Advertisement

ޣައްޒާގެ ހުރިހައި ރައްޔިތުން ޝަހީދުކޮށް ބިނާތައް ފުނޑުފުނޑުކޮށް ބިން ހުސްކުރުމުގެ މަސައްކަތް ހުއްޓުވޭނެ ބާރެއް ދުނިޔޭގައި ނެތީބާ؟

12 Sep 2024 | 06:00
ޣައްޒާގެ އަދުގެ ޙާލަތު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގައި ބާރުގަދަ ދައުލަތްތަކޭ ކިޔައިގެން ގައުމުތަކެއް އެބަ އުޅެއެވެ. ނިޔުކްލިއަރ ބާރޭ ކިޔާ ބައިގަނޑެއް ވެސް އެބަ އުޅެއެވެ. އަދި އެންމެ ކުރިއަރައިފައިވާ މުއްސަނދި ގައުމުތަކެއެގެ ނަންތައް ވެސް އަޑުއިވެއެވެ. އިގުތިޞާދީ ބާރުކަމަށް ދަޢުވާކުރާ ބަޔަކު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. ނަމަވެސް މި އެންމެން ގިއްގަޅުވައިލުމަށް ފަހު، މިއަދު ދުނިޔޭގެ ވެރިކަން ކުރަނީ މެދުއިރުމަތީގެ ގުދުސަށް ވެރިވެގަނެގެން ދައުލަތެއް ހަދައިގެން އުޅޭ އިސްރާއީލޭ ކިޔާ ބަޔެކެވެ.

އެ މީހުންނަކީ އިންސާނީ އުޞޫލަކަށް، ބައިނަލްއަގުވާމީ ގާނޫނަކަށް ތަބާވާން ޖެހޭ ބަޔެއްކަމަކަށް ނުވެއެވެ. އެ މީހުން މުޅި ދުނިޔެއަށް ގޮން ޖަހަނީއެވެ. އދ.ން ފާސްކުރާ ޤަރާރުތައް އެ މީހުން ބަލަނީ މާނައެއް ނެތް ހާސަރުތަކަކަށެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ނިޔާއަކީ އެ މީހުންނަށް އިވޭ އެއްޗެއް ވެސް ނޫނެވެ. މީހަކު ކިޔާ އެއްޗަކަށް ދައްކާ ވާހަކައަކަށް އެ މީހުންނެއް ނުބަލައެވެ.

އެ މީހުން އެ ގެންދަނީ ވިލާތާއި އެމެރިކާގެ އެހީގައި ބޭރިގެންފައިވާ ބިން ބޮޑުކޮށް ފުޅާކުރުމަށް ޓަކައި ޣައްޒާގެ ބިން ހުސްކުރަމުންނެވެ. ރައްޔިތުން މަރައި އިމާރާތްތައް ތަޅައި ބިން ހުސްކުރަމުންނެވެ. އެ މީހުންނާ މެދު ފިޔަވަޅެއް އަޅާކަށް މި ބިންމަތީގައި "ބާރެއް"ނެތެވެ.

ޣައްޒާގައި އދ.އިން ހިންގާ އިސްކޫލެއްކަމަށްވާ އަލަޖައޫނީ އިސްކޫލަށް އިއްޔެ ވެސް އިސްރާއީލުގެ މި ދެންނެވި އަނިޔާވެރި ބާރުގަދަ ލަސްކަރުން ބޮން އަޅައި މަދުވެގެން 18 ވަރަކަށް މީހުން ޝަހީދުކޮށްލިއެވެ. މި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އަންހެނުންނާއި ކުޑަކުދީންގެ ކަށީތައް ފުނޑުފުނޑުވެ "ބުރަބުރައިގެން" ދިޔަ ތަން އެ މީހުން ދުށްޓެވެ.

ޣައްޒާ މިއަދު: މުޅި ސަހަރު ހީވަނީ ތަޅައި ސުންނާފަތިކޮށް ފަޅުވެފައިވާ އިހުގެ އާބާދީއެއް ދިރިއުޅު ބިމެއްހެންނެވެ.<br>

މަރުވި މީހުންގެ ތެރެއިން ހަ މީހުންނަކީ ފަލަސްތީނަށް އެހީވާ އދ.ގެ ޖަމުޢިއްޔާ (އުންރްވާ)ގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި އެ އިމާރާތާ ޙަވާލުވެގެން ހުރި މެނޭޖަރު ވެސް ހިމެނެއެވެ. އެ އޭޖެންސީއިން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހަމަނުޖެހުން ހިނގާން ފެށިތާ 11މަސް ވެފައިވާ އިރު މިއީ އެއް ދުވަހެއްގައި އެންމެ ގިނަ ޢަދަދެއްގެ މުވައްޒަފުން ނިޔާވި ފުރަތަމަ ދުވަހެވެ.

އަނެއް ކޮޅުން ޣައްޒާގައި ޔަހޫދީން ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި "ސުލްޙަ"އިގެ ވާހަކަތައް މިޞްރުގައި ކުރިއަށް ވެސް އެބަދެއެވެ. މި ވާހަކަތަކުގައި މެދުވެރީންގެ ދައުރު އަދާކުރަނީ މިޞްރުގެ އިތުރަށް ޤަޠަރާއި އެމެރިކާއެވެ. މި ވާހަކަތައް ވެސް ކޮޅެއްގައި ނުޖެހެނީ އިސްރާއީލުގެ ބޮޑުވަޒީރަކަށް އެހެރަ ހަރުކަށި ގޮތް ދޫނުކުރާ ބުންޔާމީން ނަތަންޔާހޫގެ ސަބަބުންނެވެ. އެހެނީ މި ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްދޭ ގައުމުތަކަށް ޙަމާސް ޖަމާޢަތުން މިހާރު ޔަގީންކަން ދީފައި އެ ވަނީ އދ.ގެ ތާއީދާއެކު އެމެރިކާ ހުށަހަޅައިފައިވާ ސުލްޙައިގެ އެއްބަސްވުމަށް އެއްވެސް ފަރާތަކުން އިތުރު ޝަރުޠެއް ހުށަނާޅައި އެ އޮތް ގޮތަށް ބަލައިގަންނާން އެ ޖަމާއަތުން ރުހޭކަމަށެވެ. ވީމާ، އެއްބަސްވުން ތަނފީޒުކުރުމުގައި ހަމައެކަނި ހުރަހަކަށް އޮތީ އިސްރާއީލެވެ.

މުޅި ދުނިޔެއާ ދެކޮޅަށް އިސްރާއީލުން ފަލަސްތީނުގައި ގަތުލުއާންމު ހިންގަމުން ގެންދާ އިރު، އިސްރާއިލު ސިފައިން ހުއްޓުވޭނެ ބާރެއް ދުނިޔެއަކު ނެތެވެ. މުސްލިމުން ވެސް އެ ބައިމީހުންގެ މުގައްދަސް ޙަރަމްފުޅު ދިފާޢުކުރުމަށް ވުރެ ބޮޑަށް އިސްކަންދޭ ތަން ފެންނަނީ އެހެން ކަންކަމަށެވެ. އެމެރިކާ ވެސް ފެންނަނީ ޔަހޫދީންނަށް ޚިދުމަތްކުރާން އޮތް ނޯކިރީއެއް ހެންނެވެ. ޔަހޫދީން ބުނާ ކޮންމެ ކަމެއް އެމެރިކާއިން ކޮށްދެއެވެ. ފައިސާއާއި އެހެންހެން ތަކެތި ބޭނުންހާ ވަރަކަށް ދެނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާ ބުނާ ގޮތަކަށް އިސްރާއީލަކުން ކަމެއް ނުކުރާނެއެވެ. އެ މީހުންނަށް ފައިދާހުރި ކަމަކަށް ނުވާނަމައެވެ. މިއީ މިއަދު ދުނިޔޭގެ ލަދުވެތި ޙާލަތެވެ. މުޅި ދުނިޔޭގައި މިއަދު ރަސްކަން ކުރަނީ އިސްރާއީލުންކަމަށް ބުނުމުގެ ފުރުޞަތު އެބަ އޮތެވެ.

އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޙަމާސާ ދެކޮޅަށް ޢުދުވާނު ފެށި ފަހުން މިހާތަނަށް 42 ހާހެއްހައި މީހުން ޣައްޒާއިން ޝަހީދުވެ ލައްކައެއްހައި މީހުން ޒަޚަމުވެއްޖެއެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް