Advertisement

ނަންކިޔުމުގައި ސަމާލުކަން ދެންޖެހެނީ ކޮން ކަންތައްތަކަކަށް؟

12 Sep 2024 | 00:01
ފުރަތަމަ ދުވަހު ނުވަތަ ތިންވަނަ ދުވަހު ނުވަތަ ހަތްވަނަ ދުވަހު ދަރިފުޅަށް ނަންކީދާނެއެވެ.

ޢަޒީޒު ޖަމާލު

އެހެން ޤައުމުތަކާ ޚިލާފަށް ގޭގެއަށް ނަންކިޔުމަކީ ދިވެހި ސަގާފަތުގައި ހިމެނިފައިވާ ކަމެކެވެ. ބޭރު ގައުމުތަކުގައި ހުންނަނީ ގޭގެއަށް ނަންބަރެއް ދީފައެވެ. މަގުގެ ނަންބަރާއި ކޮށީގެ ނަންބަރު ފަދަ ގޮތަކަށެވެ. ނަމަވެސް ދިވެހީން ކޮންމެ ގެއަކަށް ވެސް ނަމެއް ކިޔާން އިސްކަން ދެއެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ކުދިކަމާއި އެންމެން އެންމެންނަށް އެނގިފައިވުމުން ގޭގެއަށް ނަންކިޔަސް އެ ގޭގެ ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ނަމަވެސް ބޭރު ގައުމުތަކުގައި ވަކި ތަރުތީބަކުން ނަންބަރު ދީފައި ހުންނަނީ މީސްމީހުންގެ އެޑްރެސް ހޯދާން ފަސޭހަވާތީކަމަށް ވެދާނެއެވެ.

ނަމަކީ ވަރަށް މުހިންމު އެއްޗެކެވެ. ތަންތަނާއި އެއްޗިއްސަށާއި މީސްމީހުންނަށް ވެސް ކިޔާ ނަމަކުން އަޅުގަނޑުމެންނަށް ނޭނގޭ އަސަރެއް ފޯރައެވެ. މިސާލަކަށް ކިޔައިލާން ފަސޭހަ، މީހުން އަޅައިގަންނަ ފަދަ ނަމެއް ތަނަކަށް ކިޔައިފި ނަމަ، މީހުންގެ ސަމާލުކަން އެ ނަމަކަށް ލިބެއެވެ. އެ ތަނެއް މަޝްހޫރުވެދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ތަނެއްގެ ވިޔަފާރިއަށް ވެސް ހެޔޮ އަސަރެއް ފޯރާނެއެވެ.

އެންމެ މުހިންމު ކަމަކީ މީސްމީހުންނަށް ނަން ކިޔުމެވެ. އެ މީހެއްގެ ދަރީންނަށް ރީތި ނަންނަން ކިޔާން ޖެހެއެވެ. ރީތި އިސްލާމީ ނަމެކެވެ. ދަރީންނަށް ނަން ކިޔުން އެއީ މައިން ބަފައިން ދަރީންނަށް އަދާކުރާން ޖެހޭ ޙައްގެކެވެ.

ކުއްޖާ އުފަންވާ ދުވަހު ނުވަތަ ތިންވަނައަށް ވާދުވަހު ނުވަތަ ހަތްވަނަ ދުވަހު ދަރިފުޅަށް ރީތި ނަމެއްކިޔާން ޖެހޭނެއެވެ. މިތިންގޮތަކީވެސް ސުންނަތުގައި އައިސްފައިވާ ގޮތްތަކެވެ. ކުއްޖާއަށް ކިޔަންވާނީ މާނަ ރިވެތި އިސްލާމީ ނަމެކެވެ.  

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް މިރޭ ދަރިކަލަކު ލިބިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނުގެ ބަފައިކަލުނަވި އިބްރާހީމްގެ ނަންފުޅުން އެދަރިކަލުންނަށް ތިމަންކަލޭގެފާނު ނަންދެއްވައިފީމެވެ." އެހެންވީމާ ދަރިފުޅަކު ލިބޭ ދުވަހު ވެސް ނަން ކީދާނެކަން މި ޙަދީތުން ސާބިތުވެއެވެ. ފުރަތަމަ ދުވަހު ނުވަތަ ތިންވަނަ ދުވަހު ނަން ނުކިޔާ ނަމަ ހަތްވަނަ ދުވަހު ނަމެއް ދޭންޖެހޭނެއެވެ.

ސަމުރަތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ މައްޗަށް ޢަޤީޤާ ކަތިލާން ޖެހޭނެ ކުއްޖެކެވެ. އެ ކުއްޖާގެ ޢުމުރުން ހަތް ދުވަސްވާ ދުވަހު އެ ކުއްޖާގެ މަތީން ޢަޤީޤާކަތިލެވެއެވެ. އަދި އެ ދުވަހު އެ ކުއްޖާއަށް ނަންދެވެއެވެ. އަދި އެ ކުއްޖާގެ ބޯ ބޭލެއެވެ."

ވީމާ، ތަންތަނާއި އެއްޗިއްސަށް ނަން ދިނުމަށް ވުރެ ބޮޑަށް ދަރީންނަށް ނަންކިޔުމުގައި ވަރަށް ޚާއްޞަ ސަމާލުކަމެއް އެބަ ދެވެއެވެ. ރީތި މާނަ ފުރިހަމަ އިސްލާމީ ނަމެކެވެ. ދަރީންނަށް ނަންކިޔުމުގައި ހަމައެކަނި އަޑުތަކަށް ވިސްނައިގެން ނަން ކިޔައިގެން ކަމަކު ނުދާނެއެވެ.

ގިނަ މީހުން ދަރީންނަށް ނަސްކިޔާން ވެގެން އުޅެގަންނަނީ ދަރިފުޅު ލިބުނީމައެވެ. ނަމަވެސް ދަރިފުޅު މަންމަގެ ބަނޑުގައި ގަރުބަގަތުމާއެކު ނަންކިޔާން ސަމާލުކަން ދީ، މާނަފުރިހަމަ ރީތި އިސްލާމީ ނަމެއް ހޯދިދާނެއެވެ. ބަނޑުގައި އޮތީ ކޮން ކަހަލަ ދަރިފުޅެއްކަން މި ޒަމާނުގައި އެނގޭތީ ނަމެއް ހޯދާން ވަރަށް ފަސޭހަވެސްމއެވެ. އަދި ކުއްޖާގެ ޖިންސް ނޭނގުނު ނަމަވެސް ދެ ޖިންސުން ރީތި ނަންތަކެއް އިޚުތިޔާރުކުރެވިދާނެއެވެ. ނުވަތަ ދެ ޖިންސަށް ވެސް ކިޔޭ ކަހަލަ ނަންތައް ވެސް ހުރެދާނެއެވެ.

ނަންކިޔުމުގައި އެންމެ ފުރިހަމަ ގޮތަކީ މުސްލިމު ޢަރަބި ރީތި ނަމެއް އިޚުތިޔާރުކުރުމެވެ. ނަމަވެސް ރާއްޖޭގައި އުރުދޫ، ފާރިސީ ނަންތައް ވެސް ކިޔައި އުޅެއެވެ. އަދި މަދުމަދުން ނަމަވެސް ދިވެހި ނަންތައް ވެސް ކިޔައިފައި އެބަ ހުރެއެވެ. އުފާ، ސާދާ، ނަޔާ ފަދަ ނަންނަން ކިޔާ ކުދީންނާ ދިމާވެއެވެ. މިއީ މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ މާނަ ފުރިހަމަ، އަދި އިސްލާމ ދީނާ ޚިލާފުނުވާ ނަމެއް ކިޔުމެވެ.

ބައެއް އިސްލާމީ ނަންތައް ނަޞާރާއިން އެ މީހުންގެ ސަގާފަތާ އެއް ގޮތަށް ބަދަލުކޮށްފައި ހުރެއެވެ. މިސާލަކަށް އިސްޙާޤު، ޔަޢުޤޫބު، ދާއޫދު، އިބްރާހީމް ފަދަ ނަންތައް އިޝަކް، ޖޭކޮބް، ޑޭވިޑް، އަބްރަހަމް ފަދަ ގޮތްގަތަށް ބަދަލުކޮށްފައި ހުރެއެވެ. މި ފަދަ ގޮތްގޮތަށް މުސްލިމުން ނަން ކިޔައިގެންނެއް ނުވާނެއެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިފުޅަށް ރީތި ނަމެއް ކިޔާން ޖެހޭނެއެވެ.<br>

ފުރިހަމަ ރީތި ނަމެއް ދަރިފުޅަށް ދޭން ޖެހެނީ ޤިޔާމަތް ދުވަހުން ކޮންމެ މީހަކަށް ވެސް ގޮވައިލެވޭނީ އޭނާގެ ނަމުންކަމަށް ވާތީއެވެ. ހުތުރު ނަމެއް ކިޔިފައިވާނަމަ، އެ ކަމާ އެ ދުވަހަކުން ލަދުގަންނާން ޖެހޭނެއެވެ.

ނަމަކީ އެ ނަމުގެ ސަބަބުން ކުއްޖާގެ ނަފުސިއްޔާތަށް ވެސް އަސަރު ފޯރާ ކަމެއްކަމަށް މި ކަން ދިރާސާކުރާ މީހުން ބުނެއެވެ. ވީމާ، ފުރިހަމަ، ރީތި މުސްލިމު ނަމެއް ކިޔާން ކޮންމެ މީހަކު ވެސް ސަލާމުކަން ދޭން ޖެހޭނެއެވެ. ތިމާގެ ދަރިފުޅަށް ހައްޔަރުވެ އިނީއްސުރެ، ތިމާ އިތުބާރުކުރާ ޢިލްމުވެރިއެއްގެ އަރިހަށް ގޮސްގެން ނުވަތަ އިތުބާރުކުރާ ވެބްސައިޓަކުން ރީތި ނަމެއް ޚިޔާރުކުރެވިދާނެއެވެ. ނަމަވެސް ވެބްސައީތްތަކުން ނަމެއް ޚިޔާރުކުރާ އިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް އެބަ ހުރެއެވެ. މުސްލިމު ކުދީންގެ ނަންތައްކަމަށް ޢަރަބި ބައެއް ނަންތައް ނުވަތަ ފާރިސީ ބައެއް ނަންތައް ލިޔެ، އޭގެ މާނަކަމުގައި ރީތި ދޮގު މާނައެއް ލިޔެފައި ބައެއް ވެބްސައިޓްތަކުގައި ހުރެއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންނަށް ނުބައި ނަންތައް ދޭން ރާވައިފައި ހުންނަ މަކަރުވެރި ރޭވުންތަކެވެ. ވީމާ، ތިމާއަށް ރަނގަޅަށް ޢަރަބިބަސް  ނޭނގޭނަމަ، ވަގުތު އޮއްވައި ތިމާ އިތުބާރުކުރާ ޢިލްމުވެރިޔެއްގެ އަރިހުން ނަންތައް ކަށަވަރުކޮށް ދަރިފުޅަށް ރީތި ފުރިހަމަ ނަމެއް ދޭން ތައްޔާރުވާން އެބަ ޖެހެއެވެ.

އިސްލާމް ދީނުގައި ނަންކިޔުމުގައި އޮންނަ އުޞޫލަކީ ކުއްޖާއަށް ރީތި (މުސްލިމުންނަށް ކިޔުން އެކަށީގެންވާ ފަދަ) ނަމެއް ދިނުމެވެ. ދަރިފުޅަށް ދޭނީ އެއް ނަމެވެ. ކުއްޖާއަށް ދެ ނަމެއް ކިޔާން އެދޭ ނަމަ، ދެވަނަ ނަމަކަށް ގެންނާން ޖެހޭނީ އެ ކުއްޖާގެ ބައްޕަގެ ނަމެވެ. ތިން ނަމެއް ކިޔާން އެދޭ ނަމަ، ތިންވަން ނަމަކަށް ގެންނާނީ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަގެ ނަމެވެ.

އެންމެ ކުރީން ދިވެހީން ނަން ކިޔައި އުޅުނީ މި ދެންނެވި ގޮތުގެމަތީންނެވެ. ޙަސަން، މުޙަންމަދު، އިސްމާޢީލު، މަރްޔަމް، ޒައިނަބު ފަދަ ޤަދީމީ ނަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ނިޒާމީ ގޮތެއްގައި ތަޢުލީމު ދެވޭން ފެށުމާއެކު މި އުޞޫލު ބަދަލުވެ ކޮންމެ މީހަކަށް ވެސް ދެ ނަމެއް ކިޔާން ފެށުނެވެ. ފުރަތަމަ ނަމަކަށް މި ދެންނެވި ފަދަ ޤަދީމީ ނަމެއް ދިނުމަށް ފަހު، ދެވަނަ ނަމެއްގެ ގޮތުގައި ޒަމާނީ ނަމެއް ކިޔާ ގޮތަށެވެ. މިސާލަކަށް ޢާއިޝާ ކިޔާ ކުއްޖެއް ނަމަ ދެވަނަ ނަމެއްގެ ގޮތުގައި ފަރީދާ، ވަޙީދާ، ނަސީމް، އަޙުސަން ފަދަ ފަހުގެ ނަމެއް ކިޔަނީއެވެ. އަދި ތަންކޮޅެއް ފަހުން ކޮންމެ މީހެއްގެ ރަސްމީ ނަމަކަށް ތިން ނަން ކިޔާން ފެށުނެވެ. ތިންވަނަ ނަމަކަށް ބައްޕަގެ ނަމުގެ ފުރަތަމަ ނަން ނުވަތަ ދެވަނަ ނަން އިތުރުކޮށްގެންނެވެ.

އެހެންނަމަވެސް ނަންކިޔުމުގައި އެންމެ ރަނގަޅު ގޮތެއްކަމުގައި ވާނީ ކުރީން ވެސް ދެންނެވި ފަދައިން ދަރިފުޅަށް އެއް ނަން ދީ، ދެވަނަ ނަމެއްގެ ގޮތުގައި ބައްޕަގެ ނަން އަދި (ތިންވަނަ ނަމެއް އޮންނާން ބޭނުން ނަމަ) ތިންވަނަ ނަމަކަށް ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަގެ ނަން އިތުރުކުރުމެވެ. މުޙަންމަދުގެ ޙުސްނީގެ ފާޠިމާއަށް މި ދެންނެވި ގޮތުގެ މަތީން ތިން ނަން ކިޔާ ނަމަ، ކިޔާނީ ފާޠިމާ ޙުސްނީ މުޙަންމަދު މިހެންނެވެ.

ވީމާ، ތަންތަނަށާއި މީހުންނަށް ނަންކިޔުމަކީ ކިހައި މުހިންމު ކަމެއްކަން އަޅުގަނޑުމެން ދެނެގަންނާން އެބަ ޖެހެއެވެ. އަދި ވަހީން ޚާއްޞަކޮށް މުސްލިމުންނަށް ނަންކިޔުމުގައި އިސްލާމީ އުޞޫލުން ނަން ކިޔުމަށް ޚާއްޞަ ސަލާމުކަމެއް ދޭން އެބަޖެހެއެވެ. މައިބަފައިން އެބައިމީހުންނަށް އަލަށް ލިބޭ ދަރީންނަށް ކިޔާނެ ނަމާކާ މެދު ދުރާލައި ވިސްނައި ރީތި މުސްލިމު ނަމެއް ޚިޔާރުކޮށް ދަރިފުޅު އުފަންވާ އިރަށް ނަމެއް ތައްޔާރުކޮށްފައި ބޭވުން ވަރަށް މުހިންމެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް