Advertisement

ލޮނު ކާރުޚާނާ - އިގުތިސާދަށް އާ އުންމީދެއް

11 Sep 2024 | 06:14
ފުރެއްދެ ލޮނުގެ ބަދަލުގައި ދިވެހި ލޮނު އުފައްދާން ބިނާ ކުރާ ކާރުޚާނާ: އަދި ނިމިފައިވަނީ މަސައްކަތުގެ %20 (ފޮޓޯ: ފަރަގު މީޑިއާ/އަސްމާ)

އަބާ މުޙަންމަދު

ރާއްޖޭގައި ގެންގުޅޭ ފުއްލޮނަށް ފުރެއްދެ ލޮނޭ ކިޔަނީ އެއީ ރާއްޖޭން ބޭރުން ގެންނަ އެއްޗަކަށް ވާތީކަމަށް ބެލެވެއެވެ. އެހެނީ ދިވެހިބަހުން "ފުރެއްދެ"ގެ މާނައަކީ "ރާއްޖެއިން ބޭރު"ކަމަށްވާތީއެވެ. ނަމަވެސް ދެން އަޅުގަނޑުމެން ފުރެއްދެ ލޮނާ އަލްވަދާޢުކިޔާންވީ ވަގުތު ކުޑަތަން ވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި 15000 އަކަފޫޓުގެ ބިމެއްގައި ފުއްލޮނު ނުވަތަ ކުނޑިލޮނު އުފައްދާ ކާރުޚާނާއެއް އެމް.ޑީޕް ކިޔާ ކުންފުންޏަކުން ބިނާކުރާ ޚަބަރަކީ ދިވެހި އިޤުތިޞާދާ މެދު ވިސްނާ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ޚަބަރަކަށް ވާނެއެވެ. ހުރިހައި މޫސުމެއްގައި ގަދަ އަވި ލިބޭ، އަދި ކޮންމެ ރަށެއްގެ ވަށައިގެން ކަނޑު އޮންނަ މި ދިވެހިރާއްޖޭގައި ލޮނު ނޫފައްދަނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދައެވެ. ނަމަވެސް ލޮނު އުފައްދާ ކާރުޚާނާއެއް ރާއްޖޭގައި ބިނާކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ކުރާން ފެށިކަމީ ހަމަގައިމު ދެ ނަޒަރަކުން އުފާވެރިކަން ލިބުނު ކަމެކެވެ. އެއީ ޤައުމިއްޔަތަށް ވެސް ލިބުނު ދިރުމެކެވެ. އަދި ވަކީން ޚާއްޞަކޮށް ދިވެހި އިޤުތިޞާދަށް އެ ކަމުން ފޯރާނެ ހެޔޮ އަސަރު އިޙުސާސްކުރެވުމުން އަޅުގަނޑު އެނކަނނި އިނދެ ވެސް އުފަލުން ހިނިތުންވެލެވުނެވެ. ރާއްޖޭގައި ލޮނު އުފައްދާ ކާރުޚާނާ ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ބިނާކުރަނީ އެމް. ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.

މި މަސައްކަތް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުރެވިއްޖެ ނަމަ ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި ބޭނުންކުރާ ލޮނު އުފެއްދި އޭގެ ސަބަބުން ރާއްޖެއިން ބޭރުން ލޮނު އެތެރެކުރާން ބޭރުކުރާ ބޭރުފައިސާ ރާއްޖޭގައި ހިފެހެއްޓި އޭގެ ސަބަބުން އިޤުތިޞާދަށް ހެޔޮ އަސަރެއް ފޯރާނެއެވެ. އަދި މަސައްކަތަކީ ފަތުރުވެރީންގެ މެދުގައި ވެސް މަޤުބޫލު މަސައްކަތަކަށްވެ، ފަތުރުވެރީންނަށް ދައްކައިލާނެ އިތުރު ޚާއްސަ ތަނެއް ވެސް ރާއްޖޭގައި އުފެދުނީއެވެ.

ދިއްދޫގައި ތައްޔާރުކުރާ ލޮނު ކާރުޚާނާގެ ސަރަޙައްދު: މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމައިލެވޭނެކަމަށް މަސައްކަތްކުރާ މީހުން ލަފާކުރޭ (ފޮޓޯ: ފަރަގުމީޑިއާ/ އަސްމާ)<br>

މި ކާރުކާނާގެ މަސައްކަތް ފަށައިފައިވަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ފެންވަރު (މޮޅުދެރަ މިން) ޖަޕާނުގައި ތަހުލީލުކުރުމަށްފަހުއެވެ. މި ތަޙުލީލުތަކުގެ ނަތީޖާއިން އެނގުނީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ، ވިސަޑު ނުވާ، ފެންވަރު ރަނގަޅު، ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު މަތި ލޮނެއްކަމަށެވެ. މި ކާރުޚާނާ ތަރައްޤީކުރަނީ އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާ ގޮތަށެވެ. ކާރުޚާނާ ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި، ވަރަށް ފުޅާ ދާއިރާއެއްގައި މި އުފެއްދުން އިރާދަކުރެއްވިއްޔާ މިއަހަރު ތަޖުރިބާކުރާނެއެވެ. މި ކާރުޚާނާއިން އުފެއްދޭނެ ލޮނުގެ މިންވަރު އެންމެ އެކަށީގެންވާ ގޮތުގައި ދެނެގަނެވޭނީ އެއަށް ފަހުގައިކަމަށް އޭނާ ބުންޏެވެ. ކާރުޚާނާގެ މަސައްކަތުގެ އަދި ނިމިފައިވަނީ 20 އިންސައްތަ ކަމަށް ވިޔަސް މި އަހަރު ތެރޭގައި އެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވެއެވެ. އަދި ހައެއްކަ މުވައްޒިފުންނާއެކު މި އަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް އުންމީދުކުރެވެއެވެ.

ރާއްޖޭގައި ހިޔާދޭ ބިޔަ ގަސްތައް އެންމެ މަދު އެންމެ ހޫނު ގަދަ އެއް ރަށްކަމަށްވާ ދިއްދޫގައި ތަރައްޤީކުރާ މި ކާރުޚާނާގައި ދެތިން ބާވަތެއްގެ ލޮނު އުފައްދާނެއެވެ. މީގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ (އަޔޮޑިން) ލޮނާއި އެހެން ޚާއްސަ ބާވަތްތައް ހިމެނޭނެކަމަށް އެނގިފައިވެއެވެ. މި ކާރުޚާނާއިން ލޮނު އުފެއްދުމަށް ފަހު، ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދިރިއުޅޭ ރަށްރަށަށް އިޝްތިހާރުކޮށް ފުޅާ ދާއިރާއެއްގައި މާރުކޭޓުކުރާނެއެވެ. ލޮނު ތައްޔާރުކުރާން ކޮންމެ ބުރެއްގައި ވެސް ހަފުތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފުރާނައިގެން ސާފުކުރުމަށްފަހުގައެވެ. އަދި މި ލޮނު މާރުކޭޓުކުރުމުގެ ކުރީން ރާއްޖެއާއި ޖަޕާނުގައި ވެސް ތަޙުލީލުކުރާނެއެވެ. އެނގިފައިވާ ގޮތުގައި ދިއްދޫގައި މި ގާއިމުކުރާ ކާރުޚާނާގެ މަސައްކަތް ކާމިޔާބުކަމާ އެކު ހިނގައިގަނެވިއްޖެ ނަމަ، އިތުރު ހަތަރު ކާރުޚާނާއެއް ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމުކުރާން މި މަސައްކަތްކުރާ ކުންފުނީން އުންމީދުކުރެއެވެ. މިއީ ރާއްޖޭގައި ޤާއިމްކުރާ މި ފަދަ ފުރަތަމަ ކާރުޚާނާއެވެ. މި ފަދަ ޙަރަކާތަކުން ރާއްޖޭގެ އިޤުތިޞާދީ ތަރައްގީއަށް އުންމީދުތަކެއް ލިބެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެކުރީން ވެސް ވަރަށް ގިނަ ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް