Advertisement

ނިމެނީ.. ނިމެނީ!! އަލުން ފެށެނީ..ފެށެނީ!! އަވަސްކުރޭ!

14 Sep 2024 | 00:05
ފަރަގު އެކެޑަމީގައި ކުލާހެއް ކުރިއަށް ދަނީ

އަބާ މުޙަންމަދު

ފެށޭ ކޮންމެ ކަމެއް ވެސް ނިމޭނެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް ނިމުމެއްވާ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " كُلُّ مَنْ عَلَيْهَا فَانٍ. وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ" (ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذاتފުޅު ދެމިވޮޑިގެންވެއެވެ.) (سورة الرحمن: 26~27) މިއީ ދުނިޔޭގެ ސުންނަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅު ފިޔަވައި އެހެން ކޮންމެ އެއްޗަކާއި ކަމަކީ އެއަށް ނިމުން ވާ އެއްޗެކެވެ. އެހެންކަމުން ފަރަގު އެކެޑަމީ އިން ފެށި ތާނަ ޓައިޕިން ކޯސް ވެސް މި ރޭގެ ނިޔަލަށް ނިމޭނެއެވެ.

ފަރަގު އެކެޑަމީއިން ފުރަތަމަ ހިންގި ތާނަ ޓައިޕިންގ ކޯހުގެ ފުރަތަމަ ބުރު މި ރޭ ނިމޭ އިރު، މީގެ މަތީ ފެންވަރުގެ (އެޑްވާންސް) ކޯހެއް ބާއްވައިދިނުމަށް ބައެއް ދަރިވަރުން އެދުމަކީ މި ކޯސް ކާމިޔާބުކަމުގެ ހެތްކެކެވެ. ތާނަ ޓައިޕިންގެ ކޯސް ނިންމާ ދަރިވަރުންނަށް ކޮންޕިޔުޓަރުގެ ކީބޯޑު ނުބަލައި ދެ އަތުގެ ހުރިހާ އިނގިއްޔެއް ބޭނުންކޮށްގެން ގަވާއިދުން ޓައިޕުކުރާން އެނގޭނެއެވެ.

ޓައިޕުކުރުމުގެ އިތުރަށް ކޮންޕިޔުޓަރު ބޭނުންކުރުމާއި، ޚާއްޞަކޮށް ވޯޑްގައި ސިޓީ ފޯމެޓުކުރުމާއި ދިވެހިބަހުން ގަވާއިދާ އެއް ގޮތަށް ސިޓީއެއް ލިޔާނެ ގޮތް ވެސް އެނގޭނެއެވެ. މީގެ އިތުރަށް ވެސް ރަސްމީ ރަސްމީ ސިޓީއާއި އަމިއްލަ ރަސްމީ ސިޓީ ލިޔުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދެވުނެވެ.

ތަޖުރިބާކާރު މުދައްރިބެއްގެ އިރުޝާދާ އެކު ކުރިއަށް ގެންދެވުނު މި ތަމްރީނު ކޯހުގެ ބޭނުންތެރިކަން ކޯހުގެ ދަރިވަރުން ފާހަގަކޮށްފައިވާތީ މި ކޯހުގެ ދެވަނަ ބުރެއް ވެސް މި އަންނަ ހަފުތާގައި ފަށާ ގޮތަށް މިހާރު ވަނީ ފަރަގު އެކެޑަމީއިން ހަމަޖައްސަވައި އެކަން އިޢުލާނުކުރައްވައިފައެވެ. މި ކޯހުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަކަމެކެވެ. އެ ކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމު ފުރިހަމަކޮށްލައްވާންވީއެވެ. މި ކަން އުނދަގޫ ނަމަ، 7313113 މި ނަންބަރަށް ގުޅުއްވައިލައްވައިގެން ނަން ނޯޓުކޮށްލައްވައިގެން ބައިވެރިވެވޭ ގޮތަށް ވެސް ފަރަގު އެކެޑަމީއިން ވަނީ ހަމަޖައްސައިފައެވެ.

ދިވެހިބަހާއި ޢަރަބިބަހާއި ކަސްޓަމަރ ސަރވިސްއާއި މި ނޫނަސް އެކި ދާއިރާތަކަށް ބޭނުންވާ ހަމަ ހުރިހައި ތަމްރީނުތަކެއް މި އެކެޑަމީއިން ބާއްވައެވެ. މިއަދަކީ ފަރަގު އެކެޑަީގެ ތާރީޚުގައި އެންމެ ބިޒީ އެއް ދުވަހެވެ. ހެނދުނު 8:30އިން ފެށިގެން ހަވީރު 6:00އާ ހަމައަށް ހުސް އެންމެ ވަގުތުކޮޅެއް ވެސް ނެތެވެ. އަދި ރޭގަނޑު 8:30ން 10:00އަށް ވެސް ކުލާހެއް އެބަ އޮތެވެ.

ފަރަގު އެކެޑަމީއަކީ ތަފާތު އެކެޑަމީއެކެވެ. އަޕް-ސްކިލްކުރުމާއި ރި-ސްކިލްގެ ހުރިހައި ވައްތަރެއްގެ ތަމްރީނުތަކެއް އެ ތަނުން ބާއްވައިދެއެވެ. މިއަދު ވެސް ފަޔަރ ފައިޓިންގ ކޯހަކާއި އޮފީސް ހުނަރުގެ ކޯހެއް ވެސް އެ ކެޑަމީއިން އެބަ ކުރިއަށް ގެންދިޔައެވެ. އަދި ކުޑަކުދީންނަށް މައިކްރޯބިޓް ބޭނުންކޮށްގެން ކޯޑުކުރާން ދަސްކޮށްދިނުމުގެ ކުލާހެއް ވެސް މިއަދު އޮތެވެ. ކޮންމެ ތަމްރީނު ކޯހެއްގައި ވެސް ކިޔަވައިދެއްވަނީ އެ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ލިބިވަޑައިގެން ތިއްބެވި ތަޖުރިބާކާރު މުދައްރިބުންކަން ފާހަގަކޮށްލެވެއެވެ.

ވީމާ، އެއްވެސް އިދާރާއަކުން ހަމަ އެއްވެސް ބާވަތެއްގެ ތަމްރީހެއް ހިންގަވާން ބޭނުންފުޅު ވިޔަސް ފަރަގު އެކެޑަމީއާ ގުޅުއްވާންވީކަމަށް އެ އެކެޑަމީއިން ވިދާޅުވެއެވެ. ކޮންމެ ތަމްރީނެއް ވެސް ހިންގާނީ ކުރީން ވެސް ދަންނަވައިލެވުނު ފަދައިން އެ ކަމުގެ ތަޢުލީމާއި ތަމްރީނުލިބިވަޑައިގެން ތިއްބެވި އެ ދާއިރާއެއްގެ ތަޖުރިބާކާރުންކަމަށް ފަރަގު އެކެޑަމީއިން ވިދާޅުވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް