ކަރުނައިގެ އަސަރު (28)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 އޮގަސްޓު 31ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
__________________________________________________
އަހަރެންގެ މަޖުބޫރުކަމުގެ ފިޔަވަޅުތަކުން އަހަރެން މި ވަނީ ވަރުބަލިވެފައެވެ.
ކޮންމެ މަގެއްގައި ކޮންމެ އެއްވުމެއްގައި ހުރިހައި ގޮތަކުން ވެސް މި ގެންދަނީ ހޯދަމުންނެވެ.
__________________________________________________
ޢާމިރު ކުޑައިރުކޮޅެއް ވާންދެން ބިރުވެރިގޮތެއްގައި ޚާން އަކުބަރަށް ބަލަމުންދިޔައެވެ.
އަދި އޭނާގެ މޫނުމައްޗަށް ބިރުވެރިކަމުގެ ސިފަ ގެނައުމަށް ފަހު، ބުންޏެވެ.
"އަމިއްލައަށް ކަލޭ މަރުވާން ބޭނުންވާ ނަމަ، މި ވަޒަންތައް ދެވިދާނެއެވެ." ޢާމިރު ބިރުވެރި އަޑަކުން ބުންޏެވެ.
ޚާން އަކުބަރު އަރިއަޅައިލައިގެން ސޯފާ ގޮނޑީގެ މައްޗަށް ވެއްޓުނެވެ.
އޭނާ ފަޅައިގެން ގޮސްފައިވާ ގޮތެއްގައި ޢާމިރާ ދިމާއަށް ބަލަމުންދިޔައެވެ.
ޢާމިރު ނަފުރަތުކަމާ އެކު މޫނުމަތީގައި ބުޅަލެއް ދަތް އަޅައިހެން ބުންޏެވެ.
"މިހިރަ ނުލަފާ އިންސާނާއެވެ. ------ އަހަރެންގެ ކިބައިން އިންސާނިއްޔަތުކަން އަތުލައިގަތީ ކަލެއެވެ. ހެޔޮލަފާ މީހަކަށް ނުބައިކަމުން އުފާލިބިގަތުމަށް މަޖުބޫރުކުރުވީ ވެސް ކަލެއެވެ."
"މަޢުޞޫމު ކުއްޖެއްގެ ދިރިއުޅުން އަހަރެން ހަލާކުކޮށްފީމެވެ.------ ކަލޭގެ ހަގު ދަރިފުޅާ ދިމާއަށް އަހަރެންގެ އުފުލިގެން ދިޔަ ފިޔަވަޅު ހުއްޓުނުކަން އެއީ ރަނގަޅަށް ވީކަމެކެވެ."
"އެހެންނޫންނަމަ -----------------" އޭނާ އިތުރަށް އެއްޗެއް ބުނާން އުޅެފައި ހުއްޓާލިއެވެ.
އަދި އެއަށް ފަހު، ރުޅިވެރިކަމާއެކު އޭނާ ބުންޏެވެ.
"ރާޖީގެ ކައިވެނި ނުވި ނަމަ، އޭނާވެސް ޖެހޭނީ ވަޅުލާށެވެ."
"އޭނާވެސް ދުލެއްނުކުރާނަމެވެ. ------- އެކަމަކު އޭނާގެ އެއްވެސް ކުށެއްނެތެވެ.------"
"އެމީހުން މަރުވާނީ ހަމައެކަނި ކަލެއަށް ޓަކައެވެ."
"އެމީހުންގެ ދިރިއުޅުން ހަލާކުވީ ހަމައެކަނި ކަލޭގެ ސަބަބުންނެވެ."
"ތިމާ މީހާގެ ޒުވާން އަންހެންކުދީން ތިބެމެ، އެހެންމީހުންގެ ޒުވާން އަންހެންކުދީންގެ ޢިއްފަތްތެރިކަމަށް ކަލޭ ދިޔައީ އަރައިގަންނަމުންނެވެ."
"ބައެއް ގޭގެ ބައްތި ތަކުގެ ހުޅުކޮޅުތައްވަނީ ނިވިފައެވެ.
އެއް ކުއްޖަކު ކޯރުގައި ގެނބިގެން ވަނީ މަރުވެފައެވެ.
އެއް ކުއްޖަކާ ކައިވެނި ކުރާނެ މީހަކު ނުވިއެވެ.
އެއް ކުއްޖަކު ވަނީ ނަފުސާނީ ބަލިމީހަކަށް ވެފައެވެ.
އަދިވެސް ------ އަދިވެސް ---------
މި ގޮތަށް ހަލާކުވެގެންދިޔައީ ކިތައް ޒުވާން އަންހެންކުދީން ކަމެއް ނޭނގެއެވެ."
"ހިމޭންކަމުގައި މަރުވާނީ ކާކުހެއްޔެވެ؟"
"ނޫނޭ، ޚާން އަކުބަރު -------"
"ކަލޭ ކޮންމެ ހާލަތެއްގައި ނަމަވެސް މަރުވާން ޖެހެއެވެ."
"އަންހެންދަރީންގެ ނަފުރަތުކަމާ ކަލޭ ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟"
"ކަލޭ މަރުވާން ޖެހެއެވެ."
ކޮންމެ ހާލަތެއްގައި ނަމަވެސް މަރުވާންޖެހެއެވެ."
"މިހައިތަނަށް ކަލޭ ދުނިޔޭގައި ހުރީ ކީއްވެ ކަމެއްވެސް ނޭނގެއެވެ."
"މި ވަޒަންތައް ކަލޭގެ ފިސްތޯލަށް ލައިދޭނަމެވެ. ފިސްތޯލު ދޭށެވެ."
"އަމިއްލައަށް މަރުވާށެވެ. ------ އަހަންނަށް ވެސް ދެރައެއްނުދޭށެވެ. ---------"
"އަހަންނަކީ މިހާރު ވެސް ވަރަށްބޮޑު ފޭނެކެވެ."
ޢާމިރު އެހެންބުނުމަށް ފަހު ކުރިއަށް ޖެހިލިއެވެ.
އޭނާ ޚާން އަކުބަރުގެ އަތުން ފިސްތޯލަ އަތުލައި ފިސްތޯލައަށް ވަޒަން ލައްވައި، ފިސްތޯލު މޭޒުމަތީގައި ބޭއްވިއެވެ.
"މިހާރު ފިސްތޯލަ ނަގާށެވެ. ------ އަވަސް ކުރާށެވެ. ------ ކަލޭގެ ފާފަވެރި ނޭވާތައް އެހައި އަވަހަށް މަރުވެގެންނުވާނެއެވެ."
"ކަލޭގެ ޢާއިލާގެ ހުރިހައިމީހުން ދޮރުން ބޭރުގައި ތިބެގެން ހުރިހައިވާހަކައެއް އަޑުއަހަމުންދާ ކަމުގެ އިހުސާސް ކުރެވެއެވެ."
"ފަހަރެއްގައި އެމީހުން ތިބީ ބަޑިޖެހުމުގެ އަޑަށް އިންތިޒާރުކޮށްގެން ކަމަށް ވެދާނެއެވެ. އެމީހުން މާޔޫސް ނުކުރާށެވެ.------"
"ކަލޭގެ ކަންފަތަށް އަޑު ނީވޭގޮތް ހަދައިފައި ހުރީ ހެއްޔެވެ؟"
"އަޑުއަހާށެވެ.-------- ރަނގަޅަށް އަޑުއަހާށެވެ.------------"
"އަވަށުގެ ވަރަށް ގިނަ ޒުވާން އަންހެންކުދީން ހަޅޭލަވަމުން އެބަދެއެވެ. އެމީހުންގެ ގިސްލުމުގެ އަޑު ކަލެއަކަށް ނީވޭހެއްޔެވެ؟"
"ކަލޭ ބީރުވީހެއްޔެވެ. -------؟"
"އަޑުއަހާށެވެ. ------ ރަނގަޅަށް އަޑުއަހާށެވެ. -------"
"އަހަރެން މިހުރީ އަމިއްލައަށް އަޑުއަހާށެވެ."
"ދެކެބަލާށެވެ! ------ ރާޖީ ------- މޮޔަ ރާޖީ ------- ހެމުންދަނީއެވެ. އޭނާ ހެނީ ކަލެއަށް މިވަގުތު އެއްވެސް އެހީތެރިކަމެއްނެތް ކަމުގެ މައްޗަށެވެ."
"އޭނާގެ ހަލާކުވެފައިވާ ބެންގްލްސް ރީންގ ވަމުން އެބަދެއެވެ."
"އޭނާގެ ފައިގައި އަޅައިފައިވާ ގިގުނިފަތީގެ އަޑު އިވެމުންދެއެވެ."
"މިއަދު އޭނާ --------- ހިތް ފުރެންދެންހެނީއެވެ."
"އޭނާ އިންތިޒާރުގައެވެ."
"އަވަސް ކުރާށެވެ."
"ފިސްތޯލަ ނަގާށެވެ.-------"
"ފިސްތޯލުގައި ވަޒަން ހުންނާނެއެވެ. -------- އެއްވަޒަނުންވެސް ފުދޭނެއެވެ. ------ ހިތަށް ވަޒަން ޖަހާށެވެ.-----"
"އެހެންނޫނީ ފިސްތޯލަ ބާއްވާފައި އަމިއްލައަށް ދެއަތުން ކަރުހިފައިގެން މަރުވާށެވެ."
"އަހަރެން ކިތައް ގޮތް ކަލެއަށް ބުނެދީފިންހެއްޔެވެ؟"
"އެކަމަކު ކަލޭ -------- ތިޔައީ ހާދަ ނިކަމެތި މީހެކެވެ. ------ އަހަރެންގެ އަޑުވެސް އަހަނީކީނޫނެވެ."
"ޚާން ------ އަކުބަރު --------"
"އަވަސްކުރާށެވެ. ------ އެ މުސީބާތުވެރިޔާ މިއަދު ކަތިލައިފިކަމަށް މިހާރު ގޮސް އަވަށުގެ މީހުންނަށް އަހަރެން ކިޔައިދޭން އެބަޖެހެއެވެ.
"މިއަދު އަހަރެން މިއައީ އޭނާގެ ލޭ ހިފައިގެންނެވެ.
އޭނާ ހަޅޭއްލަވައިގަތެވެ.
ޚާން އަކުބަރު އިންތަނުން އެއްވެސް ޙަރަކާތެއް ނުކުރުމުން، ޢާމިރު ހަޅޭލަވައިގަތްފައި ކުރިއަށް ދިޔައެވެ.
ޚާން އަކުބަރުގެ މޫނުމަތީގައި ޖެހުމުގެ ކުރީން، އޭނާގެ އަތަށް ހުއްޓުން އެރިއެވެ.
އޭނާއަށް ލޭ އޮހޮރިގެންދާހެން ހީވިއެވެ.
ޚާން އަކުބަރު ---- އިށީނދެގެން އިންދާ ހިތް ހުއްޓިގެން އިނީ މަރުވެފައެވެ.
ޢާމިރުގެ ތުންފަތް ހަރަކާތް ކޮށްލި ގޮތުން ހީވީ ދުރުގެ ގުޅުމެއް ގެއްލިގެންދިޔަހެނެވެ. ހަމަ އެވަގުތު އޭނާ ކައިރީގައި ކޮންމެވެސް މީހަކު ހުރިކަމުގެ އިހުސާސް އޭނާއަށް ކުރެވިގެންދިޔައެވެ.
އެއީ ނިޝޫއެވެ.
އޭނާ، އޭނާގެ ބައްޕައާ ދިމާއަށް ބަލަމުންދިޔައެވެ.
ދޮރުގެ ކުރިމަތީގައި ކައުސަރު ހުއްޓެވެ. ބުދެއްފަދައިން ރަޢުނާ ބިރުވެރިކަމެއްގެ ތެރޭގައި ފާރުގައި ރަނގަޅަށް ލެނގިލައިގެން ހުއްޓެވެ.
އަނެއްކޮޅުން ރާލިޔާ ހުރެގެން ތުރުތުރު އަޅަމުންދިޔައެވެ.
ޢާމިރު، ނިޝޫގެ ކޮނޑުގައި ހިފައިލަމުން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
"މަޢާފު ކުރާށެވެ. ------ ބައްޕަގެ އެއްވެސް ބޭނުމެއް މިހާރުނެތެވެ."
"ޢާމިރު ބުންޏެވެ.
އަދި ނިޝޫގެ ތުންފަތުން ގިސްލުންތައް ބޭރުވަމުން ދިޔައެވެ.
ކޮޓަރިތެރެ ވަނީ ހަމަ ހިމޭންވެފައެވެ. މަރު އެފަދަ ހަމަހިމޭންކަމެއް ކޮޓަރިއަށް ލާޒިމު ކޮށްފިއެވެ.
އަދި ކޮޓަރީގެ މާހައުލު މަރުގެ ރަޖާގަނޑުގައި ގިސްލަމުން ދިޔައެވެ.
އެހެން ހިނދުކޮޅެކެވެ.
ޢާމިރު ކާލި އަޅާ ގޮތެއްގައި ދޮރާ ދިމާއަށް ހިނގައިގަތެވެ.
ދޮރުގެ ފާރުގައި ރަޢުނާ ރަނގަޅަށް ލެނިގިލައިގެން ހުއްޓެވެ.
އޭނާ ހުރީ ލޯ މަރައިލައިގެންނެވެ.
އޭނާ ފުން ނޭވާ ލަމުންދިޔައެވެ. ހީވަނީ ދެންމެ ދެންމެ މަރުވެދާނެހެނެވެ.
ޢާމިރު، ރަޢުނާއަށް ފުރިހަމަ ބެލަމަކުން ބަލައިލިއެވެ.
ދެން ވަރުބަލިވެ މަސްތުވެގެން ދާ މީހެއްގެ ގޮތުގައި އަވަހަށް ޖޫރިމާނާ ކުރާ މީހެއްފަދައިން އޭނާގެ ކައިރީންލާފައި ޢާމިރު ދިޔައެވެ.
ރަޢުނާގެ ތުންފަތް ތުރުތުރު އަޅަމުންދިޔައެވެ.
"ޢާމިރު ވާހަކައެއްގެ ނިމުން ގެނައިނަމަވެސް ------- މި ދަރިފުޅުގެ ބައްޕަގެ ނަމުގެ ވާހަކައެއް ނުދައްކައެވެ. ------- އެ ދަރިފުޅު އަހަރެންކުރެން، އެހެން އަހައިދުވަހަކުން ބުނާނީ ކީކޭހެއްޔެވެ؟"
ރަޢުނާގެ އަޑު އެ ހިސާބުން ހުއްޓުނެވެ.
ޢާމިރު އަރިއަޅައިލައިގެން ދަމުން ފާރުގެ އެހީތެރިކަން ހޯދިއެވެ.
އޭނާގެ ނަޒަރު ރަޢުނާގެ މައްޗަށް ހުއްޓުނެވެ. ދެން އޭނާ ކުރިއަށް ޖެހިލިއެވެ.
އަދި ބުންޏެވެ.
"އަހަރެންގެ ނަން ބުނާށެވެ. ------- ރަނގަޅު އަންހެންކުއްޖާއެވެ.------ އެ ދަރިފުޅު، ބައްޕަ ކިޔާނީ އަހަންނަށެވެ. ----- މާތް ﷲ އަހަރެމެންނަށް މަޢާފު ކުރައްވާށިއެވެ. --------"
ދެން އެއަށް ފަހު، ކައުސަރާ ދިމާއަށް އޭނާ އެނބުރި ބުންޏެވެ.-------
"އަހަރެން ތިބާގެ މައްޗަށް ތުހުތުކުރި ކުރުމަކީ ގޯހެކެވެ. ------- ފަހަރެއްގައި ކަމުގެ ޙަޤީޤަތް ތިޔަ ފަރާތަށް ވެސް ނޭނގި އޮވެދާނެއެވެ. އަހަރެން ތިޔަ ފަރާތުގެ ޖަޒުބާތާއި ކުޅުނުކަމީ ޔަޤީންކަމެކެވެ. މަޤްޞަދަކީ ދެރައެއް ދިނުމެއް ނޫނެވެ. ތިޔައީ މަންމައެކެވެ. ------ އެއްވެސް މީހަކު މަންމަގެ ހައިސިއްޔަތު ކިލަނބެއް ނުކުރާނެއެވެ.-------
ތިބާ ހޭނެތުމުން އަހަރެން ދިޔައީއެވެ. އަހަރެން ދެކެ ލަދުގަންނާންޖެހޭ އެއްވެސް ސަބަބެއްނެތެވެ. ނަމަވެސް އަހަރެން ތިބާގެ ކައިރިއަށް ޒިޔާރަތް ކުރީމެވެ. އަހަރެން ހުވާކުރާން ވެސް ތައްޔާރެވެ. އަހަރެން ކުޑަކޮށްވެސް ތިބާގެ ހަށިގަނޑަށް ބަލައި ވެސް ނުލަމެވެ."
އެހެން ބުނުމަށް ފަހު، ޢާމިރު އަރިއަޅަމުން ކަހަލަ ގޮތެއްގައި ބޭރަށް ނުކުމެއްޖެއެވެ.
"އަޑު އަހާބަލަ --------! ރާލިޔާ ތުރުތުރުއަޅާ އަޑަކުން ގޮވާލިއެވެ.
ޢާމިރަށް ހީވީ ކަނޑުގެ އަޑިއަށް ދިޔަހެނެވެ. ------ ޢާމިރު، ރާލިޔާއަށް ބަލައިލި އިރު، އޭނާ ދިޔައީ ރޮމުންނެވެ.
----------------------------------------------------
(އަދި ނުނިމޭ)