސް ވެވޭ ގޮތެވެ. އެހެންވެ، އިޖުމާއަށް ތަސްހީހީ ނުވަތަ ސައްހަކުރުމުގެ މަސްދަރޭ ކިޔުނީއެވެ.

މި ދެންނެވި ލަފުޒުތަކުގެ މާނަތަކަކީ އެންމެ އިހުގައި، އެހެން ގޮތަކަށް ދަންނަވާ ނަމަ، ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރު މި އެ ލަފުޒުތަކުގެ މާނައޮތް ގޮތެވެ. އިސްލާމީ ފިގުހު އުފެދި، އެއަށް ފުރިހަމަ ސޫރަ ލިބި އަދި، ފިގުހީ އުސޫލުތައް ކަނޑައެޅި އެ ކަމާ ބެހޭ ފޮތްތައް ލިޔެވުމުން، މި ދެންނެވި ލަފުޒުތަކުގެ ތެރެއިން ގިޔާސުގެ މާނައާއި އިޖުމާއުގެ މާނަ ކޮންމެ ވެސް ވަރަކަށް ބަދަލުވިއެވެ. ގިޔާސްގެ މާނަ އިޖުތިހާދުގެ ތެރެއިން ނެރެވި، ވަކިކުރެވި، ގިޔާސާއި އިޖުމާއަކީ ވެސް، ޝަރުއީ ހިއްސީ ނުވަތަ މާއްދީ މަސްދަރުތަކަކަށް ވެގެން ވީއެވެ. މި ކަމުގެ އާޚިރު ނަތީޖާއަކަށްވީ ފިގުހު ކުރިއެރުން ހުއްޓުމެވެ. އަދި، މިހާރު މި ފެންނަ ގޮތަށް އަމިއްލަ ފިކުރުކުރުމާއި ވިސްނުން ނެތި، އިހުގެ އިލްމުވެރިންގެ ވާހަކަތައް ތަކުރާރުކޮށް ކިޔައި، ތަގުލީދުކުރުން (ފިކުރުކުރުމެއް ނެތި ކޮޕީކުރުން) ފެށުނީއެވެ. (މީގެ ރެފެރަންސްތައް ބޭނުންފުޅު ބޭފުޅަކަށް ފޯރުކޮށްލައިދެވިދާނެއެވެ.) މި މައްސަލަތައް ކިޔަވައި ދިރާސާކުރާ ދަރިވަރުންނަށް، މި އިސްތިލާހުތައް ރަނގަޅަށް ސާފުވެފައި އޮތުން މުހިންމު ކަމަކަށް ފެންނާތީ މި ވާހަކަތައް ކުރުގޮތަކަށް ނަމަވެސް ބަޔާންކޮށްލީއެވެ.

ދެން، ޝަރީއަތުގެ މާނައިގެ މައްޗަށް ބަލައިލާނަމެވެ. ޝަރީއަތް މި ލަފުޒަކީ ކީރތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ހުކުމްތަކަށް ޖުމްލަ ގޮތެއްގައި، އިޝާރަތްކުރުމަށް ޓަކައި ބޭނުންކުރާ ލަފުޒެވެ. ކީރިތި ގުރުއާނުގައި މި ސިފައިގައި، 'ޝަރީއަތް' ބޭނުންކުރެވިފައި ވަނީ އެންމެ ފަހަރަކުއެވެ. މި ނަންގަތް ގޮތުގައި، ކިރިތި ގުރުއާނުގައި އެކުލެވޭ ހުކުމްތަކަށް އިޝާރާތްކޮށް އެއީ 'އިލާހީ މަގު'ކަމަށް އިޝާރަތްކުރުމަށެވެ. ދެން ޝަރީއަތާ ގުޅުން ހުރި، އަނެއް ލަފުޒުކަމުގައިވާ 'ޝިރުއަތް' މި ލަފުޒު ކީރިތި ގުރުއާނުގައި އެއް ފަހަރު ބޭނުންކުރެވިފައި ވެއެވެ. މާނައަކީ އިލާހީ މަގެއް ބަޔާންކޮށް ދިނުމުގެ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. މިސާލަކަށް ތައުރާތަކީ އިލާހީ ޝަރީއަތެއް، މަގެއް، ބަޔާންކޮށް ދިނުމުގެ ފަހަރެކެވެ. އިންޖީލަކީވެސް ހަމަ އެފަދަ ބަޔާންކޮށްދިނުމުގެ އެހެން ފަހަރެކެވެ. ދެން، ޝަރީއަތާ ގުޅޭ ލަފުޒެއް ދެ ފަހަރު ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. އެއީ ޝަރައަ، ޝަރީއަތެއް، (އިލާހީ ތެދުމަގެއް) އަލަށް ކަނޑައަޅައިލުން، މި މާނައިގައެވެ.

ހިޖުރައިން ދެވަނަ ގަރުނު ތެރޭގައި އިސްލާމީ ފިގުހު ފުރިހަމަ ވުމުން، ޝަރީއަތާއި ފިގުހާއި އެއް މާނައެއްގައި ބޭނުންކުރެވޭން ފެށިއެވެ. ފިގުހުގައި ބަޔާންކުރެވިފައިވާ ކަންކަމީ ޝަރީއަތްކަމަށް، (އިލާހީ ތެދު މަގުކަމަށް) ވެގެން ދިޔައެވެ. މި ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް، ހަނދާންކޮށްލާން ޖެހޭ މުހިންމު ކަމެއް އެބައޮތެވެ. ފިގުހީ މައްސަލަތަކަކީ އެއާ މެދު، އަލުން ބަލައި މުރާޖައާ ކުރެވިދާނޭ މައްސަލަތަކެއްކަމެވެ. އަދި، އިހުގެ ފިގުހީ ހުކުމެއް، މިއަދުގެ ހާލަތަކަށް ނުފެތޭ ނަމަ، އެ ހުކުމް ބިނާވާ ޝަރުއީ ނައްސު، ޝަރުއީ އުސޫލުތަކުގެ އަލީގައި އަލުން މާނަކުރެވި އާ ހުކުމެއް ނެރެވިދާނެއެވެ. މި ފަދައިން ކަންތައްކޮށް ނެރެވޭ ހުކުމަކީ އިސްލާމީ ޝަރިއަތް ބަދަލުކުރުމެއް ނޫނެވެ. ޝަރީއަތެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އަލުން މާނަކުރެވި އާ ފިގުހީ އިލްމެއް ތަރައްގީކުރެވިދާނެއެވެ.

އުސޫލެކޭ ބުނެ މިތާ އިޝާރަތް މިކުރަނީ ފިގުހީ 'ގާއިދާ'އަކަށެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ 'މެކްސީމް' މިހެންނެވެ. ގާއިދާގެ ލަފުޒީ މާނައަކީ ބިންގަލެވެ. ނުވަތަ ވަތެވެ. އެހެން އެއްޗެއް އޭގެ މައްޗަށް ބިނާވާ އެއްޗެކެވެ. މިސާލަކަށް އިމާރާތަކާއި އެ އިމާރާތުގެ ބިންގަލެވެ. ޕިއްޒާ ރޮށްޓަކާއި އޭގެ ވަތެވެ. މިއިން ކޮންމެ އެއްޗަކާއި އޭގެ އަސާސު އޮންނަނީ ވަކިނުކުރެވޭ ގޮތަށް ލާމެހިފައެވެ.

ހުކުމްތައް ނެރެ ކަނޑައަޅައިލާން އުސޫލުތަކާއި ގާއިދާތައް ހަމަޖެހުނެވެ. މީގެ ބޭނުމަކީ މައުޟޫއީ ސިފައެއްގައި ނައްސުތައް މާނަކޮށް އެންމެ ސައްހަކަން ބޮޑު ގޮތެއްގައި ހުކުމްތައް އިސްތިންބާތުކޮށް ނެރުމެވެ. މި ގޮތުން ކަނޑައެޅިފައި އޮންނަ މުހިންމު އުސޫލުތަކަކާއި ގާއިދާތަކެއް އޮވެއެވެ. މިއަދު، މީގެ ތެރެއިން ފިގުހީ މުހިންމު ގާއިދާއެއްގެ މައްޗަށް ބަލައިލާން ގަސްދުކުރަމެވެ. މިއަދު ބަލައިލާން ގަސްދުކުރާ ފިގުހީ ގާއިދާއަކީ މިއެވެ. الحكم على الشيء فرع عن تصوره. (ކަމެއްގެ މައްޗަށް ހުކުމެއް ކަނޑައެޅޭނީ އެ ކަމެއްގެ ސޫރަ، އެބަހީ، އެކަން އޮތް ގޮތް ހިތަށް ރަނގަޅަށް ފުރިހަމައަށް ނެގި، އެނގިގެންނެވެ.)

މީގެ މާނައަކީ ކޮބައިތޯއެވެ؟ އެކަމުގެ ސިޔާގު ނުވަތަ ކޮންޓެކެސްޓް، އެކަމާ ބެހޭ ކަންތައްތައް، މި ހުރިހާ ކަމެއް ރަނގަޅަށް އެނގިގެންނެވެ. މިސާލެއް ލިޔެލާނަމެވެ. އުސްމާނުގެފާނުގެ ޚިލާފަތު ފެށިގެން އައި އިރު، އެންމެ ފުރަތަމަ އެކަލޭގެފާނު ބައްލަވާން ޖެހިވަޑައިގަތް މައްސަލައަކީ އުބައިދުﷲ ބިން އުމަރު ހުރްމުޒާނު ގަތުލުކުރި މައްސަލައެވެ. މީހަކު މެރުމުގެ ޝަރުއީ ނަޒަރީ ނުވަތަ މިސާލީ ހުކުމަކީ ގާތިލު މެރުމެވެ. މި މައްސަލަ އަސްހާބު ބޭކަލުންގެ ތެރޭގައި ބަހުސްކުރެވުނެވެ. ބައެއް އަސްހާބު ބޭކަލުން، ހަމައެކަނި، ޝަރީއަތުގެ ނަޒަރީ ހުކުމުގެ ލަފުޒަށް ރިއާޔަތްކުރައްވައި ހުކުމަކީ އުބައިދުﷲ މެރުން ކަމުގައި ކަނޑައެޅުއްވިއެވެ. އަނެއްބައި އަސްހާބު ބޭކަލުން ދެކެވަޑައިގަތީ މިއީ 'ގަތުލު އަމްދެއް'ނޫންކަމެވެ. މާނައަކީ ކުރިއްސުރެ އޭނާ މަރާން ގަސްތުކޮށް، ކުރީއްސުރެ ރާވައިގެން، މަރައިލި މަރައިލުމެއް ނޫންކަމެވެ. ނަމަވެސް، އުބައިދުﷲގެ ބައްޕާފުޅު އުމަރު އަވަހާރަކޮށްލެވި، އެ އިޖުރާމީ އަމަލުގައި ހުރުމުޒާނު ވެސް ބައިވެރިވީކަމަށް ނިންމަވައި، ޖަޒުބާތީ ހާލަތެއްގެ ތެރޭގައި ހުންނަވައި، ކުރެއްވި ކަމެއްގެ ގޮތުގައެވެ. އެހެންވެ، އުބައިދުﷲގެ މައްޗަށް މަރުގެ ހުކުމް ކަނޑައެއްނޭޅޭނޭކަމެވެ. ދެން، އަސްހާބު ބޭކަލުންގެ މެދުގައި މައްސަލައިގައި ބަހުސްކުރެއްވުމަށް ފަހު، އިޖުމާއުން، އެބަހީ އެންމެންގެ އެއްބަސްވުމަކުން، ނިންމައި ކަނޑައެޅުނީ އުބައިދުﷲ ނުމެރުމަށެވެ. އަދި، މަރުގެ ދިޔަ، މަގްތޫލުގެ ވާރިސުންނަށް ދިނުމަށެވެ. މި މައްސަލައިން، ޝަރީއަތުގެ ނައްސުތައް، އިޖުތިހާދުގެ އަލީގައި މާނަކުރެވި، އަދި، އެ ގޮތުން ނެރެވޭ މާނަ، އިޖުމާއުގެ އަލީގައި ތަސްހީހުކުރެވި، އެއަށް އަމަލުކުރެވޭ ގޮތް ފެނިގެންދެއެވެ.

ދެންމެ މި ދެންނެވި ގާއިދާ ނުވަތަ އުސޫލު، ކަމެއްގެ މައްޗަށް ހުކުމެއް ނެރެވޭނީ އެ ކަން ރަނގަޅަށް އެނގިގެންނެވެ. މި ކަމުގެ އަލީގައި މިއަދު އަޅުގަނޑުމެންނާ ކުރިމަތިވާ މައްސަލަތަކާ މެދު ވިސްނައިލައްވާށެވެ. އެ މައްސަލަތަކަކީ އަދުގެ އިޖުތިމާއީ ނުވަތަ އިގުތިސާދީ ނުވަތަ އަދުގެ ދިރިއުޅުމުގެ މައްސަލަތަކާ ގުޅޭ ކަންކަމަށްވާ ނަމަ، އެ ކަންކަމާ ދޭތެރޭ ގޮތެއް ކިޔުމުގެ ކުރީން، އެ ކަންކަމުގެ ތަސައްވުރު ހިތަށް ނަގައިގަންނާން ޖެހެއެވެ. މި ކަން ނުކުރެވޭ މީހަކަށް، މައްސަލައަކާ ބެހޭ ޝަރުއީ ނުވަތަ ފިގުހީ ހުކުމެއް ނެރޭން އެނގިދާނެތޯއެވެ؟ އަދުގެ މުޖުތަމައުގެ ހާލަތްތައް، މީގެ އެތައް އެތައް ގަރުނެއް ކުރީން އުޅުއްވި ބޭކަލުންގެ ހިއްޕުޅުތަކަށް ސޫރަކުރެވިފައި އޮވެދާނެތޯއެވެ؟ އެ ބޭކަލުންގެ މުޖުތަމައީ ހުކުމްތައް ބިނާވެފައި އޮންނާނީ އެއިރުގެ މުޖުތަމައު އޮތް ގޮތުގެ މައްޗަށް ބިނާވެގެންނެވެ. އެ ހުކުމް ވާނީ ޝައްކެއް ނެތް ގޮތުގައި އޭރުގެ އެންމެ ރަނގަޅު ހުކުމަށެވެ. ނަމަވެސް އެފަދަ ހުކުމެއް، ސޫރި ސިފައެއްގައި މިހާރުގެ ކަންކަމާ ނުގުޅި ހިނގައިދާނެއެވެ. މި ފަދަ ހުކުމްތައް އަލުން މާނަކޮށް، މިހާރުގެ ހާލަތަށް ހުކުމުތައް ފެއްތުމަކީ އަދުގެ އިލްމުވެރިންގެ ކަމެކެވެ. ޝަރުއީ ނައްސުތައް އުސޫލީ ގަވާއިދުތަކާއި ގާއިދާތަކުގެ އަލިތަކުގެ އެހީގައި އަލުން މާނަކުރާން ޖެހޭ ހާލަތެއްގައި މާނަކޮށްގެންނެވެ.

މިއިން ފާހަގަކޮށްލަން ބޭނުންވާ މުހިންމު ދެ ކަމެއް އެބަ އޮތެވެ. ޝަރުއީ ހުކުމްތައް ނެރުމަކީ ބޮޑު މަސައްކަތެއްކަމެވެ. ކަލަންޑަރުގައި ލިޔެލައިފައި އޮންނަ އާޔަތެއް ނުވަތަ ހަދީސެއް ކިޔައިލައިފައި ނުވަތަ އިހުގެ އިލްމުވެރިޔަކު ވިދާޅުވަނީ މިހެންނޭ ބުނެފައި އިސްލާމީ ގޮތަކީ މިޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެ ހިނގައިދާނޭކަމެވެ. ޚާއްސަ ގޮތެއްގައި މުޖުތަމައީ ހުކުމްތައް ނެރުމުގައި މައްސަލައާ ބެހޭ ހުރިހާ ނައްސުތަކަށް ބަލައިލާން ޖެހެއެވެ. އަދި، މާނަކުރުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް ވެސް ރިއާޔަތްކޮށް، ޝަރީއަތުގެ މަގުސަދުތަކަށް ބަލައި، މަގުސަދުގައި އަހަންމިއްޔަތުކަން ދެވިފައި އޮތީ ސޫރައަށްތޯ ނޫނީ އުސޫލަކަށްތޯ ބަލައި، މިހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން މެނުވީ ހުކުތައް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެ ހިނގައިދާނެއެވެ. ޝަރީއަތުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކާން ބޭނުންނަމަ، މި ކަންކަން ވެސް ރަނގަޅަށް ކިޔެވުން މުހިންމުވެ. ވަކި ކަހަލަ ގޮތަކަށް ތިމާ ހެދުން އެޅައި، ގުރުއާނާއި ހަދީސްގެ ނައްސުތައް އެކަހެރި ގޮތެއްގައި، ( އޭގެ ސިޔާގާއި މަގުސަދުތަކަށް ނުބަލައި) ވާހަކަދެއްކުމުން، އޭނާއަކީ އިސްލާމީ ގޮތް ބަޔާންކޮށްދޭ މީހަކަށް ނުވާނެއެވެ. ޑަކްޓަރުގެ ހުން ބަލާ ކަށިގަނޑެއް އަޅައި، ދެތިން ބޭހެއްގެ ނަން ދަސްކޮށްގެން ބޭސްކުރާން ނިކުންނަ މީހަކު ޑޮކްޓަރަކަށް ވެސް ނުވާ ފަދައިންނެވެ.

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރީ
ޝަރީޢާ ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ޑިގްރީ ހަދާ ދަރިވަރުންނަށް ވަރަށް މުހިންމު ލިޔުމެއް. އަދި ރާއްޖޭގެ ޢިލްމުވެރީން ވެސް ވިސްނައިވަޑައިގަންނަވާން ރަނގަޅު ނުކުތާއެއް މި ލިޔުމުން ވަރަށް ރަނގަޅަށް ހާމަވެއެވެ.
28 Oct 2023