Advertisement

ﷲ: އުޑުތަކާއި ބިމުގެ ނޫރު

13 Sep 2024 | 00:27
اللَّه އީ، އުޑުތަކާއި، ބިމުގެ نورއެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ‎[1]- اللَّهއީ، އުޑުތަކާއި، ބިމުގެ نورއެވެ. އެކަލާނގެ نورފުޅުގެ مثالއަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثالއެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތި ވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއް ފަދައެވެ. އެ ބައްތި ދިއްލެނީ، بركاتތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نورފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثالތައް ޖައްސަވައިދެއްވަތެވެ. اللَّهއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.))

އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި ((ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ - اللَّه އީ، އުޑުތަކާއި، ބިމުގެ نورއެވެ.)) މި ބަސްފުޅުގެ މާނައަކީ އުޑުތަކާއި ބިމަށް އަލިކަން ދެއްވަނީ ﷲއެވެ. އުޑުތަކާއި ބިމުގެ އަހުލުވެރީންނަށް ހިދާޔަތު ދެއްވަނީ އެކަލާނގެއެވެ. އުޑުތަކާއި ބިމުގެ އެހުލުވެރިން ހިދާޔަތު ލިބިގަންނަނީ އެކަލާނގެ ނޫރުފުޅުންނެވެ. އެކަލާނގެ ނޫރުފުޅުން އަލިކޮށްދެއްވާ ދެއްވުމަކީ އެކަލާނގެ ޢަމަލުފުޅެކެވެ. އެހެނަސް "النُورُ" މިއީ އެކަލާނގެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ ނަންފުޅެކެވެ.[2]

الله -عَزَّ وَجَلَّ-ގެ ނޫރުފުޅު ތަޞްވީރުކޮށްދެއްވުމަށް ޓަކައި މި އާޔަތުގައި ގެންނަވައިފައި މި ވަނީ ވަރަށް ރީތި މިސާލެކެވެ. އެކަލާނގެ ނޫރުފުޅުގެ މިސާލަކީ، އެއް ފަރާތުން އަނެއް ފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިސާލެވެ. މި އާނގު ތެރޭގައި އެންމެ ސާފު  ބިއްލޫރީގެ ބިއްލޫރިގަނޑެއް ވެއެވެ. އޭގެ ސާފުކަމާއި ހުދުކަން ސިފަކޮށްދެއްވައި އަންގަވަނީ އެއީ ރަންމުތުގެ ގުރަހައެކެވެ. އެއީ ހިތް ފަދަ އެއްޗެކެވެ. މުއުމިނާގެ ހިތަކީ އެ ފަދަ ސާފު ތުނި ވަރުގަދަ މާހަރާ އެއްޗެކެވެ. އޭގެ ސާފުކަމާއި މާހަރާކަމުން އެއަށް ޙައްޤާއި ހިދާޔަތު ފެނެއެވެ. އޭގެ ތުނިކަމުން އޯގާވެރިކަމާއި ރަޙްމާއި ކުލުނާއި ލޯބި ލިބެއެވެ. ޙައްޤުގެ މަގުގައި އޭގެ އާރުލުން ވަރުގަދައެވެ. ﷲގެ ޢަދުއްވުންނާ ކުރިމަތިލުމުގައި ޖެހިލުމެއްނުވެއެވެ. މާތްﷲ އެންގެވި ފަދައިން މުއުމިނުންނަކީ ((أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ[3] - كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ. ))   

ދެން މި އަންގަވަނީ އެ ބިއްލޫރިގަނޑުގެ ތެރޭގައި  ބައްތިއެއް ވެއެވެ. މި ބައްތި ދިއްލެނީ ބަރަކާތްތެރި ޒައިތޫނި ތެލުންނެވެ. މި ގަހަށް އިރުއަރާ އިރުގައްޔާއި އިރުއޮއްސޭ އިރު ދުވާލުގެ ހުރިހާ ވަގުތެއްގައި އިރުން ހަކަތަ ލިބި މި ގަސް ހެދެއެވެ. މި ބައްތި ދިއްލޭ ތެލަކީ އެންމެ ސާފު ތެލެވެ. މި ތެލުގައި އެއްވެސް ކިލަނބުކަމެއް ނެތެވެ. އިތުރަށް ސާފުކުރާކަށް ނުޖެހެއެވެ. އޭގެ ސާފުކަމުން އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. މިއީ ބައްތީގެ ނޫރުގެ މާއްދާއެވެ. މުއުމިނާގެ ހިތުގައިވާ ބައްތީގެ މިސާލަކީ މިއެވެ. އެއީ ވަޙީގެ ބަރަކާތްތެރި ގަހުން ލިބޭ ނޫރެކެވެ. އެއީ ކަސިޔާރުވުމެއް ފުރެދުމެއް ނެތް ނޫރެކެވެ. އެއީ ނަޞާރާއިންނާއި ޔަހޫދީން  ފަދައިން ހެޔޮ މަގުން ކައްސައިލައިފައިވާ ހިތެއްނޫނެވެ. އެއީ އެންމެ ސީދާ އެންމެ މާތް ތެދުމަގަށް ތަބާވާ ހިތެވެ. މިއީ މުއުމިނާގެ ހިތުގައިވާ އީމާންކަމުގެ ބައްތީގެ މާއްދާއެވެ. މި ސާފު ޒައިތޫނި ތެލުގައި އަލިފާން ބީހުމުން އަލިކަން މައްޗަށް އަލިކަން ގަދަވެގެން ދެއެވެ. މުއުމިނާގެ ހިތަކީ މި ފަދަ އެއްޗެކެވެ. އޭނާގެ ފިޠުރަތާއި ހެޔޮވިސްނުމުގެ ސަބަބުން އޭނާއަށް ޙައްޤު  ދެނެގަނެވެއެވެ. އެހެނަސް މި ހިތަށް އަލިކަންދޭނެ މައްދާއެއް ނެތެވެ. އެހިނދު އޭނާގެ ގާތަށް ވަޙީގެ މާއްދާ އާދެތެވެ. ފިޠުރަތުގެ ނޫރާއި ވަޙީގެ ނޫރު ގުޅި ލާމެހުމުން އޭނާގެ އީމާންކަން ވަރުގަދަވެ ފެތުރި އުޖާލާވެގެންދެއެވެ. މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އުޑުތަކާއި ބިމުގައިވާ އެކަލާނގެ ނޫރުފުޅުގެ ވާހަކަ ބަޔާންކުރެއްވިއެވެ. އަދި އެކަލާނގެއަށް އީމާންވާ އަޅުތަކުންގެ ހިތްތަކުގައި ވާ އެކަލާނގެ ނޫރުފުޅުގެ ވާހަކަ ވެސް ބަޔާންކުރެއްވިއެވެ. އެއީ ވިސްނުމާއި ހިތްތަކަށް ފެންނަ ވިސްނޭ ނޫރާއި، ލޯތަކަށް ފެންނަ ސިފަވާ ނޫރެވެ. މި ނޫރުން މަތީ ޢާލަމުތަކަށާއި ތިރީ ޢާލަމުތަކަށް އަލިކަން ލިބެއެވެ. މިއީ މަތިވެރިވެގެންވާ ދެ ނޫރެވެ. އޭގެ ތެރެއިން އެއް ނޫރު އަނެއް ނޫރަށްވުރެ މާ މަތިވެރިވެގެންވެއެވެ.އެއިން އަލިކަމެއް ތަނަކުން ނުވަތަ ބިމަކުން ގެއްލިއްޖެނަމަ އެތާނގައި އާދަމުގެދަރިއަކަށް ވެސް އަދި އެހެން އެއްޗަކަށް ވެސް  ނޫޅެވޭނެތެވެ. އެހެނީ ދިރޭ އެއްޗެއްސަށް އުޅެވޭނީ އެތާނގައި އަލިކަމެއް ހުރިނަމައެވެ. އަލިކަމެއް ނެތް އަނދިރި ތަނެއްގައި ދިރޭ އެއްޗަކަށް ނޫޅެވޭނެތެވެ. މި ފަދައިން ވަޙީގެ ނޫރާއި އީމާންކަމުގެ ނޫރު އުންމަތަކަށް ގެއްލިއްޖެނަމަ އެ އުންމަތެއް ނެތިވެ ފިލައިހިނގައިދާނެތެވެ. މި އަލިކަން ގެއްލިފައިވާ ހިތަކީ މަރުވެފައިވާ ހިތެކެވެ. އޭއްޗަކަށް ދުވަހަކުވެސް ދިރުމެއް ނުލިބޭނެތެވެ.[4]   

އައްޠަބަރީ ވިދާޅުވާ ގޮތުގައި ((يَهْدِي اللَّهُ لِنُورِهِ مَنْ يَشَاءُ - އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ.(( މާނައަކީ އެކަލާނގެ ނޫރުފުޅަށް ތަބާވުމަށް މާތްﷲ ތައުފީޤު ދެއްވަތެވެ. އެއީ ޤުރްއާނެވެ. އެކަލާނގެ އަޅުންގެ ތެރެއިން މި ޤުރްއާނުގެ ނޫރުން ހިދާޔަތު ލިބެނީ އެކަލާނގެ އެކަމަށް މަގުފަހިކޮށްދެއްވި މީހަކަށެވެ.  

މި އާޔަތުން އެނގޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި:

1-މާތް ﷲ މުއުމިނުންނަށް ހިދާޔަތް ލިބިގަންނާނެ ނޫރެއް ލައްވާފައިވުން

2-އީމާންކަމަކީ ﷲ ހިދާޔަތު ދެއްވި މީހަކަށް ލިބޭ އެއްޗެއް.

3-މި ހިދާޔަތަކީ ތައުފީޤު ލިބުމުގެ ހިދާޔަތް

4-ތައުފީޤު ދެއްވުމަކީ ﷲގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ  ކަމެއްކަމާއި އެހެން ފަރާތަކަށް އެކަމަށް ބާރު ނުފޯރުވޭނެ ކަން

5-މާނަތައް ދޭހަކޮށްދިނުމަށް ޓަކައި މިސާލުޖެހުމުގެ ބޭނުންތެރިކަމާއި އެއީ ދީނީގޮތުން ހުއްދަ ކަމެއްކަން

6-އައްނޫރު އަކީ ﷲގެ މާތް އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ އިސްމުފުޅެއް

7-ނޫރު ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ އިރުގެ އަލިކަން ފަދަ ހުރިހާ ދިރޭ އެއްޗަކަށް ބޭނުންވާ ޙިއްސީ ނޫރާއި މާނަވީ ނޫރު ކަމުގައިވާ ކީރިތި ޤުރްއާނެވެ. ބާއްޖަވެރި ޙަޔާތަކަށް މި ދެ  ނޫރަކީ އިންސާނާއަށް ޟަރޫރީ އެއްޗެކެވެ.

8-ﷲ  ތަޢާލާ ހެއްދެވި އިރުގެ އަލިކަން ފަދަ ނޫރު ފާޅުވެއްޖެ ނަމަ، އުށްބައްތިއާއި ބޮކި ފަދަ ބައްތީގެ އަލިކަމެއް ނުފެންނާނެތެވެ.

ހަމައެފަދައިން އިސްލާމްދީނުގެ ނޫރު ފާޅުވެއްޖެ ނަމަ، ޢިލްމާނިއްޔަތާއި މާސޫނިއްޔަތާއި ރައުސްމާލިއްޔަތާއި ކޮމްޔުނިޒަމް ފަދަ، މި ނޫރާ ޚިލާފު ނޫރުތައް ނެތިގެން ފުހެވިގެންދާނެތެވެ. 1990ގައި ކޮމްޔުނިޒަމް ވަނީ ނެތިގެން ފުހެވިގެން ގޮސްފައެވެ. މި ފަދަ  އެހެން ނިޒާމުތައް ވެސް ނެތިގެން ފުހެވިގެންދާނެތެވެ. ޤުރްއާނުގެ ނޫރު ފެތުރި, ދުނިޔެ ފުރައިލާ ދުވަހަކުންނެވެ.

_______________________________________

މަރުޖިއުތައް:

[1]  - النور: 35

[2]  - إعلام الموقعين ،  لابن القيم (ج1/ 185)

[3]  - الفتح: 29

[4]  - انظر: "التفسير القيم" لابن القيم (ص 374)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް