Advertisement

ޒިއިސަ: ދިވެހިރާއްޖޭގެ މާލީ–އިގުތިސާދީ ކުރިމަގުގެ ނަޔާ ތަޞައްވުރެއް

10 Sep 2024 | 00:49
އުތުރުތިލަފަޅު (ފައިލް ފޮޓޯ)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ވަރަށް ބިޔަ މަޝްރޫޢެއް ފައްޓަވާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވައިފައެވެ. މި މަޝްރޫޢާ އެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެ ކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ބެލެވެއެވެ. ހަމަ އެއާ އެކު، ކާނާގެ ޔަގީންކަން ކަށަވަރުކުރެވި ޞިއްޙީ ގޮތުން ޔަގީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުގެ މި ދެންނެވި ނިޔަތާއި މަގުސަދު ޙާޞިލުކުރެއްވުމަށް ޓަކައި އުތުރު ތިލަފަޅުގައި ތަރައްޤީކުރައްވާ 200 ހެކްޓަރުގެ، ޒިރާއީ އިގުތިސާދީ ސަރަހައްދު (ޒިއިސަ) (Agricultural Economic Zone)ގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ފައްޓާވާން ސަރުކާރުން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. މިއީ އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް މައްސަލައެއްގެ ހައްލާ ގުޅިފައިވާ އުންމީދީ ވަރަށް ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢު އެކުލަވައިލުމުގެ މަސައްކަތް މުޅީން ނިމި، މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ވަގުތު ތާވަލެއް ވެސް މިހާރު އެކުލަވައިލައްވައިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ، ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވި އަޑު އެހީމެވެ. އަދި ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ފޯރައިދާނެ ނޭދެވޭ އަސަރެއް އޮތްތޯ ބިންހިއްކާން ފެށުމުގެ ކުރީން ބެލުމަށް ޓަކައި، ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކުރައްވާ ދިރާސާގެ މަސައްކަތް މިހާރު ފައްޓަވައިގެން ކުރިއަށް އެބަ ގެންދަވާކަމަށް ވެސް އެ ދުވަހު ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރުގެ އެންމެ އުންމީދީ އެއް މަޝްރޫޢުކަމަށެވެ. ހަމަ އެކަނި ސަރުކާރަކަށް ނޫނެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ހިންގައިލެއްވިއްޖެ ނަމަ، ރައްޔިތުންގެ އުންމީދުތައް އަދި މާ މަތިވެރިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2025ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ މަސައްކަތަށް ޓަކައި 200 ހެކްޓަރުގެ ބިން ސަރުކާރުން ވަނީ ކަނޑައަޅުއްވައިފައެވެ. އެނގިފައިވާ ގޮތުގައި ދެ ފިޔަވައްސަކަށް ބައްސަވައިލައްވައިގެން ކުރިއަށްގެންދަވާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި 100 ހެކްޓަރުގެ ބިމުގައި ވަނީ (ގްރީންހައުސް)ތަކެއް ތަރައްޤީކުރައްވާން ހަމަޖެހިފައެވެ. (ފެހިގެއޭ ކިޔަނީ ގަދަ ފިންޏާއި ގަދަ އަތްވާއި ގަދަ ވައިން ގަސްތައް ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ދަނޑުވެރިކަން ކުރުމަށް ޓަކައި ހަދައިފައި ހުންނަ ޢިމާރާތްތަކަށެވެ. މި ފަދަ ޢިމާރާތްތައް އަޅައިފައި ހުންނަ ތަން ފެންނަނީ އެތެރެއަށް އިރުގެ އަލިކަން ލިބޭ ގޮތަށެވެ.)

ފެހިގެ ތައްޔާރުކޮށްފައި ހުންނަނީ ގަދަ ވަޔާއި ގަދަ އަތްވާއި ގަދަ ފިނީން ގަސްތައް ޙިމާޔަތްކުރުމުގެ ބޭނުމުގައެވެ.<br>

އުތުރު ތިލަފަޅުގައި ބިނާކުރާ މި ފެހިގެތަކުގައި މުޑުވައްކޮށް ހައްދާނީ، މިހާރު އާންމު ގޮތެއްގައި ރާއްޖެއަށް އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރެއިން މި ފަދަ ތަންތާނގައި ހެއްދޭ ފަދަ ބާވަތްތަކެވެ. މި ފަދަ ބާވަތްތަކުގެ ތެރޭގައި ލެޓިޔުހާއި ކިޔުކަންބާއާއި ޓޮމާޓޯ ފަދަ ބާވަތަތައް ހިމެނޭނެކަމަށް އެނގިފައިވެއެވެ.

ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ އަނެއް 100 ހެކްޓަރު ބިމުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ބިމަށް ފައިބާ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ބާވަތްތަކާއި އެ ނޫނަސް އަޑިއަށް ފައިބާ ތަކެއްޗެވެ. މި ފަދަ ބާވަތްތަކުގެ ތެރޭގައި އަލުތްވާއި ފިޔައާއި ލޮނުމެދާއި ކެރެޓު ފަދަ ބާވަތަތައް ހިމެނެއެވެ.

އަދި ދެވަނަ ފިޔަވަހީގައި ކުކުޅު އާލާކޮށް ރާއްޖެއަށް ކުކުޅު ބިސް އެތެރެކުރުން މުޅީން ހުއްޓައިލެވޭނެ ފެންވަރަށް މި މަސައްކަތް ކުރައްވާން ސަރުކާރުން ވަނީ ރާއްވައިފައެވެ. މި މަސައްކަތް ފުޅާކުރައްވައި ފިޔޮއް މޮއްވައިގެން ކުޅުޅު ބޮޑުކޮށް ކުކުޅުމަސް ރާއްޖެ އެތެރެކުރުން ވެސް ހުއްޓައިލެވިއްޖެ ނަމަ. މިއީ އިގުތިސާދީ ގޮތުން ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެއެވެ.

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ އެކު، ރައްޔިތުންނަށް އަގުހެޔޮކޮށް ރަނގަޅު ފެންވަރުގެ މޮޅު ކާބޯތަކެތި ރާއްޖޭގައި ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. ޗައިނާގެ ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢު ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ފުރަތަމަ ކުރާން ހަމަޖެހިފައިވަނީ ސީދާ އެ ކުންފުނީންނެވެ.  އެގޮތުން މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްކުރުމަށް ޗައިނާގެ ކަމާ ގުޅުހުން ހުރި ފަރާތްތަކާ ބައްދަލުކުރައްވައިގެން އެ މަސައްކަތް ކުރިއަށް އެބަ ގެންދަވައެވެ.

ޗައިނާ ފަދަ ކުރިއަރައިފައިވާ ގައުމެއްގެ ކާމިޔާބު ކުންފުންޏަކާ ޙަވާލުކުރައްވައިގެން މި މަސައްކަތް ކުރައްވާން ސަރުކާރުން ނިންމެވިކަމީ މި ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ލިބޭ ކަމެކެވެ. އެހެނީ މާޒީގައި މިފަދަ ކާމިޔާބު އިގުތިޞާދީ މަސައްކަތްތައް ކުރެވިފައިވަނީ މި ފަދަ ގައުމުތަކުގެ ކުންފުނިތަކުން ފަށައިދީ ކާމިޔާބުކޮށްދީފައި ދިވެހީންގެ އަތްމައްޗަށް އެ މަސައްކަތް ދޫކޮށްލައިގެންނެވެ. ރޯމަސްގަނެ ބޭރުކުރުމުގެ މަސައްކަތާއި މަސް ދަޅުގައި ބަންދުކުރުމުގެ މަސައްކަތާއި ބޭންކު ހިންގުމުގެ މަސައްކަތްތަކީ މި ގޮތުން ފަށައިގަނެ ތަރައްގީ ކުރެވި ދިވެހީންގެ އަތްމައްޗަށް ގެނެވިފައިވާ ކާމިޔާބު މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ދިވެހި ގައުމު ބަނގުރޫޓުވުމާ ދިމާއަށް ދަނިކޮށް އެ ނުބައި މިޞްރާބު ބަދަލުކޮށްލައްވައި އިގުތިސާދީ ނަޔާ މިސްރާބަކަށް ގައުމުގެ ނާ މިސްރާބުކުރައްވަމުން ގެންދަވާ ތަން އަޅުގަނޑުމެންނަށް މިހާރު އެބަ ފެނެއެވެ. މި ކަމަށް ޓަކައި ތަހުނިޔާ ދަންނަވަމެވެ. އަދި ގައުމުގެ އިގުތިސާދު ހަރުދަނާކުރައްވާން ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ދައުލަތުގެ ހިންގުމުގެ ނިޒާމު ޚަރަދު ކުޑަ ގޮތަކަށް ބައްޓަންކުރެއްވުމުގައި ވެސް އަޅުގަނޑުމެންނަށް ހެޔޮ އެދޭ ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯއްދަވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ.

އިރާދަކުރެއްވިއްޔާ ދިވެހި އިގުތިޞާދު ފަރަކަށް އުރޭން ދަނިކޮށް ރަނގަޅު ދިމާއަށް މިޞްރާބު ޖަހައިފައިވާ ތަން ދިވެހީންނަށް ފެނުނީތީ ﷲއަށް ޙަމްދުކުރަމެވެ! ދިވެހި ޤައުމަށް އަބަދު ވެސް ހެޔޮ ގޮތް މިންވަރުކުރައްވާށިއެވެ!

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް